ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ސަރުކާރެއް ވެސް އަންނަނީ މަގުތަކުގެ މައްސަލައަށް ދާއިމީ ހައްލު ހޯދައިދެއްވަން!

މާލެ މަޖީދީ މަގު. ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އާބާދީގެ ނިސްބަތުން ބަލާއިރު ގިނަ ބަޔަކު ދިރިއުޅެމުންދަނީ ވެރިކަން ކުރާ ރަށް މާލޭގައެވެ. އަދި އިތުރު އެހެން ބޭނުންތައް ފުއްދުމަށްޓަކައިވެސް މާލެ އަންނަން އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް މަޖުބޫރުވެއެވެ. އެކަމަށް މަޖުބޫރުކުރުވަނީ ސަރުކާރުން ކަނޑައަޅާފައިވާ އެކި އެކި ސިޔާސަތުތަކޭވެސް ބުނެވިދާނެއެވެ. ރާއްޖޭގެ ހުރިހާ ރަށަކީ އެންމެ ތަރައްގީވެފައިވާ، އަދި ހުރިހާ ހިދުމަތްތަކެއް ލިބޭ ރަށްތަކަކަށް ނުވުމުގެ ސަބަބުން، މާލެއަކީ ގިނަ ބަޔަކު ބަރޯސާވާންޖެހޭ ތަނެކެވެ. ސިއްހީ ފަރުވާއަށާއި، އިތުރު އެހެން އެތައް ބޭނުންތަކެއްގައި މާލެ އަންނަ މަޖުބޫރުވެއެވެ. ކަން މިހެން އޮތްއިރު އުފެދޭ ސުވާލަކީ މާލެ އޮތީ ރާއްޖޭގެ އެތައް ބަޔަކު އަރާފައިބާ، ބޭނުންވާ ހިދުމަތްތައް ހޯދުމަށް އެންމެ އެކަށޭނެ ގޮތައްތޯއެވެ؟ އުމުރުން ދުވަސްވީ މީހުންނާއި، މައިބަނޑު މީހުންގެ އިތުރުން، ބަލިތަކަށް ފަރުވާ ހޯދަން އަންނަ މީހުންނަށް މާލެ އޮތީ ހަމަ އެންމެ އެކަށީގެންވާ ގޮތުގެ މަތީގައިތޯ ސުވާލުއުފެދެއެވެ.

މާލެ އައިސް ރަށު ބޯޓުން ފައިބާ، ގައުތައް މަތީ ފައި ބީއްސާލީ ފައި ދަނީ ގަބައިގެންނެވެ. ނުވަތަ ފައި ފުރޮޅާލާނެއެވެ. ހުންނަން ހަމަޖެހިފައިވާ ތަނަށް ދިއުމަށް ޓެކްސީއެއް ހޯދުމަށްޓަކައި އަނެއް ބައި ގަނޑިއިރު ޓެކްސީއަށް އަތް ނަގައިގެން ހުރުމަށްފަހު، ޓެކްސީއެއް ލިބުމުން އެއަށް އެރުމުންވެސް ހަމަޖެހިލެވޭކަން ނެތެެވެ. ކާރު ހީވާނީ ގަދަ ކަނޑެއްގައި ދުއްވާ ރިޔާލީ ދޯންޏެއް ހެންނެވެ. ހަލާކުވެފައިވާ ގައުތަކާއި، ދުވަސްވެފައިވާ ބަންޕަރުތަކުގެ މައްޗަށް އަރާ މައްޗަށް ގޮސް ތިރިއަށް ޖެހި ދާން ބޭނުންވާ މަންޒިލަށް ދެވޭއިރު މީހާ ހުންނާނީ ދެވަރުން އެއްވަރު ވެފައެވެ. އާއެކެވެ. މި ދައްކަނީ މާލޭގެ މަގުތައް ހުރި ހާލަތުގެ ވާހަކައެވެ. އެތައް އަހަރެއްވީއިރުވެސް ހައްލު ހޯދައިނުދެވުނު މަގުތަކުގެ ވާހަކައެވެ.

ކޮންމެ ވެރިއަކުވެސް ވަޑައިގަންނަވަނީ މަގުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވަން އެތައް ވައުދުތަކެއްވެވަޑައިގެންނެވެ. ނަމަވެސް ވެރިކަމުގެ ދައުރު ނިމިގެންދާއިރުވެސް އެ ވިދާޅުވާ ދާއިމީ ހައްލެއް ނުފެނެއެވެ. ކުރީ ސަރުކާރުން ވަކިކަމެއް ވަކި ގޮތަކަށް ކުރީތީ ފާޑުވިދާޅުވުމަށްފަހު އެކަމަން ރަނގަޅުކުރަން ވަޑައިގެން ސަރުކާރުތަކުންވެސް ފެނިގެން މިދަނީ އެއް މަންޒަރެކެވެ. މަގުތަކުގެ މައްސަލައިގައި ޒިންމާވާނެ ފަރާތެއްވެސް ނެތް ކަހަލައެވެ. އެކަކު އަނެއްކަކަށް ތުހުމަތުގެ އިނގިލިތައް އަމާޒުކުރުން ނޫން އިތުރު ކަމެއް ނުކުރެއެވެ. މިއީ ސަރުކާރުގެ މައްސަލައެއްކަމެއް، ސިޓީ ކައުންސިލްގެ މައްސަލައެއްކަމެއް ނުވަތަ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މައްސަލައެއްކަމެއްވެސް ސާފެއް ނޫނެވެ.

ގުޅިގެން އެކުގައި މަސައްކަތްކުރައްވައިގެން ކަމުގެ ހައްލަށް ވާސިލްވެވެން ހުރި މުއައްސަސާތަކާއި، އިދާރާތަކާއި އަދި ކުންފުނިތަކުގެ ދެމެދު ޖެހިފައިވާ މައްސަލަތަކުގެ ސަބަބުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ދިނުމަށް ޖުރަސްއެޅި ދަތިތަކާއި ކުރިމަތިވެފައިވާކަން މިއީ ރައްޔިތުންނަށް ސާފުކަމެކެވެ.

ޔަގީންވާހާވެސް ކަމަކީ މަގުތަކުގެ ހާލަތު އޮތީ އެންމެ އެކަށީގެންވާ ގޮތެއްގައި ނޫންކަމެވެ. އަޅުގަނޑު ފަށަމުން ފާހަގަކުރީ މޫސުން ރަނގަޅު ދުވަސް ދުވަހުގެ ހާލަތެވެ. މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހިއްޖެނަމަ މަގުތައް ރައްޔިތުންނަށް ބޮޑު މުސީބާތަކަށް ވެގެންދެއެވެ. ފައި ފޮރުވޭ ވަރަށް ފެން ހެދިފައިފައިވުމުގެ ސަބަބުން އެތައް ބަޔަކަށް އެކަމުގެ އުދަނގުލާއި ކުރިމަތިލާންޖެހެއެވެ. ކުޑަކޮށް ވާރެ ވެހޭ ދުވަސް ދުވަހުވެސް މަގުތަކުގައި ފެންބޮޑުވެއެވެ. ޒަމާނީ ފެންވަރަށް މަގުތައް ތަރައްގިނުކުރެވި އޮތުމުގެ ސަބަބުން ފެން ހިންދާނެ ގޮތެއް ނުހުރެއެވެ. އަދި ދުއްވާ އުޅަނދުތަކާއި މަގު ހިގާ މީހުންނަށް ވަކި ހާއްސަކޮށް ކޮންމެ މަގެއްގައި ޖާގަދީފައިނެތުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ ފަހަރުވެސް މަދެއްނޫނެވެ.

މިދައްކަނީ ގޯޅި ގޯޅިން ލާފައި ދިއުމުން ހުން ކުޑަ ހަނި މަގުތަކުގެ ވާހަކައެއް ނޫނެވެ. މާލޭގެ މައި މަގު، މަޖީދީ މަގާއި، ބޭރު މަގުވެސް އޮތީ މިހާލުގައެވެ. މީގެ ކުރިން މަގުތައް ހަދާފައިވާއިރު، ޒަމާން ބަދަލުވެގެންދާވަރަށް މަގުތަކަށް ބޭނުންވާނެ ބަދަލުތަކުގެ ދިރާސާއެއް ހަދާ، މަޝްވަރާތަކެއް ކުރެވިފައި ނެތުމަކީ މިއަދު މަގުތަކުގެ ހާލަތު ރަނގަޅުކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. ދުވަހެއް ދުވަހަކަށް މާލެ ތޮއްޖެހެމުންދާއިރު، ކާރު ބާރު ދަނީ އިންތިހާއަށް ބޮޑުވަމުންނެވެ. އެހެންކަމުން އެތައް ދުވަހެއް ކުރިން މަގުތަކުގައި ޖަހާފައިވާ ގައުތަކަށް އެއީ ތަހައްމަލުކުރަންޖެހުނު އިތުރު ބުރައެކެވެ. ތަފާތު އެކި ބޭނުންތައްކަށްޓަކައި އެ ގައުތައް ނަގަންޖެހޭއިރު، އެ ބޭނުންފުދުމުން ގައުތައް ނެގިއިރު ހުރި ފެންވަރުގައި ތަރުތީބުން ގައު ޖެހޭ މަންޒަރެއްވެސް ނުފެނެއެވެ. މިކަމުގެ ސަބަބުން މަގު ހިނގާ މީހުންނަށް އަނެއް ތަކުލީފާއި ކުރިމަތިވެއެވެ.

ކޭބަލްތައް އެޅުމުގައި މަގު ކޮނެ އަލުން މަސައްކަތްތަކެއް ކުރަންޖެހިދާނެކަމަށް ވިސްނާފައި ނުވާތީ މަގުތަކުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރާ މަސައްކަތުގައި އިތުރު ގޮންޖެހުންތަކާއި ކުރިމަތިވެއެވެ. އަދި މަގުތައް ފެހިކުރުމަށް އިންދާފައިވާ ގަސްތައް އިންދުމުގައިވެސް ފަހުން ވެދާނެކަމަކަށް ވިސްނާފައި ނުވުމުގެ ސަބަބުން އިތުރު މަސައްކަތްތަކެއް ކުރަންޖެހެއެވެ.

ކުރިން ކަންކޮށްފައި އޮތް ގޮތުގެ ވާހަކަދައްކައިގެން މައްސަލަތަކަށް ހައްލެއް ނުލިބޭނެއެވެ. އެހެންކަމުން ކުރިމަގުގައި މިކަންކަން ތަކުރާރުނުވާނެފަދަ ގޮތަކަށް މަގުޗާޓު ކުރެހުމަކީ މުހިންމުކަމެކެވެ. ހައްލު ހޯދުމަށްކުރާ މަސައްކަތްތަކަކީ ދެމެހެއްޓިނިވި ގޮތެއްގައި ކުރެވޭ މަސައްކަތްތަކަކަށް ވާންޖެހެއެވެ. ވައުދެއްވެވުނީތީ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން އެ ވައުދު ފުއްދުމަށް އަވަސް އަރުވާލައިގެން އެކަންކުރުމުން ކުރިއަށް އޮތްތާ އަމާޒުވާނީ ހަމަ ފާޑުކިޔުމެވެ. އިވޭނީ ރައްޔިތުންގެ ޝަކުވާތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: