ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސް މައްސަލަ”އުނދުޅި ބޭނިއިރު” ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބޮޑުބައެއް ދިފާއުކުރަން އޮންނާނީ މަސައްކަތް ކޮށްފަ: ދިޔާނާ

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސްއާއި ރާއްޖެއާއި ގުޅޭ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި “އުނދުޅި ބޭނިއިރު” މަސައްކަތް ކޮށްފައި އޮންނާނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޮޑުބައެއް ދިފާއު ކުރުމަށް ކަމަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވީ ޗާގޮސްގެ މައްސަލައިގައި ދިޔާނާ ސައީދުއާއި ކުރީގެ ބަންޑާރަނައިބު ޢައިޝަތު އާޒިމާ ޝަކޫރު ނެއްރުވި ބަޔާނަށް މުހައްމަދު ނަސީމް ހުސެއިން (ނަފާ ނަސީމް) ފާޑުވިދާޅުވެ ކުރެއްވި ޓުވިޓަކަށް ރައްދު ދެއްވަމުންނެވެ.

ނަސީމް ކުރެއްވި ޓުވިޓުގައި ވިދާޅުވީ ޗާގޮސްގެ މައްސަލައަށް “ސިޔާސީ ބިކާރީން އުނދުޅި” ބާނަން ވާނެ ކަމަށާއި އޭރަށް އެ މައްސަލަ ހައްލުވީ ކަމަށެވެ.

ނަސީމްގެ އެ ޓުވިޓަށް ރައްދު ދެއްވައި ދިޔާނާ ވިދާޅުވީ އާޒިމާއާއި އޭނާއަކީ ބިކާރީން ކަމަށާއި އެހެންކަމުން ނަސީމަށް ވެދުން ކުރާނެ މަގާމެއް އެ ދެ ބޭފުޅުންގެ އަތްޕުޅުގައި ނެތް ކަމަށެވެ. ނަމަވެސް މައްސަލައަށް “އުނދުޅި ބޭނިއިރު” ދެ ބޭފުޅުން ވެސް މަސައްކަތް ކޮށްފައި ވާނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ދިފާއު ކުރުމަށް ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމަކީ ލިބެން އޮތް އެންމެ ބޮޑު ބައެއް ހޯދުން ކަމަށާއި ނަމަވެސް ޗާގޮސްގެ މައްސަލައިގައި މިހާރު ދައުލަތުން ހުށަހަޅާފައިވާ ލިޔެކިއުންތަކުން އެކަން ނުފެންކަން ދިޔާނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ޗާގޮސްގެ ސިޔާދަތާ ގުޅޭ މައްސަލައަކީ މީގެ އެތައް އަހަރުތަކެއް ކުރިން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ، އެހެންނަމަވެސް ހައްލުކުރެވިފައިނުވާ މައްސަލައެކެވެ.

ޗާގޮސްގެ ސިޔާދަތީ ބާރުގެ މައްސަލައިގައި އިނގިރޭސިންނާއި މޮރިޝަސް އާއި ދެމެދު ޖެހިފައިވާ މައްސަލައަށް ހައްލެއް ނުލިބި ވަނިކޮށް ޗާގޮސްއާއި ރާއްޖެއާއި ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުގެ މައްސަލައެއް ކަނޑުތަކާއި ބެހޭ ބައިނަލްއަގްވާމީ އާބިޓްރޭޝަނަށް ހުށަހެޅިއެވެ. އެގޮތުން 23 އޮގަސްޓު 2019 ގައި މޮރިޝަސްގެ ފަރާތުން، ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (ޓްރައިބިއުނަލް) އަށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ) ގެ ދަށުން މައްސަލައެއްވަނީ ހުށަހަޅާފައެވެ.

މޮރިޝަސްއިން ދިވެހިރާއްޖެއާއި ދެކޮޅަށް މައްސަލަ ހުށަހެޅުމުން ދިވެހި ދައުލަތުން ބުނީ އެ މައްސަލައަކީ ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. އެގޮތުން އެ މައްސަލައިގައި، މޮރިޝަސް އިން ހުށަހެޅި މައްސަލަ ބަލައި ކަނޑުގެ ސަރަޙައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިޙްތިޞާޞް ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް އިޖުރާއީ ގޮތުން ދިވެހިރާއްޖެއިން ފާހަގަކުރިއެވެ.

ދިވެހި ދައުލަތުން މި މައްސަލައިގައި 2020 ވަނަ އަހަރު އިންޓަނޭޝަނަލް އާބިޓްރޭޝަންގައި ކުރިއަށްދިޔަ މައްސަލައިގެ އަޑުއެހުމުގައި ދިވެހި ދައުލަތުގެ ބަންޑާރަނައިބު ވިދާޅުވެފައި ވަނީ ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް މައްސަލަ ހުށަހަޅައިގެން މޮރިޝަސްއިން އުޅެނީ އިމުގެ މައްސަލާގައި ރާއްޖެއާ ޚިލާފެއް އުފެދިގެން ނޫން ކަމަށާއި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް ލިބިފައިވާ ހައްގުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އެހެން މަގްސަދެއް ހާސިލްކުރުމަށް ކަމަށެވެ.

ދިވެހި ދައުލަތުން މި މައްސަލައިގައި ބުނަމުން ދިޔައީ މިއީ ސުލްހަވެރިކަމާ އެކު މަޝްވަރާކޮށްގެން ހައްލުކުރެވެން އޮތް މައްސަލައެއް ކަމަށާއި އެކަމަކު މޮރިޝަސް އިން އިޓްލޮސް އަށް މައްސަލަ ހުށަހަޅާފައި ވަނީ ޗާގޮސް އައިލެންޑްސްގެ ސިޔާދަތީ ބާރު ލިބިގެންވަނީ މޮރިޝަސް އަށް ކަމަށް މި މައްސަލައިގެ ތެރެއިން ކަނޑައަޅަން ކަމަށެވެ.

މޮރިޝަސްއިން ހުށަހެޅި މައްސަލައާއި ބެހޭ ގޮތުން އޭރު ބަންޑާރަނައިބު ވިދާޅުވީ މޮރިޝަސް އާއި އިނގިރޭސި ވިލާތާ ދެމެދު އޮތް މައްސަލައެއް ހައްލުކުރުމަށް، ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ ޓްރައިބިއުނަލް އަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ނިންމީތީ ހިތާމަކުރައްވާ ކަމަށެވެ. އަދި ރާއްޖެ އަށް ވަންނަން ޖެހިފައި މި ވަނީ ރާއްޖެއިން އުފެއްދި މައްސަލައެއްގެ ތެރެއަކަށް ނޫން، ކަމަށް ބަންޑާރަނައިބު ވިދާޅުވެފައިވެއެވެ.

ބަންޑާރަ ނައިބު ވިދާޅުވީ މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލާގައި މޮރިޝަސްއާ އެކަނި މަޝްވަރާކުރެވެން ނެތް ކަމަށް ކުރިން ބުނެފައި ވާނެ ކަމަށާއި އެއީ ޗާގޮސްގެ ސިޔާދަތީ ބާރު ނުވަތަ އެ ރަށްތަކުގެ ސަރަހައްދަށް ބަސް ބުނުމުގެ ބާރު އޮތީ މޮރިޝަސް އަށް ކަމެއް ނުވަތަ އިނގިރޭސި ވިލާތަށް ކަމެއް ކަނޑައެޅިފައި ނެތުމުން ކަމަށެވެ. އެކަމަކު، ރާއްޖޭން މިގޮތަށް ބުނާތީ، ރާއްޖެ އަކީ އިސްތިއުމާރީ ބާރުތަކަށް ތާއީދުކުރާ ގަައުމެއް ކަމަށް މޮރިޝަސް އިން ސިފަކުރާ ކަމަށާއި އެކަމަކު އެއީ އިންސާފެއް ނޫން ކަމަށް ރިފްއަތު ވިދާޅުވި އެވެ. ދިވެހި ދައުލަތުން މިފަދައިން ބުނި  ނަމަވެސް ޓްރައިބިއުނަލުން 28 ޖަނަވަރީ 2021 ގައި ނިންމާފައިވަނީ މައްސަލަ ބެލުމަށެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސް އައިލެންޑްސްގެ މައްސަލާގައި ރާއްޖޭގެ ޒަމާންވީ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ރާއްޖެއިން ނިންމާފައިވާ ކަން އިއުލާން ކުރީ މި މަހުގެ 20 ވަނަ ދުވަހު މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެތެރެއިންނެވެ. އެގޮތުން  ޗާގޮސްގެ މައްސަލާގައި މޮރިޝަސްއާ އެއްކޮޅު ގަރާރަށް ތާއީދުކުރަން ރާއްޖެއިން ނިންމިކަން ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އިއުލާން ކުރެއްވީ އެ ޓްރައިބިއުނަލްގައި ރާއްޖޭގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތެވެ.

ޓްރައިބިޔުނަލްގައި މޮރިޝަސްއިން މަސައްކަތް ކުރަނީ ވަލު ދޮރާށިން ވަދެ ޗާގޮސްއަކީ އެ ގައުމުގެތަނަކަށް ހެދުމަކަށް ކަމަށް ދިވެހި ދައުލަތުން ބުނި ބުނުމާއި ހިލާފަށް މާ ބޮޑު ގާނޫނީ ހުއްޖަތެއް ދެއްކުމެއް ނެތި ޗާގޮސް މޮރިޝަސްއަށް ދިނުމަށް ރާއްޖެއިން ތާއިދުކުރާކަން ހާމަކޮށް ބަންޑާރަނައިބު ވިދާޅުވީ އދ. ގައި މޮރިޝަސްއާ އެއްކޮޅަށް ރާއްޖޭން ވޯޓު ދޭން ނިންމައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވުމުން އެކަމުގެ ބަދަލުގައި މޮރިޝަސް އިން މިހާރު ވަނީ މޮރިޝަސްގެ ބްލެންހެމް ފަރުގެ ސާވޭ ހެދުމަށް ދިޔަ ޚަރަދު ރާއްޖެ އަތުން ހޯދުމަށް މޮރިޝަސް އިން ކުރި ދައުވާ އަނބުރާ ގެންދަން ނިންމިކަން އަންގާފައި ކަމަށެވެ. އަދި ވިދާޅުވީ  ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށް ވުރެ ބޮޑުކުރަން ރާއްޖޭން 2010 ވަނަ އަހަރު ހުށަހެޅި ހުށަހެޅުމަށް މޮރިޝަސް އިން ހުށަހެޅި އިއުތިރާޒް ވެސް އަނބުރާ ގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާއި ގުޅޭގޮތުން ކަނޑުގެ ގާނޫނާއި ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލުގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަކަމަށް ސަރުކާރުން ބުނާއިރު ކަނޑުތަކާއި ބެހޭ މައްސަލައިގެ ޓްރައިބިއުނަލުގައި ޗާގޮސްގެ މިލްކުވެރިކަމާއި ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ތަންފީޒުކުރުމަށް ދިވެހިރާއްޖެއިން ވޯޓު ދޭނެކަމަށް ހާމަކުރަން ޖެހުނީ ކޮން ސަބަބަކާއި ހުރެ ތޯ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

ރާއްޖޭގެ ސްޓޭންޑު ބަދަލުކޮށް، އެ ނިންމުމުގެ ދިފާއުގައި ތަކުރާރުކޮށް އެކި ގޮތްގޮތުން މަސައްކަތްކޮށް ބުނަމުން ދަނީ މި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތް ކަމަށެވެ.

މައްސަލައިގައި މާބޮޑެތި ވާހަކަތަކެއް ދެކެވިފައި ނުވަނީސް، ނުވަތަ ބައިނަލްއަގްވާމީ ގައުމުތަކުގެ މެދުގައި ބަހުސްއެއް އަދި ނެތް ވަގުތެއްގައި ދިވެހި ސަރުކާރުން މިފަދަ ސިޓީއެއް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވަން ޖެހުނު ސަބަބާއި މެދު ސުވާލު އުފެދެ އެވެ. އަދި ހާއްސަކޮށް ކުއްލި ގޮތަކަށް، ރައީސުލްޖުމްހޫރިއްޔާ ސިޓީއެއް ފޮނުވުމަށް ނިންމެވީ ކޮން ކަންތަކެއްގެ މައްޗަށް ބިނާކޮށް ދެކެވުނު ވާހަކައެއްގެ ތެރެއިންތޯ އާއި ސިޓީގައި ރާއްޖޭގެ ތައީދު ލިބޭނެކަމުގެ އިތުރަށް އެހެން މަޝްވަރާއަކަށް އެދިފައި ވޭތޯ ސުވާލު ކުރުމުން ސަރުކާރުގެ ތަރުޖަމާން ވިދާޅުވީ ދެ ގައުމެއްގެ ސަރުކާރާއި ދެމެދު ދެކެވޭ ވާހަކަތައް ހާމަ ނުކުރެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: