ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމިންގެ ޖަވާބު ސާފު: ގަރާރު ގާނޫނާއި ހިލާފު، އެކަމަކު ފުލުހުންނާއި ކުރިމަތިލައި ހަމަނުޖެހުމަކަށް ދާން ބޭނުމެއް ނޫން!

އިދިކޮޅުން ކުރިޔަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ނުފޫޒު ރާއްޖެއަށް ވެދެފައިވާކަމަށް ބުނެ އިދިކޮޅުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ “އިންޑިއާ އައުޓް” ހަރަކާތަށް މަޑުޖެހުމެއް އައީ އިތުރު ހަމަނުޖެހުމަކަށް ދާން ބޭނުން ނުވާތީކަމަށް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިހަރަކާތަކީ ގާނޫނު އަސާސީގެ ދަށުން ލިބިދީފައިވާ އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ނަޖާއިޒް ފައިދާ ނަގައި ބޭރުގެ ގައުމުތަކާއި މެދު ނަފްރަތު އުފެއްދުމުގެ ގޮތުން ކުރިޔަށް ގެންދާ ހަރަކާތެއްގެ ގޮތުގައި ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

ރާއްޖެއާއި އިންޑިއާ ދެމެދު ސިއްރު އެއްބަސްވުންތަކެއް ވެފައިވާކަމަށް ބުނެ އިދިިކޮޅުން ކުރިޔަށް ގެންދާ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުވައި އިރުޝާދު ދެއްވީ ރައީސް ޔާމީނެވެ. ހަރަކާތްތައް ފުޅާ ކުރުމަށް ގޮވާލައި، އިހުތިޖާޖުތަކެއް ކުރިޔަށް ގެންދިއުމަށް ފަހު ރައީސް ޔާމީން އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅުގެ އެންމެ މަތީ ފްލޯގައި ”އިންޑިއާ އައުޓް“ ޖެހި ބޮޑު ބެނާއެއް ހަރު ކުރުމުން ފުލުހުން އެ ބެނާ ނެގި މައްސަލަ ބޮޑުވެ ކޯޓުން އެންމެ ފަހުން އެމަނިކުފާނުގެ ފަރާތުން ކޯޓަށް ދިއުމުން، ހައި ކޯޓުން ނިންމީ ކޯޓު އަމުރު ހޯދައި އެ ބެނާ ނަގާފައި ވަނީ ގޯސްކޮށް ކަމަށެވެ.

އޭގެ ފަހުން ވެސް ހުއްޓުމެއް ނެތި ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު މުޒާރަހަރާތަކާއި، އަދި ރޭގަނޑުގެ އެއްވުންތަކާއި ޕާޓީ އޮފީހުގެ ޖަލްސާތައް ބޭއްވުމަށް ފަހު ކުއްލިއަކަށް ހަރަކާތްތައް މަޑުޖެހުނެވެ. އަދި އެކަން ބައެއް މީޑިއާތަކުން ފާހަގަކުރުމުން އިދިކޮޅުން ބުނީ ހަރަކާތްތައް މަޑުޖައްސާލީ ނޫންކަމަށާއި ގަރާރުގެ ސަބަބުން އިތުރު މައްސަލަތަކެއް އުފެދިދާނެތީ ގާނޫނީ ނިޒާމުގެ ތެރެއިން ގަރާރު ބާތިލު ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ.

ސީދާ އެ މާނައިގައި ކުރިޔަށް ގެންދާ ހަރަކާތްތަކުގެ އިތުރުން، އެކި ޖަލްސާތަކާއި ބައްދަލުވުންތަކުގައި އިންޑިއާގެ ވާހަކަތައް ދެއްކުން މަދުވެފައި ވަނީ އެހެން ސަބަބުތަކާއި ހުރެތޯ ސުވާލު ކުރުމުން ރައީސް ޔާމީން ވިދާޅުވީ މިއަދުވެސް ގަބޫލު ކުރައްވަނީ ރާއްޖެއަށް އިންޑިއާގެ ނުފޫޒު އިންތިހާއަށް އެބައޮތް ކަމަށެވެ. އަދި އޭގެ ހެއްކެއްގެ ގޮތުގައި އެމަނިކުފާނު ދެއްކެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެވެ. މި ދަތުރުފުޅުގެ ބައްދަލުވުންތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވީޑިއޯ ކޮންފަރެންސްކޮށް ބައިވެރިވިކަމުގެ މައުލޫމާތުތައް ލިބެ އެވެ.

ރައީސްގެ ގަރާރަކީ ގާނޫނާއި ހިލާފު އަމުރެއް ނަމަވެސް، އެމަނިކުފާނަކީ އެއީ އުސޫލުތުތަކާއި ގަވައިދާއި ހިލާފާނެ ބޭފުޅެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އިންޑިއާ ސިފައިން ތިބޭ ތިބުމާ ދެކޮޅަށް ހިންގާ ”އިންޑިއާ އައުޓް“ ހަރަކާތުގެ ބޭނުމަކީ ރާއްޖޭގެ ސުލްހަމަސަލަސްކަން ގެއްލުވާލައި ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ކުރިޔަށް ގެންދާ ހަރަކާތެއްގެ ގޮތުގައި ކަނޑައަޅުވައި ރައީސް ސޯލިހު ގަރާރެއް ނެރުއްވީ މި އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ގަރާރުގައި ވަނީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ (ހ) ގެ 03 ވަނަ ނަމްބަރާއި 615 ވަނަ މާއްދާގެ (ހ) ގެ 06 ވަނަ ނަމްބަރުގެ ދަށުން މިފަދަ ކަންކަން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމެވެ.

”އިންޑިއާ އައުޓް“ ހަރަކާތް އިދިކޮޅުން ކުރިޔަށް ގެންދާނަމަ، އެ ހަރަކާތްތައް ހުއްޓުވައި ބާރުގެ ބޭނުން ކުރުމަށް ފުލުހުންނަށް މަޖުބޫރުވާކަން ފާހަގަކޮށް، މަގުމަތީ ހަރަކާތްތަކުގައި ޕާޓީގެ މެމްބަރުންނާއި ލީޑާޝިޕްގެ ބޭފުޅުންނަށް ލިބުނު އަނިޔާތައް ރައީސް ޔާމީން ފާހަގަކުރެއްވި އެވެ. އެހެންކަމުން އިތުރު ހަމަނުޖެހުމަކަށް، ގޮސް ޕާޓީގެ އާއްމު މެމްބަރުންނަށް އެއްވެސް ގެއްލުންތަކެއް ދިމާވާން ބޭނުންފުޅު ނުވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

“އެއީ ގާނޫނާއި ހިލާފު ގަރާރެއްވިއަސް، ރައީސުލްޖުމްހުރިއްޔާގެ ގަރާރެއް އޮތްކަމުގައި ވަންޏާ ފުލުހުން ތަންފީޒް ކުރާނެ. އެހެންވީމަ މިހާރު މުޒާހަރާއެއް ކުރަން ނޫނީ ރައްޔިތުން އަޑުއުފުލަން ނިކުތީމަވެސް ފުލުހުން ރައްޔިތުންނާއި ދޭތެރޭ ކަންކަން ކުރާ ގޮތް އަޅުގަނޑުމެންނަށް ފެނިގެންދޭ. އަނިޔާވެރި ހާލަތާއި ނުބައްދަލު ފޯސް ބޭނުންކުރޭ”

“އިންޑިއާ އައުޓް” ކެމްޕެއިން ރައީސް ސާލިހުގެ ގަރާރާއި ދެކޮޅަށް ގެންދުމުގެ ވިސްނުން ނެތްކަމަށް ވިދާޅުވެ ވާހަކަދައްކަވަމުން ރައީސް ޔާމިން ފާހަގަކުރެއްވީ ގާނޫނު ރައްޔިތުންންނަށް ލިބިދީފައިހުރި ހިޔާލުފާޅުކުރުމުގެ މިނިވަންކަންފަދަ ހައްގުތަކެވެ. އަދި ވިދާޅުވީ އެހެންކަމުން ރައީސް ސާލިހަށް މިފަދަ ގަަރާރެއް ނުނެރެވޭނެކަމަށެވެ.

ގާނޫނީ ބާރު ލިބޭ ބައެއް އަމުރުތައް ރައީސަކަށް ހުންނަވާ ބޭފުޅަކަށް ކުރެވުނު ނަމަވެސް އޭގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިންވޯލްވް ކުރަން ޖެހޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

“އެހެން ނޫނިއްޔާ އާންމު ހާލަތެއްގައި ރައްޔިތުން އެ އަމުއްރެއްގެ މައްޗަށް ތަބާވާން ޖެހޭ އަމުރުތަކާއި ގަވާއިދުތަކާއި މި ހަދަނީ ގާނޫނު ހަދައިގެން ގާނޫނުން ބާރު ލިބިދޭ ގަވާއިދުތަކުން ނޫނިއްޔާ އިއުލާންތަކުން. އެއީ ގާނޫނީ ބާރުދޭތީ، ރައީސުލްޖުމްހުރިއްޔާއަކީ ގާނޫނު ހަދާ މީހެއްނޫން”

ހަރަކާތް ހުއްޓާލީ އެކަމުން ރައްޔިތުންނަށް ގެއްލުމެއް ލިބިދާނެތީ ނޫންކަމަށާއި އިތުރު ނަފްރަތެއް އުފައްދަން ބޭނުންނުވީކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ގަރާރު އޮތްހާ ހިނދަކު “އިންޑިއާ އައުޓް” ހަރަކާތް ކުރިއަށް ނުގެންދާނެތޯ ސުވާލުކުރުމުން ރައީސް ޔާމީން ވިދާޅުވީ ހަރަކާތް ކުރިއަށްދާނެކަމަށާއި ނަމަވެސް އެމަނިކުފާނު ކުރިއެކޭ އެއްގޮތަށް ހަރަކާތުގައި ބައިވެރިނުވާނެކަމަށެވެ.

“އަޅުގަނޑު ރަށްރަށަށް ކުރި ދަތުރުތައް ކުރުމާއި މިކަމުގައި އަޅުގަނޑު އުޅެން ބޭނުންނުވަނީ” ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ ގާނޫނާއި އެއްގޮތަށް މަސައްކަތް ކުރުމަށް ކަމަށެވެ.

އިންޑިއާ އާއި ދެކޮޅަށް އިދިކޮޅުން ނަފްރަތު އުފައްދާކަމަށް ބުނެ، އެމްޑީޕީގެ މެމްބަރުން ވެސް ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ މީޑިއާއަކަށް ޝާހިދު ވިދާޅުވީ މި ހަރަކާތް ކުރިޔަށް ގެންދަނީ ގައުމަށް އެއްވެސް ހިދުމަތެއް ކުރެވެން ނެތް ބައެއް ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: