ދިވެހިރާއްޖޭގެ ފަންނުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ބާ ކައުންސިލާއި ގުޅުންހުރި އިސްލާހުތަކެއްް ހުށައަޅައިފިއެވެ.
ދިވެހިރާއްޖޭގެ ފަންނުގެ ގާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލު މަޖިލީހަށް ހުށައަޅުއްވައި ދެއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީއެވެ.
ބިލު ހުށައަޅުއްވަމުން މެމްބަރު ޔޫނުސް ވިދާޅުވީ ދިވެހިރާއްޖޭގެ ފަންނުގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގަނައުމަށް ހުށައަޅާ ކަންކަން ހިމެނުމެވެ. އޭގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި:
– ދިވެހި ރާއްޖޭގެ ބާ ކައުންސިލް ހިންގޭނެ ފަދަ ގޮތަކަށް ބާ ކައުންސިލް ހިންގުން ބައްޓަންކުރުމަށްޓަކައި އެކައުންސިލަށް އާމްދަނީ ހޯދޭނެ އިތުރުގޮތްތައް ގާނޫނުގައި ބަޔާންކުރުމާއި ގާނޫނީ ވަކީލުންގެ ހުއްދައަށް އެދޭ ފަރާތްތަކުން، އެއް އަހަރުދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެ ގާނޫނުގައި ލާޒިމްކޮށްފައި އޮތް އޮތުން ބަދަލުކޮށް ދުނިޔޭގެ އެހެން ގައުމުތަކުގައި ގާނޫނީ ވަކީލުންގެ ހުއްދަ ދިނުމުގެ ކުރިން ފުރިހަމަކުރާ ތަމްރީނުތައް ކުރިއަށްގެންދާނެ ގޮތް ރިއާޔަތްކޮށް، ދިވެހިރާއްޖޭއަށް އެންމެ އެކަށޭނެ ތަމްރީނުގެ ނިޒާމެއް އެކުލަވާލާ ތަންފީޒްކުރުމަށް ބާރުއަޅާ ބާ ކައުންސިލަށް އެބާރު ލިބިދިނުން.
– ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އަމަލުކުރަން ފެށިއިރު، ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެގާނޫނުގެ 31 ވަނަ މާއްދާގެ (ހ) ގެ ދަށުން ހިންގާފައިވާ ހާއްސަ ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށް އިމްތިހާނެއްގައި ބައިވެރިވުމަށް ފަހު އެމާއްދާގެ (ރ) ގެ ދަށުން ގާނޫނީ ވަކީލުކަމުގެ ހުވާކޮށްފައިވާ ފަރާތްތަކުން ބާ އިމްތިހާނު ހަދައި އަލުން ހުވާކުރަންޖެހޭނެ ކަމުގައި އެމާއްދާގެ (ބ) ގައި ބަޔާންކޮށްފައި އޮތް އޮތުމުގެ ސަބަބުން އެފަދަ ފަރާތްތަކުން ދެމަރުހަލާއެއްގައި ތަމްރީން ފުރިހަމަކުރުމަށް ލާޒިމްވާތީ އެއީ އެފަރާތްތަކަށް އެކަށީގެންނުވާ ބުރައާއި އިތުރު ތަކުލީފް ކުރިމަތިލާންޖެހޭ ކަމެއްކަމުން އިތުރު ތަމްރީނެއްހަދައި ހުވާކުރަން އެފަރާތުގެ މައްޗަށް ލާޒިމްނުކުރުން.
މީގެ އިތުރުން ގާނޫނީ ވަކީލުންގެ ސުލޫކީ ޝަކުވާގެ ގޮތުގައި ބާ ކައުންސިލަށް ހުށައެޅޭ ޝަކުވާގެ ބާވަތްތައް ގާނޫނުގައި އިތުރަށް ތަފްސީލުކޮށް ބަޔާންކުރުން ހިމެނެއެވެ.

