ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިންޑިއާ އައުޓް” ހިންގަނީ ގައުމަށް އެއްވެސް ހިދުމަތެއް ކުރެވެން ނެތް ބައެއް: އަބްދުﷲ ޝާހިދު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

“އިންޑިއާ އައުޓް” ކެމްޕެއިނަކީ، ކުރާނެ އިތުރު އެއްވެސް ކަމެއް ނެތް ބަޔަކު ކުރާ މަސައްކަތެއް ކަމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންޑިއާއަށް ވަޑައިގެންނެވި އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި އިންޑިއާގަ އެވެ. ޝާހިދާއި ރައީސް ނަޝީދަކީ އިންޑިއާއި ގާތް އަރިސް ދެ ބޭފުޅުންނެވެ.

މި ދަތުރުފުޅުގައި ޝާހިދު ވަނީ ރާއްޖޭގެ ހާލަތާއި، އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ އިންޑިއާ އައުޓް ހަރަކާތާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. މިނިސްޓަރ ޝާހިދު ވަނީ، “އިންޑިއާ އައުޓް” ކެމްޕެއިނަކީ، ހަގީގަތެއް ނެތް ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް، މަގުސަދެއް ނެތް މަސައްކަތެއް ކަމަށް ސިފަ ކުރައްވާފައެވެ. އަދި އެ ފިކުރަކީ ދިވެހި ރައްޔިތުންގެ ފިކުރާއި ވިސްނުމާއި އެއްގޮތް އެއްޗެއް ނޫންކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، އިންޑިއާ ސިފައިން ދިވެހިރާއްޖޭގައި ތިބި ކަމަށާއި ރާއްޖޭގެ މިނިވަންކަން ގެއްލިދާކަމަށް ބުނެ އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕެއިނަކީ، ރާއްޖެއަށްޓަކައި އިތުރު އެއްވެސް މަސައްކަތެއް ކޮށްދެވެން ނެތް ޖަމާއަތަކުން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި އެ ކަމަކީ، ސިޔާސީ އަދި އިގްތިސޯދީ ގޮތުން އެއްވެސް ކުރިއެރުމެއްވެސް ނެތް ކަމެއް ކަމަށްވެސް އެ މަނިކުފާނު ސިފަކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކައަކާއި ގުޅިގެން ބޭރުގެ ނޫހެއްގައި ޝާއިއު ކޮށްފައިވާ ލިއުމެއް: ފޮޓޯ/ ސޯޝަލް މީޑިއާ

ޝާހިދު ވިދާޅުވީ، އިންޑިއާއާއި ދެކޮޅަށް ހިންގަމުންދާ ކެމްޕެއިނަކީ، ނަފުރަތު ފެތުރުމުގެ މަގުސަދުގައި ހިންގަމުންދާ ކެމްޕެއިނެއްކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން އެ މަސައްކަތް ބަލައި ނުގަންނަކަމަށްވެސް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ދަތުރުގައި ޝާހިދުވަނީ ޓެރަރިޒަމްއާއި ގުޅޭ ގޮތުންވެސް ވާހަކަދައްކަވާފައެވެ. އެގޮތުން އެނާ ވިދާޅުވީ، މުޅި ދުނިޔެ ޓެރަރިޒަމްއާއި ދެކޮޅަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށެވެ. އަދި އެއީ ވަކި ދީނެއް އަދި ފިކުރެއް އޮތް ކަމެއް ނޫންކަމަށާއި، އެއީ ނުބައި ނުލަފާކަން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކަމާއި ދެކޮޅަށް މުޅި ދުނިޔެ ތެދުވާންޖެހޭކަމަށް އެ މަނިކުފާނު ތަކުރާރު ކުރެއްވިއެވެ.

ރާއްޖެއަށް އިންޑިއާގެ ނުފޫޒު ވެދެފައިވާކަމަށް ބުނެ ފެށި އިންޑިއާ އައުޓްގެ ހަރަކާތްތަކަށް މަޑުޖެހުމެއް ވަނީ އައިސްފަ އެވެ. އިދިކޮޅުން މަގުމަތީ ހަރަކާތްތައް ހުއްޓާލީ މިއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށާއި، އިންޑިއާ އައުޓް ހަރަކާތުގެ ބޭނުމަކީ ނަފްރަތައި ރުޅިވެރިކަން އުފެއްދުންކަން ފާހަގަކޮށް އެއްވުންތައް ހުއްޓުވުމަށް އަންގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރާއި އެކު އެވެ. އެ ގަރާރު ބަލައިގަތުމަށް ދެކޮޅު ހަދައި، އިދިކޮޅުން މަގުމަތީ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރި ނަމަވެސް ސަލާމަތީ ބާރުތަކުން އެކަމަށް އެއްވެސް ޖާގައެއް ނުދެއްވި އެވެ.

އިންޑިއާ އައުޓް ހަރަކާތުގައި އެންމެ އިސްކޮށް ހުންނެވި، އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ ދެން އެމަނިކުފާނު މަސައްކަތް ކުރައްވާނީ ގާނޫނީ ހަމަތަކުގެ ތެރެއިން އެ ގަރާރު ބާތިލު ކުރުމަށް ކަމަށެވެ. އަދި މިހާރު ވެސް ގަބޫލު ކުރައްވަނީ ރާއްޖެއަށް އިންޑިއާގެ ނުފޫޒު އެބައޮތްކަމާއި، ސަރުކާރުގެ ބޮޑެތި ނިންމުންތަކަށް އިންޑިއާގެ އެމްބަސީން ބާރުފޯރުވާކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: