ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމެއް ކޮމްޕްރަމައިޒް ވާނީ މިވަރަކަށް!

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ފަހުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން އެންމެ ފާހަގަކުރެވުނު އެއް ވާހަކައަކީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ކޮމްޕްރަމައިޒް ވެފައިކަމަށް ފާހަގަކޮށް ދެކެވުނު ވާހަކައެވެ.

އިދިކޮޅު ކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވަމުންދާ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މި ވާހަކަ ދެއްކެވުމުން ވަކި ކޮޅަކަށް ނުޖެހޭ ރައްޔިތުންނަށާއި އެމްޑީޕީއަށް ތާއީދު ކުރާ ރައްޔިތުންނަށް ގަބޫލު ކުރަން ދަތިވެދާނެއެވެ.

އެހެން ނަމަވެސް ފުންކޮށް ވިސްނާލުމުން ކޮމްޕްރަމައިޒް ވެފައިވާކަން އަޅުގަނޑަށް ގަބޫލު ކުރެވުނެވެ. ހަމަ އެކަނި ރައީސް ނަޝީދެއް ނޫނެވެ. ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުން ފެށިގެން މުޅި ދައުލަތާއި ގައުމުވެސް ކޮމްޕްރަމައިޒް ވެފައިވާކަމަށް އަދި ވަމުންދާކަމަށް ސިފަކުރެވެއެވެ.

ރައީސް ނަޝީދު ކޮމްޕްރަމައިޒް ވީ ދުވަކީ އެމަނިކުފާނު އެހެން ގައުމަކުން ހިމާޔަތް ހޯދަން ޖެހުނު ދުވަސްކަމަށްވެސް ވެދާނެއެވެ. ދާދި ފަހުން ރާއްޖެއަށް ލަންކާގެ ކުރީގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ ފިއްލަވައިގެން ވަޑައިގަތް ދުވަހު، އެމަނިކުފާނު ހުންނެވީ އެނާ އަށް މަރުހަބާ ކިޔުމަށް އެއަރޕޯޓުގައެވެ. ލަންކާ ރައްޔިތުން އެ ދުވަހު ކީ އެއްޗެހިން ހާމަވާގޮތުން އެ ގައުމުގެ ވެރިކަން ކުރާ ފަރާތްތަކުންވަނީ އެމަނިކުފާނަށް އެތައް ހިދުމަތްތަކެއް ކޮށްދީފައެވެ. އެހެންކަމުން އެ ދަރަންޏަކީ ކޮންމެވެސް ދުވަހަކު އަދާކުރަންޖެހޭ ދަރަންޏެއްކަން ސާފެވެ.

ދަރަނި އަދާ ކުރެއްވުމަށް ރައީސް ނަޝީދު ކުރައްވަން ޖެހުން މަސައްކަތު އަގަކީ އެ ގައުމުގެ ހުރިހާ ރައްޔިތުންގެ ރުޅިވެރިކަން އެމަނިކުފާނަށް އަމާޒުވެގެންދިޔަ ކަމެކެވެ. މީގެ ކުރިން އެ ގައުމުގެ ރައްޔިތުންނަށް ރައީސް ނަޝީދަކީ އިހުތިރާމު ކުރެވޭ ދިވެހި ބަތަލެއް ނަަމަވެސް މިހާރު ބުނަމުންދަނީ ރައީސް ނަޝީދު ފެނިއްޖެ ނަމަ އޮއްގާ އުކާނެކަމަށެވެ. ރައީސް ނަޝީދު އެމަނިކުފާނުގެ ނަފްސު ގުރުބާން ކުރެއްވީ އެ ކަން ކުރުން މަޖުބޫރުވުމުން ކަމަށް ބުނެވިދާނެއެވެ.

ރައީސް ނަޝީދުގެ އިތުރު ވާހަކަތަކަށް ޖެހިލުމުގެ ކުރިން ރައީސް ސާލިހާއި އެމަނިކުފާނުގެ ސަރުކާރުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތަށް އަލިއަޅުވާލުން މުހިންމެވެ.

ރައީސް ސާލިހުގެ ވެރިކަމުގައި ދިވެހި ދައުލަތް ބަނގުރޫޓު ވެފައިވާ ވާހަކަ އާއި ލޯނުގެ މައްޗަށް ލޯނު ނަގަމުންދާ ވާހަކައަކީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. ގިނަ އަދަދެއްގެ ރައްޔިތުން މިކަމާއި ކަންބޮޑުވެ ސަރުކާރަށް އެތައް ފާޑުކިޔުންތަކެއް އަމާޒު ކުރެއެވެ. އެހެން ނަމަވެސް މި ކަންބޮޑުވުންތަކަށް ހައްލެއް ލިބިފައިނުވެއެވެ. ދަރަނީގެ އަދަދުތައް ދަނީ ދުވަހަކުން ދުވަހަށް އިތުރުވަމުންނެވެ.

ދިވެހި ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ދަރަނިތައް އިތުރުވެގެންދާއިރު، މިކަމުގެ ތެރެއިން އެންމެ ކަންބޮޑުވާ އެއް ކަމަކީ، ލޯނުތައް ނަގަމުންދަނީ އަވައްޓެރި އިންޑިއާއިން ކަމަށްވާއިރު، އިންޓްރެސްޓަކާއި އެކު ލޯނުތައް އަންބުރާ ދައްކަން ޖެހުމުގެ އިތުރުން މަސައްކަތްތައްވެސް ހަވާލު ކުރެވިފަިއވަނީ އެ ގައުމުގެ ކުންފުނިތަކަށް ކަމަށްވުމުން، އެ ގައުމަށް ދައްކަންޖެހޭ ފައިސާގެ އަދަދުތައް އިންތިހާއަށް އިތުރުވެގެންދާ ކަމަށް ވުމުންނެވެ.

އިންޓްރެސްޓާއި އެކު ލޯނު އަދަދު އަދި މަސައްކަތުގެ އަގު އިންޑިއާއަށް ދައްކަން ޖެހިފައިވުމުގެ އިތުރުންވެސް ސަރުކާރުގެ ފަރާތުން ކޮމްޕްރަމައިޒްވެފައިވާ ކަމުގެ އިޝާރާތްތަކެއް ފެނެއެވެ. އިންޑިއާގެ އެފްކޮންސް ކުންފުނިން ބުރިޖު އެޅުމަށް ބޭނުން ކުރި ޕްލެޓުފޯމު ވިލިމާލެ ފަރަށް އަރައި، އެ ސަރަހައްދަށް އެތައް ގެއްލުމެއް ވެއްޖެއެވެ. ފަރުގައި ބޮޑު ވަޅުގަނޑު ގަނޑު ހުރި އިރު، އަބަދާއި އަބަދު ތިމާވެށީގެ ވާހަކަ ދައްކަމުންދާ ސަރުކާރަކުން އެކަން ވެގެންދިއުމުން އެންމެ ބހެއްވެސް ބުނެ ނުލައެވެ.

ޕްލެޓު ފޯމު އުރުމުގެ ފަހުން އެހެން ސަރަހައްދަކުން ފަރަށް އެރި ބޯޓެއް ޖޫރިމަނާކޮށް ނިންމާލައިފިއެވެ. އެހެން ނަމަވެސް ބުރިޖު ފްލެޓުފޯރމުގެ މައްސަލަ އެއީ ނުވާކަމެއް ފަދައެވެ. ފަރަށް އުރުން އެކަންޏެއްވެސް ނޫނެވެ. އަދި ބުރިޖުގެ ތަނބެއް ވެސް ފެންނާން ނެތް އިރު އެ މަޝްރޫޢޫ އަވަސް ކުރުމަށް އެތައް މިލިއަނެއް ދިންކަމުގެ ވާހަކަތައްވެސް ދެކެވުނެވެ.

ރަސްފަރި ފަރަށް އެރި ޕެނަމާގެ ބޯޓެއް 100 މިލިއަނުން ޖޫރިމަނާ ކުރެވޭ އިރު، އެފްކޮންސް ކުންފުނި ޖޫރިމަނާ ނުކުރެވެންވީ ސަބަބެއްވެސް ނެތެވެ. ކޮށްފައިނުވާނީ ކީއްވެގެންތޯ ސުވާލުތަކެއް އުފެދިގެންދާއިރު، ޖަވާބެއްގެ ގޮތުގައި ފެނިގެންދަނީ ހަގީގަތުގައިވެސް ސަރުކާރު ކޮމްޕްރަމައިޒްވެފައިވުމެވެ.

މީގެ އިތުރުންވެސް ގިނަ ކަންކަން ހުރި އިރު، ރައީސް ސާލިހާއި ރައީސް ނަޝީދު އެކުގައި ކޮމްޕްރޮމައިޒް ވި ކަމަށް ބެލެވޭ މައްސަލައެއްވެސް ދާދި ފަހުން ފެންމަތިވިއެވެ

ރާއްޖޭގެ ތާރީހުގައި ފެންމަތިވި އެންމެ ލަދުވެތި އެއް މައްސަލައިގައި އެންމެ ފުރަތަމަ ކޮމްޕްރޮމައިޒްވީ ރައީސް ނަޝީދެވެ. އެމަނިކުފާނުގެ އާއިލީ މީހެއްގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވުނެވެ. އެހިސާބުން ރައީސް ނަޝީދު ހުންނެވީ ސަރުކާރުގެ ބާރުގެ ދަށުގައި ކަމަށްވުމުން އެ މަނިކުފާނު ކުރެއްވި ކަމަކީ، ރައީސް ސާލިހު އަދި އެހެނިހެން އިސްވެރިން ކޮމްޕްރޮމައިޒް ކުރުމެވެ.

ރައީސް ނަޝީދު ރައީސް ސާލިހު އާއި ގުޅުވައި ދެއްކެވި ވާހަކަތަކުން، ދިވެހިރާއްޖޭގައި ވެރިކަން ކުރާ ފަރާތްތައް ތިއްބެވީ ގާނޫނީ އިމުން ބޭރުގައިކަމަށް ސިފަވިއެވެ. އެ ފަރާތްތަކުން ދިވެހިރާއްޖޭގެ ގާނޫނަށް އިހުތިރާމެއް ނުކުރާކަމަށް އިހުސާސް ކުރެވުނެވެ.

ރައީސް ސާލިހު ބޮޑެތި މައްސަލަތަކުގެ ތެރެއަށް އަތް ބާނައި، އެ މައްސަލަތައް ބެލުން ހުއްޓުވާކަމަށް ރައީސް ނަޝީދު އިޝާރާތް ކުރެއްވިއެވެ. ރައީސް ސާލިހުގެ އިތުރުން އެހެނިހެން އެމްޑީޕީގެ އިސް މެމްބަރުންވެސް ގާނޫނާއި ހިލާފު އެތައް އަމަލެއް ހިންގާ ކަން އެނގިވަޑައިގަންނަވާ ކަމަށް ސިފަކުރެއްވިއިރު، ރައީސް ސާލިހުގެ މައްޗަށް ޒިޏޭގެ ތުހުމަތު އެޅިދާފަދަ ގޮތަކަށް އެމަނިކުފާނުގެ ވާހަކަތައް ބައްޓަން ކުރެއްވިއެވެ.

މިހިސާބަކުންވެސް ނުނިމެއެވެ. ރައީސް ނަޝިދަށް މެމްބަރުންތަކެއް ގާނޫނާއި ހިލާފު އަމަލުތަކެއް ހިންގަމުންދާކަން އެންގިފައިވާއިރު، ފިޔަވަޅެއް ނާޅުއްވާ ހުންނެވީތީ އެމަނިކުފާނު ހުންނެވީ ކޮމްޕްރޮމައިޒްވެފައިކަމަށް ދޭހަވެއެވެ. އަދި އިނގިރޭސި ވިލާތަށް ވަޑައިގެންނަވާ ރައީސް ސާލިހު އަދި ކަނބަލެއްގެ ފޮޓޯތަކެއް އެމަނިކުފާނަށް ލިބިފައިވާ ވާހަކަތައް ދެއްކެވި ހިސާބުންނާއި އެމަނިކުފާނުގެ ފޯނު ގެއްލުން ހިސާބުން ރައީސް ސާލިހުވެސް ކޮމްޕްރޮމައިޒް ވެއްޖެއެވެ. ހަގީގަތެއް ނޭނގެއެވެ. ފަހުން ރައީސް ނަޝީދު ވިދާޅުވިގޮތުން އެމަނިކުފާނު ދެއްކެވީ އަލްބަމެއްގައި ހުރި ފޮޓޯތަކެއްގެ ވާހަކައެވެ.

މި ކަންތައް ގަނޑަށްފަހު ރައީސް ސާލިހު ކޮމްޕްރޮމައިޒް ވެފައިވާކަމުގެ ފުރިހަމަ ހެއްކެއް ފެނިގެންދިޔައެވެ. އެއްޖިންސުން ގުޅުން ހިންގި މީހުންގެ މައްޗަށް ހުކުމްތައް އިއްވި އިރު، ރައީސް ނަޝީދުގެ އާއިލީ ފަރާތެއްކަމަށްވާ ނާޒިމް ހުރީ ގޭ ބަންދުގައެވެ. ދެން ތިބި އެންމެން ޖަލު ގޮޅީގައެވެ. ފަހަރުގައި މއީ އިއްތިފާގަކަށް ވެދާނެއެވެ.  އެހެން ނަމަވެސް ނާޒިމް ގޭ ބަންދުގައި ބަހައްޓަން ބޭނުން ނަމަ، ރައީސް ނަޝީދު ހުންނާނީ ސަރުކާރު ބުނާ ގޮތެއް ހައްދަވައިގެންކަން ޔަގީނެވެ. އެހިސާބުން އަނެއްކާވެސް އެމަނިކުފާނު ކޮމްޕްރޮމައިޒް ވެއްޖެކަން ޔަގީނެވެ.

ސިފަވެގޮސްފައިވާ ފަދައިން ކޮމްޕްރަމައިޒްވެފައި ނުވާ ނަމަ އޯގާތެރި ކަމަށް ދައުވާ ކުރާ ސަރުކާރަކާއި ޕާޓީއަކުން އަމިއްލަ ގައުމުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ލުއިތަކެއް ނުގެެނެސް ނުތިބޭނެއެވެ. ހައްލެއް ނުގެނައި ނަމަވެސް ޔަގީނުންވެސް ތިމާއާއި ދިމާލަށް ވަގަށް ގޮވާއިރު، ދިފާއު ވާން ކޮންމެވެސް ކަމެއް ކުރާނެއެވެ. އެހެން ނަމަވެސް ރައީސް ސާލިހު އެ ތުހުމަތު ތަކުން ދިފާއުވުމަށް އެއްވެސް ކަމެއް ނުކުރައްވައެވެ. ސިފަވާ ގޮތުން ދިފާއުވުމަށް އެމަނިކުފާނަށް ކުރެވޭނެ ކަމެއްވެސް ނެތް ފަދައެވެ.

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށްވާއިރު، އެއްޖިންސުން ގުޅުން ހިންގުން ފަދަ އެތައް އަމަލެއް އާންމުވެގޮސްފިއެވެ. ކޮމްޕްރޮމައިޒް ނުވާ ހާލަތެއްގައި ހުރި އެއްވެސް ވެރިޔަކު ފިޔަވަޅެއް ނާޅައި ނުހުންނާނެއެވެ. ކޮންމެއަކަސް ވެރިަކެމެއް ނުވަތަ ބަޔަކު ކޮޕްރޮމައިޒް ވާނީ މިހާވަރަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: