ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 27 އަހަރުގެ މުހައްމަދު އަޒްހާން މަރުވެފައިވާ ހަށިގަނޑު ފެނުނުކަމަށް ބުނާ މައްސަލައާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފިއެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަނިކޮށް، ހުޅުމާލޭގެ ގަސްތަކެއްގެ ތެރޭގައި އޮތް އަޒްހާންކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. ފުލުހުންވެސް ބުނެފައިވަނީ އެއީ އަޒްހާންގެ ހަށިގަނޑުކަމަށްވުން ވަރަށް ގާތްކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން މިއަދުގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައެޅުއްވީ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއެވެ. އާދަމް ޝަރީފްގެ ކުއްލި މައްސަލާގައި ވަނީ ގޮތްނޭނގޭ ގޮތަކަށް މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ މަރުގެ ތަހުގީގު ހަލުވިކުރުމަށާއި ގެއްލޭ މީހުން ހޯދުމުގައި ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުން ކުރުމަށާއި، ގޮތް ނޭނގޭ މަރުތައް އިތުރުވަމުންދާ މައްސަލަ ހައްލުކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލާފައެވެ.
މި މައްސަލަ މަޖިލީހުގެ ތަޅުމަށް ބަަލައިގަތްނަމަވެސް ރައްޔިތުންގެ ކަންބޮޑުވުން އޮތް މި މައްސަލަ ބަލައިނުގަތުމަށް 11 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
ކުއްލި މައްސަލައަށް ބަހުސްކުރުމުގެ ފުރުސަތުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ކަންބޮޑުވުން ފާޅުކުރެއްވީ އަޒްހާންގެ މަރަކީ އެއްވެސް ހެއްކެއް ގަރީނާއެއް ނެތް އާދައިގެ މަރެއްކަމުގައި ދޭހަވާފަދަ ގޮތަކަށް ފުލުހުންގެ ބަސް މަގު ހުރުމުންނެވެ. ފުލުހުން ބުނެފައިވަނީ މިހާތަނަށް ބެލި ބެލުމުން އަޒްހާން މަރާލީކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ލިބިފައި ނުވާކަމަށެވެ. ފުލުހުން ބުނެފައިވަނީ ކަން ހިނގައި ދިޔަ ގޮތް ބެލުމަށާއި، އެއީ ފެނުނު ހަށިގަނޑަކީ އަޒްހާންގެ ހަށިގަނޑުތޯ ޔަގީންކުރުމަށް ޕޯސްމޯޓަމް ހަދާނެކަމަށެވެ.
ހުޅުމާލެއިން، މާލެ ދިއުމަށް ދާ ހައިވޭ ފެށޭ ހިސާބުގައި ހުންނަ ވޯޓާ ތީމް ޕާކާއި ދިމާލު ބޯ ގަސްތަކުގެ ތެރެއިން ފެނުނު ހަށިގަނޑު ވަނީ ކާކުކަން ނޭނގޭ ވަރަށް ކުނިވެ ހަލާކުވެފަ އެވެ. އަދި މި ސަަރަހައްދަކީ، އެންމެ ފަހުން އަޒްހާން ފެނިފައިވާކަމަށް ފުލުހުން ބުނި ރެޑްބުލް ދަނޑާއި މާ ދުރު ނޫން ސަރަހައްދެކެވެ.
އާދަމް ޝަރީފް ވިދާޅުވީ ހަމަބުއްދިން ވިސްނައިފިނަމަ އަޒްހާން އެންމެ ފަހުން ފެނިފައިވާ ހިސާބު 15 ދުވަސް ވެގެން ދިޔައިރުވެސް ބަލައި ފާސްނުކުރެވުން ގަބޫލުނުކުރެވޭކަމަށެވެ.

