މާލޭގައި ވިޔަފާރި ބަނދަރަކަށް އެކަށީގެންވާ ޖާގައެއް ނެތް ކަމަށާއި އަދި ބަނދަރު ބޮޑު ކުރެވެން ވެސް ނެތް ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް 36 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރުގެ ދަތިކަން މިހާރުވެސް ވަރަށް ބޮޑު ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ފެންވަރުރަނގަޅު ހިދުމަތް ދިނުމުގައި ގިނަގުނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
އޭގެތެރޭގައި ބޭރުން ގެންނަ މުދާ ވިޔަފާރިތަކާއި ހަމައަށް ފޯރުކުރުމުގައި ގިނަވަގުތު ހޭދަވާ ކަމަށާއި އެކަމަކީ އެކްސްޕޯޓަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެއްގައުމު އަނެއް ގައުމާ ގުޅުވައިދޭ މައިފާލަމީ ބަނދަރުތައް ކަމަށެވެ. އެގޮތުން މުޅި ދުނިޔެއަށް ބަލާއިރުވެސް ތަރައްގީ އާއި އިގްތިސާދުގެ ބަހާތައް އެއްބައްރުން އަނެއް ބައްރަށް، އެއްގައުމުން އަނެއް ގައުމަށް ހިޖުރަކޮށްފައިވަނީ ބަނދަރުތަކުގެ ޒަރީޔާއިން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
މިޒަމާނަކީ ބަނދަރުތަކުގެ ދައުރާއި ޒިންމާތައް މުޅިން ތަފާތު ޒަމާނެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑ (އެމްޕީއެލް) އިން މިއަދު ފާހަގަކުރާ 36 އަހަރަކީ ރާއްޖެއާއި މާލޭގެ ވިޔަފާރިބަނދަރުގެ ތާރީހަށް ބަލާއިރުގައި ވެސް މާހަގު މުނާސަބަތެއް ކަމަށް ރައީސް އެމްސާލިހު ވިދާލުވިއެވެ. ރައީސް ވިދާޅުވީ އެމްޕީއެލް 1986 ގައި އުފެދުނު ކަމަށްވީނަމަވެސް ރާއްޖޭގައި ބަނދަރުގެ ހިދުމަތް ދެމުންގެންދާތާ އެއަށްވުރެ މާގިނަދުވެސް ވެފައިވާ ކަމަށެވެ.
ރާއްޖޭގެ އިގްތިސާދު ކުރިއަރައި ރާއްޖެއަށް އެތެރެކުރާ މުދާ އިތުރުވަމުން ދިޔަ މިންވަރާ ގާތަށްވެސް ރާއްޖޭގެ ވިޔަފާރި ބަނދަރު ތަރައްގީވަމުން އައިސްފައިނުވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ވިޔަފާރި ބަނދަރު ތަރައްގީ ނުވާކަމަކީ އެމްޕީއެލްގެ ވެރިންނާއި މުވައްޒިފުންނާއި ދިވެހި ކޮންމެ ރައްޔިތަކު ގަބޫލު ކުރާ ހަގީގަތެއް ކަމަށާއި ހުދު އެމަނިކުފާނުވެސް އެކަން ގަބޫލުކުރައްވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ވިޔަފާރި ބަނދަރު ތަރައްގީނުވެ އޮތީ ދުރުރާސްތާގެ ޕްލޭންއެއް ނެތި އެވަގުތަކު ޖެހޭ ކަމެއް ހައްލު ކުރުމަށް ބަނދަރަށް ގެންނަން ޖެހުނު ބަދަލުތައް ގެނައުމުގެ ސަބަބުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ވިޔަފާރި ބަނދަރު ތަރައްގީ ނުވެ އޮތުމަކީ މުޅިރާއްޖޭގެ އިގްތިސާދަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
އިންޑިއާ ކަނޑުގައި ރާއްޖެ އޮތް ތަނުގެ ގޮތުން ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރުގެ ސިނާއަތުން ރާއްޖެއަށް ބޮޑު ފައިދާއެއް ހާސިލް ކުރެވޭނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
މީގެ 4 އަހަރު ކުރިން ސަރުކާރު ހިންގުމާއި ހަވާލުވިއިރު މާލޭގެ ވިޔަފާރި ބަނދަރު އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށާއި އެކަށީގެންވާ ގޮތެއްގައި ހިދުމަތް ދިނުމަށް ބަނދަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ.


One Response
ގުޅީފަޅަކީ ހުރިހާ މޫސުމެއްގައިވެސް އެތެރެ ރީތިކޮށް އޮންނަ ގުދުރަތީ ބަނދަރެއް. ގުޅީފަޅުގައި މުދާ އަރުވާ ބޭލޭނެ ޓާމިނަލެއް ހަދާފައި ބްރިޖުން މާލެއާ ގުޅުވާލީމަ އެކަން އެހައްލު ކުރެވުނީ. އުއްމީދަކީ ބްރިޖު ވީހާވެސް އަވަހަކަށް ގުޅީފަޅާއި ހަމަޔަށް ފޯރުން، އޭރުން މާލޭގެ ތޮއްޖެހުމަށް ބޮޑު ހައްލެއް އަންނާނެ ކަމަށް މިބަލަނީ