ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ޑިޖިޓަލް ޙަލާލް ސިސްޓަމް ތަޢާރަފްކުރެވިގެން ދިއުމަކީ އުންމީދެއް: އިސްލާމިކް މިނިސްޓަރ

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ކައިރި މުސްތަޤުބަލެއްގައި ރާއްޖޭގައި ޑިޖިޓަލް ޙަލާލް ސިސްޓަމް ތަޢާރަފްކުރެވިގެން ދިއުމަކީ ވަރަށް ބޮޑު އުންމީދެއްކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު މިހެން ވިދާޅުވީ ޙަލާލް އިކޯ ސިސްޓަމް ޑިވެލޮޕްމަންޓް 2023ގެ ނަމުގައި މިއަދު ކުރިއަށް ގެންދިޔަ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްވަމުންނެވެ.

15 ޖޫން 2023ގައި އިސްލާމީ މަރުކަޒުގެ ހޯލްގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ ރާއްޖޭގައި ޑިޖިޓަލް ޙަލާލް ސިސްޓަމް ތަޢާރަފްކުރުމަށްޓަކައި، ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން، ސެރޫނާއީ އީކޮމާސްއިން ކަމާގުޅޭ ދާއިރާތަކުގެ ބޭފުޅުންނާއިއެކު ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ވިދާޅުވީ ރާއްޖޭގައި ޙަލާލް ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތް ފަށާފައިވަނީ 2014 ވަނަ އަހަރުގެ އޭޕްރިލް މަހުކަމަށެވެ. އަދި މިހާރު 7 ކުންފުންޏަކުން މި ޚިދުމަތް ލިބިގަންނައިރު  އެކްސްޕޯޓްކުރާ މަހުގެ ތަފާތު ބާވަތްތަކުގެ 100އަށްވުރެ ގިނަ އުފެއްދުންތަކަށް ޙަލާލު ސެޓްފިކެޓް ދޫކުރެވުނުކަމަށެވެ.

މިއީ ކުރިއެރުމެއްކަމުގައިވީ ނަމަވެސް އުފެއްދުންތަކަށް ރާއްޖޭގެ ޙަލާލް ސެޓްފިކެޓް ދިނުމުގައި ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އެކްސްޕޯޓް އަދި އިމްޕޯޓްކުރާ އުފެއްދުންތަކުގައި ހުންނަ ތަކެތި ބަލައި ތަޙްލީލުކުރާނެ ލެބޯޓްރީއެއް ރާއްޖޭގައި ނެތްކަމަށެވެ. އަދި އެފަދަ އުފެއްދުންތަކުގެ ލެބޯޓްރީ ޓެސްޓް ހެދުމަށް، ތަމްރީނު ލިބިފައިވާ ފަންނީ ބޭފުޅުން މަދުކަމަށާއި ރާއްޖޭގައި ޙަލާލް ސެޓްފިކެޓާމެދު އޮންނަ ހޭލުންތެރިކަން އާންމުގެ ތެރޭގައި މަދުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ޚާއްސަ ޤާނޫނީ އޮނިގަނޑެއް ނެތުންފަދަ ކަންކަމަކީ ހުރި ގޮންޖެހުންތައްކަމުގައި މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވިއެވެ.

މި ގޮންޖެހުންތަކުން އަރައިގަތުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ސެރޫނާއީ އީ ކޮމާސް ގުޅިގެން، ރާއްޖޭގައި ޑިޖިޓަލް ޙަލާލް ނިޒާމެއް ޤައިމްކުރުމާ ގުޅޭ ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި މަޝްވަރާތަކުގެތެރޭގައި، ރާއްޖެއަށް އެކްސްޕޯޓްކުރާ ތަކެތި، ޑިޖިޓަލައިޒްޑް ސިސްޓަމަކުން ޓްރެކްކޮށް، ޓެސްޓްކޮށް، މޮނިޓަރ ކުރެވޭނެކަމަށެވެ. އަދި ލެބޯޓްރީއެއް ގާއިމްކުރުމުގެ އިތުރުން ސިނާޢަތާގުޅޭ މަޢުލޫމާތު ފޯރުކޮށްދީ، ތަމްރީނުތައް ކުރިއަށް ގެންދިޔުމުގެ މަޝްވަރާތައްވެސް ކުރިއަށް ގެންދެވިފައިވާކަމަށެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދެވޭ މި މަސައްކަތްތަކުގެ ދަށުން އުންމީދަކީ ކައިރި މުސްތަގުބަލެއްގައި ރާއްޖޭގައި ޑިޖިޓަލް ޙަލާލް ސިސްޓަމް ތަޢާރަފްކުރެވިގެން ދިއުންކަމަށް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވިއެވެ.

ސެރޫނާއީ އީ ކޮމާސްއިން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި މިހާރު އޮތް ޙަލާލު ސެޓްފިކެޓް ދިނުމުގެ އުސޫލު އިތުރަށް ދިރާސާކޮށް، ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، ޑިޖިޓަލައިޒްޑް ސިސްޓަމެއްގެ ދަށުން ޙަލާލް ސެޓްފިކެޓްދޫކުރުމުގެ ނިޒާމެއް ތަޢާރަފްކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: