ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހާއި ޝާހިދުގެ ދެ އަނގަ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިނިސްޓަރ އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާފަދަ ކަމެއް ކުރުމާއި ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވެ، މާލީ ހާލަތު ގޯސްވެގެންދާނެ ފިޔަވަޅެއް އެޅުމަކީ، ރާއްޖޭގެ މަސްލަހަތު ނަގާލުމެވެ. ރާއްޖެއަށް ގެއްލުންދިނުމެވެ. ރައްޔިތުންގެ ހައްގާއި ރޯދި ނިގުޅައިގަތުމެވެ.

މިއަދު ދެކެވެމުންދާ ޗާގޯސްގެ ވާހަކައަކީ، އެފަދަ ކަމެއް ހިންގަމުންދާ ކަމުގެ ވާހަކައެކެވެ. ވެރިކަމުގައި ތިބި ފަރާތްތަކުން ދައްކަމުންދާ އެއް ވާހަކައަކީ، ދިވެހި އެއްވެސް ވެރިޔަކު، ޗާގޮސް ނުވަތަ ފޯޅަވައްސަކީ ދިވެހިންގެ ތަނެއްގެ ގޮތުގައި ނުބުނާ ވާހަކައެކެވެ. އެހެންނަމަވެސް މިއީ ކަނޑައެޅިގެން އޮޅުވާލުމެއްކަން ސާފެވެ. ދިވެހި ރަސްކަލެއްގެ ސިޓީއެއްގައި ފޯޅަވަހީގެ ވާހަކަ ބަޔާންކޮށް، އެއީ ރާއްޖެއިން ބައެއްގެ ގޮތުގައި ވެސް ބުނެފައިވެއެވެ. ފެންނަން އޮތް ހަގީގަތަކީ ދުނިޔޭގެ ޗާޓަށް ބަލާއިރުވެސް މޮރިޝަސްއަށް ވުރެ ޗާގޮސް ކައިރީ ރާއްޖެއާއި ކަމެވެ.

އެހެން ނަމަވެސް މިއަދު އަޅުގަނޑުގެ ކަންބޮޑުވަނީ ޗާގޮސް ރާއްޖެއަށް ނުލިބިދާނެތީއެއް ނޫނެވެ. ކަންބޮޑުވުމަކީ ރާއްޖޭގެ 200 ނޯޓިކަލް މޭލުގެ ސަރަހައްދުން ބައެއް ގެއްލިގެން ދާއިރު، ސަރުކާރުން ތާކުންތާކު ނުޖެހޭ ބަހަނާތައް ދައްކަމުން ދިއުމެވެ. ރައީސުލްޖުމުހޫރިއްޔާގެ ފާރާތުން މައުލޫމާތު ހިއްސާ ކުރާގޮތުން، 200 ނޯޓިލަކް މޭލުގެ ސަރަހައްދަކީ، ”ތިއަރެޓިކަލް“ ވާހަކައެކެވެ. މި ހުއްޖަތުގައި އޮއްޓަރެއް ނެތްކަމުގެ ހެއްކަކީ، ފާސްކޮށްފައިވާ ދިވެހިރާއްޖޭގެ ސަރަހައްދީ ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމެއް، އަދި އދއަށް ހުށައެޅި ބަލަައިގަނެވިފައިވާ ކަމެއް މި ފަރާތްތަކަށް ތިއަރެޓިކަލް ވާއިރު، ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ ގާނޫނުތައް މި ފަރާތްތަކަށް ”ޕްރެކްޓިކަލް“ ވުމުންނެވެ. ރާއްޖޭގެ ގާނޫނުތަކަށް އިހުތިރާމެއް ނެތި، ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމް ކުރުމަށް މަޖުބޫރުވެފައިވާ ގޮތާއި ސަބަބަކީ ހަމަ ވިސްނާ ވިސްނާ ޖަވާބު ނުހޯދުނު ސުވާލުތަކެކެވެ. ހައްލު ނުވި ހައްލު ހޯދަން ނޭނގުނު އަޖައިބެއްފަދަ އަރަތެކެވެ.

ގައިމުވެސް ރާއްޖޭ ސަރަހައްދުން ބައެއް ގެއްލުން ރާއްޖެއަކަށް ”ޕްރެކްޓިކަލް“ ނޫންކަން އެންމެހާ ދިވެހި ރައްޔިތުންނަށްވެސް ސާފެވެ. ރާއްޖޭގެ އެންމެ ބޮޑު އިގްތިސާދަކީ ފަތުރުވެރިކަން ނަމަވެސް ދިވެހިންގެ މައި އިގްތިސާދީ ލޭ ނާރަކީ މަސްވެރިކަމުގެ ދާއިރާކަން ހަނދާން ނައްތައިލައިގެން ނުވާނެއެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ފަތުރުވެރިކަން ބަނޑު ޖަހާލައި ބޮކި ބޮކި ޖަހައި އަޑިއަށް ދިޔަ އިރު، ގައުމުގެ މާލީ ހާލަތު ހިފެހެއްޓިގެން ދިޔައީ މަސްވެރިކަމުންނެވެ. މިއީ ވެރި މަނިކުފާނުވެސް އެއްބަސްވެވަޑައިގަންނަވާ ކަމެކެވެ.

އެހެންކަމުން ދިވެހި މަސްވެރިކަމަށް އެއްވެސް ދައްޗެއް ނުވަތަ ހުރަހެއް ކުރިމަތިވާ ކޮންމެ ކަމަކީ ކަނޑައެޅިގެން ގައުމަށް ދޭ ގެއްލުމެކެވެ. މިއީ ބަހުސް ކުރެވެން ނެތް ބަދަލު ނުވާނެ ހަގީގަތެވެ. އެފަދަ ކޮންމެ ނިންމުމަކީ ގައުމީ މަސްލަހަތު ނަގާލުމެވެ. ޔަގީނުންވެސް މަސް ކަނޑުގެ ސަރަހައްދުން ބައެއް އުނިވުމުން މި ބަޔާން ކުރި ގޮތަށް ދާއިރާއަށާއި ރާއްޖޭގެ އިގްތިސާދަށް އަދި ދިވެހި ރައްޔިތުންނަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެއެވެ. ލިބޭ ގެއްލުން އިއާދަވެސް ނުކުރެވޭނެއެވެ. ދިވެހިން އަދި ދޮށި ހިފައިގެން ނުކުތަކަސް އެހެނިހެން ގައުމުތަކުން މަސްވެރިކަން ކުރަނީވެސް އެ އުސޫލުގެ މަތިން ނޫންކަމަށްވުމުންނެވެ. ދާ އެޅުމުގެ ސަބަބުން އެޅީނުން ސަރަހައްދެއްގެ ދިރުން ނެތި ގޮސްފައިވާ ވާހަކަތަކަކީ އަޅުގަނޑުމެން އެންމެނަށްވެސް އިވިފައިވާ އަދި ސާފު ވާހަކައެކެވެ. އެ ހިސާބަށް ދިއުމުން ދެން އެ ސަރަހައްދަކުން ބޭނޭނެ މަހެއް ނޯންނާނެއެވެ.

އދ ގެ ވާހަކަތައް ދެކެވެމުންދާ އިރު އެ ޖަމިއްޔާއިން ވަކާލާތު ކުރަމުންދަނީ ހަމަ އެކަނި ކަނޑުގެ އިމާއި ގުޅޭގޮތުންނެއްވެސް ނޫންކަން ފާހަގަކުރުން ވަރަށް މުހިންމެވެ. ވެރިކަމުގައި ތިބި ފަރާތްތަކަށް މި ކަން ސާފުކޮށް އިނގޭނެއެވެ. ރެއިންބޯ މުއާހަދާތަކެއްވެސް އޮވެއެވެ. ރާއްޖެއިންވެސް އެ މުއާހަދާތައް ބަލައިގަތުމަަށް ޔޫއެންޑީޕީއިންވަނީ 2008 ވަނަ އަަހަރުގައިވެސް އެދިފައެވެ. އެހެންނަމަވެސް އެކަން ބަލައިގަތުމަށް މަޖުބޫރެއް ނުކުރެވުނެވެ. ބަލައިގަންނަން ނުޖެހުނީ، އެއީ ކަނޑައެޅިގެން ދިވެހިންގެ ގާނޫނުއަސާސީ އަދި ގާނޫނުތަކާއިވެސް ހިލާފުވާ ގޮތަށް އޮތް މުއާހަދާތަކަކަށްވުމުންނެވެ. އެހެން ކަމުން މިއަދު ކަނޑުގެ އިމުގެ ސަރަހައްދުގެ މައްސަލައިގައިވެސް ދިވެހިންނަށް އެކަމާއި ދެކޮޅަށް އަޑު ނުއުފުލޭނެ އެއްވެސް ސަބަބެއް ނޯންނާނެއެވެ. އޮންނަ ކަމަށް ބުނާ ނަމަ، އެއީ އޮޅުވާލުމެއްކަން އިސްވެ ބަޔާންކުރެވުން ކަންކަމުން ސާފުވެގެންދެއެވެ.

މިއެކަންޏެއްވެސް ނޫނެވެ. މިހާރު ރާއްޖެއިން ގެންގުޅެމުންދާ ޑިޕްލޮމެސީގެ އުސޫލުތަކަކީ އޮއްޓަރެއްނެތް އެއް ފަރާތަކަށް ހިނގަމުންދާ އުސޫލެއްކަންވެސް ސަރުކާރުގެ ބަހަނާތަކުން ސާފެވެ. މި ސިޔާސަތުގެ ދަށުން އެހެނިހެން ގައުމުތަކުގެ ވިސްނުމާއި އަލަށް ނިންމާ ނިންމުންތަކަށް އިހުތިރާމް ކުރުމަށް ދިވެހިރާއްޖެއަށް މަޖުބޫރު ކަމަށް ސިފަވެގެންދާއިރު ދިވެހިންގެ ގާނޫނުތަކާއި ދިވެހިންގެ ވިސްނުމަށް މި ސިޔާސަތު ތަނެއް ނުދެއެވެ. އެހެނިހެން ގައުމުތަކުން އެ ކަންކަމަށް އިހުތިރާމް ކުރަންޖެހޭ ކަމަކަށް ނުވެއެވެ.

އަދުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ނިންމުންތަކުގައި އޮއްޓަރެއް ނެތް ކަމާއި ދެފުށް ދެގޮތްކަން މިހާރު އެންމެ އަޑުހަރުކޮށް ވާހަކަ ދެކެވެމުންދާ ޗާގޮސްގެ މައްސަލައަށް ބަލާލުމުންވެސް ސާފުވާނެއެވެ. އެގޮތުން މޮރިޝަސްއަށް ޗާގޮސްގެ ސިޔާދަތީ ބާރު ދިނުމާއި ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފައި ވަނީ ދެ އަނގައިންނެވެ.

ޗާގޮސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާތަނެއް ކަމަށް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ގަބޫލުކުރާއިރު މޮރިޝަސްއަށް ޗާގޮސްގެ ސިޔާދަތީ ބާރު ދޭން ނުޖެހޭނެ ކަމަށް ވެސް ބުނީ ހަމަ މި ސާލިޙްގެ ސަރުކާރުންނެވެ. މޮރިޝަސް އަށް ޗާގޮސްގެ ސިޔާދަތީ ބާރު ދޭން ނުޖެހޭނެ ކަމަށް އޭރު ސާލިޙްގެ ސަރުކާރުން ބުނި ސަބަބަކީ ގާނޫނުއަސާސީގައި ބުނާ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލިދާނެތީއެވެ. ނަމަވެސް މިއަދު ދައްކަނީ މުޅިން ތަފާތު އެހެން ވާހަކައެކެވެ.

ޗާގޮސްގެ މައްސަލައިގައި 2019 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އދގެ އާންމު މަޖިލީޙުގައި ނެގި ވޯޓުގައި ސާލިޙްގެ ސަރުކާރުން ވޯޓު ދިނީ މޮރިޝަސްއާއި ދެކޮޅަށެވެ. މޮރިޝަސްއާއި ދެކޮޅަށް ރާއްޖެއިން ވޯޓު ދިން ސަބަބު ބަޔާންކޮށް 2019 ވަނަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މޮރިޝަސްއާއި ދެކޮޅަށް ދިވެހިރާއްޖެއިން ވޯޓު ދިނީ ޤާނޫނު އަސާސީގެ 3 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ސަރަހައްދު ކަނޑައަޅައި ބަޔާންކޮށް، ޤާނޫނު ނަމްބަރު 96/6 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާއި ބެހޭ ޤާނޫނު) ގައި ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދު ކަނޑައަޅާފައި ވަނިކޮށް، އެއަށް އުނިކަމެއް އަތުވެދާނެ ފަދަ ގޮތަކަށް އދގެ އާއްމު މަޖިލީހަށް ނުވަތަ އެނޫން މަޖިލީހަކަށް ހުށަހެޅޭ ހުށަހެޅުމަކަށް ދިވެހި ސަރުކާރަށް ތާޢީދު ނުކުރެވޭނެކަމަށް ބުނެއެވެ.

ޗާގޮސްގެ މައްސަލައިގައި މި ސަރުކާރުން 2019 ވަނަ އަހަރު ދިން ވޯޓު ދިފާުކޮށް ދިވެހި ހާރިޖީއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލަގޯއާއި ދެމެދު އޮތް ކޮންޓިނެންޓަލް ޝެލްފްގެ އިން ކަނޑައެޅުމުގެ މައްސަލައިގައި، ކަނޑުތަކާއި ބެހޭ ބައިނަލްއަޤްވާމީ ޤާނޫނު (ލޯ އޮފް ދަ ސީސް ކޮންވެންޝަން)ގެ ދަށުން ރާއްޖެއިން ވަނީ 2010 ވަނަ އަހަރު އދ އަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުގައިވާ އިންތައް ހުށަހަޅާފައިކަމަށެވެ.

މި ހުށަހެޅުން އދއަށް ފޮނުވުމާއި ގުޅިގެން މޮރިޝަސްއިން ވަނީ އެހުށަހެޅުމާއި ދެކޮޅު ހަދާކަން އދގެ ސެކްރެޓަރީ ޖެނެރަލްއަށް އަންގާފައިކަމަށާ އިން ކަނޑައެޅުމުގެ މައްސަލައިގައި ވަކި ގޮތެއް އދ އިން ނިންމާފައި ނުވަނީސް، ޗާގޯސް އާކިޕެލަގޯގެ މައްސަލައިގައި ވަކި ގޮތަކަށް ނިންމަން ޖެހޭކަމަށް ބުނެ ތާޢީދު ކޮށްފިނަމަ ދިވެހިރާއްޖޭގެ ސަރަހައްދާއި ބެހޭ ގޮތުން އދގެ ކަމާއި ބެހޭ އިދާރާއަށް ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުމާއިމެދު ސުވާލު އުފެދޭނެކަމަށްވެސް ދިވެހި ޚާރިޖިއްޔާއިން އޭރު ބުނެފައިވެއެވެ. އަދި މިކަމުގައި ދިވެހިރާއްޖެއިން ހިފަހައްޓަން ޖެހޭނީ މިއަދުގެ ޤާނޫނު އަސާސީއާއި ޤާނޫނުގައިވާ ގޮތްކަމުގައި ދިވެހި ސަރުކާރުން ޤަބޫލުކުރާކަމަށް އޭރު ބުނެފައިވެއެވެ. ހަމައެހެންމެ މިއީ 1990ގެ އަހަރުތަކުން ފެށިގެން ދިވެހިރާއްޖޭގެ ހުރިހާ ސަރުކާރަކުންވެސް ދަމަހައްޓަމުން އައި ސިޔާސަތުކަންވެސް ޚާރިޖިއްޔާގެ ބަޔާން ނިންމަވާލައްވަމުން ފާހަގަކުރައްވާފައިވެއެވެ.

ނަމަވެސް މިއަދު ސާލިޙްގެ ސަރުކާރުން ޗާގޮސްގެ މައްސަލައިގައި ދައްކަނީ މުޅީން އެހެން ވާހަކައެކެވެ. އޭރު ސާލިޙްގެ ސަރުކާރަށް ވޯޓު ދިން އިރު ފެނުނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއެވެ. މިއަދު މޮރިޝަސްއާއި އެއްކޮޅަށް ވޯޓު ދޭން ނިންމިއިރު ފެނުނީ ބަޔަކު ތަނެއް އަޅުވެތިކޮށްގެން އުޅޭ މަންޒަރެވެ. އޭރު އެ މަންޒަރު ނުފެނި މިއަދު އެ މަންޒަރު ފެނުން ވެސް މިއީ ހަމަ އަޖައިބެކެވެ.

