ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރީބްރޯޑްކާސްޓު ގަވައިދު މައްސަލަ: ލައިސެންސް އާ ނުކުރެވި، ދިރާގުން ބްރޯޑްކޮމް ގޮވައިގެން ކޯޓަށް!

ބްރޯޑް ކާސްޓިން ކޮމިޝަނުގެ މެމްބަރުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަތޭކަ އިންސައްތަ ހިއްސާވާ ދިވެހި ކުންފުޏަކަށް ދިރާގު ނުވާތީ، އެ ކުންފުނީގެ ރީ ބްރޯޑްކާސްޓިން ލައިސަންސް އާ ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާފައިވާ ނިންމުން އުވާލުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މައްސަލަ ހުށަހަޅައި، ވަގުތީ އަމުރަކަށް އެދި ދިރާގުން ބުނެފައި ވަނީ ރީބްރޯޑްކާސްޓިންގެ ހިދުމަތް މެދުކެނޑުމެއް ނެތި ފޯރުކޮށް ދިނުމުގެ ހައްގު އެ ކުންފުންޏަށް ވެސް ލިބިގެންވާ ކަމަށެވެ. މީގެ ކުރިން ދިރާގުން މި މައްސަލަ ހައިކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުން، ކޯޓުން ނިންމީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

ރީބްރޯޑްކާސްޓު ކުރުމުގެ ގަވައިދަށް ގެނައި އިސްލާހުގެ ދަށުން، ރީބްރޯޑްކާސްޓިންގެ ހުއްދަ ދެވޭނީ ހަމައެކަނި ސަތޭކަ އިންސައްތަ ދިވެހި ކުންފުނިތަކަށެވެ. އެހެންވެ ދިރާގުގެ ލައިސަންސް އާ ނުކުރުމަށް ކޮމިޝަނުން ނިންމީ އެވެ.

ބަހުރައިންގެ ބަޓެލްކޯގެ ބޮޑު ހިއްސާއެއް އޮންނަ ދިރާގުގެ ޝަރުތު ހަމަނުވަނީ އެ ސަބަބާއި ހުރެ އެވެ. 2013 ގައި އެ ކުންފުންޏަށް ދޫކުރި ރީބްރޯޑްކާސްޓް ލައިސަންސް ހަމަ ވާނީ އަންނަ ޖެނުއަރީ މަހުގެ 30 ގަ އެވެ.

ރައްޔިޔުންގެ މަޖިލީހަށް މައްސަލަ ހުށަހަޅައި، ކޮމިޓީ މަރުހަލާ ކުރިޔަށް ދާ މި މައްސަލައިގައި ދިރާގުން މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގައި ބުނެފައި ވަނީ މިއީ ވަކި ބައެއްގެ މަންފާއަށް ނިންމި ނިންމުމެއްގެ ގޮތުގައި ގަބޫލު ކުރާ ކަމަށެވެ. އަދި ކުއްލިއަކަށް ގަވައިދަށް މިހާ ބޮޑު ބަދަލެއް ގެންނަން ޖެހުނު ސަބަބާއި މެދު ސުވާލު އުފައްދައި، ދިރާގުން ބުނެފައި ވަނީ އެ ކުންފުނީގެ ކޭބަލް ޓީވީގެ ހިދުމަތް މެދުކަނޑާ ނުލައި ކުރިޔަށް ދެވޭނެ މަގެއް ހޯދުން މުހިންމު ކަމަށެވެ.

ކޮމިޓީއަށް މައްސަލަ ހުށަހަޅުއްވައި ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ، ބްރޯޑްކޮމްގެ އިސްލާހުގައި ހިމަނާފައިވާ މާއްދާ އެ ގަވައިދުގެ މަގްސަދާއި ހިލާފުވާ ކަމަށެވެ. އެހެންވެ މި މައްސަލައިގައި ކަންތައް ހިނގައި ދިޔަ ގޮތް ސާފު ކުރުމަށް ބްރޯޑްކޮމް މެމްބަރުން ހާޒިރު ކުރުމަށް ކޮމިޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ ނިންމާފަ އެވެ.

މައްސަލައިގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގު ޓީވީގެ ހިދުމަތަކީ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި 30 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ހަރަދުކޮށް އެ ކުންފުނިން ރާއްޖޭގެ 90 ރަށެއްގެ 15،000 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދެމުން ދާކަން ފާހަގަ ކުރި އެވެ. އިސްމައިލް ވަނީ މިއީ އިންވެސްޓަރުންގެ ކޮންފިޑެންސް ނުވަތަ، ފައިނޭންސްގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިގެން ދާނެ ސަބަބެއް ކަމަށެވެ. އެއީ އިންވެސްޓަރުން އިންވެސްޓު ކުރަނީ އެކަމަކަށް އަވަސް މުސްތަގުބަލެއްގައި ހުއްޓުމެއް އައިސްދާނެކަމަށް ބަލައި ނޫންކަމަށް ވާތީކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ދިރާގުން ބުނީ ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް ކޮމިޝަނުން ކުރިޔަށް ގެންދިޔަ އިރު ދެ ފަހަރެއްގެ މަތީން ޑްރާފްޓެއް ލިބުނު ނަމަވެސް އޭގައި ލައިސަންސް ގެއްލިދާނެ ހާލަތެއް ބަޔާން ކުރާ މާއްދާއެއް ނެތް ކަމަށެވެ. އެ ކުންފުނިން ބުނީ މިއީ އެއްވެސް މަޝްވަރާ ކުރުމެއް ނެތި ގެނައި ބަދަލެއް ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: