އުއްމީދަކީ ފަގީރުންގެ ގޮތުގައި ތިބި މީހުންވެސް، ޒަކާތް ދެވޭނެ ބަޔަކަށް ހެދުންކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެެވެ.
މިއަދު އިސްލާމިކް މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ އާއި ދެމެދު ވެވުނު އެއްބަސްވުމަކީ ޒަކާތުގެ ނަފާ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްވީ އެއްބަސްވުމެއްކަން ފާހަގަކުރައްވާ، މިނިސްޓަރު ޒާހިރު ވިދާޅުވީ މި ޕްރޮގްރާމްއަކީ މިހާތަނަށް ޒަކާތް ދެމުން އައި ފަގީރުން އަމިއްލަ ފައި މައްޗަށް ތެދުވުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމްއެއްކަމަށެވެ.
ފަގީރުންގެ ދަފްތަރެއް އެކުލަވާލުމަށް، ދަފްތަރު ހުޅުވާލުމަށްފަހު، އެ ރަޖިސްޓްރީކުރާ ފަރާތްތަށް ލިސްޓުކުރަންކަމަށް ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ލިސްޓުގައި ހިމިނޭ މީޙުންނަށް އެކަން އަންގަންކަމަށެވެ.
ކުރީގައި އަޅުގަނޑުމެން މަސައްކަތްކުރަމުން މިއައީ ފަގީރުންގެ ދަފްތަރެއް ހުޅުވާލާފަ ފަގީރުންގެ ދަފްތަރުގަ ރަޖިސްޓްރީ ކުރުމަށް އެދޭ ފަރާތްތަކަށް އެފުރުސަތުދީގެން، ރަޖިސްޓްރީ ކުރާ ހުރިހާ ފަރާތްތަށް އަޅުގަނޑުމެން ލިސްޓް ކޮށްފަ، އަޅުގަނޑުމެން ހުރިހާ ފަރާތްތަކަށް އެބަ އަންގަން މި ލިސްޓްގައި ހިމެނިވަޑައިގެންފަ އޮތް ބޭފުޅެއްވެއްޖެއްޔާ، ހިމެނިވަޑައިގެންފަ އޮތި ބޭފުޅެއްކަން ނުވަތަ ނޫންކަން
މި މަސައްކަތްކުރާއިރު، ކައުންސިލުތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުން ކުރާނެ ކަމަށް މިނިސްޓާ ވިދާޅުވިއެވެ. މިކަން ކުރިއަށް ގެންދިޔުމަށް ފުރަނީ ވަކި ފޯމްތަކެއްކަމަށާއި، އެ ފޯމްތައް މިނިސްޓްރީއަށް ލިބުމަށްފަހު އިވެލުއޭޓުކުރުމަށް ކޮމިޓީއެއް ނަގަންކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވި ގޮތުގައި ފަގީރުންގެ ދަފްތަރު އެކުލަވާލަނީ ވަރަށް ބޮޑަށް ބަލާފައިކަމަށެވެ.
ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް މިހާތަނަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާނީ އަހަރަކު އެއްފަހަރު ލިބޭ މުދަލު ޒަކާތާއި ފިތުރު ޒަކާތުން ލިބޭ އެއްޗަކުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތަށް ފޮރުކޮށްދޭ އެހީއިން މާ ބޮޑު ފައިދާއެއް ފަގީރުންނަށް ނުކުރާކަމަށް ފާހަގަވެފައިވާތީ، އެމީހުންނަކީވެސް އަމިއްލަ ފައިމައްޗަށް ތެދުވެތިބި ޒަކާތްދެއްކޭފަދަ ބަޔަކަށް ހެދުމަށް މިނިސްޓްރީއިން ނިންމާފައިވާކަމަށް މިނިސްޓާ ވިދާޅުވިއެވެ.
2021 ގައި 7563 ފަރާތެއް ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާކަމަށް ފާހަގަކޮށް، މިނިސްޓަރު ވިދާޅުވީ އަމާޒަކީ މި ދަފްތަރު ހުސްކޮށްލުންކަމަށެވެ. މި މަސައްކަތް ކުރެވިގެން ދާނީ އެކި މުއްދަތުތަކަށް ބަހައިގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމަށްޓަކައި ބަޔަކު ޓްރެއިންވެސް ކުރުވާނެކަމަށާއި، އަމިއްލައަށް މަސައްކަތްކުރެވޭ ހިސާބާއި ހަމައަށް ޓެކްނިކަލް ބޭފުޅުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޒަކާތާއި ބެހޭ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އަދި އޭގެ ތެރެއިން ހެދުނު ޒަކާތް ދިނުމާއި ބެހޭ ގާނޫނު މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ ކުރީގައި ފަގީރުން ޒަކާތް ބަލާ މިނިސްޓްރީއަށް އަންނަޖެހޭ އުސޫލު ބަދަލުކޮށް، ޒަކާތް އެކައުންޓަށް ޖަމާކޮށްދިނުމަކީ މި ސަރުކާރުން ގެނައި ހެޔޮ ބަދަލެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

