މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފަރާތުން ދުނިޔޭގެ ފިޒިއޮތަރަޕީ ދުވަސް ފާހަގަކުރުމަށް ހާއްސަ އިވެންޓެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިއަހަރުގެ ފިޒިއޮތަރަޕީ ދުވަހުގެ ތީމް ހާއްސަ ކޮށްފައިވަނީ އޮސްޓިއޯ އާތްރައިޓިސް ނުވަތަ މަޑުކަށި ގޭނޭ ނުވަތަ މަޑުކަށި ވިރޭ ބައްޔެވެ.
ފިރިއޮތަރަޕީ ދުވަހަކީ މި ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހެވެ.
އެމްއެންޔޫގެ ބެޗްލާރސް އޮފް ފިޒިއޮތަރަޕީ ކޯހުގެ ދަރިވަރުން އިސްނަގައިގެން އަނިޔާލިބިފައިވާ، ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް އެހީވުމާއި އެމީހުންގެ ހަރަކާތްތެރިކަން އިތުރުކޮށް އެހީވުމަށް ފިޒިއޮތަރަޕީ އިވެންޓްގައި ނިންމާފައިވާ ކަމަށް އެ ޔުނިވަރސިޓީ އިން ހާމަކޮށްފައިވެއެވެ.
މިވަގުތު ފިޒިއޮތަރަޕީ ކޯހުގައި 53 ދަރިވަރަކު ދަނީ ދަސްވެނިވަމުންނެވެ. ފިޒިއޮތަރަޕީ ދަރިވަރުންނާއި އާއްމުންނަށް ހުޅުވާލައިގެން ފިޒިއޮތަރަޕީ އާއި އޮއިސްޓްރިއޯ އާތްރައިޓިސް އާ ގުޅުންހުރި ފެއަރ އެއް މި މަހުގެ 8 އިން 9 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ފެއަރ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފެކަލްޓީ އޮފް ހެލްތް ސައިންސަސް ގައެވެ. ފެއަރ ގައި ހިމެނޭ ސްޓޯލްތަކުގެ ތެރޭގައި ބެލެންސް ސްޓޯލް އާއި ހޭލުންތެރިކަމުގެ ސްޓޯލްއާއި ކުޅިވަރު ސްޓޯލް އާއި ކާބޯތަކެތީގެ ސްޓޯލްގެ އިތުރުން ފިޒިއޯ ސޮލިއުޝަންސް ސްޓޯލެއް ހިމެނޭއިރު ހެލްތް ސްކްރީން ކުރުމުގެ ހިދުމަތް ވެސް ހެލްތް ސްކްރީނިންގ ސްޓޯލުން ލިބިގެންދާނެ ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.
މި ފެއަރ ގައި ގާއިމްކޮށްފައިވާ ސްޓޯލްތަކުގެ ތެރެއިން އެވެއަރނެސް ސްޓޯލްގެ ބޭނުމަކީ ދަރިވަރުންގެ މެދުގައި އޮސްތްރިއޯ އާރތްރައިޓިސް ނުވަތަ މަޑުކަށި ގިރޭ ބައްޔާއި ބެހޭގޮތުން ހޭލުންތެރިކުރުމާއި އާއްމުންނަށް އެ ބައްޔާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމެވެ. ހެލްތް ސްކްރީނިންގ ސްޓޯލް އިން ލޭގެ ޕްރެޝަރާއި ލޭގެ ގްލުކޯސް ލެވެލް އާއި ފްލެކްސިބިލިޓީގެ އިތުރުން ބޮޑީމާސް ޗެކްކުރެވެން ހުންނާނެއެވެ. ބެލެންސް ސްޓޯލް އިން ހުރިހާ އުމުރުފުރައެއްގެ ބޭފުޅުންނަށް އެކަމާއި ގުޅުންހުރި ޓެސްޓްތައް ހަދައި ސްކްރީން ކުރެވެން ހުންނާނެއެވެ. ކިޑްސް ޕްލޭ އޭރިއާ ނުވަތަ ކުޑަކުދިން ކުޅެން ހާއްސަކޮށްފައިވާ ސަރަހައްދުގައި 3 އަހަރާއި 12 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ތައުލީމީ ތަފާތު އެކި ގޭމްތައް ކުޅެވެން ހުންނާނެއެވެ.
އެނެޓޮމީ ސްޓޯލް އިން އެނެޓޮމީ އާއި ބެހޭ މައުލޫމާތު ސިއްހީ ދާއިރާގައި ތައުލީމް ހާސިލްކުރާ އެމްއެންޔޫގެ ދަރިވަރުންނަށް ލިބެން ހުންނާނެއެވެ.
މި ފެއަރ ކުރިއަށް ދާނީ ސެޕްޓެމްބަރު 8 ވަނަ ދުވަހު ހެނދުނު 9 އިން ހަވީރު 4 އަށް އަދި ސެޕްޓެމްބަރު 9 ވަނަ ދުވަހު ހަވީރު 4 އިން އިރުއޮއްސި 6 އާ ހަމައަށެވެ.

