ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއް ކަމަކަށް ސަމާލުކަން ނުދެވެނީތަ ނޫނީ އެކި ކަންކަމަށް ދެނީތަ؟

ކަންކަމަށް ސަމާލުކަން ދިނުމުގައި ދަތިތައް ހުންނަ ކުދިންނަށް އާންމުކޮށް މަލާމާތުގެ ބަސްތައް އަމާޒުވެއެވެ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިފަހަކަށް އައިސް ވަރަށް ގިނަ އަދަދެއްގެ މީހުން އެ ބައެއްގެ މަސްއޫލިއްޔަތުތައް އަދާ ނުކުރުން ނުވަތަ ނުކުރެވިދިއުމުގެ ސަބަބެއް ކަމަށް އެޓެންޝަން ޑިފިސިޓް ޑިސްއޯޑަރ(އޭޑީޑީ) އަދި އެޓެންޝަން ޑެފެސިޓް ހައިޕަރ ސެންސިޓިވިޓީ ޑިސްއޯޑަރ (އޭޑީއެޗްޑީ) ހުރުން ބޭނުން ކުރެއެވެ.

އޭޑީއެޗްޑީއަކީ އެކަމުގެ ސަބަބުން، މައްސަލަ ހުންނަ ކޮންމެ މީހަކަށްވެސް ބޮޑެތި ދަތިތައް ކުރިމަތިވާކަމަށް ބުނާ ނިއުރޮލިޖިކަލް ޑިސްއޯޑަރއެކެވެ. އަދި އިންސާނެއް އުފެދުމުގައި މި މައްސަލަ ކުރިމަތިވާކަމަށްވެސް ބުނެއެވެ.

އޭޑީއެޗްޑީގެ ސަބަބުން އާންމު ހަޔާތުގައި އެތައް ކަމެއް ކުރުމުގައި ހުރަސްތައް ކުރިމަތިވާކަމަށް އެކި ފަރާތްތަކުން ރިޕޯޓުކޮށް، ސައިންސްވެރިން ހަދާފައިވާ ދިރާސާތަކުން ވެސް ދައްކައެވެ. ޝައްކެއްވެސް ނެތެވެ.

އެހެން ނަމަވެސް މާތް ﷲ ކޮންމެ އިންސާނަކުވެސް އުފެއްދެވީ އެންމެ ރިވެތި ސިފައިގައި އެއް އިންސާނަކާ އަނެއް އިންސާނެއްގެ މެދުގައި ތަފާތުތަކަކާއި އެކުގައެވެއިންސާނާގެ އަތުގެ ފަސް އިނގިލީގައިވެސް ތަފާތުތައް ވާފާދަފައިން، ކޮންމެ އިންސާނަކުވެސް އުފެދިފައިވަނީ ތަފާތު ސިފަތަކާއިއެކު އެވެ.

އެގޮތުން އެކި އިންސާނުންގެ އުޅުމާއި ބޭރުފުށުން ފެންނަފެނުންވެސް ތަފާތެވެ. އަދި އެކި މީހުންގެ ވިސްނުމާއި ވިސްނާ ކަންކަންވެސް ތަފާތުވާނެ އެވެ. އެކި މީހުންގެ ހިޔާލަކީ، ތަފާތު އެއްޗެކެވެ. އަޅުގަނޑު ދެކޭގޮތުން، އެއް ދޮރު ބަނދުވެފައިވާނަމަ ވެސް، އަދި އެތައް ދޮރެއް ހުޅުވިފައި ވެސް ހުންނާނެއެވެ. އަދި ހުރިހާ ދޮރެއް ބަނދު ނަމަ، އަމިއްލައަށް ތަނެއް އިމާރަތް ކޮށްގެން ނަމަވެސް ވަނުމުގެ އިހްތިޔާރު އިންސާނާއަށް ލިބިފައިވެއެވެ.

މި ހިޔާލުގެ ބޭނުމަކީ، ސައިންސްވެރިންނާއި ޑޮކްޓަރުންގެ ބަސްތައް ދެކޮޅު ނުޖެހޭކަމަށް ބުނުމެއް ނޫނެވެ. އެހެން ނަމަވެސް އޭޑީޑީ އަދި އޭޑީއެޗްޑީގެ ސަބަބުން ދަތިތަކެއް ކުރިމަތިވާ ފަދައިން ބޮޑެތި ފައިދާތަކެއްވެސް ވާކަމުގެ ޔަގީންކަން ދިނުމެވެ.

ޝައްކެއްވެސް ނެތެވެ. އޭޑީއެޗްޑީ ހުންނަ ކޮންމެ މީހަކަށްވެސް ކުރިމަތީގައި ފެންނަން ހުރި ކަމަކަށް ސަމާލުކަން ދިނުމުގައި ދަތިތަކެއް ހުރެއެވެ. އެހެން ނަމަވެސް އެހެން ހުރިހާ އެންމެނަށް އެއް މަންޒަރެއް ފެނިގެންދާއިރު، މިކަން ހުންނަ ފަރާތަކަށް ފެންނަ މަންޒަރު ގިނަ ފަހަރު ތަފާތުވެއެވެ. މިއީވެސް އޭގެ ޒާތުގައި އިންތިހާއަށް ރަނގަޅު ކަމެއް ކަމަށް ދެކެމެވެ.

އެގޮތުން އޭޑީއެޗްޑީ ހުންނަ މީހުން އެއްޗެއްގެ މުޅި މަންޒަރަށް ބެލުމުގެ ބަދަލުގައި ކުދި ކުދި ކަންކަން ނަގައިގަންނަތަން ފެނިގެންދެއެވެ. އެކަމުގެ ސަބަބުން ކަމެއް ކުރުމުގެ ތެރޭގައި ދިމަވާ ކުދި މުހިންމު މައްސަލަތައް ދެނެގަނެ ބޮޑެތި ހައްލުތައް ހޯދާތަން ފެނިގެންދެއެވެ.

އޭޑީއެޗްޑީ ހުންނަ ގިނަ މީހުންނަކީ، ބައެއް ހާލަތްތަކުގައި ވަރުބަލިވުމެއް ނެތް ބައެއް ކަމަށް ފެނިގެންދެއެވެ. އަދި ކަމަކަށް ސަމާލުކަން ދެވިއްޖެނަމަ، ވަރުބަލިކަމަށްވެސް ސަމާލުކަމެއް ނުދެވި، ކުރިއަށްދާތަން ފެނެއެވެ. އެހެންކަމުން ކުޅިވަރު މައިދާންތަކުގައި ކުރިއެރުންތައް ހޯދާތަން ފެނިގެންދެއެވެ.

އޭޑީއެޗްޑީ ހުންނަ މީހުން އެއް ކަމަކަށް ސަމާލުކަން ނުދެވޭ ވާހަކަ ވަރަށް ގިނައިން ދައްކައެވެ. އެހެން ނަޒަރަކުން ބަލާނަމަ، އެކި ކަންކަމަށް ސަމާލުކަން ދެނީއޭވެސް ބުނެވިދާނެއެވެ. އާންމުކޮށް މަދު ކަމަކަށް ނުވަތައް އެއް ކަމަކަށް އިންސާނެއް ޝައުގުވެރިވާއިރު، އޭޑީއެޗްޑީ ހުންނަ މީހެއް ފެނިގެންދަނީ ގިނަ އަދަދެއްގެ ކަންކަން ކުރާ ހިތްވާ މީހުން ގޮތުގައެވެ.

އަދި ހަޔާތް ނިމިގެންދާއިރު، މައްސަލައެއް ކަމަށް ބުނާ މިކަން ހުރުމަކީ ހުރަހެއްކަމަށް ކަމަށް ނުދެކި، ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅައި ހަޔާތައިގެން ކުރިއަށްދާ އެތައް ބަޔަކަށް ގިނަ އަދަދެއްގެ ކަންކަން އުނގެނުމުގެ ފުރުސަތު ލިބިގެންދެއެވެ. އަދި “މައްސަލަ” ނުހުންނަ މީހަކަށް ކަންކަން ފެނި ތަޖުރިބާ ކުރެވިފައިވާ ވަރަށްވުރެ ގިނައިން ކަންކަން ތަޖުރިބާ ކުރެވިފައިވެސް ހުރެއެވެ. މި ނަޒަރުން ބަލާ ނަމަ، އޭޑީއެޗްޑީ ހުރުމަކީ ރަހުމަތެއް ކަމަށް ބުނެވިދާނެއެވެ.

ސައިންސްވެރިންގެ ދިރާސާތަކުން ދައްކާގޮތުން، އޭޑީއެޗްޑީ ހުންނަ މީހުންނަކީ، ވަރަށް ހާއްސަ ސިފައެއް ލިބިގެންވާ ބައެކެވެ. އެގޮތުން މިކަން ހުންނަ ފަރާތެއް ކަމަކަށް ސަމާލުކަން ދީފި ހާލަތެއްގައި، އެކަމެއްގެ ތެރޭގައި ފުރިހަމައަށް ޝާމިލުވެ، މަސައްކަތް ނިމިގެންދާންދެންވެސް ޝައުގާއި ސަމާލުކަން ގެއްލުވައި ނުލާ އެ މަސައްކަތައިގެން ކުރިއަށް ގޮސް އެކަށީގެންވާ ނަތީޖާއެއް ހާސިލު ކުރާކަމަށް ދިރާސާތަކުން ދައްކައެވެ.

ބޮޑު މަންޒަރަށް ބެލުމުގެ ބަދަލުގައި ކުދި ކުދި ކަންކަން ނަގައިގަތުމުގައި އޭޑީއެޗްޑީ ހުންނަ ފަރާތްތަކަށް ފަސޭހަތަކެއް ހުރުމުގެ ސަބަބުން، މީހުން ދެނެގަތުގައި މިކަން ހުންނަ މީހުން ކުރިއަރައެެވެ. އާންމުކޮށް މީހަކު ހީލާއިރު، ލޮލުގެ ކައިރި އަރިމައްޗަށް އަރާ ވާންތައް ފާހަގަނުކުރެވޭ އިރު، އޭޑީއެޗްޑީ ހުންނަ މީހަކަށް އެފަދަ ކަންކަން ފަސޭހަކަމާއިއެކު ފާހަގަކުރެވެއެވެ.

އާންމުކޮށް ކިޔަވާ ދައުރުގައި އޭޑީއެޗްޑީ ހުންނަ ކުދިން ވެގެންދަނީ ކުށްވެރިވެފައި ތިބޭ ކުދިންނަށެވެ. ޑޭ ޑްރީމް ކުރާ ކަމަށް އެކުދިންގެ މައިންބަފައިންގެ ގާތުގައި ޓީޗަރުން ބުނެ ހަދާފައި ހުންނާނެއެވެ. އަދި އެކަން ހުއްޓުމަކަށް ގެނައުމަށް މައިންބަފައިންނާއި ޓީޗަރުން ގުޅިގެން މަސައްކަތް ކޮށްފައި ހުންނާނެއެވެ.

ހަގީގަތުގައި ޑޭ ޑްރީމިންގް އަކީ ކަންކަމާއި ހިޔާލު ކުރުމެވެ. އެކި ކަންކަމާއި ތަފާތު އެކި ގޮތް ގޮތަށް ވިސްނުމެވެ. ކިލާސްރޫމަށް ދޭ ސަމާލުކަން ކުޑަވުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫންނަމަވެސް، ހިޔާލުތަކެއް ނުކުރާ ނަމަ، އީޖާދު ކުރުމަކީ ނުވާނެ ކަމެއް ކަން އެންމެވެސް ދަންނާނެއެވެ.

އޭޑީއެޗްޑީ ހުންނަ މީހުންނަކީ، އެކި ކަންކަމުގައި ތަފާތު މޮޅެތި ހިޔާލުތައް ދިނުމުގައި އެންމެ ކުރީ ސަފުގައި ތިބޭނެ މީހުންކަން ޔަގީނެވެ. ސަބަބަކީ އެކި ކަންކަމުގައި ތާއަބަދު ހިޔާލުތައް ކުރުމުގައި ދެމިތިބޭތީއެވެ. ޑޭ ޑްރީމް ކުރެވޭތީއެވެ. ދުނިޔޭގެ އެންމެ މޮޅު ސައިންސްވެރިންގެ ތެރޭގައިވެސް މި “މައްސަލަ” ހުންނަ މީހުން ތިބެއެވެ.

އެގޮތުން ގްރެވިޓީ ހޯދި އަލްބާރޓް އައިންސްޓައިން، ދުނިޔެ ދިއްލާލަދިން ތޮމަސް އެޑިސަަން އަދި ދުނިޔެ ދެކިފައިވާ އެންމެ މަޝްހޫރު އިންޖިނޭރު ލިއޮރނާޑޯ ޑަވިންޗީއަކީވެސް އޭޑީއެޗްޑީ ހުރި މީހުން ކަމަށް ބުނެއެވެ. މި މީހުންގެ ތަފާތު ވިސްނުންތަކާއި ޑޭ ޑްރީމްތަކާއި ނުލައި ދުނިޔެ ކުރިއަރާފައިވާ ބާރު މިނުގައި ކުރިއަރައި ނުދާނެއޭވެސް ބުނެވިދާނެއެވެ. އެހެންކަމުން އޭޑީއެޗްޑީ ހުރުމަކީ މުޅިއަކު މައްސަލައެއް ކަމަކަށް ބުނެވޭކަށްވެސް ނެތެވެ.

އޭޑީއެޗްޑީ ނެތަސް އެކި މީހުންނަކީ އެކި ކަންކަން ކުރުމުގައި ދަތިތަކެއް ހުންނާނެ މީހުންނެވެ. އަދި ސަމާލުކަން ދިނަސް ކޮންމެ މީހަކީ، ލިޔެ ކިޔުމަށް އެންމެ މޮޅު މީހާއަށް ނުވެދާނެއެވެ. އަދި އަތްތެރިކަމަށްވެސް އެންމެ މޮޅު މީހާއަށް ނުވެދާނެއެވެ. ވާކަށް ނުވެސް ޖެހެއެވެ. އެކި މީހުން ކުރިއަރައިގެންދަނީ އެކި ދާއިރާތަކުން ކަމަށްވުމުން މީއީ ބަދަލެއް ނުވާނެ ހަގީގަތެވެ.

ހަޔާތުގައި އެންމެ މުހިންމީ އެމީހަކަށް އެންމެ އެކަށީގެންވާ މަގު ހޯދުމެވެ. މުހިންމީ ތިމާ ތިމާގެ ނަފްސު ދެނެގަތުމެވެ. ހުރިހާ އެންމެނަކީ، އެއް ކަމެއް ކުރާ އެއް ވިސްނުމެއް ގެންގުޅޭ ބައެއް ނަމަ، ދުނިޔެވެސް މިއަދު އޮންނާނީ އޮތް ތާނގައެވެ. ދުނިޔެ ކުރި އަރައިގެން އައުމުގައި ތަފާތު ވިސްނުންތައް މުހިންމު ވަރު، އައިންސްޓައިންފަދަ މީހުންގެ ހަޔާތަށް ބަލާލުމުން ސާފުވެއެވެ. އަދި ތަފާތު ވިސްނުންތައް ދުނިޔެ ކުރިއެރުމަށް މުހިންމުވާ ވަރުވެސް ސާފުވެއެވެ.

މުޖުތަމައެއް ކުރިއަރައިދިއުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ކޮންމެ ކަމަކީވެސް މައްސަލައެއް ކަމަށް ބަލުމެވެ. މިފަދަ އާދައިގެ ވިސްނުމެއް ގެންގުޅުމެވެ. އާދައިގެ މަތިން ވިސްނާ ވިސްނުން ރަނގަޅުވެފައި އެޔާ ހިލާފު ކޮންމެ ވިސްނުމެއްވެސް ނުރަނގަޅު ކަމަށް ދެކުމެވެ.

ކިލާހުގައި ހިޔާލު ކުރަން އިންނަ ކުއްޖާ އެ ވިސްނަމުންދަނީ ކޮންކަމަކާއިމެދު ތޯ ސުވާލުވެސް ކުރެވިފައިނުވާތާ އެ ހިޔާލެއްގައި އިން ކުއްޖާއަަށް އަދަބު ދެއެވެ. ގެއަށް އައިސް ފޮތް ކިޔުމުގެ ބަދަލުގައި ގެއްލިފައި އިންދެވޭ ވަގުތު އެކުއްޖަކަށް ކުރެވުނީ ބޮޑު ކުށެއް ކަމަށް ހީވާ ވަރު ކުރެއެވެ.

ކުއްޖަކު ކުރަމުންދާ ހިޔާލަކީ ކޮބައިތޯވެސް ބަލާލުމެއްނެތި، ހިޔާލު ކުރުމަށް ހުރަސް އެޅުމަކީ، މުޖުތަމައު، ގައުމު އަދި ދުނިޔޭގެ ކުރިއެރުމަށް ހުރަސް އެޅުންކަމަށް އަޅުގަނޑު ދެކެމެވެ.

ގައުމެއްގެ ކުރިއެރުމަށް ހުރަސްއެޅުމުގެ ބަދަލުގައި ކުއްޖަކު ކުރަމުންދާ ހިޔާލުތައް ދެނެގަނެ، ރަނގަޅު ހިޔާލުތައް ކުރިއަރުވައި ފުޅާ ކުރުމުގައި މައިންބަފައިން އަދި ގާތް ތިމާގެ މީހުންވެސް އެހީވެދޭންޖެހެއެވެ. މިކަމުގައި ޓީޗަރުންވެސް އިސްތިސްނާއެއް ނުވެއެވެ.

ހިޔާލުކޮށް، ވިސްނާ ކަންކަން ދެނެގަތުމަށް ސުކޫލަށްދާ ކުއްޖަކު، ކަމަކާއި ހިޔާލެއް ކުރުމުން، އެ ކުރެވުނީ ކުށެއްކަމަށް ދެއްކުމަކީ، ޒުވާން ޖީލުތަކަށް ދެވޭ ގޯސް މެސެޖެކެވެ. ކިޔަވަމުންދާ ކުއްޖަކު ކުރަމުންދާ ހިޔާލުތަކަށް ޖާގަދޭންޖެއެވެ. ދެނެގަނެ، ހިޔާލުތައް ފުނޑުފުނޑު ކުރުމުގެ ބަދަލުގައި އިތުރަށް ބިނާ ކުރުމަށް އެހީ ފޯރުކޮށްދޭންޖެހެއެވެ. ދުނިޔެ ކުރިއަރައިގެން އައިސްފައިވަނީ އެކި ފޮނި ހިޔާލުތަކުގެ މައްޗަށް ބިނާވެގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: