ވަގުތާއި ހާލަތައް ރިޔާއަތްކޮށް، ޖިހާދުގެ ކަމަރު ބަނދުން ދިވެހިންނަށް ވާޖިބުކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަސް ފާހަގަކުރާއިރު، މިއީ ހިތްދަތި ބަނަ ދުވަސްތަކެއްގެ ގޮތުގައި ފާހަގަކުރައްވައި އެންމެ ފުރަތަމަ ޓުވީޓު ކުރެއްވީ އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ގިނަ ދުވަސްތަކަށް ފަހު މިއަދު ކުރެއްވި ޓުވީޓުގައި ރައީސް ޔާމީން ވިދާޅުވީ ހަނދާނަށް އަންނަނީ ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދުގެ މަތީންކަމަށާއި އެހެން ނަމަވެސް ދުވަސް ފާހަގަކުރަން ޖެހިފައި ވަނީ ބަނަވެ ނާމާން ވަމުންދާ ދުވަސްތަކެއްގެ ހިތްދަތިކަމާއި އެކު ކަމަށެވެ.
ރައީސް ޔާމީންގެ ޓުވީޓު ނިންމާލަމުން ވިދާޅުވީ، މިއަދު ލޮލުން ފާދާލަނީ ފުން އަސަރުގެ ކަރުނަ ކަމަށެވެ. މި ޓުވީޓަށް ތާއީދު ކުރައްވައި، އެމަނިކުފާނުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ހޯދުމަށްޓަކައި ބޮޑު ތަކުރުފާނުގެ ޖިހާދުން އިބުރަތް ލިބިގަނެ، ޒަމާނާއި ވަގުތާއި ހާލަތައް ރިއާޔަތްކޮށް، ގައުމީ ޖިހާދުގެ ކަމަރު ބަނދެގެގެން ނިކުންނަން ޖެހޭ ކަމަށެވެ.
Raajjeyge siyaadhathee minivankan hoadhumattakai, Boduthakurufaanuge jihaadhun iburaiy libigane, zamaanaai vaguthaai haalathah riaayaiykoh, qaumee jihaadhuge kamaru ban'dhe, athaa athugulhaalaigen, badhahi safehge gothugai nikuthumah mivanee Dhivehinge machchah vaajibuvefaeve. https://t.co/XthhXqGOtZ
— Adam Shareef Umar (@Adamshareefz) September 27, 2022
އާދަމް ޝަރީފް ވިދާޅުވީ މިއަދު އެންމެން މަސައްކަތް ކުރަން ޖެހިފައި ވަނީ އަތާއި އަތް ގުޅުވައިގެން ކަމަށެވެ. އަދި ބަދަހި ސަފެއްގެ ގޮތުގައި ނިކުތުމަށް ދިވެހިންގެ މައްޗަށް ވާޖިބުވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމީ ދުވަސް ފާހަގަ ކުރާއިރު، އިދިކޮޅުން ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިއުންތައް އަމާޒު ކުރަމުން ދަނީ ގައުމުގެ މިނިވަންކަމާއި ގުޅުވަ އެވެ. ހާއްސަކޮށް އިންޑިއާއި އެކު ބާއްވާ ގުޅުމާއި، އެކުލަވާލާ ގޮތް ނޭނގޭ އެއްބަސްވުންތަކާއި އޭގެ ދަށުން ރާއްޖޭގައި އިންޑިއާގެ ސިފައިން އުޅެމުންދާކަމުގެ ތުހުމަތުކޮށްފައި ވެއެވެ.

