މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ތަރައްގީކުރުމަށް ނިންމައިފިއެވެ.
މިކަމާއި ގުޅިގެން ސިޓީ ކައުންސިލުން ބުނެފައިވަނީ މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ތަރައްގީ ކުރަން ނިންމީ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކޮށް ގަލޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ގަލޮޅުގައި ޕާކެއް ތަރައްގީ ކޮށްދިނުމަށް އެދުމުންކަމަށެވެ.
ކައުންސިލުން ބުނެފައިވަނީ ގަލޮޅުގެ ކުރީގެ ސިޓީ ޕާކު ހުރި ބިމުގައި ތަރައްގީ ކުރާ ޕާކު ފަރުމާކޮށްފައިވަނީ އެބިމުގައި ހުރި ބޮޑެތި ގަސްތަކަށް ގެއްލުމެއް ނުލިބޭ ގޮތަށްކަމަށެވެ.
ޕާކު ތަރައްގީކުރެވިގެންދާނީ ޕާކުގައި ކުޑަ ކުދިންނަށް ހާއްސަކޮށްގެން ތަރައްގީ ކުރާ ”ޕްލޭ އޭރިއާ“ ގައި އެންމެ ތުއްތު ކުދިންނަށް ހާއްސަ ބަޔަކާއި ކުޑަކުދިންނަށް ހާއްސަ ބައެއް އެކުލެވިގެންކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. މިއީ ”ޓްރީ ހައުސް ތީމް“ އަށް ފަރުމާކުރެވޭނެ ބައެއްކަމަށް ކައުންސިލުން ފާހަގަކުރިއެވެ.
މީގެ އިތުރުން ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ހިތްހަމަޖައްސާލާނެ ފުރުސަތެއް ތަނަވަސްކޮށް ދިނުމުގެ ގޮތުން، ފުރޮޅުލީ ގޮޑިއާއެކު އެރޭނެ ފަދަ އުނދޯއްޔެއް ބަހައްޓާފައިވާނެކަމަށާއި، އަދި ކުޑަކުދިން ކުޅެން ދޫކޮށްލުމަށްފަހު، ބެލެނިވެރިން އަރާމުކޮށްލާނެ ފުރުސަތު ދިނުމުގެ ގޮތުން، ކުޑަކުދިން ކުޅޭ ސަރަހައްދުގައި ބެލެނިވެރިން އިށީނުމަށް ގިނަ އަދަދެއްގެ ޖާގަ ދެވިފައިވާނެކަމަށް ކައުންސިލުން ބުނެފައިވެއެވެ. އަދި ޕާކު ތަރައްގީކުރުމުގައި ޕާކުގެ އެހެން ސަރަހައްދުތަކުގައިވެސް ތަފާތު ސީޓިންގް ޖާގަ ފަހިކޮށްދޭނެކަމަށާއި، ހާއްސަ ތީމް އަކަށް ފަރުމާކޮށްފައިވާ ’ފްލަރވަރ ސީޓް‘ އަދި ’ލީފް ސީޓް‘ ތަކެއް ވެސް މި ޕާކުގައި ބަހައްޓާނެކަމަށް ބުނެފައިވެއެވެ.
މި ޕާކުގައި އާންމުން ކަސްރަތު ކުރުމަށް އައުޓްޑޯ ޖިމަކާއި ކަސްރަތު ކުރުމަށް ހިނގާ ޓްރެކެއްގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ކަސްރަތުކުރުމަށް ފަރުމާކުރެވިފައިވާ ހާއްސަ ”އައުޓްޑޯ ޖިމެއް“ ތަރައްގީ ކުރާނެއެވެ. ޕާކުގެ ފާހާނަ ބްލޮކްގައި އަންހެން ފިރިހެން އަދި ހާއްސައެހީ އަށް ބޭނުންވާ ފަރާތްތަކަށް ޖާގަ ތަނަވަސްކޯށްދޭނެކަމަށްވެސް ޕާކު ތަރައްގީކުރުމާއި ބެހޭ ތަފްސީލު ދެއްވަމުން ކައުންސިލުން ބުނެފައިވެއެވެ.
މި ޕާކުގެ ސްޕޯޓްސް އޭރިޔާގައި ބެޑްމިންޓަން ކޯޓްއަކާއި 3 އޮން 3 ބާސްކެޓް ބޯލް ކުޅޭނެ ކޯޓެއް ހުންނައިރު، މި ސްޕޯޓްސް އޭރިޔާގެ ދަށުގައި، ގްރައުންޑް ލެވެލް ގައި 102 ސައިކަލް ޕާކު ކުރެވޭ ޖާގައިގެ ޕާކިން ޒޯން އެއްވެސް ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ. މި ޕާކިންގް ޒޯންއާ އިންވެގެން ކޮމާޝަލް ޖާގައިގެ ގޮތުގައި 2 ސްލޮޓު އިންނާނެކަމަށް ބުނެފައިވެއެވެ.
ސަލާހުއްދީން މިސްކިތާއި ޕާކާއި ދެމެދުގައިވާ ހަނި ގޯޅީގައި ހިނގާ ނޭދެވޭ އަމަލުތައް މަދުކުރުމުގެ ގޮތުން، އެ ސަރަހައްދު އަލި ކުރުމަށް ،ޕާރކުގެ ފާރުގައި އެމްބެޑެޑް ލައިޓް ހަރުުރާނެކަމަށާއި، ޕާކުގެ އެތެރޭގެ ލައިޓް ތަކާއިއެކު، މި ސަރަހައްދަކީ އެކަށީގެންވާ ވަރަށް ދިއްލިފައިވާ ސަރަހައްދަކަށް ވާނެކަމަށް ކައުންސިލުން ބުނިއެވެ.
މަގުގެ ޓްރެފިކް އާއި ޕާރކް އާ ދެމެދު ބަފަރ އެއް ލުމުގެ ގޮތުން، ޕޭވްމެންޓްގައި ހަނި ޕްލާންޓަރ ބޮކްސް ތަކެއް ބަހައްޓާ، މި ޕްލާންޓަރ ބޮކްސް ތަކުން ޕާރކް ތެރެއަށް ވެޔޮއަރާ ގޮތަށް ޓްރެލިސް ތަކެއް ފަރުމާކުރުމަށް ވަނީ ނިންމާފައެވެ.

