ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޯސްގެ މައްސަލަ: ސްޓޭންޑު ބަދަލު ކުރި ސަބަބު ހޯދަން އިންކުއަރީއަކަށް ހުށަހަޅައިފި

ޕީއެންސީގެ ނައިބްރައީސް އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޯސްގެ މައްސަލައިގައި ސިޔާސަތާއި ސްޓޭންޑް ބަދަލުކުރުމަށް ސަރުކާރުން ނިންމި ގޮތުގެ މައްޗަށް އިންކުއެރީއެއް ހެދުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެދިއްޖެއެވެ.

ދިވެހި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބޮޑު ބައެއް ގެއްލޭ ފަދަގޮތަކަށް ދިވެހި ސަރުކާރު ގެ ސިޔާސަތާއި ސްޓޭންޑް ބަދަލު ނުކުރުމަށް ސަރުކާރަށް ގޮވާލައި އާދަމް ޝަރީފްގެ ފަރާތުން މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ.

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅާފައިވާ މައްސަލައިގައި ސަރުކާރުން މީގެ ކުރިން ގެންގުޅުނު ސްޓޭންޑު ބަދަލު ކުރުމާއި އެކި އެކަމާއި މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު އޮތްކަމެއްގެ ގޮތުގައި ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ އައްޑޫގެ ދެކުނުން އޮންނަ ޗާގޯސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ.

މި މައްސަލައިގައި ސަރުކާރާއި، ބަންޑާރަ ނައިބުގެ އޮފީހުން ވެސް ބުނީ ރާއްޖޭގެ ދެކުނުން، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބައެއް ޗާގޮސްގެ ސަރަހައްދަށް ވަންނަކަމަށް މޮރިޝަސްއިން ބުނާ މައްސަލައިގައި އިޓޮލްސްގައި ރާއްޖެއިން ނަގާފައިވާ ސްޓޭންޑަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެކަމަށް އައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަން ނެރުމުން، އެކަމަށް އދ ގެ ގިނަ ގައުމުތަކުން ތާއީދު ކުރި އެވެ.

ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އައިސީޖޭއިން ނިންމާފައިވާ ނިންމުމަށް އދ ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިޓޮލްސްގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަކަން ފާހަގަކުރެވެ އެވެ. ނަމަވެސް ގިނަ ބަޔަކު، ދަނީ މިކަމުގެ ސަބަބުން ރާއްޖެއަށް ގެއްލުންތަކެއް ވާނެކަމަށް ބުނަމުންނެވެ.

މައްސަލަ ހުށައަޅުއްވަމުން އާދަމް ޝަރީފް ވަނީ ދިވެހިރާއްޖޭގެ ސަރަހައްދަކީ ކޮބައިކަމާއި، އެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުންކަމަށް ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކުރާކަން ފާހަގަކުރައްވާފަ އެވެ. އަދި “ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކަށް ޢަމަލު ކުރާންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާގޮތުގެ މަތިން” ކަމަށް ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (1) ގައި ބަޔާންކޮށްފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މިހެން އޮތްއިރު އައްޑޫ ސިޓީގެ ދެކުނުން، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ބައެއް ހިމެނޭ ގޮތަށް، ފޯޅަވައްސާއި އެކު އޮންނަ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގެ ގޮތުގައި ހަމަޖެއްސުމަށް އެ ގައުމުން އިންޓަނޭޝަނަލް ޓްރިބިއުނަލް ފޮރ ލޯވް އޮފް ދަ ސީއަށް ހުށަހަޅާފައިވާ މައްސަލައިގައި، ދިވެހިރާއްޖެއިން މިހާތަނަށް ވަކާލާތުކޮށްފައި ވަނީ މޮރިޝަސްއާއި ދެކޮޅަށް ކަމަށްވެފައި، މޮރިޝަސްއަށް ތާއީދުކޮށްފިނަމަ، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލޭ ނެކަމުގެ ބިރު ބޮޑުވާކަމަށެވެ.

އެހެންވެ އާދަމް ޝަރީފް ހުށަހެޅުއްވީ އަލުން އެ ސަރަހައްދު ހޯދުމުގައި ބައިނަލްއަޤުވާމީގޮތުން ބޮޑެތި ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިވާނެކަމަށް ބެލެވެތީވެ، ކުއްލިއަކަށް ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑް ބަދަލުކުރުމުގެ ސަބަބުން ޗާގޯސް އިން ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ގައި ހިމެނޭ ބައި ގެއްލޭނެތީ އާއި އެކަމުގައި ރާއްޖޭގެ ހައްގު ހޯދުމުގެ ބަސް ބުނުމުގެ ދޮރު ރާއްޖެއަށް އެއްކޮން ބަންދުވާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އާދަމް ޝަރީފްގެ މައްސަލައަށް ތާއީދުކޮށް ވާހަކަ ދައްކަވާފަ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި، މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނާއި އަރިސް ބައެއް މެމްބަރުން ފާހަގަކުރެވެ އެވެ.

އިންކުއަރީއެއް ހެދުމަށް ތާއީދުކޮށް އީވާ ވިދާޅުވީ، މަޖިލީހުގެ ގަވައިދުން އެކަމަށް ތަންދޭ ކަމަށެވެ.

މައްސަލައިގައި ސަރުކާރުން ނެރުނު ބަޔާން ދިފާއުކޮށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި، ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވެސް ވިދާޅުވީ މޮރިޝަސްގެ ސިޔާދަތު އޮތްކަމަށް ގަބޫލުކުރުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލަން އެއްބަސްވުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މޮރިޝަސްގެ ސިޔާދަތު ނުވަތަ ސަވްރިނިޓީ ފޯޅަވަހީގެ މައްޗަަށް އޮތްކަަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާނަމަ ދެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ސަރުކާރަށް އެ އެއްބަސްވެވުނީ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މިއަދު ވެސް ގެންގުޅުއްވާ ވިސްނުމަކީ، ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން އެތަން ދޫކުރެވެން ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ޗާގޯސްގެ މައްޗަށް ބާރު ހިންގާ ޤައުމެއްގެގޮތުގައި އިނގިރޭސިވިލާތް އޮތުމުން ޗާގޯސްގެ ސަރަހައްދުން ރާއްޖެއަށް ހިމެނޭ ބަޔާމެދު މޮރިޝަސްއިން ވަކާލާތުކުރުމުގެ ފުރުޞަތު ހަނިކަމަށް ވާއިރު، އެކަމަށް ރިޢާޔަތް ކުރުމެއް ނެތި، ކުރިން ސަރުކާރުން ގެންގުޅުނު ސިޔާސަތު ކުއްލިއަކަށް ބަދަލުކޮށް، މޮރިޝަސްއަކީ ޗާގޯސްގެ ސިޔާދަތީ ބާރު ހިނގާ ޤައުމުކަމުގައި ރާއްޖެއިން ނިންމި، އެ ނިންމުމަކީ ރާއްޖެއަށް އިޔާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބޭގޮތަށް ނިންމާފައިވާ ނިންމުމެއްކަށް އާދަމް ޝަރީފް ހުށައެޅުއްވި ކުއްލި މައްސަލައިގައިވެއެވެ.

މޮރިޝަސްއަކީ ޗާގޯސްގެ ސިޔާދަތީ ބާރު ހިނގާ ޤައުމުކަމުގައި ރާއްޖެއިން ނިންމި ނިންމުމަކީ އިޔާދަ ނުކުރެވޭފަދަ ބޮޑު ގެއްލުން ދިވެހިރާއްޖެއަށް ލިބޭނެ އަދި ރާއްޖެއިން 96000 އަކަ ކޮލޯމީޓަރގެ ބޮޑުބައެއް ގެއްލިގެންދާނެ ކަމަކަށްވާތީއާއި އަދި، މިމައްސަލައިގާ ރާއްޖެއިން މިހާރު ޢަމަލުކުރަމުންދާގޮތުން މިކަމުގައި ބޭރުގެ ނުފޫޒު އޮތްކަމަށްވެސް ގަބޫލުކުރެވޭތީ

މީގެ އިތުރުން ކުއްލި މައްސަލައިގައި ވަނީ ރާއްޖެއަށް ގެއްލުން ލިބޭފަދަ ގޮތަކަށް ސަރުކާރުގެ ސްޓޭންޑާއި ސިޔާސަތު ބަދަލުކޮށްފައިވާ މައްސަލަ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށާއި، މިކަމުގެ ފުރިހަމަ ތަފުޞީލު ރައްޔިތުންނަށް ހާމަކޮށްދިނުމަށާއި ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދުން ކޮޑި އިންޗިއެއް ވެސް ގެއްލޭގޮތަށް ދިވެހި ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑް ބަދަލު ނުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: