މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ދެވަނަ ފޭސް ތަރައްޤީ ކުރުމުގެ މަޝްރޫއަށް ފަންޑު ކުރާނެ ކަމުގެ ޔަގީންކަން އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީ،އެފް،ޑީ) އިން ދީފައިވާކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހާމަކުރައްވައިފި އެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދުބާއީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓްގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސާއިފް އަލް ސުވައިދާ އާއި ވަނީ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުވުމާ ގުޅޭ ގޮތުން މިނިސްޓަރ ޝާހިދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ވަނީ މާފަރުގެ އެއާޕޯޓްގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން އޭޑީއެފްޑީގެ ފަރާތުން ދީފައިވާ ކަމަށެވެ. ނަމަވެސް މަސައްކަތް ފަށާނެ ވަކި ތާރީހެއް ހާމައެއް ނުކުރައްވަ އެވެ.
މާފަރު އެއާޕޯޓުގެ ދެވަނަ ފޭސްގައި، ބިން ހިއްކުމާއި، ރަންވޭ ދިގުކުރުމާއި ބޮޑެތި ބޯޓު ޖެއްސޭ ފެންވަރަށް މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރުން ހިމެނެއެވެ.
މާފަރު އެއާޕޯޓު 2019 ވަނަ އަހަރުގެ ޑިސެންބަރ މަހުގެ 1 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާފައިވާއިރު ރައީސް ޔާމީންގެ ސަރުކާރުގައި މާފަރު އެއާޕޯޓުގެ މަޝަރޫއު ކުރިޔަށް ގެންދިއުމަށްޓަކާ ދެ ކުންފުންޏަކާއި ހަވާލު ކުރިއެވެ. އެއާޕޯޓުގެ މަޝްރޫއު ނިންމާފައިވަނީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޓަފް ކުންފުނިންނެވެ.
މާފަރު އެއާޕޯޓުގައި އަޅާފައިވަނީ 2.200 މީތަރު ދިގު، އަދި 40 މީޓަރު ފުޅާ ރަންވޭއެކެވެ. އަދި އެއާޕޯޓަށް ފަނޑުކޮށްފައިވަނީ ޔޫއޭއީންނެވެ. އަބޫދާބީގެ ފަންޑުގެ 60 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ބޭނުންކޮށް ތަރައްގީކޮށްފައިވާ މި އެއާޕޯޓަކީ ދުނިޔޭގެއެންމެ ބޮޑެތި މަރުކާގެ ބޯޓުތަކަށް ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ.
އެއާޕޯޓު ތަރައްގީކޮށްފައިވަނީ އިންޓަނޭޝަނަލް ފެންވަރަށްކަމަށް ވުމާއިއެކު ވީއައިޕީ ލޯންޖެއްގެ އިތުރުން، އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހުންނަން ޖެހޭއިތުރު ވަސީލަތްތައް ވަނީ ގާއިމްކޮށްފަ އެވެ. އަދި ޕްރައިވެޓު ޖެޓުތައް ޕާކު ކުރުމަށް ހާއްސަ ސަރަހައްދެއް ގާއިމްކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.

