މި ދައުރު ނިމޭ އިރުވެސް ނޫސްވެރިންގެ އެއްމެ ބޮޑު އެއްކަންބޮޑުވުން ކަމުގައިވާ މަސްދަރު ހާމަކުރަންޖެހޭނެކަމަށް ބުނެ ޤާނޫނަށް ގެނެވުނު ބަދަަލަށް އިޞްލާހު ގެނެވޭނެކަމުގެ ޔަޤީންކަމެއް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދަކަށް ނުދެވުނެވެ.
ނޫސްވެރިންލިޔާ ލިޔުންތަކުގެ މަސްދަރުހާމަކުރަން ކޯޓަަށް އެންގޭ ގޮތަށް ހެއްކާ ބެހޭ ގާނޫނުގައި ދާދިފަހުން ކަނޑައަޅާފައިވާ މާއްދާ ބަދަލުކުރަން އަލުން މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް ރޭ ބޭއްވުނު ބްރޯޑް ކާސްޓިން ކޮމިޝަނުގެ ފުރަތަމަ ބްރޯޑްކާސްޓިން އެވޯޑްގެ ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ނޫސްވެރިންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ސުވާލުކުރުމަށް ލިބުނު ފުރުޞަތުގައި “ސަންގު“ޓީވީގެ ނޫސްވެރިޔާވަނީ މި އިޞްލާހު ހުށަހެޅޭނީ ކޮން ދުވަހަކުންތޯއާއި ދައުރުނިމޭއިރު، މި އިޞްލާހު ފާސްކުރެވޭނެތޯ ނޫސްވެރިޔާ ވަނީ ސުވާލުކޮށްފައެވެ.
“ރައީސް ޞާލިހު ވިދާޅުވި ނޫސްވެރިންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް މި ހެއްކާ ބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ސަބަބުން ހުރިކަމަށް. ސުވާލަކީ މި ޤާނޫނު ތަސްދީޤު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި އިރު ސަރުކާރަށް ނުވަތަ އެމަނިކުފާނަށް އެނގިލައްވާފަނެތީތޯ؟ ދެން ދައުރުހަމަވަން ކުޑަ ދުވަސްކޮޅެއް އޮތް އިރު މި މުއްދަތުގެ ތެރޭގައި ޤާނޫނު އިޞްލާހުކުރެވިގެންދާނެކަމަށް ޤަބޫލު ކުރައްވަންތޯ؟ “ނޫސްވެރިޔާ ސުވާލުކުރެއްވިއެވެ.
ނޫސްވެރިޔާގެ ސުވާލަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ، ވަރަށް އަވަހަށް އެ ޤާނޫނަށް އިޞްލާޙު ގެނެވިގެން ދާނެކަމަށް އުއްމީދުކުރި ނަމަވެސް ސީދާ ކަނޑައެޅިގެން ވަކި ދުވަހެއް ބުނަން ނޭނގޭކަމަށެވެ.
“ސީދާ ކޮންދުވަހަކުން ކަމެއް އަޅުގަނޑަށް ދަންނަވާލަން ދަތި، އެމަސައްކަތް ކުރިއަށްދާނެ، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެ އިޞްލާހު ގެނެވިގެންދާނެކަމަށް އަޅުގަނޑުމެން މި އުއްމީދުކުރަނީ . ދެން ހެއްކާބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގެ ށ ގެންނަންޖެހޭ އިޞްލާހުތައް ގެނައުމަށް ކުރަންޖެހޭ ކަންތައްތަކާމެދު މިހާރުވެސް މަޝަވަރާކުރެވެމުންދާނެ“ މިއުވާން ވިދާޅުވިއެވެ.
ހެއްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާ މިހާރު އޮތް ގޮތުން ޓެރަރިޒަމްގެ މައްސަލަތަކާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލަތަކުގައި މަސްދަރު ހާމަކުރުމަށް ކޯޓަކަށް ނޫސްވެރިންނަށް މަޖުބޫރު ކުރެވިދާނެ އެވެ. މިގޮތަށް މަސްދަރު ހާމަކުރުމަށް އެދި ދައުލަތަށާއި ދައުވާ ލިބޭ މީހާއަށް ވެސް ހުށަހެޅޭނެ އެވެ. އެ ހުށަހެޅުން ދަށު ކޯޓުތަކަށް ވެސް ހުށަހެޅޭނެ އެވެ.
އެ ހާލަތުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކެއް މަދަނީ މިންގަނޑުން ސާބިތުވާނަމަ, މަސްދަރު ހާމަކުރުމަށް ނޫސްވެރިޔާއަށް މަޖުބޫރު ކުރެވޭނެ ކަމަށް ގާނޫނުގައިވެ އެވެ. އެމްޖޭއޭގެ އެންމެ ބޮޑު ކަންބޮޑުވުމަކީ, ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން ބަޔާންކޮށްފައި ނެތުމާއި ގައުމީ ސަލާމަތުގެ މައްސަލަތައް ފުޅާ ގޮތެއްގައި ގާނޫނުގައި ހިމަނާފައިވުމެވެ. އަދި, ދައުވާ ލިބޭ މީހާއަށް ވެސް މަސްދަރު ހާމަކުރުމަށް ހުށަހެޅެން އޮތުމާއި މަދަނީ މިންގަނޑުން އެކަން ސާބިތު ކުރުމަށް ހިމަނާފައިވުމަކީ ވެސް ކަންބޮޑުވުމެކެވެ.