ޗާގޯސް އިން އދ އަށް ހުށައަޅާފައިވާ މައްސަލައިގައި އެ ގައުމާއި އެއް ކޮޅަށް ވޯޓުދިނުމާއި ގުޅޭގޮތުން ދިވެހި ހާރިޖިއްޔާއިން މިހާރު ބުނާ ގޮތުގައި 1965 ވަނަ އަހަރު މިނިވަން ގައުމަކަށް ދިވެހިރާއްޖެ ވުމަށް ފަހު، ސެޕްޓެމްބަރު މަހުގެ ތެރޭގައި އދގެ މެމްބަރަކަށްވެ ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ދުނިޔޭގައި އިސްތިއުމާރީ އަޅުވެތިކަމާއި ދެކޮޅަށް އަޑުއުފުލާފައެވެ. އަދި ރާއްޖޭގައި މިހާނަށް އުފެދުނު ހުރިހާ ސަރުކާރަކުންވެސް ވަނީ އެ އުސޫލު ދަމަހައްޓާފައިކަމަށް ބަޔާނުގައިވެއެވެ.

ފޮރިން މިނިސްޓްރީއިން ބުނެފައިވާގޮތުން، އެ އުސޫލަކީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތެކެވެ. އަދި އެކަމަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށާއި ނާއްނާނެކަމަށް މިނިސްޓްރީއިންވަނީ ސިފަކޮށްފައެވެ.

ޗާގޯސްއަކީ އިނގިރޭސި އިސްތިއުމާރީ އަޅުވެތިކަމުގެ ދަށުގައި އޮތް މޮރިޝަސްގެ ރަށެއްކަމަށް ބުނެ މަޝްވަރާތަކެއް ކުރެވެމުން އަންނަތާ އެތައް އަހަރެއް ވެފައިވާކަން ފާހަގަކޮށް މިނިސްޓްރީއިން ބުނެފައިވާގޮތުން އދ އިން ވަނީ 2017 ވަަނަ އަހަރުގައި އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގައި މި މައްސަލައިގައި ލަފާއެއް ހޯދުމަަށް އެދިފައެވެ. އަދި އެ ކޯޓުން ޗާގޯސް އަކީ މޮރިޝަސްގެ ރަށެއްކަމަށް ނިންމާފައިވާކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ފޮރިން މިނިސްޓްރީއިން ބުނެފައިވާގޮތުން، އައިސީޖޭގެ ލަފާއާއި ގުޅިގެން 2019 ވަނަ އަހަރުގެ ތެރޭގައި މޮރިޝަސްއިން ވަނީ 6 މަސް ދުވަސްތެރޭގައި ޗާގޯސް އެ ގައުމާއި ހަވާލުކުރުމަށް ގޮވާލާފައެވެ. އެހެން ނަމަވެސް ކަނޑުގެ އިގްތިސާދީ ސަރަހައްދާއި ގުޅޭ ގޮތުން ދިވެހިރާއްޖެއިން 2010 ވަނަ އަހަރު ހުށައެޅި ހުށައެޅުމަށް މޮރިޝަސް އިން އިއުރިރާޒު ކޮށްފައިވުމާއި އެކު، ދިވެހިރާއްޖެއިން މޮރިޝަސްގެ 2019 ވަނަ އަހަރުގެ ގަރާރާއި ދެކޮޅަށް ވޯޓު ދިންކަމަށް ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން މިހާރު އެ ހުށައެޅުމާއި އެއްކޮޅަށް ވޯޓު ދިނުމަށް ނިންމީ، އެއީ އިސްތިއުމާރީ އަޅުކަމާއި ދެކޮޅަށް ދިވެހިރާއްޖެއިން ގެންގުޅެމުންދާ ސިޔާސަތާއި، ހާރިޖީ ސިޔާސަތުތައް ދެމެހެއްޓުމުގެ ގޮތުންކަމަށެވެ. އެހެން ނަމަވެސް އާންމު މަޖިލީހުގައި ދޭ ވޯޓާއި، ސަރަހައްދީ އިން ކަނޑައެޅުމަށް އައިޓޯލްސްގައި ހިނަގަމުންދާ މައްސަލަ ތަފާތުކަަމަށް ފޮރިން މިނިސްޓްރީއިން މިހާރު ގަބޫލުކުރެއެވެ.

ދިވެހި ހާރިޖީއްޔާގެ މި ދެ ބަޔާނަށް ބެލުމުންވެސް ހާރިޖީ ސިޔާސަތުގެ ހުރި ދޯހަޅިކަން ސާފުވާނެއެވެ. އދ ގެ އާންމު މަޖިލީޙުގައި މޮރިޝަސްއަށް ޗާގޮސްގެ ސިޔާދަތީ ބާރު ދިނުމާއި ގުޅޭ ގޮތުން 2019 ވަނަ އަހަރު ވޯޓު ނެގިއިރު މައްސަލަ އޮތް ގޮތާއި މިހާރު އެ މައްސަލަ އޮތް ގޮތާއި ހަމަ އެއްވެސް ތަފާތެއް ނެތެވެ. ތަފާތުވީ ސަރުކާރުން ދައްކާ ވާހަކައެވެ. ދައްކާ ބަހަނާއެވެ. ކުރިން ފާހަގަ ކުރި ގޮތަށް އޭރު ފެނުނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއެވެ. މިހާރު ފެންނަނީ ބަޔަކު ތަނެއް އަޅުވެތި ކޮށްގެން އުޅޭތަނެވެ. މައްސަލައަކީ ”ތިއަރެޓިކަލް“ މައްސަލައެއް ކަމަސް ވެއްޖެއެވެ.

ހަގީގަތުގައި ސާލިޙް ސަރުކާރުގެ ހާރުޖީ ސިޔާސަތުގެ ނިންމުން ބިނާވަނީ ހަމަ އެންމެ ބައެއްގެ މައްޗަށެވެ. އެއީ ކޮން ބައެއްކަން އަޅުގަނޑުގެ މި ހިޔާލުގައި ނުބުނި ނަމަވެސް ސާފުވާނެކަން ޔަގީނެވެ.

މިއަދު އެންމެ ހިތާމަހުރި އެއް ކަމަކީ، ދިވެއްސަކު އދގެ ރައީސް ކަމުގައި ހުރެ ދައުރެއް ނިންމާލައި ދިޔަ އިރު، ދިވެހިރާއްޖޭގެ ހައްގުތަކުގެ ނަމުގައި ވަކާލާތު ކުރެވިފައި ނެތުމުންނެވެ. ރާއްޖޭގެ ބައެއް ގެއްލި ދާއިރު، މޮޅު ހާރިޖީ ސިޔާސަތެއްގެ ދަށުން ގުޅުން ބަދަހި ކުރި ގައުމަކުންވެސް ރާއްޖޭގެ ހައްގެއް ގެއްލިގެން އަޑު އުފުލާ އަޑެއް އިވެގެން ނުދާތީއެވެ. ދެގައުމުގެ ދެމެދު ބަދަލު ކުރެވުނު ސާދާ ކަމަށް ބުނާ ސިޓީ ގަނޑެއްގެ މިންވަރު ދައްކަން ނުކެރުމުން މި ކުޅޭ ހާރިޖީ ކުޅިވަރުގައި ނުބައެއް އޮތް ކަމަށް ހީވަމުންދާތީއެވެ. ރާއްޖެއިން ބައެއް ގެއްލުނަސް ދިވެއްސަކަށް ރޭކާވެސް ނުލާނެކަމަށް ހީކޮށް އެކަންކޮށްފައިވާތީއެވެ. ހަގީގީ މައްސަލައަކީ ސާލިހާއި ޝާހިދު ދެ އަންގައަކުން ދެއުޅިނުވާ ހާރިޖީ ސިޔާސަތަކާއި ގުޅޭ ގޮތުން ދައްކާ ވާހަކަތަކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: