ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނިޔާ- ވެރިކަމަކަށް މަގުފަހިވަނީ، ރައްޔިތުން ބައިބައިވެތިބީމަ!

ރައީސް އަމީން، ރައީސް ނާސިރު، ރައީސް މައުމޫނު، ރައީސް ނަޝީދު، ރައީސް ވަހީދު، ރައީސް ޔާމީން، ރައީސް ސާލިހު: ފޮޓޯ/ ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އަބަދުވެސް އިވެނީ ވެރިކަމަށް ވަޑައިގަންނަ މީހަކު، ނުވަތަ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ބާރުވެރި ކުރުވާފައިހުންނަ މީހަކު، ނާއިންސާފުން ކަންކަން ކުރާ ވާހަކައެވެ. މުޅި ރަށެއްގެ ރައްޔިތުން ތަމްސީލު ކުރުމަށް ހޮވޭ މީހާ އެއްބަޔަކަށް އިހާނެތިކޮށް ހިތާވާހަކައެވެ. މުޅި ގައުމެއްގެ ވެރިޔާގެ މަގާމަށް ވަޑައިގަންނަ މީހަކު، ގައުމެއްގެ ނިސްބަތުން ސާޅިހަކަށް އިންސައްތަ މީހުންނަށް އަނިޔާވެރިވާ ވާހަކައެވެ.

ކޮންމެ ފަސް އަހަރަކުން، ތުހުމަތުތައް ކުރެވިފައިވާ މީހުންގެ ނަންތައް ބަދަލުވިޔަކަސް ކުރެވެމުންދާ ތުހުމަތުތަކަކަށް ބަދަލެއް ނާދެއެވެ. ހަމަ އެއްކަލަ ތުހުމަތުތައް އެކި ނަން ނަން ކިޔާ މީހުންގެ މައްޗަށް ކުރެވިގެންދެއެވެ.

ރަށެއްގެ މަންދޫބުކަމަށް ހޮވި، ގާނޫނު ހަދާ މަޖިލީހަށް މުޅި ރަށުގެ މަސްލަހަތު ތަމްސީލުކޮށްދީ، ނެގެހެއްޓުމަށް ފޮނުވާ މީހާ، ފުރަތަމަވެސް ފެނިގެންދަނީ، އެނާއަށް ވޯޓު ނުދިން މީހުންނަށް ހިތް ބުރަކަމެއް ބާއްވާ މަންޒަރެވެ. އެ މީހެއްގެ ކަންފަތް ވެސް ދިއްކޮށްލަނީ ވަކި ކުލައެއްގެ ހެދުމެއް ލައިގެންތިބި ބަޔަކަށެވެ. އެހެން ނަމަވެސް ހަނދާން ނެތިފައި ތިއްބަކަސް، ރަށެއްގައި އުޅޭ މަދު މީސްކޮޅަކީވެސް އާއިލީ ގުޅުންތައް އޮންނަ މީހުންނެވެ.

އެހެން ކަމުން އެއް ކުލަ ތަމްސީލު ކުރާ ބަޔަކަށް އަނިޔާވެރިވެވުމުން އަނެއް ކުލައަށްވެސް އޭގެ އަސަރުކުރެއެވެ.

ރަށެއްގެ މަންދޫބުން ވާންޖެހޭނީ މުޅި ރަށް ތަމްލީސު ކުރާ ބަޔަކަށެވެ. ވަކި ކުލައެއް ތަމްސީލު ކުރާނަމަ، ތަމްސީލު ކުރަނީ އަމިއްލަ މަސްލަހަތޭވެސް ބުނުމުގެ ފުރުސަތު އޮވެއެވެ.

ވަކި ރަށްތަކުގެ މަންދޫބުން މީ އަދި ކުޑަ ވާހަކައެކެވެ. މުޅި ގައުމެއްގެ މައްޗަށް ވެރިކަމެއް ކުރަން، އަމުރު ކުރަން، ބާރު ފޯރުވަން ތަހުތައް އަރާ ވަޑައިގަންނަ މީހަކު، ވަކި ފަރާތަކަށް ޖެހި، ގައުމެއްގެ ސާޅީހަކަށް އިންސައްތަ މީހުން ބާކީ ކޮށްލުމުން އެ ކުރެވެނީ އަޅުގަނޑު އިންތިހާއަށް ކުށްވެރި ކުރާ ކަމެކެވެ. އެއްވެސް ހާލަތެއްގައި ވެރިކަމަށް ވަޑައިގަތުމަށްފަހު، ރާއްޖެ ނޫން އެއްޗެއް ތަމްސީލުވެސް ކުރެވިގެން ނުވާނެއެވެ. ވަކި ކުލައެއް ތަމްސީލު ކުރާ ރައީސަކަށް ކުރެވޭނީ އަނިޔާވެރިކަމެކެވެ.

ކޮންމެވެސް އެއް ބަޔަކު، އަބަދާމެ އަބަދު ވެރިޔާގެ ނާއިންސާފުތައް ތަހައްމަލު ކުރަންޖެހުމުގެ ސަބަބުން، ކަންމަތީ ނުކުމެ ހަޅޭލަވަން ހުންނަން ޖެހުމުން، ގައުމު ކުރި އެރުމުގެ ބަދަލުގައި ވެގެން ދަނީ ފުނޑުފުނޑެވެ. ވާނީވެސް އެހެންނެއް ނޫންތޯ؟ ގައުމުގެ އިސްވެރިޔާ، އެންމެހާ ރައްޔިތުންގެ ބެލެނިވެރިޔާއަށް ގިނަ އަދަދެއްގެ މީހުން ބޭކާރުވާނަމަ، ކޮންމެވެސް ގޮތަކުން އެނާގެ ސަމާލުކަން ހޯދުން ނޫން އިތުރު ގޮތެއްވެސް ނޯންނާނެއެވެ.

ވަޒީފާއަކަށް ދެވޭނީވެސް ލިބިގެންނެވެ. ތަމްސީލު ކުރާ ކުލައިގެ ގޮތުން ނޫނީ، ކޮންމެ ވެރިކަމެއްގައިވެސް އެކަން ކުރުން އޮންނަނީ ދަތިކަމަކަށްވެފައެވެ.

ގައުމުގެ މަސްލަހަތައްޓަކައި، ގައުމު ކުރިއެރުވުމަށް، އާރާސްތު ކުރުމަށް އުޅެވިދާނެ، ގައުމެއްގެ ގިނަ އަދަދެއްގެ މީހުން މި ތިބެންޖެހެނީ ވެރިޔާގެ ސަމާލުކަން ހޯދުމަށް އެހެން ހުރިހާ މަސައްކަތަކުން އަތް ދޫކޮށްލައި، މަގުތައް މައްޗަށް ނުކުމެ، ސަމާލުކަން ހޯދުމަށް މަސައްކަތްތަކެއް ކުރަން ނަމަ، ގައުމު ކުރިއަރައިގެންދާންޖެހޭ ބާރު މިނުގައި ކުރިއަރައިގެން ނުދާނެކަމާއިމެދު ޝައްކެއްވެސް ނެތެވެ.

އަބަދުވެސް އިވިގެންދަނީ، ވެރިންގެ މައްސަލަތަކުގެ ވާހަކައެވެ. އެހެން ނަމަވެސް ހިތި ހަގީގަތެއް އެބައޮތެވެ. މިހުރިހާ ކަމެއް ދިމާވެގެން އައީ، އަޅުގަނޑުމެން ރައްޔިތުންގެ ސަބަބުންނެވެ.

އެއްކުލަ ތަމްސީލު ކުރާ ވެރިޔާ އަނެއް ކުލަ ތަމްސީލު ކުރާ ރައްޔިތުންނަށް އަނިޔާވެރިވާއިރު، އެއްބަޔަކު އެކަން ބަލާ އަތް ޖަން ތިބެއެވެ. އެ އަނިޔާވެރިކަމާއި މެދު އެއްޗެކޭ ނުބުނާއިރު، އެ ވެރިޔަކު ދެމުންދާ އަނިޔާތައް ދިފާއު ކުރަމުންދާ ބަޔަކުވެސް ތިބެއެވެ.

މުޅި ގައުމުގެ މައްޗަށް ވެރިކަމެއް ކުރުމަށް އަންނަ ފަރާތަކަށް ގައުމެއްގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް، އަނިޔާވެރިވާން ކެރިގެންދަނީ، ހަމަ އަޅުގަނޑުމެން ރައްޔިތުންގެ ސަބަބުންނެވެ. އެއްވެސް ބަޔަކަށް އަނިޔާވެރިވާ ވެރިޔަކު ދިފާއު ކުރާނެ ރައްޔިތުން ނުތިބޭނަމަ، ވެރިކަމަށް އަންނަ އެއްވެސް މީހަކަށް އެފަދަ އަމަލެއް ހިންގަން ނުކެރޭނެކަން ކަށަވަރެވެ.

މުޅި ރަށެއްގެ ތަރައްގީގެ ބަދަލުގައި، ޖީބަށް ބަރު ކުރާ މަންދޫބުން، ތަމްސީލު ކުރާ ކުލައިގެ ގޮތުން، އެ ބަޔަކު ހިންގާ ބޮޑެތި ޖަރީމާތައް ދިފާއު ކުރާ ބަޔަކު ނެތް ނަމަ، އިވިގޮސްފައިވާ ފަދަ ޖަރީމާތަކެއް ހިންގަން ނުކެރޭނެކަންވެސް ޔަގީނެވެ.

ވެރިކަމަކަށް ފަހު، ވެރިކަމެއްގައި ހިންގާފައިވާ ނުވަތަ ހިންގަމުންދާ ޖަރީމާތަކާއި، ދީފައިވާ އަނިޔާތަކުގެ ވާހަކަތައް ކެނޑިނޭޅި އިވިގެންދަނީ، އަޅުގަނޑުމެންގެ އިހުމާލަކުންނެވެ. އެއްފަހަރު ތުހުމަތު ކުރެވުމުން ދެވަނަ ފަހަރަށްވެސް ފުރުސަތު ދެތީއެވެ. “އެއް ފުޅޮއް މަތިން ފުންމާލި ބަކަރި އަނެއް ފުޅޮއް މަތިންވެސް ފުންމާލާނެ” މިއީ ހަގީގަތް ކަން އިނގޭ އިރުވެސް ޓެސްޓުކޮށް އިންޖީނު ފެއިލުވެގެން ވެއްޓުނު ބޯޓަކަށް އަރަން ހަމަ ތަބެނީ ތައްޔާރަށެވެ.

އަޅުގަނޑުމެން ރައްޔިތުންނަށް ވެވިފައިވާ އެންމެ ބޮޑު އިހުމާލަކީ ބައިބައިވުމެވެ. އެއް ވެރިޔަކު، އެނާ ތަމްސީލު ކުރާ ކުލަ ނޫން އަނެއް ކުލެއެއް ތަމްސީލު ކުރާ ރައްޔިތުން ހަނާ ކޮށްލާއިރުވެސް އެކަން ކުށްވެރި ނުކުރާތީއެވެ. ސީދާ ކުރިމަތީ ރައްޔިތަކަށް ދޭ އަނިޔާވެސް ނުފެންނަކަމަށް ހަދާތީއެވެ.

ވެރިންނަށް މިފަދަ ކަމެއް ކުރުމަށް ހިތްވަރެއް ލިބެނީ، އެ ބަޔަކު ތަމްސީލު ކުރާ ކުލައެއްގެ ވެރިޔަކު، ދެމުންދާ އަނިޔާތަކުގެ ވާހަކަތައް ދައްކާ ބައެއްގެ އަނގަ ބަނދުކުރުމަށްވެސް އެހީތެރިވާތީއެވެ.

ކުލަ ކުލައިގެ ތަފާތު ކުރުންތަކުގެ ތެރޭގައި، އެއްކުލައެއް ތަމްސީލު ކުރާ ވެރިޔާ، އަނެއް ކުލައެއް ތަމްސީލު ކުރާ ރައްޔިތު މީހާގެ ކުއްލި ސިއްހީ ކަންކަމާއިވެސް އަޅާލުން ކުޑަވި ވާހަކަތް އިވެއެވެ. މިއީ ހަގީގަތެއް ނޫންނަމަ، އެހީއަށް ބޭނުންވެގެން ސޯޝަލް މީޑިއާގައި ތުއްތު ފުރާނަތައް ސަލާމަތް ކުރުމަށް މާލީ އެހީ ދިނުމަށް ރައްޔިތުންގެ ގާތުގައި އާދޭސް ކުރާ މަންޒަރު ފެނިގެންނެއް ނުދާނެއެވެ.

އެ ކަމަކީ، ވެރިޔާ މުނިފޫހި ފިލުވުމަށް ޖެޓުގައި އެނބުރިލަން އަޅާލާ ތެޔޮ ފޮދުގެ ހަރަދުންވެސް ކޮށްލެވޭހާ ކުޑަ ކަމެކެވެ. އާއިލާއަށް ދީފައިވާ ވީކެންޑު ހަދާ އެލޮވެންސު އެއް ހަފްތާ ނުނަގާ ހިފަހައްޓާލިޔަސް އެކަން ކުރެވޭނެއެވެ. އެކަމު އެފަދަ މަންޒަރު ފެންނަނީ ކިތައް ފަހަރުތޯ، މީޑިއާތަކުގެ ޒަރިއްޔާއިން އާދޭސް ކުރީ ކިތައް މައިންބަފައިންތޯ، މައިންބަފައިންނަށްޓަކައި އާދޭސްކުރީ ކިތައް ދަރިންތޯ؟ ވިސްނޭނީ އެހާލުގައި ތިމާ ޖެހުމުންތޯ؟ މިއީ ހުސް ނަފްސާ ކޮށްލަންޖެހޭ ސުވާލެވެ.

ކުލަ ކުލައިގެ ތަޅާ ފޮޅުމުގެ ތެރޭގައި، ވަކި ކުލައަކަށް ބެލުމެއް ނެތި ދިރިއުޅެމުންދާ ރައްޔިތުންނަށްވެސް އެތައް ދަތިތަކެއް ހުރެއެވެ. ކޮންމެ ވެރިކަމެއްގައިވެސް މިފަހަކަށް އައިސް، ކުރިއެރުމެއް ލިބެނީ، އެ ވެރިކަމެއް ކުރާ މީހެއް ތަމްސީލު ކުރާ ކުލައަކުން ފެންވަރައިގެން ތިބި ބަޔަކަށެވެ.

އެއްވެސް ކުލައަކަށް ނުބަލާ މީހުން ތިބެނީ، ނިޒާމުން ގެއްލިފައެވެ. ބިކަވެ ބޭކާރުވެފައެވެ. އެހެން ކަމުން ހަގީގަތުގައި، ރައްޔިތުންގެ ހާލަށް ޒިންމާވާންޖެހޭނީ ރައްޔިތުންނެވެ. މިހެން ބުނުމުން އެތައް ބަޔެއްގެ ރުޅިވެރިކަން އަޅުގަނޑަށް އަމާޒުވާނެކަންވެސް އިންގެއެވެ. އެހެން ނަމަވެސް، މިއީ ހަމަ ކަންވެގެންދާ ގޮތުގެ ހިތި ހަގީގަތެވެ.

ކޮންމެ ވެރިކަމާއި އެކު، ރައްޔިތުންނަށް ކުރިމަތިވާ ނުތަނަވަސްކަން ހައްލު ކުރުމަށް އާދައިގެ ފޯމިއުލާއެއް އޮވެއެވެ. ވެރިޔާއަކީ، އަނިޔާ- ވެރިޔަކުން، އޯގާ- ވެރިޔަކަށް ހެދުމަކީ އެންމެން އެކަތި ގަނޑަކަށް ވެގެން ނޫނީ ކުރެވެން ނެތް ކަމެކެވެ.

ކޮންމެ ޓީމަކަށް ސަޕޯޓު ކުރި ނަމަވެސް މައްސަލައެއް ނެތެވެ. އެހެން ނަމަވެސް، ކޮންމެ ޓީމެއްގެ ކުޅުން ތެރިއެއް ކުރިނަމަވެސް، ފައުލެއް ކުރުމުން، އެ ކުރީ ފައުލެއް ކަމަށް ބަލައިގަންނަންވީއެވެ. ކުޅޭ މެޗަކީ ރީތި މެޗުތަކަކަށް ހެދުމުގެ މަގުސަދުގައެވެ. އިންސާފުވެރިކަމާއި އެކު، މެޗުތައް ކުރިއަށް ގެންދިއުމުގެ މަގުސަދުގައެވެ.

ކޮންމެ ވެރިޔަކަށް ކިތަންމެ ތާއީދު ކުރިއަކަސް ޒިންމާދާރު ކުރުވުމުގެ މަސައްކަތުގައި ރައްޔިތުން ތިބެންވީ އެއްބައިވަންތަކަންމަތީއެވެ. އެއީ ގައުމަށް ކުރިމަތިވާ ކޮންމެ ބަދުނަސީބެއް، ރައްޔިތުންގެ އިހުސާސާއި ދެކޮޅަށް ހިންގާ ކޮންމެ އަނިޔާވެރިކަމެއްގެ އަސަރުތައް ހުރިހާ ރައްޔިތުންނަށްވެސް ކުރާނެތީއެވެ. މިއަދު ނުކުރިއަސް މާދަމާވެސް އެކަމުގެ ނޭދެވޭ އަސަރުކޮށްފާނެއެވެ. އެ ދަތިކަން ތިމާވެސް ތަހައްމަލު ކުރަންޖެހިދާނެއެވެ.

މިއަދު އެއް ބަޔަކު، ހަގީގަތުގެ ވާހަކަތައް ދެއްކުމުން، އަނެއް ބަޔަކު، އެއީ އަސާސެއް ނެތް ވާހަކަތަކެކޭ ބުނުމުން، އަނެއް ދުވަހު، ހަމަ ތިމާ ހަގީގަތުގެ ވާހަކަތައް ދެއްކުމުން، އަނެކާވެސް ކަން ކުރާނީ އެގޮތަށެވެ.

ރައްޔިތުން ތިބެންވީ ހަގީގަތާއި އެއްކޮޅަށެވެ. އެއްވެސް ރައްޔިތެއް ހިޔާލު ފާޅު ކުރުމުން ނުވަތަ ބަސް ބުނުމުން މަހުރޫމުކޮށްފިނަމަ، އޭރު ހުރި ވެރިއަކަށް އެފަދަ އަނިޔާވެރިކަމަކަށް ޖާގަ ދީފިނަމަ، މާދަމާ ތިމާގެ އަނގަ ބަނދު ކުރުމަށްވެސް އެ ދެވެނީ ފުރުސަތެކެވެ.

ތިމާ ކިތައްމެ ތާއީދު ކުރިނަމަވެސް، ވެރިޔާ ހެދީ ދޮގެއް ނަމަ، އެ ހެދީ ދޮގެއްކަން ކަށަވަރުވާ ހިނދު އެކަމަށް ފުރަގަސްދިނުމަކީ، ކޮށްގެންވާނެކަމެއް ނޫނެވެ. ގައުމެއްގެ ވެރިން ޒިންމާދާރު ކުރެވޭނީ، ހަގީގީ ވެރިން އަކެތިގަނޑެއްގެ ގޮތުގައި އޮވެގެންނެވެ. ނުނީ އަމީރަކަށް ހޮވާ މީހާގެ ސަބަބުން، ގައުމު ވެގެންދާނީ ގަރީބެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: