އާރަށު މައްސަލައިގެ ދިފާއީ ވަކީލުން ހެކިވެރިޔާ އަބްދުﷲ ރަޝީދަށް ވަކި ގޮތަކަށް ޖަވާބު ދިނުމަށް އިޝާރާތްކުރައްވާކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ ވަކީލުން ތުހުމަތުކޮށްފި އެވެ.
ވ އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތްތައް ކުރިއަށް ދިޔަ ވަގުތު، ދައުލަތުގެ ވަކީލުންގެ ފަރާތުން ހެކިވެރިޔާ އަބްދުﷲ ރަޝީދަށް ފުރައްސާރަ ކުރާ ގޮތަކަށް ސުވާލުތައް ކުރެވެމުންދާކަމަށް ބުނެ، ބައެއް ސުވާލުތަކަށް ދިފާއީ ވަކީލުންވަނީ އިއުތިރާޒު ކުރައްވާފައެވެ.
ދިފާއީ ވަކީލުން އިތުރާޒު ކުރެއްވީ، ޔޫސުފް ނައީމާއި ފައިސާ ހަވާލު ކުރުމަށް ފަހު، ހަވާލު ކުރި ކަމުގެ ލިޔެކިއުން ރައީސް ޔާމީނާއި ހަވާލު ކުރުމަށް ހެކިވެރިޔާ އެ މަނިކުފާނާއި ބައްދަލު ކުރި ތަނުގެ ކުޑަ ބޮޑު މިނާއިމެދު ކުރި ސުވާލަކަށެވެ. ހެކިވެރިޔާ ވަނީ އެ ތަނުގެ ކުޑަ ބޮޑުމިން އެނާއަށް ނޭނގޭކަމަށް ބުނެފައެވެ.
ހެކިވެރިޔާއަށް ފުރައްސާރަ ކުރާކަމަށް ބުނެ، ދައުލަތުގެ ސުވާލަށް ދިފާއީ ވަކީލުން އިއުތިރާޒް ކުރި ނަމަވެސް، މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ޝަރީއަތް ކުރިއަށް ގެންދިއުމަށް ނިންމައި، ދައުލަތުގެ ފަރާތުން ކުރި ސުވާލަށް އިނގޭ މިންވަރަކަށް ތެދު ބަހުން ޖަވާބު ދިނުމަށް އިރުޝާދު ދެއްވާފައެވެ.
ގާޒީ ޝަކީލުގެ އިރުޝާދާއި އެކު، ދައުލަތުން ހެކިވެރިޔާއާއި ދެން ކުރެވުނު ސުވާލަށް ވެސް ދިފާއީ ވަކީލުންވަނީ އިއުތިރާޒު ކުރައްވާފައެވެ. އަދި އެއް ސުވާލެއް އެހެން ގޮތަކަށް އޮޅުވާލައިގެން ތަކުރާރު ކުރުމަކީ ވެސް ފުރައްސާރަ ކުރުން ކަމަށް ދިފާއީ ވަކީލުން ބުންޏެވެ.
ރައީސް ޔާމީނާއި ޔޫސުފް ނައީމްގެ ދިފާއީ ވަކީލު ވެސް ވަނީ ދައުލަތުން ކުރި ސުވާލަށް އިއުތިރާޒު ކުރައްވާފައެވެ. އަދީ ގާޒީ ޝަކީލު ވަނީ ހެކިވެރިޔާއަށް ރައީސް ޔާމީން ޔޫސުފް ނައީމް އަތުން ޑޮލަރު ބައްލަވައިގަތްކަން އެނގިފައި ވަނީ ކިހިނަކުންތޯ ބަޔާންކޮށްފައިވާކަމަށް އިޝާރާތްކުރައްވާ، ދައުލަތުން ކުރާ ސުވާލުތައް ތަކުރާރު ނުކުރުމަށް އިރުޝާދު ދެއްވާފައެވެ.
ނަސޭހަތްތެރިވުމަށްފަހު، ޝަރީއަތް ކުރިއަށް ގެންދިއުމަށް ގާޒީ ޝަކީލު ވިދާޅުވުމާއިއެކު، ދައުލަތުގެ ވަކީލުން ވަނީ، ދިފާއީ ވަކީލުންނަށް ތުހުމަތު ތަކެއް އަމާޒު ކުރައްވާފައެވެ. އެގޮތުން ހެކިވެރިޔާއަށް ސުވާލުތަކަށް ޖަވާބު ނުދީ މަޑުކުރުމަށް އިރުޝާދު ދެމުންދާކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ. ވަކި ގޮތަކަށް އަމަލު ކުރުމަށް ހެކިވެރިޔާއަށް އިޝާރާތް ނުކުރުމަށް އަންގަވައިދެއްވުމަށް ދައުލަތުގެ ވަކީލުން ގާޒީ ޝަކީލުގެ ގާތުން އެދުމާއި އެކު، ގާޒީ ވަނީ، ހެކިވެރިޔާ އެންމެހާ ނުފޫޒުން އެއްކިބާވެ ހުރެ، ވަކި ފަރާތަކާއިމެދު ވިސްނުމަކާއި ނުލައި އިނގުނު މިންވަރަކުން ތެދުބަހުން ޖަވާބު ދިނުމަށް އިރުޝާދު ދެއްވާފައެވެ.
ދައުލަތުގެ ވަކީލުންގެ ތުހުމަތުތަކާއިއެކު، ދިފާއީ ވަކީލުންވަނީ، ގާޒީއަށް އެފަދަ ކަމެއް ފާހަގަވެފައިވޭތޯ ނުވަތަ ނުވޭތޯ ރެކޯޑެއްގެ ގޮތުގައި ދެންނެވުމަށް އެދިލައްވާފައެވެ. ގާޒީ ޝަކީލު ވިދާޅުވީ، ޝަރީއަތުގެ މަޖިލީހުގައި އެފަދަ ކަމެއް ފާހަގަކުރެއްވިއްޖެ ނަމަ، ހުއްޓުވާނެކަމަށެވެ. އަދި އެންމެހާ ބައިވެރިންގެ ހަރަކާތްތައް ބައްލަވަމުންދާކަމަށް ވެސް ގާޒީ ޝަކީލު ވިދާޅުވިއެވެ.

