ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓު ޕްރޮޓެކްޓް އެންޑް ސާވް ކަމަށް ބުންޏަކަސް ނުނިމޭ!

ފުލުހުންގެ މުއައްސަސާއިން މުޒާހަރާއެއް ހުއްޓުވަނީ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ މުއައްސަސާގެ މޮޓޯއަކީ ޓު ސާވް އެންޑް ޓު ޕްރޮޓެކްޓް އެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި މި މޮޓޯއަކީ ދިވެހިން ފަހުރުވެރިކަމާއި އެކު ބަލައިގަތް ޝިޔާރަކަށްވީނަމަވެސް މިއަދު އެ ޝިޔާރު އިވުމުން ކުރެވޭ ސުވާލަކީ، އެ ބުނާ ގޮތަށް ހިދުމަތެއް ދީ ހިމާޔަތް ކުރަމުންދަނީ ކާކުތޯއެވެ.

ރާއްޖޭގެ ވެރިރަށް މާލޭގެ މަގެއް މައްޗަށް ނުކުމެއްޖެނަމަ، ފުލުހެއް ނުފެނިދާނީ މަދު ވަގުތެއްގައެވެ. އެހެން ނަމަވެސް ފެނިގެންދަނީ ރައްޔިތުންނާއި ނުބައްދަލު އަދި ގުޅުން ކުޑަ ބައެއްގެ ގޮތުގައެވެ. މުއައްސަސާގެ އެންމެނަކީ މި އުސޫލުގެ މަތިން އުޅެމުންދާ ބައެއް ކަމަށް ނުވީނަމަވެސް، މައިގަނޑުކޮށް މުއައްސަސާގެ ހާލަތު ހުންނަނީ މިފަދަ ގޮތަކަށެވެ. މުޅިންހެންވެސް ފެނިގެންދަނީ ނޭދެވޭ އަމަަލުތަކެެވެ. އިވެމުންދަނީ އަހަން ބޭނުން ނުވާ ވާހަކަތަކެވެ.

ފުލުހުންގެ ހިދުމަތަކީ ކޮންމެ ގައުމެއްގެ މުޖުތަމައަށްވެސް އިންތިހާއަށް މުހިންމު ހިދުމަތްތަކެއް ކަމަށްވާއިރު، މިއަދު ދިވެހިރާއްޖެއިން ފެނިގެންދަނީ އެހެން މަންޒަރެކެވެ. މަގުތައް މައްޗަށް ނުކުމެ ހުންނަ ޓްރެފިކް ފުލުސް މީހާއިން ފެށިގެން އެންމެ ހާއްސަ ޔުނިޓުތަކާއި ޖެހެންދެންވެސް ފެނިގެންދަނީ ރައްޔިތުންނަށްޓަކައި މަސައްކަތެއް ކުރުމުގެ ބަދަލުގައި ބޮޑު މުސާރައެއް ގެއަށް ގެންދިއުމުގެ މަގުސަދުގައި މުއައްސަސާއާއި ގުޅުނު ބައެއްގެ ގޮތުގައެވެ.

ޓްރެފިކް ފުލުހުންނަކީ ދިވެހި ރައްޔިތުންނާއި ވަރަށް އާންމުކޮށް ބައްދަލުވާ ބައެކެވެ. މުހިންމު މަސައްކަތްތަކެއް ކުރާ ބައެއް ކަމަށް ގަބޫލު ކުރި ނަމަވެސް، މިހާރު ފެންނަ މަންޒަރަކީ ޔުނިފޯރމު އަދި މަގާމާއިވެސް އެކަށީގެންވާ މަންޒަރެއް ނޫނެވެ. ސްޕީޑު ލިމިޓުން މަތީގައި ދުއްވަމުންދާ އެތައް ބަޔަކު މަގުތައް މަތީ ދުއްވާ މަންޒަރު ސީދާ ފެންނަން ހުރި އިރު މަޑު ކުރުވާތަން ފެނިގެންދަނީ ފިނި ހަކަ ސްޕީޑުގައި ދުއްވާފައިދާ މީހާކަމަށާއި އެކަން އެގޮތަށް ކުރަނީ ފަސޭހަކަމާއި އެކު ބަޔަކު މީހުން ޖޫރިމަނާ ކުރުމުގެ ބޭނުމުގައި ކަމަށް ގިނަ އަދަދެއްގެ މީހުން ގަބޫލު ކުރެއެވެ. ދައުލަތަށް އާމްދަނީއެއް ހޯދުމަށް ރައްޔިތުންގެ ގޮހޮރަށް އަތް ބާނާކަމަށްވެސް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

މުއައްސަސާގެ ތެރޭގައި ގިނަ އަދަދެއްގެ ޔުނިޓުތަކެއް އޮންނަ އިރު، ކޮމްބެޓު ޔުނިފޯރމު ލައިގެން އުޅެމުންދާ ފުލުހުންތަކެއްވެސް އުޅެއެވެ. އެހެން ނަމަވެސް ކޮމްބެޓު ކުރަނީ ކޮންކަމަކާއި ނުވަތަ ކޯއްޗަކާއި ކަމެއް އެއް ގޮތަކަށްވެސް ސާފެއް ނޫނެވެ. ރާއްޖޭގައި މިހާރު އާންމުކޮށް އިވެމުންދާ އެއް ވާހަކައަކީ، މަސްތުވާތަކެތީގެ މައްސަލަތައް ގިނަވެ މާރާ މާރީ އަދި ގުރޫޕުތަކުގެ ތެރޭގައި ހިންގަމުންދާ ހަމަލާ ބަދަލު ކުރުންތަކުގެ ތެރޭގައި މީހުން މަރުވަމުންދާ ވާހަކައެވެ. ގޭ ގެއިން ވައްކަން ކުރުމާއި، މަގުތައް މަތިން ފޭރެމުންދާ ވާހަކައެވެ.

މިހުރިހާ ކަމެއް އިންތިހާއަށް ގިނަވެއްގެންދިޔައިރު އައިނެއް އަޅައިގެން ރުލެއް ނެތް ޔުނިފޯރމެއްގައި އޮފު ބޫޓަކަށް އަރައިގެން ރީތި ސައިކަލުތަކުގައި ފުލުހުންގެ ކޮމްބެޓު ޔުނިޓުގެ މުއައްޒިފުން ދުއްވަމުންދާ މަންޒަރު ފެނެއެވެ. މިއިން އެއްވެސް މައްސަލައެއް ހައްލުވެގެންގޮސްފައިވާ މަންޒަރެއް ނުފެނެއެވެ. އިވެމުންދަނީ މައްސަލައަކަށްފަހު މައްސަލައެއްގެ ވާހަކައެވެ. ޔުނިޓުން ކުރާ މަސައްކަތާއި ޔުުނިޓުގެ މުހިންމު ކަމާއިމެދުވެސް ސުވާލު އުފެދޭ ހިސާބަށް ގޮސްފިއެވެ.

ކޮމްބެޓުގެ އިތުރުން އެސްއޯ ފުލުހުންވެސް އުޅެއެވެ. މިއީ ދިވެހިންނާއި އެކު ހާއްސަ ތާރީހެއް އޮންނަ ޔުނިޓެކެވެ. ދިވެހިރާއްޖޭގެ މުޖުތަމައުގެ ހާލަތު ދައްވެެ ކުށްތައް އިންތިހާއަށް އާންމުވިއިރު، ގިނަ އަދަދެއްގެ ފުލުހުން ހިމެނޭ މި ޔުނިޓު އާންމުކޮށް ދިރިގެން އަންނަ މަންޒަރު ފެނިގެންދަނީ އާންމު ރައްޔިތުންނާއި އިދިކޮޅު ޕާޓީއިންވެސް ސަރުކާރާއި ދެކޮޅަށް ޝުއޫރު ފާޅުކޮށް އަޑު އުފުލުމަށް ތައްޔާރު ވުމާއި އެކުއެވެ.

މުޒާހަރާއެއް ކުރިއަށްދާނަމަ އެތަނަކަށް ހާޒިރުވެ ރައްޔިތުންގެ އަޑު ކަނޑުވާލައި އެ ސަރަހައްދު ހުސްކުރުމުގައި މި ޔުނިޓު ހަރަކާތްތެރިވެއެވެ. ފަހަކަށް އައިސް އެންމެ ގިނައިން މި ޔުނިޓު ފެނިފައިވަނީ އިދިކޮޅު ޕާޓީގެ އޮފީސް ދޮރުމަތީގައި ހިންގަމުންދާ މުޒާހަރާތައް ހުއްޓުވުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅުގައެވެ.

ރައްކައުތެރި ވެވޭ ގޮތަށް ވެސްޓު ފަދަ ތަކެތި އަޅައިގެން ޝީލްޑުތައް ހިފައިން ނުކުމެ ހުސް އަތާ ތިބި ދުވަސްވީ މީހުނާއި ދެކޮޅަށް ގަދަ ބާރު ބޭނުންކޮށް ކަރުނަ ގޭސް ޖަހާއިރު، މި ނޫނަސް އަހައްމިޔަތުކަން ދޭންޖެހޭ އިތުރު އެތައް ކަމެއް ހިނގައިފިއެވެ. ޔޯގާޑޭގެ ހަމަނުޖެހުން ހިނގައިދިޔައީވެސް އެސްއޯ ފުލުހުން އެ ސަރަހައްދުގައި ހާޒިރުވެތިއްބާއެވެ. އާންމު ހާލަތެއްގައި ގިނަ އަދަދެއްގެ މީހުން އެއްވުމުންވެސް ސަރަހައްދު އެއްކޮށް ހުސްކޮށްލާ މަންޒަރު ފެނިފައިވާއިރު، އެ ހާދިސާ ހިނގައިދިއުން ނުހުއްޓުވުނީ ކޮން ސަބަބެއް އޮވެގެންތޯވެސް ސުވާލު އުފެދެއެވެ.

ޓްރެފިކް، ކޮމްބެޓު އަދި އެސްއޯގެ އިތުރުންވެސް ފާހަގަކޮށްލެވޭ ޔުނިޓެއް އޮވެއެވެ. އެ ޔުނިޓަށް ކިޔަނީ އިންޓެލް ޔުނިޓެވެ. މި ޔުނިޓުގައި ހިމެނޭ މުއައްޒިފުންގެ ސަބަބުން ފުލުހުންގެ މުއައްސަސާ ވަރަށްވެސް މައުލޫމާތު މުއްސަނދިކަމަށް ފާހަގަކުރެވެއެވެ. ވިޔަވަތި ކޮންފަރެންސް ފަދަ ބޮޑެތި ބައްދަލުވުންތަކުގައި މި ޔުނިޓުން އެއް ކުރާ މައުލޫމާތުތަކުގެ އަލީގައި ބޮޑެތި ޕްރެޒެންޓޭޝަންތައް ދައްކައެވެ.

އެހެން ނަމަވެސް ދެން ތިބި ޓެކްޓިކަލް ޔުނިޓުތަކުން މި މައުލޫމާތުތަކުގެ އަލީގައި ކަމެއް ކުރާ މަންޒަރު ފެނިފައިވަނީ މަދު ފަހަރެއްގައިކަމަށް ބުނެވިދާނެއެވެ. ދާދި ފަހުން ހިނގައިދިޔަ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ، އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަވެސް ހިނގައިދިޔައީ އިންޓެލް ޔުނިޓު ކަންކަން ބަލަހައްޓަމުން ދަނިކޮށެވެ.

އެހެންކަމުން ފުލުހުންގެ މުއައްސަސާ ފެއިލްވެފައިވާކަމުގެ އެތައް ރަނގަބީލެއް އިވިގެން ގޮސްފިއެވެ. ހިދުމަތްތައް ދެނީ ރައްޔިތުންނަށްޓަކައި ކަމަށް ސިފަކުރިނަމަވެސް، އަދި ރައްޔިތުންގެ ރައްކައުތެރިކަމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށް ބުނި ނަމަވެސް ފެނިގެންދަނީ ވެރިކަންކުރާ ފަރާތްތައް ރައްކައުތެރިކޮށް އެ ފަރާތްތަކުގެ ހިދުމަތުގައި ތިބި މަންޒަރެވެ.

އިސްވެ ބަޔާން ކުރެވުނު އުސޫލުތަކުގެ މަތިން ކަން ހިނގަމުން ދިއުމުގެ ސަބަބުން ފަހަކަށް އައިސް ފުލުހުންގެ މުއައްސަސާއިން ދެމުންދާ ހިދުމަތްތަކާއި މުއައްސަސާގެ ފަރާތުން ފެންނަ އަމަލުތަކާއިމެދު ރައްޔިތުން ތިބެނީ ނުތަނަވަސްވެފައެވެ. މިއީ ހަގީގަތްކަން ފުލުހުންގެ ސޯޝަލް މީޑިއާއިން ކުރާ ޕޯސްޓުތަކުގައި ރައްޔިތުން ކުރާ ޝަކުވާތަކުން ސާފުވާނެއެވެ.

އެހެންނަމަވެސް ފެއިލްވެފައިވާކަމަށް ބުނެވެން އޮތް އެންމެ ބޮޑު އެއް ސަބަބަކީ، ވޭތުވީ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ހިނގާފައިވާ މަރުތަކުގެ މައްސަލަތަކަށް ނިމުމެއް އައިސްފައިނުވާތީއެވެ. އިލްމުވެރިއަކާއި ދެ ނޫސްވެރިއެއްގެ މަރުގެ މައްސަލަ ނުނިމި އެކަމުގެ ހަގީގަތް ރައްޔިތުންނަށް ނޭނގި އެތައް އަހަރެއް ވޭތުވެ ދިޔައިރު، އެފަދަ ކަންކަން ދަނީ އިތުރުވަމުންނެވެ. ގެއްލިގެން ހޯދާ ބައެއް ފަރާތްތައް އަދިވެސް ނުފެނެއެވެ. ވީގޮތެއްވެސް ނޭނގެއެވެ. ދާދި ފަހުންވެސް ރާއްޖޭގައި ރަހުމު ކުޑަ ގަތުލެއް ހިނގައިފިއެވެ.

މި ހުރިހާ ކަމެއްގެ އިތުރުން މުއައްސަސާއެއް ފެއިލްވިކަމަށް ބުނެ އެޅުނު ކޭކުގެ މަތީގައި ޖެހުނު އައިސިންގް ކޮޅަކީ، އެންމެ ފަހުން ގެއްލުނު ޒުވާނާގެ މައްސަލައެވެ. ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ގެއްލުނު ދިވެހި ޒުވާނާ ގެއްލުނު ސަރަހައްދު ފުލުހުން ބަލައި ފާސް ކުރިކަމަށްވާއިރު، އެނާ ފެނުނީ އެ ސަރަހައްދާއި ދާދި ގާތުންނެވެ.

އެހެން ނަމަވެސް ފެނުނީ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުކަމަށްވުމުން ފެނުނު އިރު އެނާގެ ހަށިގަނޑު އޮތީ ކާކުކަން ނޭނގޭވަރަށް ކުނިވެގޮސްފައެވެ. އިންތިހާއަށް ދެރައެވެ. ފުލުހުންގެ މުއައްސަސާއަކީ ކުއްތާތަކެއްގެ އިތުރުން، އެތައް ވެހިކަލަކާއި އެތައް މުއައްޒިފުންނެއްވެސް ތިބޭ ދިވެހި ދައުލަތުގެ އެންމެ ވަރުގަދަ އެއް މުއައްސަސާއެވެ. އެހެން ނަމަވެސް މިއަދު މުއައްސަސާ ރަނގަޅަށްވެސް ފެއިލްވެއްޖެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: