ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރުޅި އަޔަސް، ނަޝީދު ހުންނެވީ ބަރުލަމާނީ ނިޒާމު ގެނައުމުގެ މަސައްކަތް ހުއްޓާލާ ގޮތަކަށް ނޫން!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން، ބަރުލަމާނީއަކަށް ބަދަލު ކުރާ މަސައްކަތް ހުއްޓާލާފައި ނުވާކަމަށް އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް، ރާއްޖެއަށް އެ ނިޒާމު ގެނައުމަށް މަސައްކަތް ކުރައްވާ ރައީސް ނަޝީދު އެކަމާއި ބެހޭ ގަރާރެއް ނިމިދިޔަ އެމްޑީޕީގެ ކޮންގްރެސްއަށް ވެސް ހުށަހެޅި އެވެ. ނަމަވެސް އެ ހުށަހެޅުމެއް އެއްވެސް ތާއީދެއް ނެތުމާއި، ފާޑުކިއުންތަކާއި އެކު ރައީސް ނަޝީދު އެންމެ ފަހު ވަގުތު ގަރާރު އަނބުރާ ގެންދެވީ މަޝްވަރާ ކުރުމަށްކަމަށް ވިދާޅުވެ އެވެ. އޭގެ ފަހުން ސަރުކާރުގެ ހިންގުމުގެ ނިޒާމާއި ގުޅޭގޮތުންނާއި، ބަރުލަމާނީއާއި ގުޅޭ ގޮތުން ވާހަކަ ނުދައްކަވައި ހުންނެވުމަށް ފަހު ރައީސް ނަޝީދު އައްޑޫއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެކަމައި ބެހޭ ވާހަކަތައް ވަނީ ދައްކަވާފަ އެވެ.

ރައީސް ނަޝީދު ގަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގައި އޮތީ މަސްހުނިވެފައިވާ ނިޒާމެކެވެ. އޭގެ ސަބަބުން ރާއްޖޭގެ ގާނޫނު އަސާސީ ރަނގަޅަށް ތަންފީޒު ނުކުރެވޭކަމާއި، ވަޒީރުން ޖަވާބުދާރީ ކުރުވައި ކޮރަޕްޝަންތައް ހުއްޓުވުމުގައި ދަތިތަކެއް ދިމާވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވެ އެވެ. އަދި އެމްޑީޕީއަކީ ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުމަށް ބޭނުންވާ ޕާޓީއެއްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެގޮތަށް މަސައްކަތް ކުރެވޭނީ ހަމައެކަނި ބަރުލަމާނީއެއްގައި ކަމަށެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް، 2024 ގެ މަޖިލީހުގެ އިންތިހާބަށް ފަހު އިންތިހާބުވާ މެމްބަރުންއިން ސަރުކާރު އެކުލަވާލުމަށް ރައީސް ނަޝީދު ބޭނުންފުޅު ވީ ނަމަވެސް އެއީ އެއަށް ވުރެ ފުޅާ މައުޟޫއެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅެވެ އެވެ. އަދި ރައްޔިތުންގެ ބަހެއް ނެތި، ނިޒާމު ބަދަލު ނުކުރެވޭނެކަމާއި، އެ ހަރަދު ހިންގުމަށް ބޮޑު ބަޖެޓެއް ބޭނުންވާނެކަމަށް ފާހަގަކޮށް ރައީސް ސޯލިހު ވަނީ ރައީސް ނަޝީދުގެ ވިސްނުންފުޅަށް ދެކޮޅު ހައްދަވާފަ އެވެ. ރައީސް ސޯލިހާއި އެކު އެމަނިކުފާނާއި އަރިސް މެމްބަރުން ވެސް ވަނީ ރައީސް ނަޝީދުގެ ހުށަހެޅުންތަކާއި، ބަރުލަމާނީ ނިޒާމާއި ގުޅޭގޮތުން ދައްކަވާ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ރިޔާސީ ނިޒާމާއި އެކު އަނެއްކާވެސް ކުރިޔަށް ދާނަމަ އޭގެ ސަބަބުން ލިބޭނީ ގެއްލުންކަން ފާހަގަކޮށް ރައީސް ނަޝީދު ރޭ ވިދާޅުވީ އެއީ ގައުމު ހިންގުމަށް އޮތް ހައްލެއް ނުވަތަ މަގެއް ވެސް ނޫން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ކުރާ މަސައްކަތް ދޫ ނުކުރައްވާކަމަށާއި، އެ މަސައްކަތް ހުއްޓާނުލައްވާނެ ކަަމަށެވެ. އަދި އެ މަސައްކަތް ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ މިވަގުތު 2023 ގެ އިންތިހާބަށް ވުރެ، ބަރުލަމާނީ ނިޒާމެއް ގެނައުން މުހިންމު ކަމަށެވެ.

“ތި ބޭފުޅުން އަޅުގަނޑުދެކެ ރުޅި އަންނާނެ، އަޅުގަނޑަށް ފެންނަ ފެނުމުގައި ނިޒާމު ބަދަލުކުރުމުގެ މަސައްކަތް އަޅުގަނޑު ކުރާނެ. ދެން އަޅުގަނޑު ދެކޭނީ އަޅުގަނޑު ކާމިޔާބު ވާނެކަމަށް. އަޅުގަނޑު ދެކޭނީ ރިޔާސީ އިންތިހާބަށްވުރެ މުހިންމުވެގެން އަންނަން ޖެހޭނީ ޕާލިމެންޓްރީ އިންތިހާބުކަމަށް” ރައީސް ނަޝީދު

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމެރީގައި ވާދަ ކުރާނަންތޯ އާއްމުންގެ ފަރާތަކުން ސުވާލު ކުރި ނަމަވެސް ރައީސް ނަޝީދު އެ ސުވާލަށް ޖަވާބު ނުދެއްވި އެވެ. އަދި ބަރުލަމާނީ ނިޒާމުގެ ވާހަކަ ދެއްކެވީ، އޭނާ ދެވަނަ ފަހަރަށް ފުރުސަތެއް ހޯދައި ސުވާލު ތަކުރާރު ކުރުމުންނެވެ.

އެންމެ ފަހުން އެމްޑީޕީ އޮފީހުގައި ބޭއްވި ޕްރެސްގައި ނޫސްވެރިން އެ ސުވާލު ކުރުމުން ވެސް ރައީސް ނަޝީދު އެއްވެސް ޖަވާބެއް ނުދެއްވި އެވެ. ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ގެންނާނެކަމަށާއި، އެކަން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮއްވައި ޕްރައިމެރީއަކާއި މެދު ނުވިސްނަވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: