ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ މަގުތަށް މަރާމާތުކުރުން: ފޫނެއް ފަޔަކަށް ފެން ފުރުމާއި އެއްފަދަ!

މާލޭގެ މަގުތައް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްގީ ވަމުން އަންނަ ގައުމެއްގެ ކުރިއެރުމަށް ހިންގޭ ކޮންމެ މަޝްރޫއެއްވެސް ޒަމާނީ ފެންވަރުގައި ކުރިއަށް ގެންދާ ނަމަ، ގިނަ ފައިސާތަކެއް ހަރަދު ކުރެވެއެވެ. ހަރަދުތައް ކުރަމުންދަނީ އެ ގައުމެއްގެ ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާއިންނާއި، އެ ގައުމެއްގެ ރައްޔިތުންގެ ބޮލުގައި އެޅިގެންދާ ދަރަނީގެ ގޮތުގައި ނަގާ ލޯނުތަކުގެ އިތުރުން އަވައްޓެރި ގައުމުތަކާއި މާލީ މުއައްސަސާތަކުން ދެމުންދާ ހިލޭ އެހީއިން ލިބޭ ފައިސާގެ ބާރުގައި ކަމަށްވާއިރު، މި ގޮތަށް ހިންގާ މަޝްރޫޢުތައް ހިންގޭ ފެންވަރު ދަށްވުމުގެ ސަބަބުން ބިނާ ކުރާ ތަންތަނާއި ތަކެތި ކުރު މުއްދަތެއްގެ ތެރޭގައި ހަލާކުވެ ތާއަބަދު މަރާމާތު ކުރަން ޖެހުމުން ވެގެންދަނީ ފޫނެއް ފަޔަކަށް ފެންފުރުން ފަދަ ކަމަކަށެވެ.

ކޮންމެ ގައުމެއްގެވެސް ވެރި ރަށަކީ އެ ގައުމެއްގެ އެންމެ ތަރައްގީ ކުރެވިފައިވާ އަދި އެންމެ ބަލަހައްޓާ ރަށް ކަމަށް ބުނެވިދާނެއެވެ. މި އީ އެންމެ އެކަށީގެންވާ އުސޫލު ނޫން ނަމަވެސް މިއީ ހަގީގަތެވެ.

ރާއްޖޭގެ ވެރިރަށް މާލެ ތަރައްގީ ވަމުން އައިސް ގާ އަތުރައި އެޅިފައިވާ މަގުތަކުން ފެށިގެން ގޮސް ތާރަ މަގުތަކަށްވެސް ބަދަލު ކުރެވިއްޖެއެވެ. އެ މަސައްކަތްތައް ކުރެވުނު ވަގުތު އިވިގެންދިޔައީ ފޮނި އުންމީދުތަކެއް އާލާ ކުރާ ވާހަކަތަކެކެވެ. އޮމާން އަމާން މަގުތަކެއް ތަރައްގީ ކުރެވެމުން އަންނަ ވާހަކައެވެ.

ގާއެޅި މަގުތައް ހަލާކުވެ ގޮސް ރާޅު ގަދަ ކަނޑުތަކެއްގެ ތެރޭގައި އުޅެވެމުންދިއުމާއި އެއް ފަދަ ދަތިތަކެއް ތަހައްމަލު ކޮށް، އެކަމުގެ ސަބަބުން ހަލާކުވަމުންދިޔަ އުޅަނދުތަކުގެ ވެރިންނަށް ތާރަ މަގުތައް ވެގެންދިޔައީ ވަރަށްވެސް މުހިންމު ކަމަކަށެވެ. ހިތާމަ ހުރި ކަމަކީ، އެއްކަލަ ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވުނު ތާރަ މަގުތައްވެސް މިއަދު ހަލާކުވަމުންދާތީއެވެ.

ޒަމާންތަކެއް ނުވެ ހަލާކުވަމުންދާ ތާރަ އެޅި ބޮޑުތަކުރުފާނު މަގުގެ ހާލަތަށް ބަލާ ނަމަ ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދު ކުރީ ކުރުން ބޭކާރުކޮށްލާފައިވާކަމަށް ސިފަވެގެންދާނެއެވެ. ހެންވޭރު ކޮޅުގައި ހަތަރެސްކަން ވަޅުގަނޑެއް ހުރެއެވެ. މި ވަޅުގަނޑު ހެދިފައިވާތާ އެތައް ދުވަހެއް ވެ އެކަން ކަމާއި ބެހޭ މުއައްސަސާގެ ސަމާލު ކަމަށް އެތައް ފަހަރެއްގެ މަތިން ގެނެވިފައިވެއެވެ.

