ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1443 ވަނަ އަހަރުގެ ހައްޖު ދަތުރަށް 69.3 މިލިއަން ރުފިޔާ ހަރަދުވެފައިވޭ: ޑރ އަހުމަދު ޒާހިރު

އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު
ޝެއާރކޮށްލާ ކަހަލަދޯ؟

1443 ވަނަ އަހަރުގެ ހައްޖު ދަތުރަށް 69.3 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި 1443 ވަނަ އަހަރުގެ ހައްޖު ދަތުރުގައި ހައްޖު ކޯޕަރޭޝަނުން މައްކާ އަދި މަދީނާގެ ހޮޓަލަށް ކުރި ހަރަދު ތަފްސީލް (ކޮންމެ ހޮޓަލެއް ވަކިން ) ހޯދުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު ( ބޮންޑެ) މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ އަހުމަދު ޒާހިރާއި ލިޔުމުން ޖަވާބު ހޯދުމަށް ކުރި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ 1443 ވަނަ އަހަރުގެ ހައްޖު ދަތުރުގައި މައްކާ ހޮޓަލުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން  ހޭދަކުރި 23 ދުވަހަށް 39.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.

މަދީނާ ހޮޓަލުގައި ހޭދަކޮށްފައިވާ ދެދުވަހަށް 1.8 މިލިއަން ރުފިޔާ ހައްޖު ކޯޕަރޭޝަނުން ވަނީ ހަރަދު ކޮށްފައެވެ.

އިބްރާޙިމް ރަޝީދުގެ ސުވާލުގެ ޖަވާބުގައި 1443 ވަނަ އަހަރުގެ ހައްދު ދަތުރުގައި މުޠައްވިފަށް ކޮށްފައިވާ ހަރަދުގެ ޖުމްލަ އަކީ 10.6 މިލިއަން ރުފިޔާއެވެ.  އަދި އެ އަހަރުގެ ހައްޖު ދަތުރުގައި އަމިއްލަ ގޮތުން ފައިސާ ދައްކައިގެން އެއްވެސް ފަރާތަކުން ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ގެންގޮސްފައިނުވާނެ ކަމަށާއި އެ އަހަރުގެ ހައްޖު ދަތުރަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކޮށްފައިނުވާނެ ކަމަށްވެސް ހައްޖު ކޯޕަރޭޝަނުން އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ވަނީ ބުނެފައެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން އެންމެ ފަހުން ހައްޖަށް ގޮސްފައިވަނީ 417 މީހުންނެވެ. އަދި ހައްޖު ދަތުރުގެ އެއާލައިން ޓިކެޓަށް 9.8 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު ކެއުމަށް ހޭދަވެފައިވަނީ 875،450.86  ރުފިޔާއެވެ.

އިބްރާޙިމް ރަޝީދު ވަނީ 1443 ވަނަ އަހަރުގެ ހައްޖު ދަތުރުގައި އިސްލާމިކް މިނިސްޓްރީން ހަރަދުކޮށްގެން މައްކާގައި ގާއިމްކުރި ހައްޖު މިޝަންގެ މަސައްކަތް ކުރުމަށް ރާއްޖެއިން ފޮނުވި މީހުންގެ އަދަދާއި އެކަމަށް ދައުލަތުގެ ބަޖެޓުން ހިނގި ހަރަދުގެ ތަފްސީލާއި ބެހޭ ގޮތުން ސުވާލުކޮށްފައެވެ.

1443 ވަނަ އަހަރު ހައްޖު މިޝަންގައި ހިމެނުނީ ފަސް މީހުން ކަމަށާއި އެ މީހުންނަށް ޖުމްލަ 1 މިލިއަން ރުފިޔާ ހޭދަވި ކަމަށް ޑރ ޒާހިރު ވިދާޅުވިއެވެ. އަދި އެ ފަސްމީހުންގެ ދެކޮޅު ޓިކެޓަށް 148،278.72 ރުފިޔާ ހޭދަކޮށްފައިވެއެވެ.

މީގެ އިތުރުން އެމީހުންގެ ކެއުމަށް 762،364.80 ރުފިޔާ ހޭދަވި އިރުގައި އެމީހުންގެ ޕޮކެޓްމަނީގެ ގޮތުގައި 12،027.60 ރުފިޔާ އާއި އެމަޖެންސީ ހާލަތެއް ދިމާވެއްޖެ ނަމަ ބޭނުންކުރުމަށް 154،200 ރުފިޔާ ހަރަދުވެފައިވާ ކަމަށް ޑރ އަހުމަދު ޒާހިރު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: