ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އެފްރިކާގެ ރައްޔިތެއް ކަމަށްވާ ޒެމެކިލެ ލެސިއާ އޮންޔެޗެ 12 އަހަރާއި ހަ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެފްރިކާގެ ރައްޔިތެއް ކަމަށްވާ ޒެމެކިލެ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ މިއަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހުއެވެ. އޭނާ ރާއްޖެއައީ ދޯހާ މަގުން ރާއްޖެއައި ގަތަރު އެއަރލައިންސްގެ ފްލައިޓެއްގައެވެ. އަދި އޭނާ ހައްޔަރު ކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
އެފްރިކާގެ މި މީހާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ އޭނާގެ ހަށިގަނޑުގައި ރައްކާކޮށްގެންނެވެ. އަދި އޭނާ ވަނީ ކަސްޓަމްސް އޮފިސަރުންނާއި ފުލުހުންގެ ހާޒިރުގައި އެކަމަސް އިއުތިރާފްވެފައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ޒެމެކިލެ 12 އަހަރާއި ހަ މަހަށް ޖަލަށް ލުމާއިއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އަދި ޖޫރިމަނާގެ ފައިސާ އެއް އަހަރުގެ ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ނިންމަން ޖެހޭނެ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.

