ނިމިދިޔަ ހަފްތާގެ ތެރޭގައި އެންމެ ގަދައަށް އިވިގެންދިޔަ އަޑަކީ އެއަރޕޯޓްގެ އައު ރަންވޭ އެއް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ހުޅުއްވައިދެއްވި ވާހަކައެވެ.
ނަމަވެސް އެ ރަންވޭ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ތަރައްގީކޮށް ހުޅުވާފައިވާ ރަންވޭއެކެވެ. އޭރު އެ ރަންވޭ ބޭނުން ނުކޮށް ބާއްވާފައި އޮތީ ކުރަން ހުރި ބައެއް ޓެކްނިކަލް މަސައްކަތްތައް ނުނިމިވާތީ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
ރައީސް ސާލިހުގެ ސަރުކާރުން އެއަރޕޯޓް އައު ރަންވޭ އަލުން ހުޅުވި ހަބަރާއި ގުޅިގެން އިދިކޮޅުން ވަނީ ފާޑުކިޔުންތައް އަމާޒުކޮށް ރައީސް ސާލިހަށް ތަރައްގީ ކުރެވުނު އެއްވެސް ބޮޑު މަޝްރޫއެއް ނެތް ކަމަށް ބުނެފައެވެ. އިދިކޮޅުގެ އެ ފާޑު ކިޔުންތަކަށް ސަރުކާރުގެ ފަރާތުން ރައްދު ދޭތަން މިފަހަރު ފެނިގެން ގޮސްފައެއްނުވެއެވެ. ރައްދުގައި ސަރުކާރަށް ދޭނެ ޖަވާބެއް ނެތުމުން ކަމަށް ވެދާނެއެވެ.
މި ސަރުކާރުން ވެރިކަމަށް އައިސް މިވީ ހަތަރު އަހަރުތެރޭގައި ތަރައްގީ އަށް މާބޮޑެތި މަޝްރޫއު ތަކެއް ހިންގިފައި ނުވާ ކަމަކީ ހުރިހާ އެންމެން ދަންނަ ހަގީގަތެކެވެ. އެވާހަކަ ދައްކަން ފެށުމާއެކު މިސަރުކާރުގެ ވެރިންގެ ބަހަނާ އަކަށް ވަނީ ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާގެ ބަލިމަޑުކަމެވެ. ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން ސަރުކާރަށް އެއްވެސް ކަމެއް ނުވީ ކަމަށް މިސަރުކާރުގެ އިސްވެރިން ބުނަމެން ގެންދެއެވެ. ކޮވިޑްގެ ބަލިމަޑުކަމާއި ކުރިމަތިލާން ޖެހުނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. މިސަރުކާރު ވެރިކަމާ ހަވާލުވީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. ވެރިކަމާ ހަވާލުވެ ކުރި އެންމެ ބޮޑު މަސައްކަތަކަށްވީ ކުރީގެ ސަރުކާރުން ހަދާފައިވާ ގޯސްތައް ރަނގަޅުކޮށް އެ މައްސަލަތައް ބެލުމުގެ މަސައްކަތެވެ. ބަދަލު ދިނުމާއި ވަޒީފާތައް އިއާދަކޮށް ދިނުމުގެ މަސައްކަތެވެ. އެކަމުގައި އުޅެނިކޮށް ކޮވިޑްގެ ބަލިމަޑުކަމާއި ރާއްޖެ ކުރިމަތިލާން ޖެހުނެވެ.
ކޮވިޑްގެ ބަލިމަޑުކަމުގައި ވެސް މިސަރުކާރުން ނެގީ ނާޖައިޒު ފައިދާއެވެ. ވެންޓިލޭޓަރުގެ ހިޔާނާތުން ފެށިގެން ގޮސް ކޮވިޑް ފެސިލިޓީ ތަކާއި ޕީސީއާރު ޓެސްޓް ތަކާއި ފޭސް މާސްކުން ވައްކަން ކޮށް ފައިސާ ހިތުހުރި ގޮތަކަށް ބޭނުން ކޮށް ހުސްކޮށްލީއެވެ، ގާތް އެކުވެރިންނާއި ރައްޓެހިންނަށް ރާއްޖެއިން ބޭރުން ލިބުނު ހިލޭ އެހީތައް އެކި ނަންނަމުގައި އެކި ރިލީފް ޕެކޭޖްގެ ގޮތުގައި ބެހީއެވެ. އެވަރުން އަދި ނިންމާލީކީ ނޫނެވެ. ރިސޯޓް އޯނަރުންގެ ހިތް އުފާ ކޮށްދިނުމަށް ކޮވިޑްގެ ދުވަސްވަރު އެމީހުންގެ ރިސޯޓްތަކުން އެކި ނަން ނަމުގައި ކުލިތައް މާފުކޮށް ޖޫރިމަނާ ތައް މާފުކުރީއެވެ. މިގައުމުގައި ތިބި އެންމެ ފަގީރު ބަޔަކަށް ރިސޯޓް ތަކުގެ ވެރިން މިސަރުކާރުން ހަދައި އެންމެ މުއްސަނދި ބަޔަކަށް ނިކަމެތި ރައްޔިތުން ހެދީވެސް ކޮވިޑްގެ އެންމެ ދަތި ދުވަސްވަރުގައެވެ.
ކޮވިޑްގެ ބަލިމަޑުކަމުގައި ވަޒީފާ ނެތް ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމުގެ ނަމުގައި ސަރުކާރުގެ ވެރިންގެ އާއިލާ އާއި ގާތް ތިމާގެ މީހުންނަށް މިލިއަނުން ފައިސާ ބަހައި ހުސްކޮށްލީއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ރިޒާވް މިއަދު މިވަނީ ދަށަށް ގޮސްފައެވެ.
ކޮވިޑް 19 އަށް ފަހު ދެން އައީ ޔޫކްރޭން އާއި ރަޝިޔާގެ ހަނގުރާމައެވެ. އެ ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދު ދަށަށް ދާ ވާހަކަ ބައިނަލް އަގްވާމީ މުޖްތަމައު އިން ރާއްޖެއަށް އަންގަމުން ގެންދިޔަ އިރު އެ އަޑަށް ބީރު ކަންފަތެއް ދީ ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށް މާލީ ވަޒީރާއި އިގްތިސާދީ ވަޒީރު ހަރުއަޑުން ބުނަމުން ދިޔައިރު ރާއްޖޭގައި ތިބި އިގްތިސާދީ މާހިރުންވެސް ބުނަމުން ގެންދިޔައީ މާލީ ގޮތުން ރާއްޖެ އަޑިއަޅާލަފާނެ ވާހަކައެވެ.
ތަރައްގީ ކުރުމުގެ ނަމުގައި ލައްކައިން ނާއި ބިލިއަނުން ނެގި ލޯނުތަކުން ގެނެވުނު އެއްވެސް ބަދަލެއް ފެންނަން ނެތް އިރު ފެނިގެންދަނީ ކޮންޓެއިނަރުން ހަދާފައިވާ ސްކޫލާއި ސަތަރިން އަޅާފައިވާ ފެރީ ހަޓް ތަކާއި މަރާމާތު ކުރާ ބަނދަރު ތަކާއި މަރާމާތު ކުރާ ކްލާސްރޫމް ފަދަ ތަންތަނެވެ.
މިސަރުކާރުން ވެރިކަމަށް އައުމަށް ފަހު އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ދެކެވެމުންދަނީ ތިލަމާލެ ބްރިޖްގެ ވާހަކައެވެ. އެ ބްރިޖް ނޭޅި އުޅެނިކޮށް އެ ސަރަހައްދުގައި އޮތް ވިލިމާލެ ފަރު ވަނީ ވަރަށް ބޮޑަށް ހަލާކު ކޮށްލާފައެވެ. މިހާ ހިސާބުން ހިތަށް އަރަނީ ބްރިޖް އަޅާ ނިމޭއިރު އެ ހިސާބުގައި ކިހާ ގެއްލުމެއް ފަރުތަކަމަށް ލިބޭނެ ބާއެވެ. އެ ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ދޭން އެއްވެސް މަސައްކަތެއް ނުކުރާ ތަނުގައި އެ ކަމަކީ ސީރިއަސް މައްސަލަ އެއްގެ ގޮތުގައި މިސަރުކާރުން ބަލައި ނުގަނެއެވެ. އޭގެ ބަދަލުގައި މިސަރުކާރަށް މުހިއްމު ވަނީ އަމީނީ މަގުން ގަސް ކަނޑާ މައްސަލައެވެ.
އަމީނީ މަގު ހެދުމުގެ މަޝްރޫއަކީ ސަރުކާރުން ގަބޫލު ކުރާ ގޮތުގައި ވަރަށް ބިޔަ ބޮޑު މަޝްރޫއެކެވެ. ސަބަބަކަށް ވަނީ ނިމިދިޔަ ސަރުކާރުގައި ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި ބޭފުޅަކު މި ސަރުކާރުގައި މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނެވީމައެވެ. އަމީނީ މަގު ހެދުމުގެ މަޝްރޫއު ޒާތީ ހަސަދަ ވެރިކަމެއް ހެން ސިފަވަނީ މޭޔަރަށް ދެއްކުމަށް ވެސް އެ މަގު ފެންވަރުގައި ހަދައި ވީ އެންމެ އަވަހަކަށް ބޭނުން ކުރަން ފަށާނެ ކަމަކީ ޔަގީން ވާ ކަމެކެވެ. ސަބަބަކީ ނިމިދިޔަ ސަރުކާރުގައި އެމަސައްކަތް ކުރެވިފައިނުވާތީ އެމީހުންނަށް ގޮންޖަހާލުމުގެ ބޭނުމުގައި މިސަރުކާރުން އެކަން ކުރުމެވެ. ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ކުރާ ކަމެއް ކުރަންވާނީ ފަރުވާތެރިކަމާ އެކު ރައްޔިތުންނަށް އެކަމުން ފައިދާ ވާނެ ގޮތަކަށެވެ.
މަގު ހެދުމަކީ ރަނގަޅު ކަމެއް ނަމަވެސް ހަދާނިމިފައިވާ މަގުތަކުގައި ފެން ހަރުލުމާއި މަގުތައް އަޑިގުޑަން ކޮށް ފެންވަރު ދެރަކޮށް ތާރު އަޅައިގެން އެކަން ކޮށްފައިވާނަމަ އެކުރެވުނީ ބޭކާރު މަސައްކަތެކެވެ.
ކުރީގެ ސަރުކާރުން ހޮސްޕިޓަލެއް އަޅާފައި ހުރީތީ މިސަރުކާރުން ހޮސްޕިޓަލެއް އެޅުން ލާޒިމެއް ނޫނެވެ. ނަމަވެސް ބޮއްސުންލައިގެން ގޮސްފައިވާ އައިޖީއެމް އެޗްގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ. އޮޕަރޭޝަން ކުރަން ބަލިމީހާ ދާއިރު އެޑްމިޓް ކުރާނެ އެނދެއް ނެތުމުގެ ސަބަބުން އެމީހާގެ އޮޕަރޭޝަން ނުކުރެވި، އަވަސް ފަރުވާއަށް ގެނެވޭއިރު އަވަސްފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމުގެ ސަބަބުން އެނެމެ އެދެވޭ ފަރުވާ ނުދެވުމުގެ ސަބަބުން ފުރާނަ އަށް ނުރައްކާވެފައިވާ ހުރިކަން ފާހަގަކޮށްލެވެއެވެ.
ހަމަ އެފަދައިން ބޯހިޔާވަހިކަން އަތް ފޯރާ ފަށުގައި މިސަރުކާރަށް ހޯދައިދެވިފައިނުވާ ކަމަކީ އެކަމުގައި މާލެ އާއި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާ އަށް އޮތް ކަމެކެވެ. އެއް ކޮޓަރީގެ އެޕާޓްމެންޓެއް 6500 ރުފިޔާ އަށް ދޭނެ ކަމަށް ބުނި ވާހަކަ އަކީ މިއަދު ބިލާހެކެވެ، އެވާހަކަ އަޑު އެހި ކަންފަތެއް ފެނުނު މީހެއް މިއަދު ނެތް ފަދައެވެ. މިއަދު އެއް ކޮޓަރީގެ އެޕާޓްމެންޓެއް އުޅެނީ 14000 ރުފިޔާއިން ވެސް މަތީގައެވެ. މިއީ ރައްޔިތުންނަށް މިސަރުކާރުން ދިން ހަދިޔާ އެއް ތޯ ނުވަތަ ކުރި މަލާމާތެއް ތޯ ހިތަށް އަރައެވެ.
ދަތުރުފަތުުރުގެ ނިޒާމްގެ ވާހަކަ ދައްކާއިރު އެތެރޭގެ އުދުހުން ތަކުގެ އެވަރެޖް އަގު 5000 ރުފިޔާ އާ ގާތްކުރާ އަދަދަކަށް އެރުމުން އެއީ އަތްފޯރާ އަގެއް ކަމުގައި ބުނެވޭކަށް ނެތެެވެ. ރާއްޖޭގެ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ކޮންމެ 35 މިނެޓުން ދެވޭ އެއަރޕޯޓެއް ގާއިމްކުރިއަސް ް އެކަން ކުރަން ރައްޔިތު މީހާ ދަރާ ވިކި ހުސްވެ ދަރަނި ވެރިވާން ޖެހޭ ނަމަ އެއީ ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެކެވެ.
އަގު ހެޔޮކުރުމަށް ގޮވާލާ ކޮންމެ ފަހަރަކު ފިއުލް ސާރ ޗާޖޭ އަދި ރަޝިޔާ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުތައް މަތިވަނީ އޭ ބުނެ ބަހަނާތައް ދައްކަން ފަށައެވެ، އެ ހަނގުރާމަ ނުކުރާއިރުވެސް އަގުތައް ހުރީ އިންތިހާ އަށް މަތީގައިކަން ފާހަގަކޮށްލަން ޖެހެއެވެ.
ސަރުކާރުން ފައިސާ ހަރަދު ކުރިއަސް އަދި ދައުލަތުގެ މާލިއްޔަތު އިސް ވެރިންގެ ޖީބަށް އެޅިޔަސް ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފުރިހަމަކޮށްދޭ ނަމަ އެއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. ނަމަވެސް ރައްޔިތުންނަށް އިހުމާލުވަމުން ރައްޔިތުންގެ ފައިސާ އަށް ހިތު ހުރި ގޮތެއް ހެދުމުން ރައްޔިތުންގެ އިތުބާރު އެބަޔަކާ މެދު ގެއްލެން ފަޅި ސިކުންތެއްވެސް ނުނަގާނެއެވެ.

