ދަނޑުވެރިކަމުގެ މަސައްކަތަށް ދޫކުރި، ވ. ހުޅިދޫގެ އެއްބަސްވުން ބާތިލުކޮށްފައި ނުވާކަމަށާއި، ރަށުގައި ގަވައިދާއި ހިލާފު ކަމެއް ހިންގިތޯ ބަލާނެކަމަށް ފިޝަރީޒް، އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
އާރަށް އިންވެސްޓްމަންޓްސްއަށް 2017 ގައި ހުޅިދޫ ދޫކޮށްފައި ވަނީ ދަނޑުވެރިކަމުގެ މަސައްކަތަށެވެ. މަހު ކުލީގެ ގޮތުގައި އެންމެ 6،000 ރުފިޔާ ދައްކަން ޖެހޭ އެ ރަށުގެ މައްސަލަ ބޮޑުވެފައި ވަނީ އެގްރިމަންޓާއި އެއްގޮތަށް ދަނޑުވެރިކަމުގެ އެއްވެސް މަސައްކަތެއް ކުރިޔަށް ނުގެންދާތީ އެވެ. އަދި ގަވައިދާއި ހިލާފު އިތުރު މަސައްކަތްތަކެއް ރަށުގައި ކުރިޔަށް ގެންދާތީ، އެއީ ގާނޫނީ ގޮތުން ބާތިލު އެއްބަސްވުމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މައްސަލަ ބޮޑުވެ، މިއަދު މިނިސްޓަރު ޑރ. ހުސެއިން ވިދާޅުވީ 21 އަހަރުގެ މުއްދަތަކަށް ދޫކޮށްފައިވާ ހުޅިދޫގެ އެގްރިމެންޓު ބާތިލުވެފައި ނުވާކަމަށެވެ. އަދި އެގްރިމެންޓާއި ގުޅޭ ގޮތުން ސުވާލުތަކެއް އުފެއްދި ނަމަވެސް އަދި އެފަދަ ހާލަތެއް ނެތްކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ދަނޑުވެރިކަމަށް ދޫކުރާ ރަށެއްގެ އެއްބަސްވުމެއް ބާތިލު ކުރެވޭނީ އެއްބަސްވުމާއި އެއްގޮތަށް ކުލި ނުދައްކާ ނަމަ ކަމަށެވެ. ނުވަތަ ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭ މަސައްކަތެއްގެ ނޯޓިސްއަށް ފަހު ވެސް އެއާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ނުދާނަމަ އެފަދަ ހާލަތެއް އަތުވެދާނެކަމަށް ޑރ. ހުސެއިން ވިދާޅުވި އެވެ.
ގާނޫނާއި ގަވައިދާއި ހިލާފަށް ހުޅިދޫގައި މަސަައްކަތް ކުރިކަމަށް ނުވަތަ ކުރަމުން ގެންދާކަމުގެ އެއްވެސް ޝަކުވާއެއް ރަސްމީކޮށް މިނިސްޓްރީއަށް ލިބިފައި ނުވާކަން ފާހަގަކޮށް ޑރ. ހުސެއިން ވިދާޅުވީ އެކި ގޮތްގޮތުން ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް އެކުލެވޭތޯ ބަލާނެ ކަމަށެވެ. ނަމަވެސް ގަވައިދާއި ހިލާފު ކަންތަކެއް ހިނގާފައިވާނަމަ ފިޔަވަޅު އަޅާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އުސޫލުތަކާއި ހިލާފަށް ރަށުގައި ކުރި މަސައްކަތެއްކަމަށް ތުހުމަތު ކުރާ ކަންކަމުގެ ތެރޭގައި، އެންވައިރޮމެންޓަލް އިމްޕެކްޓް އެސަސްމަންޓާއި ހިލާފަށް ފާލަމެއް އެޅުމާއި، ގަވައިދާއި ހިލާފަށް ރުށްތަކެއް ނެގުމާއި އީއައިއޭ އާއި ހިލާފަށް ދެ ނެރު ކެނޑުން އަދި ރަށުގެ ކުޅިއަށް ވެލި އެޅުން ހިމެނެ އެވެ. މީގެއިތުރުން ހުޅިދޫ ފަރަށް ބާޖެއް އަރުވާފާކަމަށް ވެސް ދަނީ ތުހުމަތުތަކެއް ކުރެވެމުންނެވެ.
ވ އަތޮޅުގެ ގިނަ ރަށްތައް ދޫކޮށްފައި ވަނީ ފަތުރުވެރިކަމުގެ ބޭނުމަށާއި، އިގްތިސާދީ މަސައްކަތްތަކަށެވެ. އޭގެ ތެރޭގައި ހިމެނޭ ހުޅިދޫގެ އެއްބަސްވުން ބާތިލު ކުރަންޖެހޭކަމަށް އެ އަތޮޅު ކައުންސިލުން ދަނީ ގޮވާލަމުންނެވެ. ކައުންސިލުން އެދިފައި ވަނީ ހުޅިދޫ އެއްބަސްވުން ބަތިލު ކުރުމަށް ފަހު ރަށް ރައްޔިތުންނަށް ބޭނުން ކުރުމަށް ދިނުމެވެ.
ހުޅިދޫ ކުއްޔަށް ދިނުމުގެ އެގްރިމެންޓު ބާތިލުކޮށް އެ އަތޮޅު ރައްޔިތުންނާ ރަށް ހަވާލު ކުރުމަށް ގޮވާލައި ރަށުގައި ކުރިޔަށް ގެންދިޔަ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ވަނީ މަސައްކަތްތަކެއްކޮށްފަ އެވެ. ވ. އަތޮޅު ކައުންސިލާއި ބައެއް ރައްޔިތުން ރަށުގައި މުޒާހަރާ ކުރަމުން ދަނިކޮށް އެސްއޯ ފުލުހުންގެ ޓީމެއް އެ ރަށަށް ގޮސް އެއީ ގާނޫނާ ހިލާފުވެފައިވާ ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ފޮނުވާލަން މަސައްކަތް ކުރި އެވެ. އޭގެ ފަހުން މުޒާހަރާތައް ހުއްޓާލާފައި ވަނީ، ސަރުކާރާއި އެކު އެކަމާއި ބެހޭ މަޝްވަރާތަކެއް ކުރިޔަށް ގެންދިއުމަށްކަމަށް ބުނެ އެވެ.

