ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްރޫޢުތަކަށް ތާއަބަދު ފައިސާ ޕަންޕުކުރަންޖެހި ރައްޔިތުންގެ ފައިސާ ބޭކާރު!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި އެކި ކުލަ ޖެހިއްޖެއެވެ. ސިޔާސީ މަސްރަހު ކުރިއަރައި އެތައް އަޑުތަކެއްވެސް އިވެއެވެ. ނޭދެވޭ އެތައް ވާހަކަތަކެއް އިވިގެންދާއިރު، ރައްޔިތުންނަށް ސީދާ އެކަމުގެ އަސަރު ކުރާ އެތައް ކަމެއްގެ ވާހަކަތައް ދެވެމުންދާ ސަމާލުކަންވެސް އިންތިހާއަށް ކުޑައެވެ.

ރާއްޖޭގައި ހިންގަމުންދާ މަސައްކަތްތަކީ ނުވަތަ މަޝްރޫޢުތަކަކީ ދިވެހި ރައްޔިތުންގެ ކުރިމަގު ބިނާ ކުރުމަށްޓަކައި އެޅިގެންދާ ބިންގާގެ ބައެކެވެ. މިއަދު ދިވެހިރާއްޖޭގެ ރައްޔިތުންގެ ވިސްނުން ކުރިއަރައި ދުނިޔެ މަތީގައި ހިނގަމުންދާ ކަންކަމަށާއި އަލަށް އީޖާދުވަމުންދާ ތަކެއްޗަށްވެސް ދިވެހިން ހޭލުންތެރިއެވެ. އެހެންނަމަވެސް ކުރިމަތީ ލިބެމުންދާ ގެއްލުންތައް ނުފެންނަ ފަދައެވެ.

މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް މަޝްރޫޢުއަކީ މާލެ އަދި ހުޅުމާލެ ގުޅުވާލުމަށް ބިނާ ކުރެވުނު ބުރިޖުގެ މަސައްކަތެވެ. ހަގީގަތުގައިވެސް މިއީ މިއަދު ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ލުއި ފަސޭހަކަމާއި ގުޅި ލާމެހިފައިވާ ކަމެކެވެ. ދެރައީ އެކަން އެނގެނީ މަދު ބަޔަކަށްވުމުން ކަމުންނެވެ. މިއަދު ހުޅުމާލެއިން މާލެ އަށް ދަތުރު ކުރާ ފަރާތްތަކުން މާލެއަށް އަރަމުން ބުރިޖުގެ ނަން ޖަހާފައިވާ ތަނަށް ބަލާލުމުން ކަންބޮޑުވާނެކަން ޔަގީނެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑުޝިޕު ބުރިޖު ޖަހާފައިވާ ތަން، މި ސަރުކާރު އައުމާއިއެކު، އެ ގައުމާއި ދެމެދު އޮތް ގުޅުމަށް ވީހެން ވީރާނާ ވާން ފަށައިފިއެވެ. މިއަދު އެ ނަން ޖަހާފައިވާ ތަނުގައި އަކުރުތައް ވެސް މަދެވެ. ހުރީ ކުލަ ފޭދި، އެފަދަ ބޮޑު ހަރަދެއްކޮށްގެން ބިނާކޮށްފައިވާ ވަސީލަތެއްގެ މަލަމައްޗާއި ނުބައްދަލު ގޮތަކަށެވެ. އެ މަންޒަރު ފެނުމުން ގިނަ ސުވާލުތަކެއް އުފެދިއްޖެއެވެ.

ބުރިޖުގެ ނަން ޖަހާފައިވާ ތަނުގައި ކުލަކޮޅެއް ހާކާލައި ވެއްޓިފައިވާ އަކުރު އަލުން ހަރުކުރުން އެ މަސައްކަތްތައް ބަލައްޓާ ފަރާތްތަކަށް ބޮޑު ކަމަކަށް ވާނަމަ، ބުރިޖުގެ ރައްކައުތެރިކަން ކަށަވަރުކުރެވިފައިވާކަން ޔަގީން ކުރުމަށްޓަކައި ކުރަންޖެހޭ މެއިންޓެނެންސް މަސައްކަތްތައް ކުރޭ ބާވައެވެ. ބައެއް ހާލަތްތަކުގައި ބޯލްޓު ފަދަ ތަކެތި ބާރުކޮށް، ދަގަނޑު ރެއިލިންގް ތަކުގައި ދަބަރު ޖަހާލެއް ކުޑަ ކުރުމަށް ކެމިކަލް އުނގުޅާ މަންޒަރު ފެނިފައިވާއިރު، ހަމަ އެ ބޯޑަށް ބެލުމުން ބުރިޖު ފަދަ މަޝްރޫޢުތަކުގެ ތެރެއިން ބިނާ ކުރާ ވަސީލަތްތައް ދެމި އޮންނާނީ ކިހާ ދުވަހަކާއި ޖެހެންދެން ކަމާއިމެދު ސުވާލު އުފެދެއެވެ. އަދި މަޝްރޫޢު ހިންގުމަށް ދިޔަ ލާރިގަނޑާއި އެއް ހަމައަށް ބުރިޖުގެ ބޭނުން ކުރެވިފައިވާ ކަމާއިމެދު ޝައްކެވެ.

ބުރިޖު އެކަންޏެއް ނޫނެވެ. ރާއްޖޭގެ ރަށްތަކުގައި މަގު ހެދުމުގެ މަސައްކަތްތައްވެސް ނިމުމަކަށް ނާދެއެވެ. ރައީސް މައުމޫނު ދައުރުގައި އެޅި ގާތައް ފުރޮޅާ ނަގައި، ބަދަލުތައް ގެނައި އަދަދު ނޭނގެއެވެ. މިއަދު އެއަށްފަހު އެތައް ވެރިންނެއް އައިސް ގޮސްފައިވާއިރު، އަދިވެސް ހަމަ އެއްކަލަ މަގުތައް ބިނާ ކުރުމުގައި ދާއިމީ ހައްލެއް ފެނިފައިނުވާ ފަދައެވެ. 1.8 ކިލޯ މީޓަރު ހުންނަ އަމީނީ މަގަކީވެސް މިކަމުގެ ފުރިހަމަ މިސާލެކެވެ.

މާލެ ސިޓީ ކައުންސިލުން ވަރަށް ފުރިހަމަ ޕްލޭނެއް ހަދައި އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އުޅުނު ކަމަށްވެއެވެ. ޖެހުނު ގިނަ މައްސަލަތަކެއްގެ ތެރެއިން މަޝްރޫޢު ދެން ހަވާލު ކުރެވުނީ ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނާއިއެވެ. އެ ކުންފުނިން ވަނީ މާލެ ސިޓީ ކައުންސިލުގެ މަސައްކަތްތެރިކަމުގެ ވިސްނުމާއި ފެންވަރަށްވެސް ފާޑުކިޔާފައެވެ. އެންމެ ފަހުން އާރްޑީސީއަށްވެސް މަސައްކަތްތައް ކުރުމުގައި ހަމަ ސިޓީ ކައުންސިލަށްވެސް ޖެހުނު ފަދަ ދަތުރެއް ޖެހުނެވެ.

މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ދާ މިންވަރާއި ގޮތާއިމެދުވެސް ރައްޔިތުން ހިތްހަމަނުޖެހި އަޑު ގަދަ ކުރަން ފެށުމުން ވަމުން ދިޔަ ހޫނުގެ ތެރެއިން ފިނިކަމެއް ގެނެސްދިނީ އެމްޓީސީސީއިންނެވެ. އެހެންނަމަވެސް އަދިވެސް އެ މަަސައްކަތްތައް ނުނިމެއެވެ. މިއަދު އިވޭ އެއް ވާހަކައަކީ، އަމީނީ މަގު ފެންބޮޑުވާ ސަބަބުގެ ވާހަަކައެވެ. ހަވާލުވެ ހުންނެވި ކުންފުންޏެއްގެ އިސްވެރިޔަކު ވިދާޅުވެފައިވާގޮތުން، ފެން ބޮޑުވަނީ މާލެ އަރިއަށް އޮތުމުންނެވެ.

އިވެމުންދަނީ ހައިރާން ކުރުވާ ފަދަ ވާހަކަތަކެކެވެ. ގިނަ ވަސީލަތްތަކެއް ތިބޭ ޒަމާނެއްގައި މައްސަލައަށް ހައްލެއް ނެތްކަމަށް ސިފަވެގެންދިއުމުން، އިސްވެރިންގެ ގޮތުގައި ހަވާލުވެވަޑައިގަންނަވާ ފަރާތްތަކަށް ރާއްޖޭގެ ކުރިމަގު ސިފަކުރެއްވޭ ގޮތާއިމެދު ސުވާލު އުފެދެއެވެ. އަންނާނެ ކުރިއެރުންތަކާއި ކުރިމަތިވެދާނެ މައްސަލަތައް ފަހުމް ނުކުރެއްވެނީކަމެއް ނުވަތަ ކުރެއްވުނު ނަމަވެސް އަޅާ ނުލަނީކަމެއް ސާފެއް ނޫނެވެ. ސާފީ މިއަދު ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާ ފައިދާ އާއި އެއް މިންވަރަކަށް ނުވަތަ އިތުރަަށްވެސް ގެއްލުންތަކެއް ވުމުގެ ފުރުސަތު އިންތިހާއަށް ފަހިކަމެވެ.

މަޝްރޫޢޫތައް ކުރިއަށް ނުގޮސް، ގިނަ ދުވަސްވުމުގެ ސަބަބުން ހަރަދު އިތުުރުވެ އެކަމުގެ ސަބަބުން ކުރަން ނުޖެހޭ މިންވަރަކަށް މަޝްރުޢޫއަކަށް ހަރަދު ކުރެވިގެންދާތަން ފެނިގެންދެއެވެ. އަދި މާލިއްޔާތަށް ބުރަ ވުމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުތަކެއް ގެނައުމަށް ހޭދަ ކުރެވިދާނެ ފައިސާވެސް ނެތުމުގެ ފުރުސަތުވަނީ އިންތިހާއަށް ފަހިވެފައެވެ. މިއީ އެންމެހާ ރައްޔިތުންވެސް ކަންބޮޑުވާންޖެހޭ މުހިންމު މައްސަލަކެވެ.

ހާއްސަ ގޮތެއްގައި ދިވެހިރާއްޖޭގެ މާލީ ހާލަތާއިމެދު ބޭރުގެ ވުޒާރާތަކާއި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހާއި ސަރުކާރުގެ އިސްވެރިންގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންފައިވާ ފަރާތްތަކުން އިންޒާރުތައް ދެމުންދާއިރު، މިފަދަ ގޮތަކަށް ފައިސާ ހަރަދު ކުރެވިގެންދިއުމަކީ ދިވެހި ސަރުކާރުން ރައްޔިތުންނަށް ވާ އިހުމާލެކެވެ. މިއީ ޒިންމާ އަދާ ކުރުމުގައި ފެއިލްވުމެވެ. ރައްޔިތުން ޓެކްސް ދައްކަމުންދަނީ އެ ފައިސާ މާނައެއް ހުރި ގޮތުގައި ބޭނުންކޮށް، ދިވެހިރާއްޖޭގެ ކުރިއަށް އޮތް ޖީލުތަކަށް ފުރިހަމަ ގައުމެއް ބިނާކޮށްދިނުމުގެ އުންމީދުގައެވެ.

ސަރުކާރުގެ އިސްވެރިންގެ ކޮރަޕްޝަންގެ ވާހަކަތަކާއި ވައްކަން ކުރުމުގެ ވާހަކަތަކަށްވުރެވެސް، ހިތާމަވެރީ، އެ ތުހުމަތު ތަކުގެ ތެރޭގައިވެސް އެއްކޮށް ތިބި ސަޕޯޓަރުންނަށްވެސް ސަރުކާރުން މަޝްރޫޢޫތައް ހިންގުމުގައިވެސް އެއްވެސް އިހުލާސްތެރިކަމެއް ނުގެންގުޅޭކަން ހާމަވެގެންދިއުމެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: