ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސާނީ ހައްގުތައް ރައްކައުތެރިކުރުމުގައި ދިވެހި ދައުލަތުން ގެންގުޅޭ އަނދިރި ފަރާތް!

ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

”މަސައްކަތްތެރިން، މަސައްކަތްތައް ކުރާ މާހައުލުގެ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށް، އޮކިއުޕޭޝަނަލް ހެލްތް އެން ސޭފްޓީ އެކްޓް އަޅުގަނޑު އިއްޔެ މަޖިލީހަށް ފޮނުވައިފިން،“ މިއީ މިހާރުގެ ރައީސުލްޖުމުހޫރިއްޔާ ރާއްޖޭގެ ތާރީހުގައި ހިނގައިދިޔަ އެންމެ ނުރައްކާތެރި އަދި ހިތާމަވެރި އަލިފާނުގެ ހާދިސާ ހިނގުމުން، ދެއްކެވި ވާހަކައެވެ.

އެހެން ނަމަވެސް މިއަދު މިވާހަކަތައް ދެއްކުމުން، އެ ބިލު ފޮނުވާފައިވަނީ އިހުލާސްތެރިކަމެއް އޮވެގެން ކަމާއި މެދު ސުވާލު އުފެދެއެވެ. ނުވަތަ އެ ހާދިސާވެސް ބޭނުން ކުރެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިއަށް ރައްޔިތުން އަތުން ޕޮއިންޓުކޮޅެއް ކާލުމައްތޯވެސް ހިތައް އަރައެވެ.

ރާއްޖޭގެ ވާހަކަތައް ދެކެވޭ ކޮންމެ ފަހަރަކުވެސް ބަޔަކު ހިތަށް އަރާނެ އެންމެ ފުރަތަމަ ކަންކަމަކީ، ސާފު މޫދުތަކާއި ދޮންވެލި ބީޗުތަކެވެ. އެހެން ނަމަވެސް 10 މީހަކުގެ ފުރާނަ ގެއްލިގެން ދިޔަ ހާދިސާއިން ތޮއްޖެހިފައިވާ ގައުމެއްގައި ލާއިންސާނީ ހާލަތެއްގައި ގިނަ އަދަދެއްގެ ބޭރު ގައުމުތަކުގެ މަސައްކަތްތެރިން ދިރިއުޅެމުންދާކަން ވާނީ އެންމެހާ ރައްޔިތުން އަދި ބޭރު ގައުމުތަކުގެ ސާމާލުކަމަށް އައިސް ހަނދާނުގެ ތެރެއަށް ފެވިފައެވެ.

މިހާދިސާގައި ހިނގައިދިޔައީ ދިރިއުޅުމުގެ ހުއްދަ ނެތް އިމާރާތެއްގައި، 40 އަށްވުރެ ގިނަ ބިދޭސީއިން ކުދި ގޮޅިތަކެއްގައި ދިރިއުޅެމުންދަނިކޮށެވެ. ބައެއް ފަރާތްތަކުން ލަފާ ކުރާގޮތުން، އަލިފާން ރޯވާން ދިމާވީ، އިމާރާތުގެ ތިރީގައި ހުރި ގަރާޖުގައި ރޯވެގެންނެވެ.

އަޖައިބު ކުރުވަނިވި ކަމަކީ، އެ ގަރާޖަކީވެސް ރެޖިސްޓްރީ ކުރުމެއް ނެތި، އެއްވެސް ހުއްދައަކާއި ނުލައި ހިންގަމުންދިޔަ ތަނަކައްވީއިރު، ޓެކްސް ނެގުމަށް ތަންތަނަށް ގަވައިދުން ޒިޔާރަތްކުރާ މީރާ، ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ނަންވެފައިވާ މާލެ ސިޓީ ކައުންސިލު، ވިޔަފާރީގެ އިސް ސަފުގައި ހުންނަ އިކޮނޮމިކް މިނިސްޓްރީ އަދި ޒަމާނީ ފެންވަރުގެ ޓްރެއިނިންގްތަކެއް ހަދަމުންދާ ފުލުހުންގެ މުވައްސަސާގެ އިންޓެލިޖެންސާއި އެމްއެންޑީއެފްއަށްވެސް ފާޅުކަން ބޮޑު ގޮތެއްގައި ކުރަމުންދިޔަ މަސައްކަތެއް ކުރެވެމުންދިޔައީ ގާނޫނު އަދި ގަވާއިދުތަކާއި ހިލާފަށްކަން އެނގިފައިނުވުމުންނެވެ.

ހާދިސާއިން އެނގިގެން ދިޔައީ މުއައްސަސާތަކުގެ އިހުމާލެވެ. ޓެކްސް ދައްކާތޯ ބެލިފައެއް ނެތް، އިމާރާތެއްގައި ހުއްދައެއް ނެތި މަސައްކަތްތަކެއް ކުރަމުންދާކަން އިނގިފައެއް ނެތް، ބިދޭސީންތަކެއް ތޮއްޖެހިގެން ދިރިއުޅެމުންދަނީ ދިރިއުޅުމުގެ ހުއްދައެއް ނެތް ތަނެއްގައި ކަންވެސް އިނގިފައިނުވާއިރު، ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ތަނެއްގެ ތެރޭގައި ގާނޫނާއި ހިލާފު އެއްވެސް ކަމެއް ހިނގަމުންދޭތޯ ބެލިފައިނުވޭ އަދި މަސައްކަތްތަކެއް ކުރަމުންދާ ތަނެއްގައި ސަލާމަތީކަންކަން ކަށަވަރު ކުރެވިފައިވާކަމެއްވެސް ބެލިފައެއް ނެތެވެ.

މިއަދު މި ހާދިސާ ހިންގުމުން އެންމެހާ މުވައްސަސާތަކުންވެސް ކުރަމުންދާ ބުރަ މަސައްކަތަކީ ބޯ ދަމައިގަތުމުގެ މަސައްކަތެވެ. އެހެން ނަމަވެސް މި ހުރިހާ މުވައްސަސާތަކަކީވެސް ދިވެހި ދައުލަތުގެ ބަޖެޓުން ފޮއްޗެއް ލިބޭ ބައެކެވެ. ކޮންމެ މުވައްސަސާއަކީވެސް ރާއްޖެ ހިންގުމަށް އެކުލަވާލެވިފައިވާ އިންޖީނުގެ ބުރުސެޓުން ބުރެއް ކަމަށްވާއިރު، ގުޅިގެން ކުރާ މަސައްކަތްތަކުން ނޫނީ އިންޖީނެއް ނުހިންގާނެކަން މީގެން ކޮންމެ މުވައްސަސާއަކަށްވެސް ސާފުވާނެއެވެ.

އެހެން ނަމަވެސް ގުޅިގެން މަސައްކަތެއް ކުރެވެން ނެތެވެ. ސިޔާސީ ހިޔާލު ތަފާތުވުންތައް ރާއްޖޭގައި އޮންނަނީ އިންތިހާއަށެވެ. ކޮންމެ ޕާޓީއަކުންވެސް ދުވާ ކުރަމުންދަނީ އެ ނޫން ޕާޓީއެއްގެ ވެރިކަމެއް ފެއިލްވޭތޯއެވެ. މޮޅެތި ހިޔާލުތައް ގެންގުޅެމުންދާ އިރު، މި ތޯޅުންގަނޑުގެ ގެއްލުންތައް ވެގެންދަނީ ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ކަން ނުވިސްނެނީކަމެއް ސާފެއް ނޫނެވެ. ނުވަތަ ވިސްނުން ނަމަވެސް ވަރިހަމައީ ކަމެއްވެސް ސާފެއް ނޫނެވެ. ޔަގީންވާ ކަމަކީ އެންމެހާ ފަރާތްތަކުންވެސް މަސައްކަތް ކުރަމުންދަނީ ވެރިކަން ހޯދުމައްކަމަށެވެ.

ރާއްޖެއަށް އަންނަ ބިދޭސީ މަސައްކަތްތެރިން އަންނަނީ، އެތައް ފައިސާއެއް ދެއްކުމަށްފަހުއެވެ. އެތައް ހާސް ޑޮލަރެކެވެ. އަތުގައި ހުރި މުދާ ކޮޅު މޯގޭޖުކޮށް، އާއިލާއަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދުނުމުގެ ފޮނި އުންމީދުގައެވެ. ރާއްޖޭގެ ފޮޓޯތަކާއި ރީތި ވީޑިއޯތައް ފެނުމުން ކޮންމެ މީހަކަށްވެސް މިތަން ވެގެންދަނީ މޮޅު ތަނަކަށެވެ.

އައިސް ތިބި މީހުންވެސް އާއިލާ އަދި ރައްޓެހިންގެ ގާތުގައިވެސް އެމީހުން އުޅެމުންދާ ދަތިތަކުގެ ވާހަކަތައް ނުދައްކާ ފަދައެވެ. ހުކުރު ދުވަހު ނުކުމެ ތިބޭ ބޭރު ގައުމުތަކުގެ ރައްޔިތުންގެ ފަރާތުން މިކަމުގެ ހެކިތައް ފެނެއެވެ. ރީތިވެލައިގެން ނުކުމެ، މަގުމަތީގައި ޕާކުކޮށްފައިވާ ރީތި ސައިލެއް ނުވަތަ ކާރެއްގެ ގާތުގައި ހުރެ ފޮޓޯ ނަގާ ހަދާ މަންޒަރުވެސް ފެނެއެވެ.

ވާނީވެސް އެހެންނެވެ. ކިތަންމެ ދަތި ހާލެއްގައި އުޅުނަސް އާއިލާއަށް އެކަން އަންގައިގެންވާނެ ފައިދާއެއްވެސް ނެތެވެ. ރާއްޖެ އައީ ބޮޑު އިންވެސްޓުމެންޓެއް ކުރުމަށް ފަހު ކަމަށްވުމުން އެ އިންވެސްޓުމެންޓު ކަވަރު ކުރުމަށް މަސައްކަތް ކުރުންވަނީ މަޖުބޫރު ކަމަކަށެވެ.

ރާއްޖޭއަށް ބިދޭސީ މަސައްކަތްތެރިން ގެންނަނީ ހުންނާނެ ވަކި ތަނެއްވެސް ކަނޑައެޅިފައިވާކަމަށް ބުނެ އިކޮނޮމިކް މިނިސްޓްރީގެ ފޯމެއްގައިވެސް ޖެހުމައްފަހުއެވެ. އެހެން ނަމަވެސް އެތަނެއްގައި ދެ ކޮޓަރި ހުރި ނަމަވެސް ތިރީސް މީހުންވެސް އެއްތަނަކަށް ރެޖިސްޓާރ ކުރެވޭކަން ފާހަގަކުރެވެއެވެ. ރޭކާވެސް ނުލަނީ ކަމެއް ނުވަތަ މިއީވެސް މިނިސްޓްރީގެ ތެރެއިން ކުރެވެމުންދާ ވިޔަފާރިއެއް ތޯ ސުވާލު އުފެދެއެވެ.

ރަނގަޅު ހާލަތުގައި ދިރިއުޅެމުންދާ ބޭރު ގައުމުތަކުގެ މަސައްކަތްތެރިންވެސް އުޅެމުންދާއިރު ރާއްޖެ އައުމަށް ފަހު، ގިނަ މީހުން ދިރިއުޅެމުންދަނީ ޔަގީނުންވެސް ބަޔާން ކުރެވިފައިވާ ތަނަކު ނޫނެވެ. ދިރިއުޅެނީ އެންމެ ފަހުން އަނދާ ހުލިވި ލޭބާރ ކުއާޓާރ ފަދަ ތަނެއްގައެވެ. 10 ފޫޓު ބާރަ ފޫޓު ތަންކޮޅެއްގައި އެތައް ބަޔަކު ދެ ޝިފްޓަކަށް ބަހައިގެން އުޅެއެވެ. ކައްކަނީވެސް އެތަނުގައެވެ. ކަނީވެސް އަދި ނިދަނީވެސް އެތަނުގައެވެ.

އެންމެ ފަހުން ހިނގައިދިޔަ ހާދިސާ އާއި ގުޅިގެން ގަލޮޅު ސަހަރާ ސަރަހައްދަށް ގިނަ މީހުންތަކެއް އެއްވެ ތިއްބެވެ. އާއިލާ މީހަކު ނުވަތަ ރައްޓެއްސަކު ހާދިސާގައި ނިޔާވީތޯ ސުވާލު ކުރުމުން ލިބުނު ޖަވާބުތަކުގެ ތެރޭގައި، ރައްޓެހި މީހަކު ނުވަތަ އާއިލީ މީހަކު ދިރިއުޅެމުންދަނީ ކޮން ލޭބާރ ކުއާޓާރއެއްގައި ކަން ނޭނގޭތީ، އަދި އެ ދުވަހު އެމީހަކަށް ގުޅިފައިނުވާތީ ހާސްކަމުގެ ތެރޭގައި އާދެވުނު ކަމަށްވެސް ބުނިއެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުން، ދެ ޝިފްޓަށް ބަހައިގެން ނިދާ ކުއާޓާރ ތަކުގައި އުޅޭ މީހުން އޮފް ލިބުން ފަދަ ކަންކަން ދިމާވުމުން ބައެއް ހާލަތްތަކުގެ އެހެން ތަނެއްގައިވެސް އެ ދުވަހަކު ނިދާލަން ޖެހެއެވެ. މިއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަންކަމެވެ.

ހަމަ ނިދި ހޯދުމުގެ ދަތިތަކުގެ އިތުރުންވެސް ބޮޑެތި ނުތަނަވަސްކަންތަކާއި ބިދޭސީ މަސައްކަތްތެރިން ކުރިމަތިލައެވެ. މަސައްކަތް ކުރުވައި މުސާރަ ނުދިނުން، އަދި މަޖުބޫރުން މަސައްކަތް ކުރުވުމާއި ޕާސް ޕޯޓާއި އައިޑީ ފަދަ ތަކެތި އަތުލުމުގެ އިތުރުން ވޯކް ޕާމިޓު ފަދަ ތަކެތި އާ ނުކޮށްދިނުންވެސް ހިމެނެއެވެ.

ހިއުމަން ރައިޓްސް ވޮޗް ފަދަ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަކުގެ ރިޕޯޓުތަކުން ދައްކާގޮތުން، މި ފަދަ ކަންކަން ކަމާއި ބެހޭ މުވައްސަސާތަކަށް ރިޕޯޓު ކުރުމުންވެސް އެ މީހުންނަށް ލިބިގެންދަނީ ފިނި ޖަވާބުތަކެކެވެ. އަދި ބައެއް ފަރާތްތަކުން ޑީޕޯޓު ކުރުމުގެ ބިރާއި ކުރިމަތިލާންޖެހިފައިވާކަންވެސް ރިޕޯޓުކޮށްފައިވެއެވެ.

މިވާހަކަތަކަކީ ކަން އޮތް ގޮތުގެ ހަގީގަތްކަން ސާފުވެގެންދާ ގޮތަކީ 2020 ވަނަ އަހަރުގެ ތެރޭގައި މަސައްކަތްތެރިންތަކެއް މުޒާހަރާ ކުރުމުން، ސަރުކާރުން އެވަގުތު އަޑު އުފުލި މީހުންނަކީ ގައުމީ ސަލާމަތައް ހުރި ނުރައްކަލެއް ކަމަށް ކަނޑައެޅުމުންނެވެ. އަދި ގިނަ އަދަދެއްގެ މީހުން އެ މުޒާހަރާއިން ހައްޔަރު ކުރެވި ޑީޕޯޓު ކުރެވުނު އިރު، މުސާރަތައް ނުލިބޭ ކަމުގެ ރިޕޯޓުތައްވެސް ކުރެވިގެންދިޔައެވެ.

ރާއްޖޭގައި މިއަދު ފިލައިގެން ދިރިއުޅެމުންދާ ބިދޭސީންވެސް އުޅެއެވެ. މަޖުބޫރީ ހާލަތްތައް ކުރިމަތިވި ނަމަވެސް ބައެއް މީހުންނަކީ ގަސްތުކޮށްގެންވެސް އެފަދަ ކަމެއް ކޮށްފާނެ މީހުންކަން ގަބޫލު ކުރެވެއެވެ. އެހެންކަމުން މިއަދު ކުށްތަކަށް އަރައިގަންނަމުންދާ ބިދޭސީންގެ އަދަދުތައްވެސް ގިނަވެއްޖެއެވެ.

ކާކުތޯ އަދި ދިރިއުޅެނީ ކޮންތާކު ކަންވެސް ނޭނގެއެވެ. ހޯދާނެ ގޮތެއްވެސް އިނގިފައިވާނަމަ، ރޯވި ކުއާޓަރގައި ދިރިއުޅެމުންދިޔައީ ކޮން ގައުމެއްގެ ކޮން ބައެއްކަން ދިވެހި މުވައްސަސާތަކަށް އެނގޭނެއެވެ. އެހެންކަމުން މިއަދު މިކަމަކީ މުޖުތަމައަށް ހުރި ނުރައްކަލެކެވެ.

ހާދިސާއެއް ހިންގުމާއި އެކު މިއަދު ވެރިކަމުގައި ތިބި ފަރާތްތަކުން ބިލެއް ހުށައަޅާފައިވާނަމަވެސް، ފާހަގަކުރަންޖެހޭ އެއް ކަމަކީ، ބިދޭސީންގެ ހައްގުތައް ކަށަވަރު ކުރުމަށް ފެއިލްވެފައިވަނީ މިހާރުގެ ސަރުކާރުން ނޫންކަމެވެ. ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވި އެންމެހާ ފަރާތްތަކުންވެސްވަނީ މި ހައްގުތައް ކަށަވަރު ކުރުމުގައި ފެއިލްވެފައެވެ. މިކަމުގައި މުޅި ދިވަހި ދައުލަތް ވެސް ވަނީ ފެއިލްވެފައެވެ.

ބިލެއް ހުށައެޅި ނަަމަވެސް އެކަމުގެ ފައިދާތަކެއް ކުރާނީ ބިލު ފާސްކޮށް ތަންފީޒު ކުރުމުންނެވެ. އަދި ތަންފީޒު ކުރި ނަމަވެސް އެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް މޮނީޓާރ ނުކުރެވޭނަމަ އެ ގާނޫނެއްގެ ބޭނުމެއް ނެތެވެ. ފޮތެއް އޮތަކަސް އެދުރެއް ނުވާނެއެވެ.

މާޒިގައި ހިނގައި ދިޔަ ކަންކަމާއި މި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާއިއެކު ސާފު ނުވެ އޮތް މަންޒަރު ސާފުވެއްޖެއެވެ. ދިވެހިރާއްޖެއަށާއި މުޅި ދުނިޔެއަށްވެސް ހާމެވެގެންދިޔައީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާކަމަށް ބުނާ ދިވެހި ދައުލަތުގެ އަނދިރި ފަރާތެއް އޮންނަ ކަމެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: