މޯލްޑިވްސް ޑިވަލޮޕްމަންޓް އެލައިންސް (އެމްޑީއޭ)ގެ ރައީސް އަޙްމަދު ޝިޔާމަކީ އެކޮނޮމިސްޓެއްކަމަށާއި ރައީސް އަބްދުﷲ ޔާމީނަށް އެ ހުނަރާއި ޤާބިލްކަން ދެއްވީ ޝިޔާމްކަމަށް އެމްޑީއޭގެ ނައިބު ލީޑަރ އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.
ސަންގު” ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ އެ ޕާޓީގެ ރައީސް އަޙްމަދު ޝިޔާމަކީ އެކޮނޮމިސްޓެއްކަމަށާއި 2013 ވަނަ އަހަރު ކުރި ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މި ޤައުމަށް ތަރައްޤީ ގެނައީ ޝިޔާމްގެ ވިސްނުންފުޅާއި ކުޅަދާނަކަން ރައީސް ޔާމީނަށް ދެއްވައިގެން ކަމަށެވެ.
“އަޅިގަނޑުމެންގެ ރައީސް އަޙްމަދު ޝިޔާމަކީ އެކޮނޮމިސްޓެއް. އޭގެ ތަޖުރިބާ ހުރި އެމނިކުފާނު ޤާބިލުކަން އެމަނިކުފާނުގެ ޢަމަލުން ދައްކާފަހުރި ބޭފުޅެއް. އެ ޤާބިލްކަމާއި އެ ވިސްނުންފުޅާ ކުޅަދާނަކަން ރައީސް ޔާމީނަށް ދެއްވައިގެން އެ މަސައްކަތް ކުރެއްވީ. “ މައުރޫފް ވިދާޅުވިއެވެ.
މައުރޫފް އިތުރަށް ވިދާޅުވީ އެ ކަމުގެ ސަބަބުން ރާއްޖެއަށް ލޯނުތައް ލިބުން ފަސޭހަވެގެން ދިޔަކަމަށާއި ރާއްޖޭގެ އިޤްތިޞާދުވެސް ރަނގަޅު ވެގެން ދިޔަކަމަށެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ އަރިހުގައި އިޚްލާސްތެރިކަމާއެކު ޝިޔާމް ހުންނެވި ކަމަށާއި ސަރުކާރު ދިފާޢުކުރުމަށް އެމްޑީއޭއިން ވަރަށް މަސައްކަތް ކުރެއްވިކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ.

