އޯޕެކް އިން ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް ނިންމި ނިންމުމަށް ދިވެހި ސަރުކާރުން ތާއީދުކުރި ސަބަބު ސާފު ކުރުމަށް ނޫސްވެރިން ކުރި މަސައްކަތަށް ރައީސް އޮފީހުން ހުރަސް އަޅައިފިއެވެ.
ބަންޑާރަނައިބު އިބްރާހިމް ރިފްއަތުއާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އޯޕެކްއިން ތެޔޮ އުފައްދާ މިންވަރު މަދު ކުރުމަށް ނިންމި ނިންމުމަށް ރާއްޖެއިން ތާއިދުކުރި ސަބަބު ސާފު ކުރުމަށް ނޫސްވެރިން މަސައްކަތް ކުރުމުން އެކަން ހުއްޓުވާފައި ވަނީ ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދުއެވެ.
އޯޕެކްގެ ނިންމުމަށް ރާއްޖެއިން ތާއިދުކުރި ސަބަބު ސާފު ކުރުމަށް ނޫސްވެރިއަކު ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ސުވާލު ކުރަން ފެށުމުން މިއުވާން ވިދާޅުވީ ކަނޑައަޅާފައިވާ މައުޟޫއަކީ ޗާގޮސްގެ މައްސަލަ ކަމަށާއި އެހެން ކަމުން އެހެން އެއްވެސް ކަމަކާއި ގުޅޭ ގޮތުން ސުވާލު ނުކުރެވޭނެ ކަމަށެވެ. މިއުވާން އެހެން ވިދާޅުވުމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުން ކުރިޔަށް ގެންދަން ވަކި އުސޫލެއް ކަނޑައަޅާފައިވަނިކޮށް އެ އުސޫލުން ބޭރުން އެމަލު ކުރުމަކީ އެމަނިކުފާނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއާއި ބަންޑާރަނައިބު އިބްރާހިމް ރިފްޢަތު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމިކަން ރައީސް އޮފީހުން ނޫސްވެރިންނަސް އެނގިނަމަވެސް ނޫސްވެރިންގެ ބައްދަލުވުން ހާއްސަކޮށްފައި ވަނީ ކޮންކަމަކަށް ކަމެއް ބުނެފައެއް ނުވެއެވެ. އެގޮތުން ނޫސްވެރިނާ ބައްދަލު ކުރައްވަނީ ޗާގޮސްގެ މައްސަލައިގައިކަން ނޫސްވެރިންނަށް އެނގުނީ ބައްދަލުވުމަށް ދިއުމުންނެވެ.
ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓްރީން އާއްމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ސައުދީ ސަރުކާރުން އިސްވެ އޮވެ، އޯޕެކް ޕްލަސް އިން ތެޔޮ އުފެއްދުން މަދު ކުރުމަށް ނިންމި ނިންމުމަކީ ދުނިޔޭގެ އިގްތިސާދީ ހާލަތާއި ތެލުގެ ބާޒާރާއި އެހެނިހެން ފަންނީ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް ދެކޭ ކަމަށާއި އެ ނިންމުމަށް ދިވެހި ސަރުކާރުގެ ފަރާތުން ތާއީދުކޮށް ބަލައިގަންނަ ކަމަށެވެ.
އޯޕެކް ޕްލަސްގެ ނިންމުމަކީ އެ ޖަމިއްޔާގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާ ނިންމުމެއް ކަމަށާއި، ދުނިޔޭގެ ތެލުގެ ބާޒާރު ހަމައަކަށް އެޅުވުމަށް އެޅުނު ހެޔޮ ފިޔަވަޅެއްގެ ގޮތުގައި މި ނިންމުން ބަލައިގަންނަންޖެހޭ ކަމުގައިވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ. މީގެ އިތުރުން މި ނިންމުމަކީ ސިޔާސީ ގޮތުން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ދުނިޔޭގެ އިގްތިސާދު ކުރިއަރުވައި، ހަރުދަނާކުރުމަށް ސައުދި އަރަބިއްޔާ އިން ކުރާ މަސައްކަތްތަކަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ސައުދީ ސަރުކާރަށް ލިބޭނެ ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
އޮޕެކް އިން، ތެޔޮ އުފައްދަމުންދާ މިންވަރުން ދުވާލަކު ދެ މިލިއަން ފީފާ މަދު ކުރުމަށް ނިންމުމާއި ގުޅިގެން، ތެލުގެ އަގުތައް އަރައިގެންގޮސް، ދުނިޔޭގެ އިގްތިސާދަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެކަމަށް މަޝްރަހު ދިރާސާ ކުރާ މާހިރުންނާއި، އެމެރިކާގެ ޓްރެޝަރީ ސެކެޓްރީ ޖޭން ޔެލެން ފަދަ ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