މާލޭގެ ބޮޑު ތަކުރުފާނު މަގުގައި ހަދާފައިވާ ސްޕީޑު ބްރޭކަރުތައް ވަރަށްވެސް ޒަމާނާއި އެއް ގޮތެވެ. ބްރޭކަރު ނެގުމުން އެ ސަރަހައްދު ހުންނަނީ ހަލާކުވެފައެވެ. ބަލާ ބެލުމަށް އޮމާން ކަމެއް ގެނައުމުގެ މަގުސަދުގައި ސިމެންތި ފަދަ ސާމާނު ބޭނުންކޮށް ކުދި މަރާމާތުތައް ކުރުމަށް މަސައްކަތްތަކެއް ކޮށްފައިވެއެވެ.

މިވަގުތު ބޮޑު ތަކުރުފާނު މަގުގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައިވާ ތާރާ އެޅި ސަރައްދުގެ އެންމެ ބޮޑު ހައިލައިޓް އަކީ ޓްރެކް ސަރައްދުގައި މަގު މެދުގައި ކޮނެ ނަގާފައިވާ ބާގަނޑެވެ. އެތަން މަރާމާތު ކުރާކަމަށް ބޯޑުތައްވެސް ޖަހާފައިވެއެވެ. އެ ސަރަހައްދު ކައިރީގައި ހުރި ބަސް ހުއްޓި ކުރިމަތީގައި ހުންނަ ތާރައިގެ ރާޅުގަނޑުތަކެއް މަތިން އުޅަނދުތައް ދުއްވަމުންދާއިރު، އަރާ ކޮންމެ ފަހަރަކު އެކްސިޑެންޓެއްވެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ވަރަށް ބޮޑައްވެސް އޮވެއެވެ.

ކޮންމެވެސް ވަރަކަށް ކުރިއަށް ޖެހިލާ ވިލާ ކޮލެޖު ސަރަހައްދައް ދާއިރު، މަގުގެ އެއް ފަރާތުގައި މިހާރު ފެންނަން އޮތީ ތާރަގަނޑު ވަރަށް ބޮޑަށް ހަލާކުވެ ރެނދު އަޅާފައިވާ ތަނެވެ. އެތަންވެސް މިހާރު ހުރީ ޓޭޕު ފަށްތަކެއް ދަމައި ދުއްވާ ފަރާތްތަކަށް އެތަން ފާހަގަކުރެވޭ ގޮތަށެވެ. މަގުން އެއް ފަޅި ބޭނުން ނުކުރެވެއެވެ.

ޓްރެކު ސަރަހައްދުގައި ހުންނަ ބަސްހުއްޓި ކުރިމަތީގައި އުފެދިފައިވާ ތާރަ ރާޅުގަނޑު ފަދަ ތާރަ ރާޅުގަނޑެއް ގްރޭޓަރ މާލެ ސެންޓްރަލް ބަސް ޓާމިނަލް ސަރަހައްދުގައިވެސް އުފެދިފައިވެއެވެ. މިފަދަ ހާލަތެއްގައި ދާދި ފަހުން ބިނާ ކުރެވިފައިވާ މަގެއް ހުރުމުން ރައްޔިތުންގެ ޓެކްސް ފައިސާއިންނާއި ގައުމަށް ލިބެމުންދާ މާލީ އެހީ އަދި ލޯނުތަކުން ހިންގަމުންދާ މަޝްރޫޢުތައް ހިންގަމުންދަނީ އެއްވެސް އިހުލާސްތެރިކަމެއް ނެތިކަމަށް ސިފަވެއެވެ.

ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ ތަނެއްގައި އެހެން ގައުމުތަކުގައި އޭވޭލާ ޒަމާނުގައި ކުރެވިފައިވާ މަސައްކަތްތަކާއި އެއް ފަދަ ފެންވަރެއް ނެތްކަމަށް ސިފަވަމުންދިއުމާއި އެކު މާލިއްޔާތުން ނަގާ ފައިސާތައް ބޭކާރު ކުރަމުންދާކަމަށްވެސް ބުނުމުގެ ފުރުސަތު އޮވެވެއެވެ. މިއީ އިންތިހާއަށް ހިތާމަ ހުރި ކަންބޮޑުވާ ކަންކަމެވެ.

އެންމެ ގިނައިން މިހާރު ދެކެވެމުންދާ އެއް ވާހަކައަކީ ދެމެހެއްޓިނިމި އުސޫލެއްގެ މަތިން މަސައްކަތްތައް ކުރާ ވާހަކައެވެ. އެހެން ނަމަވެސް އެފަދަ ގޮތަކަަށް ކަންކަން ވެގެން ނުދިއުމަކީ ދައްކަމުންދާ ވާހަކަތަކާއި އެއްފަދައިން އަމަލު ނުކުރާކަމަށް ބުނުމަށް އޮތް ފުރުސަތެކެވެ.

މާލެގެ މަގުތަކުގެ ހާލަތު ދެރަވެގޮސް އެކި ޒާތުގެ ހާދިސާތައް ހިންގައި ރައްޔިތުންނަށް އަނިޔާވެފައިވާ ވާހަކަތަކަކީ އަލަށް ދެކެވޭ ވާހަކަތަކެއް ނޫންނެވެ. ދާދި ފަހުންވެސް ހަލާކުވެފައިވާ ކާނެއްގެ ތެރެއަށް ކުޑަ ކުއްޖެއްގެ ފައި ވަދެ ޒަހަމްވެފައިވާ ވާހަކަ އަޑުއިވިގޮސްފައިވާއިރު މަގުތަކުގެ ހާލަތު ގޯސްވެ ސައިކަލުން ވެއްޓިގެން ރައްޔިތުންނަށް ގެއްލުން ލިބޭ ވާހަކަތައްވެސް ސޯޝަލް މީޑިއާގައި ޝާއިއު ކުރެއެވެ.

އެހެން ކަމުން ބުނެލަން އޮތް ވާހަކައަކީ ރައްޔިތުންގެ ފައިސާއިން ހިންގާ މަޝްރޫއުތައް ވާންޖެހޭނީ އިހުލާސްތެރިކަމާއި އެކު ކުރިއަށް ގެންދާ މަޝްރޫޢުތަކައް ކަމެވެ. މިއަދު މާލޭގެ މަގުތައް މަތި ހެދުމަށް ތާއަބަދު ކުރެވެމުންދާ މަސައްކަތްތައް ފެންނަމުންދިއުމާއިއެކު މަސައްކަތްތަކުގެ ފެންވަރު ދަށްކަމަށް ދޭހަވޭ އަދި ރައްޔިތުންގެ ފައިސާ ބޭނުންކޮށް ހިންގާ ބިޔަ މަޝްރޫޢުތަކުގެ ރައްކައުތެރިކަމާއި މެދުވެސް ޝައްކު އުފެދިގެންދެއެވެ.

އެހެން ގައުމުތަކުގައިވެސް ފެންވަރު ދަށްކޮށް ހެދިފައިވާ އިމާރާތްތަކާއި ބުރިޖު ފަދަ ތަންތަން ހަލާކުވެ އެތައް ރައްޔިތެއްގެ ފުރާނައަށް ނުރައްކާވެފައިވާކަމަކީ އެންމެހާ ރައްޔިތުން އަދި ދިވެހި މުއައްސަސާތަކުގެ އިސްވެރިންނަށްވެސް ސާފުވާނެ ކަންކަމަށްވުމުންނާއި ކޮންމެ އަހަރަކު ކުރީގެ މަޝްރޫޢުތަކަށް ކުރަންޖެހޭ ހަރަދުތަކުގެ ސަބަބުން އެތައް ފައިސާއެއް ބޭކާރުވެ ގައުމުގެ ކުރިމަގަށް ދަތިތަކެއް ކުރިމަތިވެދެގެންދާނެތީ އެހެންކަމުން ތާއަބަދު މަރާމާތުތައް ކުރަން ނުޖެހޭ ގޮތަށް ފެންވަރު ރަނގަޅު ގޮތަކަށް މަޝްރޫޢުތައް ކުރިއަށްގެންދިއުން މުހިންމު ކަމެއްކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: