ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ ބޮޑުންތައް ދޫވާތީ، ޗެއިން އޮފް ކަސްޓަޑީ މައްސަލައިގައި ސުޕްރީމް ކޯޓުގެ ނިންމުމެއް!

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލުމުގެ ތެރެއިން: -- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޗެއިން އޮފް ކަސްޓަޑީ ފޯމު ނެތް ނަމަވެސް، ހެކިންގެ ހެކި ބަހުގެ މައްޗަށް ބިނާކޮށް ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވާނެކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކެއްގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާތީ، ބައެއް މީހުންގެ މައްޗަށް ކުށް ސާބިތު ނުވާތީ ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. އަދި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ނެރުއްވި ޕްރެކްޓިސް ޑައިރެކްޝަންގައި ބުނީ މަސްތުވާތަކެތީގެ މައްސަލަތުގައި ތަހުލީލު ކުރެވިފައި ވަނީ، މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިތޯ ކަށަވަރު ކުރުމުގައި ޗެއިން އޮފް ކަސްޓަޑީ ފޯމު ނެތް ނަމަ، ނުވަތަ ޗެއިން އޮފް ކަސްޓަޑީ އާއި މެދު ސުވާލު އުފެދޭ ފަދަ ކަމެއް އޮތްނަމަ އެތަކެއްޗެއް ހިފަހައްޓާ ފަރާތާއި އެޗެއިންގައި ހިމެނޭ އެންމެހައި ފަރާތްތައް ޝަރީއަތަށް ހާޒިރުކޮށް ނުވަތަ ޗެއިން މެދުކެނޑިފައި ނުވަތަ ސުވާލު އުފެދިފައިވާ ހާލަތުގައި، ސުވާލު އުފެދޭ ކަމަކާއި ގުޅިގެން ޝަރީއަތައް ހާޒިރު ކުރަން ފަނޑިޔާރުން ނިންމާ ހެކިންގެ ހެކިބަހުން ތަހުލީލު ކުރެވިފައިވާ ތަކެއްޗަކީ މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޔާޒަތުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިކަން ކަށަވަރު ކުރެވޭނަމަ، އެފަދަ ހާލަތުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައިވާކަމަށް ބަލަންވާނެ ކަމަށެވެ.

ޗެއިން އޮފަ ކަސްޓަޑީއަކީ ފުލުހުން އެއްކުރާ ހެކި ފުލުހުންގެ ތެރޭގައި އެކެއްގެ އަތުން އަނެކެއްގެ އަތަށް ގެންދާއިރު، އެ ހެއްކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަން ކަށަވަރު ކުރުމަށް ހެކިތަކަށް އެވިޑަންސް ނަމަބަރު ދީ އެއާއި ހަވާލުވި މީހެއްގެ މައުލޫމާތުތަކާއި ހަވާލުވި ވަގުތު އަދި ތާރީހުތައް ހިމަނައި އެތަކެތި ގެންދިޔަ ގޮތުގެ ހުރިހާ ސިލްސިލާ މައުލޫމާތުތައް ހިމެނޭ ލިޔުންތަކެވެ.

ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާނެ އިޖުރާއަތުގެ ގަވާއިދުގައި ވާގޮތުން ފުލުހުން ބަލައި ފާސް ކުރުމުގައި ހެކީގެ ގޮތުގައި އެއްވެސް އެއްޗެއް ހިފަހައްޓައިފި ނަމަ ލަސްނުކޮށް އެ އެއްޗެއް ސީލް ކުރަން ވާނެ އެވެ. އަދި ހިފެހެއްޓޭ އެއްޗަކީ ސީލް ނުކުރެވޭ ބާވަތުގެ އެއްޗެއް ނަމަ އެ އެއްޗެއް ހިފެހެއްޓި ބޭނުން ނުގެއްލޭ ގޮތަށް ރައްކައުތެރި ކުރަން ވާނެކަމަށް ވަނީ ބުނެފަ އެވެ.

އެގޮތުން ހިފަހައްޓާ ކޮންމެ މުދަލެއްގައި، ނުވަތަ ސީލް ކުރެވޭ އެއްޗެއްގެ ބޭރުގައި ޗެއިން އޮފަ ކަސްޓަޑީ ފޯމެއް ހަރު ކުރަން ޖެހޭނެ އެވެ. އެއަށް ފަހު އެއަށް އެވިޑެންސް ނަމަބަރެއް ދީ، އެ ނަމްބަރު ރިކޯޑު ކުރަން ވާނެ އެވެ.

ހިފަހައްޓާ މުދަލާމެދު ޢަމަލުކުރާނެ އުސޫލު
140. ސީލްކުރުމާއި އެވިޑެންސް ނަންބަރު ދިނުން
(ހ) ފުލުހުން ބަލައި ފާސްކުރުމުގައި ހެކީގެ ގޮތުގައި އެއްވެސް އެއްޗެއް ހިފަހައްޓައިފި ނަމަ، ލަސްނުކޮށް އެ އެއްޗެއް ސީލްކުރަންވާނެއެވެ. އަދި ހިފެހެއްޓޭ އެއްޗަކީ ސީލް ނުކުރެވޭ ބާވަތުގެ އެއްޗެއް ނަމަ، އެ އެއްޗެއް ހިފެހެއްޓި ބޭނުން ނުގެއްލޭނެގޮތަށް ރައްކައުތެރިކުރަން ވާނެއެވެ.
(ށ) ފުލުހުން ހިފަހައްޓާ ކޮންމެ މުދަލެއްގައި ނުވަތަ އެ މުދާ ސީލްކުރެވޭ އެއްޗެއްގެ ބޭރުގައި ޗެއިން އޮފް ކަސްޓަޑީ ފޯމެއް ހަރުކުރަންވާނެއެވެ. އަދި ޗެއިން އޮފް ކަސްޓަޑީ ފޯމުގައި، ހިފެހެއްޓުނު މުދަލަށް އެވިޑެންސް ނަންބަރެއް ދީ، އެ ނަންބަރު، ރިކޯޑު ކުރަންވާނެއެވެ.
(ނ) ހިފެހެއްޓޭ މުދާ އެއްތަނުން އަނެއްތަނަށް ގެންދާ ނަމަ، ނުވަތަ އެ މުދަލާ ހަވާލުވެހުރި ފަރާތް ބަދަލުވާ ނަމަ، ޗެއިން އޮފް ކަސްޓަޑީ ފޯމުގައި އެކަން ރިކޯޑުކުރަންވާނެއެވެ.

ޗެއިން އޮފް ކަސްޓަޑީ ފޯމުގައި މައްސަލަތަކެއް ހުރެގެން މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއްގައި ތުހުމަތު ކުރެވޭ މީހުން ވަނީ ދޫވެފަ އެވެ. އޭގެ ތެރޭގައި ގިނަ އަހަރުތަކެއް ވީ މައްސަލަތަކާއި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރާ މީހުން ހިމެނެ އެވެ. ހާއްސަކޮށް ކަނޑުމަގުން ނުވަތަ ވައިގެ މަގުން ރާއްޖެ އެތެރެ ކުރުމަށް މަސައްކަތް ކުރާ މަސްތުވާތަކެތީގެ މައްސަލަތުގައި ޗެއިން އޮފް ކަސްޓަޑީ ހުށަހަޅާފައި ނުވާތީ ބައެއް މީހުން ވަނީ ދޫވެފަ އެވެ.

މިފަދަ މައްސަލަތައް އާއްމުވެފައި ވަނިކޮށް، ސުޕްރީމް ކޯޓުން ނިންމި ނިންމުމުގެ ސަބަބުން މަސްތުވާތަކެތީގެ މައްސަލަތައް ސާބިތު ކުރުމަށް ދައުލަތަށް ފަސޭހަަތަކެއް ވެގެންދާނެ އެވެ.

ވަރަށް ގަދަ
56%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: