ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ: އިގްތިސާދީ ކުރިއެރުމަށް އެޅެމުންދާ ވަރުގަދަ ބުރިޖެއް!

ކޮންސްޓްރަކްޝަން ދާއިރާ - ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ކޮންމެ ގައުމެއް އަދި އިގްތިސާދެއްވެސް ކުރިއަރައިގެން އައުމުގެ އެންމެ ފުރިހަމަ އެއް ނިޝާނަކީ، އެ ގައުމެއްގެ ރައްޔިތުންގެ ދިރިއުޅުމަށާއި، ވިޔަފާރިތައް ހިންގުމަށް ބިނާ ކުރެވިފައިވާ ނުވަތަ ބިނާ ކުރަމުންދާ އިމާރާތްތަކެވެ.

މި އުސޫލުން ވިސްނާނަމަ ބިނާ ކުރެވޭ އިމާރާތްތަކާއި، މުޖުތަމައުގެ ދުޅަ ހެޔޮކަމާއި ވަނީ ގުޅިލާމެހިފައެވެ. ބިނާ ކުރާ އިމާރާތެއްގެ ފެންވަރުގެ ގޮތުން، އެތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލް އުޖާލާވެ ދިރިއުޅުމަށް އެތަކެއް ކުރިއެރުންތަކެއް ލިބިގެންދެއެވެ. ރައްޔިތުން ހިނގާ ބިނގާ އުޅުމަށާއި، އިގްތިސާދުގެ ބޭނުމަށް ދުއްވާ އުޅަނދުތައް ދުއްވާ މަގުތަކަކީވެސް މި ސިނާއަތުގެ ތެރެއިން ބައްޓަން ކުރެވޭ ތަންތަނެވެ. މިދެންނެވި އުސޫލުން ކަންކަން އޮތުމާއިއެކު ކޮންސްޓްރަކްޝަން ދާއިރާ ތަރައްގީވެ ކުރިއަރައިގެން ދިއުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެކެވެ. ހާއްސަ ގޮތެއްގައި ދާއިރާއަށް ހުރި ގޮންޖެހުންތަް ދަނެގަނެ އެ ގޮންޖެހުންތައް ނައްތާލުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ.

ކޮންސްޓްރަކްޝަންގެ ސިނާއަތާއި ގުޅޭ ގޮތުން ތައްޔާރު ކުރާ މި ރިޕޯޓުގައި މައިގަނޑު ގޮތަކަށް އަލި އަޅުވާލާއނީ އެ ސިނާއަތު ބަލަހައްޓައި ކުރި އެރުވުމަށް ދިވެހި ސަރުކާރުން އެކުލަވާލައިފައިވާ ގާނޫނީ އޮނިގަނޑުގެ މައްޗަށެވެ.

ދިވެހިރާއްޖޭގެ އިމާރާތް ކުރުމުގެ ގާނޫނު އެކުލަވާލެވިފައިވާ މައިގަނޑު ސަބަބުތަކަކީ، އިމާރާތްތައް ބޭނުން ކުރާ ފަރާތްތަކަށް އެ ތަންތަނުގެ ސަބަބުން ފައިދާތަކެއް ލިބި، ގެއްލުންތަކެއް ނުލިބޭކަން ކަށަވަރުކުރުމާއި އެ މަސައްކަތުގައި ޝާމިލުވާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުން، ސިނާއަތުގެ ދަށުން ކުރެވޭ މަސައްކަތުގެ އިތުރުން މަސައްކަތްތަކުގެ ބޭނުން ކުރާ ތަކެތީގެ ފެންވަރު ރަނގަޅުކޮށް، ޖުމުލަ ގޮތެއްގައި ސިނާއަތު ކުރިއެރުވުމެވެ. އަދި މި ކަންކަން ކުރެވިގެންދާކަން ކަށަވަރު ކުރުމަށް މި ގާނޫނުގެ ދަށުން ބޯޑެއްވެސް އެކުލަވާލެވިފައިވެއެވެ.

ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އިމާރާތްތަކުގެ ފެންވަރު ކަނޑައެޅިފައިވަނީ މި ގާނޫނުގެ ދަށުންނެވެ. އަދި އިމާރާތްކުރަމުންދާ ވަގުތު އެ ސަރަހައްދުގައި ދިރިއުޅެމުންދާ މީހުންގެ ރައްކައުތެރިކަން ކަށަވަރު ކުރުމަށް ބާރު އެޅިފައިވަނީވެސް މި ގާނޫނުގެ ދަށުން ކަމަށްވާއިރު، އިމާރާތް ކުރުމަށް ބޭނުން ކުރާ ސާމާނުގެ ކޮލިޓީވެސް ކަށަވަރު ކުރެވެގެން އަންނަނީ މި ގާނޫނުގެ ދަށުންނެވެ.

މީގެ އިތުރުންވެސް ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން ގާނޫނުގެ ސަބަބުން މުހިންމު ފައިދާތަކެއް ވެއެވެ. އެގޮތުން ދާއިރާގެ ތެރެއިން ކުރަމުންދާ މަސައްކަތްތަކުގައި ދިވެހިންނަށް އިސްކަން ދިނުމަކީވެސް ގާނޫނުގައި ބަޔާން ކުރެވިފައިވާ ކަމެކެވެ. އަދި އިމާރާތް ކުރާ ފަރާތްތަކާއި މަސައްކަތް ހަވާލު ކުރާ ފަރާތުގެ ދެމެދު ޖެހޭ މައްސަލަތައް ހައްލު ކުރުމުގައިވެސް މި ގާނޫނު މުހިންމު ރޯލުތަކެއް އަދާ ކުރެއެވެ.

ދިވެހިރާއްޖެ ފަދަ ކުރިއަރަމުން އަންނަ ގައުމެއްގައި ގިނަ އަދަދެއްގެ ތަންތަން އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރެވިގެންދެއެވެ. އެގޮތުން މަގުތައް ހެދުމުގެ އިތުރުން ބަނދަރު، އެއަރޕޯޓު، މިފަދަ އެތައް މަޝްރޫޢުތަކެއް ރާއްޖޭގައި ކުރިއަށްދާއިރު، މި ހުރިހާ ކަމަކަށް ދައުލަތުންވަނީ ބަޖެޓެއް ކަނޑައަޅައި ފާސްކޮށްފައެވެ. ހަމައެއާއިއެކު ސަރުކާރުގެ އެހީތެރި ކަމާއިއެކު ސިނާޢަތުގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދޭނެ އިމްތިޒާމްތަކެއް ވެސް ވެސް ކޮންމެވެސް މިންވަރަކަށް ހަމަޖެހިފައިވާކަން އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ.

ކޮންމެއަކަސް ދިވެހިރާއްޖޭގައި މިފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި އިންފްރާ ސްޓްރަކްޗާރއަށް 6 ބިލިއަން ރުފިޔާއާއި ގާތް ކުރާ އަދަދެއް ފާސްކުރެވިފައިވާއިރު ބިމާއި އިމާރަތް ކުރުމަށް 2.5 ބިލިއަން ރުފިޔާ ފާސްކުރެވިފައިވެއެވެ.

ޓޫރިޒަމް ފަދަ ދާއިރާތައް ކުރިއެރުވުމުގައިވެސް އެންމެ މައިގަނޑު އެއް ހިއްސާދާރަކީ ކޮންސްޓްރަކްޝަންގެ ސިނާއަތެވެ. ދިވެހިރާއްޖެއަށް ޓީޖީއެސްޓީގެ ގޮތުގައި ވަދެގެންދާ ފައިސާތައް ވަދެގެންދަނީ އިމާރާތް ކުރެވިފައިވާ ތަންތަން މެދުވެރިކޮށެވެ. އެހެން ކަމުން މި ސިނާއަތަކީ ކުރިއަރަމުން އަންނަ ކޮންމެ ގައުމެއްގެވެސް މައިބަދައިން ބައެއް ކަމަށް ދެންނެވުން ގޯހަކަށް ނުވާނެއެވެ.

ކޮންސްޓްރަކްޝަންގެ ސިނާއަތު މުހިންމު ނަމަވެސް ރާއްޖޭގައި އެތައް ބަޔަކު ބުރަތަކެއް އުފުލުމަށްފަހު ކުރިއަރުވާފައިވާ މި ސިނާއަތަށް މިއަދު ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. ކޮވިޑް 19 ގެ ދަތިކަމުގެ ތެރެއިން ތަކެތި ހޯދުމުގެ ދަތިތައް ކުރިމަތިވެ އެތައް މަޝްރޫޢުއެއް މަޑުޖައްސާލަން ޖެހުނު އިރު، ތަކެތި ލިބިގެންދިޔަ އިރު އަގުތައް ބޮޑުވުމާއި ގުޅިގެން އިތުރު ދަތިތައް ކުރިމަތިވިއެވެ.

ކޮވިޑްގެ ދަތިކަމުން އަރައިގަތުމުގެ މަގު އަލިވުމާއި އެކު މުޅި ދުނިޔެއަށް އަނެއްކާވެސް ލޮޅުމެއް އައެވެ. ރަޝީޔާ ޔޫކްރެއިން ދެމެދު ފެށިގެންދިޔަ ހަނގުރާމައިގެ ސަބަބުން އަނެއްކާވެސް ތަކެތި ހޯދުމަށް ދަތިތައް ކުރިމަތިވިއިރު، އެކަމުގެ ސަބަބުން ތެލުގެ ބާޒާރަށް ކުރި ބޮޑެތި އަސަރުތަކުގެ ސަބަބުން އަރައިގެން ގޮސްފައިވާ ތަކެތި އިތުރަށް އަގު ބޮޑުވިއެވެ.

ކޮވިޑް އަދި ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދަތިތަކެއް ކުރިމަތިވި ނަމަވެސް، މިވަގު ދިވަހިރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ ކުރިއެރުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ހިންގަމުންދާ ބިޔަ މަޝްރޫޢުތަކުގެ ތެރޭގައި ދާއިރާ ކުރިއެރުވުމަށް ބުރަ މަސައްކަތަކެއް ކޮށްފައިވާ އަމިއްލަ ފަރާތަކަށް ޖާގަ ދިނުން ކުޑަވެފައިވުމެވެ.

ސަރުކާރުން ގިނަ އަދަދެއްގެ މަޝްރޫޢުތައް ހިންގަމުންދާއިރު، ސަރުކާރުގެ ކުންފުނިތަކަށް އެއް ބައި މަޝްރޫޢޫތައް ހަވާލު ކުރެވިފައިވާއިރު، އަނެއް ބައި މަޝްރޫޢޫތައް ހަވާލު ކުރެވިފައިވަނީ ބޭރުގެ ކުންފުނިތަކާއެވެ. އެހެންކަމުން މަޝްރޫޢުގެ ކުރިއެރުމަށް ގަދަ އަޅައި މަސައްކަތް ކުރި އެތައް ބައެއް މިއަދު ތިބީ މަސައްކަތްތައް ހޯދުމުގެ ދަތިކަމާއި ކުރިމަތިލައެވެ.

ދާއިރާގެ ކުރިއެރުމަށް ގޮންޖެހުންތަކެއް ހުރިކަމަށް ފާހަގަކުރުމުން، މިކަމަށް އޮތް ހައްލަކީ ކޮބައިކަން ބަލާލުން މުހިންމެވެ.

އެންމެ ބޮޑު އެއް މައްސަލައަކީ، ދާއިރާގައި ޝާމިލުވާން ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމަށް ބޭނުންވާ ލޯނުތައް ލުއި ފަސޭހަކަމާއި އެކު ހޯދުމުގެ ފުރުސަތު ފަހިވެފައި ނެތުމެވެ. މިކަން ކަން ހައްލު ކުރެވިގެންދާނީ ސިނާއަތުގެ ތެރެއަށް އިންވެސްޓު ކުރުމަށް ބޭނުންވާ ފަރާތްތައް ހޯދައި، ދާއިރާއަށް ހާއްސަ ބެންކިންގް ހިދުމަތްތައް އެކުލަވާލައި، އެފަދަ ލޯނުތައް ފަސޭހަކަމާއި އެކު ލިބޭ ގޮތް ފަހިކުރުމެވެ.

ކޮވިޑްގެ ދަތިތަކަމުގެ ތެރޭގައި ފާހަގަކުރެވިފައިވާ ތަކެތި ހޯދުމުގެ ދަތިކަމަކީވެސް ދާއިރާގެ ކުރިއެރުމަށް އެޅިފައިވާ ބޮޑު ހުރަހެކެވެ. ތަކެތި ހޯދުމަށް ފަސޭހަވާނެ މަގުތައް ހޯދައި ދާއިރާގެ މީހުން އެ މަގުތަކަށް އަހުލުވެރި ކުރުވުމަކީ ސަރުކާރުން ކޮށްދޭން ޖެހޭ މުހިންމު ކަމެކެވެ. މި އުސޫލުން ކަންކަން ކުރުމުގެ ސަބަބުން ދާއިރާގައި ތިބި ފަރާތްތައް ކުރިމުންދާ މަސައްކަތްތައް އަވަސް ގޮތެއްގައި ކުރެވި، ގިނަ އަދަދެއްގެ މަޝްރޫޢޫތައް ފަސޭހަކަމާއި އެކު ހިންގުމަށް މަގުފަހިވެގެންދެއެވެ.

މީގެ އިތުރުން ކޮންސްޓްރަކްޝަންގެ އެތައް މަސައްކަތްތަކެއް ރާއްޖޭގައި ކުރިއަށް ދާއިރު، ދިވެހި އަމިއްލަ ކުންފުނިތަކުގެ ދައުރު ކުޑަ ވުމަކީ އިންތިހާއަށް ދެރަ މައްސަލައެކެވެ. ސަރުކާރުގެ ކުންފުނިތަކުގެ ދައުރު ކުޑަކޮށް، ރައްޔިތުންގެ ހިއްސާ އޮންނަ އަމިއްލަ ކުންފުނިތައް ބާރުވެރި ކުރުމަކީ މިކަމަށް އޮތް ހައްލެއް ކަމަށް ލަފާ ކުރެވެއެވެ. މިދެންނެވި މަގުން ކަން ކުރެވިއްޖެނަމަ ސިނާއަތަށް ލިބޭ ކުރިއެރުމާއިއެކު ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ލިބި ގައުމުން ބޭރުވާ އެތައް މިލިޔަން ބޭރު ފައިސާއެއް ގައުމުގެ ތެރޭގައި ހިފެއްޓި އިގްތިސާދު ކުރިއަރައިގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: