ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީ މަގުން ގަސްކަނޑާ މައްސަލަ މަޖިލީހަށް!

ހެންވޭރު ހުޅަންގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމީނީ މަގުހެދުމުގައި މަގުގައި އިންދާފައިހުރި ގަސްތައް ކަނޑާތީ ރައްޔިތުންގެ ކަންބޮޑުވުން އެކަމުގައި އޮތުމުން އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ.

މައްސަލަ ހުށައެޅުއްވީ ހެންވޭރު ހުޅަގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެވެ. މަޖިލީހަށް މައްސަލަ ހުށައެޅުއްވަމުން ހަސަން ލަތީފް ފާހަގަކުރައްވާފައިވާ ކަންކަމުގެ ތެރޭގައި މާލެއަކީ ހިތް ފަސޭހަ ތަނަކަށް ހެދުމަކީ އެމްޑީޕީގެ ވައުދެއްކަމަށާއި އެކަން ޖަޒީރާ މެނިފެސްޓޯ ގައި ހިމެނިފައިވާނެކަމަށް ވެއެވެ.

އަމީނީ މަގުގެ ގަސްތައް ނުކަނޑައި ހުރި ހިސާބުތަކާއި މާލޭގެ އެހެން މަގުތައްވެސް ރަނގަޅު ފެންވަރަކަށް ހަދާއިރު، ގުދުރަތީ ރީތިކަމާއި ހިތްފަސޭހަކަން ނުގެއްލޭނެހެން އެ މަގުތަކުގައި ހުރި ގަސްތައް ނުކަނޑައި އެމަގުތައް ހެދުމުގެ މުހިއްމު ކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން މައްސަލަ ހުށައަޅުއްވަމުން ހަސަން ލަތީފް ވިދާޅުވެފައިވަނީ މަގުތައް ހެދުމުގައި މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމުގެ މަފްހޫމް ނުގެއްލޭނެ ހެން މަސައްކަތް ކުރުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.

އަމީނީ މަގުގެ މަސައްކަތް ކުރަންފަށާފައިވާއިރު މަސައްކަތްކުރަމުންދާ ހިސާބުގައި ހުރި ހިޔާދޭ ބޮޑެތި ގަސްތައް ކަނޑާލާފައިވާ ކަމަށާއި އެކަމަކީ ކަންބޮޑުވާ ކަމެއްގެ އިތުރުން އަމީނީ މަގުގައި ހަދަން ނުފަށައި އޮތް ބާކީ ބައިގައި ހުރި ގަސްތައް ކަނޑާލާނެ ސުވާލު އުފެދޭ ކަމަށް ވެސް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

މާލޭގެ އެހެން މަގުތައް ރަނގަޅު ފެންވަރަކަށް ހަދާއިރު  އެމަގުތަކުގައި ހުރި ގަސްތައް އަމީނީމަގެކޭ އެއް އުސޫލުން ކަނޑާލާނެތޯ އާއި މާލޭގެ މަގުތައް ހެދުމަށް ކިހައި ގަހެއް ކަނޑަން ސަރުކާރުން ޕްލޭންކޮށްފައިވޭތޯ ވިދާޅުވެ ހަސަން ލަތީފް ވަނީ ސަރުކާރަށް ސުވާލު ކުރައްވާފައެވެ.

މީގެ އިތުރުން ގަސްތައް ނުކަނޑައި މަގު ނުހެދެނީތޯ އާއި ކަނޑާފައިވާ ގަސްތަކަކީ ކޮންމެހެން ކަނޑަންޖެހިގެން ކަނޑާފައިވާ ގަސްތަކެއްތޯ ވިދާޅުވެ ރައްޔިތުން އެކަމުގެ ޝަކުވާ ކުރަމުންދާ ކަމަށް ހަސަން ލަތީފްވަނީ ވިދާޅުވެފައެވެ.

ރަށެއް ނުވަތަ ތަނެއް ހިތްފަސޭހަވުމަށް މެދުވެރިވާ އެންމެ މުހިއްމު ސަބަބަކީ ގުދުރަތީގޮތުން އެތަނެއް އުފެދިފައިވާ ގޮތަށް ބޮޑެތިބަދަލު ނުގެނެސް އެތަނެއް ތަރައްގީ ކުރުމުން ލިބޭ ހިތްހަމަޖެހުމާއި ފަސޭހަކަން ކަމަށްވާއިރު، އެކަން އެގޮތަށް ކުރުމަކީ ޖަޒީރާ ރާއްޖެ މެނިފެސްޓޯގެ އަސާސް ކަމަށް ވެސް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

ހަސަން ލަތީފްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އަމީނީ މަގުގައި ހުރި ގަސްތައް ކެނޑުމުގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ހުސްވި ހަފްތާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި  ރައީސް ނަޝީދު ވިދާޅުވީ ގަހެއް ރަނގަޅަށް ހެދިބޮޑުވުމަށް 15 ނޫނީ 20 އަހަރު ނަގާ ކަމަށާއި އެހެން ނަމަވެސް މަގެއް ހެދުމަށް ނަގަނީ ދެތިން މަސްކަމަށެވެ. އެހެންކަމުން ގަސްތައް ނުނަގައި މަގު ހެދޭނެ ގޮތެއް ހޯދުމަކީ ކޮންމެހެން ބޭނުންތެރިކަމެއްގެ ގޮތުގައި ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މަޝްރޫއުގައި ޝާމިލުވާ މާލެ ސިޓީ ކައުންސިލާއި އަދި އާރުޑީސީ ވެސް މިކަންކަމަށް ބައްލަވައިގެން ގަސްތައް ނުކަނޑައި މަގުތައް ހެދޭނެ ގޮތެއް ހޯދުން މުހިންމު ކަމަށެވެ.

މައްސަލަ އާއި ގުޅިގެން  އެމަނިކުފާނު ވިދާޅުވެފައިވަނީ މިއީ މާލޭގައި ދިރިއުޅެމުންދާ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުންކަމަށާއި، އެހެންކަމުން އެ ކުންފުނިންނާއި ސަރުކާރުންވެސް މިކަމުގައި އިތުރު ވިސްނުމަކަށް ވަޑައިގަންނަވާނޭކަމަށް އުއްމީދުކުރައްވާ ކަމަަށެވެ.

ނޫންނަމަ އެމަނިކުފާނަށް އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ޝަރީއަތަސް ދިޔުން ނޫން ގޮތެއް ނޯންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ގަސް ކެޑުމުގެ މައްސަލަ އާއި ގުޅިގެން ސިޓީ ކައުންސިލުގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އެންމެ ފުރަތަމަ އޮތް އެއްބަސްވުމުގައި ވެސް ގަސްތައް ކަނޑާލުމުގެ ވާހަކަތަކެއް ނެތް ކަމަށެވެ. އާރުޑީސީގެ މަޝްރޫއު އާއި ހަމައިން ގަސްތައް ކެނޑުމުގައި އެހީވުމަށް ހުށަހެޅުމުން ގަސް ނުކެނޑުމަށް އެދިފައިވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: