ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބަދުވެސް ތިބެން ޖެހެނީ ބާކީވެފައި، މި ނޫން އެހެން ގޮތެއް ހަމަ ނެތީތަ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވެ ދިޔަ އަހަރުތަކުގައި ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ބިނާކުރެވިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިން މުޖުތަމަޢުގައި ދިރިއުޅޭ ކަމަށް ރިޢާޔަތްކުރެވިގެން ކަމާއިމެދު މިއަދު އެތައް ބަޔަކު ސުވާލު އުފައްދަ އެވެ. ހާއްސަކޮށް ކޮންމެ އިންތިހާބަކާއި ދިމާކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެކިއެކި ކަންކަން ކޮށްދޭނެ ކަމަށް ވަޢުދުވާ ކަމީ އެންމެން ވެސް ގަބޫލުކުރާ ކަމެކެވެ.

ފެންނަން އޮތް ހަގީގަތަކީ ފާއިތުވެ ދިޔަ އަހަރުތަކުގައި ޢާންމު ޚިދުމަތްދޭ ތަންތަން ބިނާކުރުމުގައި އެ ފަރާތްތަކުގެ ނުކުޅެދުންތެރިކަމަށް ރިޢާޔަތްކުރެވިފައިނުވާ ކަމެވެ. އޭގެ ބަދަލުގައި ފެނިގެންދިޔައީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުގެ ތެރެއިން ގަސްދުގައި ހަވާސާކޮށް، އެ ފަރާތްތަކުގެ ސިޔާސީ ނާޖާއިޒު ފައިދާތައް ނެގި މަންޒަރެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް އެހެން ފަރާތެއްގެ އެހީތެރިކަމެއް ނެތި ހިނގާބިނގާވެ އުޅުމާއި، ދަތުރުފަތުރުކުރުމާއި، އެންމެ އެކަށީގެންވާ ގޮތެއްގައި އިމާރާތްތަކަށް ވާސިލުވެވޭނޭ މިންވަރަށް އިންތިޒާމުތައް ހަމަޖެއްސިފައި ނެތް ކަމީ ލަދުގަންނަން ޖެހޭ ކަމެކެވެ.

ތަހުޒީބަކީ އިންސާނާގެ ވިސްނުމާއި ފިކުރަށް އަންނަ ކުރިއެރުމެއް ކަމުގައިވާ ނަމަ، އެ ކަން މުޅި މުޖުތަމަޢުގެ ތެރެއިން ފެންނަން ޖެހޭނެއެވެ. އެ ގޮތުން މުޖުތަމަޢުގައި “އިންކްލޫސިވިޓީ” އަދި “އެކްސެސިބިލިޓީ” ނެތް ކަމުގައި ވަނީ ނަމަ އެއީ ތަހުޒީބުވެފައިވާ މުޖުތަމަޢުއެކޭ ނުދެންނެވޭނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ކާމިޔާބީއާއި ހަމައަށް ވާސިލުވެވެނީ، އެ ނޫން މީހަކު އެ ފަދަ ކާމިޔާބީއެއް ހޯދުމަށް ވާ ޤުރުބާނީއަށް ވުރެ އެތައް ގުނަ ބޮޑު ޤުރުބާނީތަކެއް ވެގެންނެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތައް އެންމެ ފުރަތަމަ ކަޑައްތުކުރާ ހުރަހަކީ ޢާއިލާގެ ތެރޭގައި އެ ފަރާތްތަކުގެ ޤާބިލުކަމާ މެދު އޮންނަ ވިސްނުމެވެ. ނުވަތަ އުފައްދާ ސުވާލުތަކެވެ. އެއަށް ފަހު، މުޖުތަމަޢުގެ ތެރެއިން ކުރިމަތިވާ ގޮންޖެހުންތަކެވެ. މި ހުރިހާ މަރުޙަލާތަކެއް ކަޑައްތުކުރުމަށް ފަހު ކާމިޔާބީއާ ހަމައަށް ވާސިލުވެވެނީ ކެތްތެރިކަމާއެކު ކުރެވޭ ދިގު އިންތިޒާރާއި މިންނަތް މަސައްކަތުން ހޯދޭ ހަނި ފުރުޞަތެއްގެ ތެރެއިންނެވެ. ސުވާލަކީ ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ގާނޫނީ ހިމާޔަތާ، އެހީތެރިކަން ލިބިދީފައި ވަނީ ކިހާ މިންވަރަކަށްތޯއެވެ؟

ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށާއި މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ގާނޫނެއް ވުޖޫދު ކުރެވުނީ 2010 ވަނަ އަހަރުއެވެ. އޭގެ ފަހުން 12 އަހަރު ފާއިތުވެގެންދިޔައިރު ގާނޫނު ވުޖޫދު ކުރުން ފިޔަވައި ކުރެވުނު މާ ބޮޑު ކަމެއް ނެތޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ކޮންމެއަކަސް މި ދެންނެވި ގާނޫނުގައިވާ ބައެއް ކަންކަމަށް ވެސް ބަލާލާނަމެވެ.

މިދެންނެވި ގާނޫނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 35 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެންމެހައި އަސާސީ ހައްގުތަކާއި މިނިވަންކަން އެއްވެސް ތަފާތު ކުރުމެއްނެތި ލިއްބައިދިނުމާއި، އެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކޮށް ހިމާޔަތްކުރުމާއި، ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމާއި، އެހެން މީހުންނާ ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމާއި، އެފަދަ މީހުންނަށް ލިބިދޭންޖެހޭ ހާއްސަ ރައްކާތެރިކަމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި، ހަމަތައް ކަނޑައަޅައި ބަޔާންކުރުމުގެ ގާނޫނެވެ.

ގާނޫނުގެ މައިގަނޑު މަގުސަދަކީ އެހެން މީހުންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވެސް ކަރާމާތަށް އިހްތިރާމްކުރުމާއި، އަމިއްލައަށް ކަންތައްތައް ނިންމުމުގެ އިހްތިޔާރު ލިބިދިނުމާއި، މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބިދިނުމެވެ. ހަމައެހެންމެ އެހެން މީހުންނެކޭ އެއްފަދައިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ފުރިހަމަ މިނިވަންކަމާއެކު ދިރިއުޅުމާއި، ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި އެންމެ ފުރިހަމައަށް ބައިވެރިވުމުގެ ހައްގު ހޯދައިދީ، އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އިމާރާތްތަކާއި، މަގުތަކާއި، ދަތުރުފަތުރުގެ ވަސީލަތްތަކާއި، މައުލޫމާތާއި، މުއާސަލާތީ ވަސީލަތްތަކާއި، މިނޫންވެސް އާންމުންނަށް ލިބިދޭ ނުވަތަ އާންމުންނަށް ހުޅުވާލެވިފައިވާ ވަސީލަތްތަކާއި ހިދުމަތްތައް ފަސޭހައިން ބޭނުންކުރެވުން ނުވަތަ ލިބިދިނުމަކީ ވެސް ގާނޫނުގެ މައިގަނޑު މަގުސަދެކެވެ. ނަމަވެސް ހަގީގަތަކީ މިއިން އެއްވެސް ކަމެއް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ނުވަތަ ފަރާތްތަކަށް މަދުން ނޫނީ ފުރިހަމަ ނުވާ ކަމެވެ.

މިދިޔަ މުއްދަތުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީޙުންނަށް ދެވުނު ބޯހިޔާވަހިކަމެއް ނެތެވެ. 2000 ރުފިޔާގެ އެހީއެއް ނަމެއްގައި ދިން ނަމަވެސް އެއިންވާ ފައިދާއެއް ނެތެވެ. ހަފްތާއަކު އެތައް ފަހަރަކު ޑޮކްޓަރަށް ދައްކަން ޖެހޭއިރު 2000 ރުފިޔާއިން ނުފުދޭނެކަން ސަރުކާރުގެ އިސް ފަރާތްތަކަށް ހަމަ ހަގީގަތުގައި ވެސް ގަބޫލު ކުރެވޭނަމަ ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހުން ތަހަންމަލް ކުރަން ޖެހޭ ކަންކަން އިހުސާސް ކުރެވޭނަމަ ދައުލަތުންދޭ އެހީ ބޮޑު ކުރީސްކަން ހަމަ ޔަގީނެވެ.

ސިޔާސީ މަގާމްތަކުގައި ތިއްބަވާ ފަރާތްތަކާއި ފަނޑިޔާރުންގެ ލިވިންގ އެލެވެންސްއާއި އެ މީހުންނަށް ދިރިއުޅެވޭނެ ގޮތްތައް ގާނޫނުތަކުގެ ތެރެއިން ހޯދައިދޭން މަސައްކަތް ކުރާއިރު ނުކުޅެދުންތެރިކަން ހުންނަ މަދު މީސްކޮޅަށް މި ކަންކަން ހޯދައި ނުދެވެންވީ ސަބަބެއް ނެތެވެ.

ހަގީގަތަކީ ނުކުޅެދޭ މީހުންނަށް އެހީވާނެ ވާހަކަ އެ މީހުންނަށް ހިލޭ ބޯހިޔާވަހިކަން ދޭނެ ވާހަކަ މިއީ ހުސް ސިޔާސީ ވާހަކައެވެ. އަމަލީ ސިފައެއް އަންނާނެ ވާހަކައެއް ނޫނެވެ. ނުވަތަ ގެންނާނެ ވާހަކައެއް ވެސް ނޫނެވެ. ނަމުގައި ގާނޫނެއް ގެނެސްދިނުން ފިޔަވައި ކޮށްދެވުނު ހަމަ އެއްކަމެއް ވެސް ނެތެވެ. މިއީ ބަޔަކު މީހުން ގަބޫލު ކުރިޔަސް އަދި ނުކުރިޔަސް ހަމަ ހަގީގަތެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުނާއި ހާއްސައެހީއަށް ބޭނުންވާ މީހުން އަބަދުވެސް ތިބެން މިޖެހެނީ ބާކީވެފައެވެ. މި ނޫން އެހެން ގޮތެއް ހަމަ ނެތީހެއްޔެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: