ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުބޭބެ ދިން ވެރިމަނިކުފާނުގެ އަލާއްދީނުގެ ވޮއްގަނޑު!

ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީގެ އެތެރޭގައި ހިނގަމުންދާ ހަމަނުޖެހުމުގެ ވާހަކަތަކަކީ ރައްޔިތުން ދަނެ ފަރިތަ ވާހަކަތަކެކެވެ. ބައެއް ފަރާތްތަކުގެ ވިސްނުމުން ނަމަ، މި ހަމަނުޖެހުން ހިނގަނީ އެއްބަޔަކު ގައުމާއި ރައްޔިތުން ދެކެ ލޯބި ވާތީއެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ޕާޓީ ތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތަކަކީ ވަކި ބަޔަކު ވެރިމުގެ ދަހުވެތި ކަމުގައި ނުވަތަ ބާރުގެ ދަހިވެތިކަމުގައި ރާވައިގެން ހިންގަމުންދާ ހަމަނުޖެހުންތަކެކެވެ. ހަމައެހެންމެ އެމްޑީޕީގެ އެތެރޭގައި ހިގަމުންދާ ކަންކަމަކީ ކުޅޭ ޑްރާމާއެއްގެ ގޮތުގައި ސިފަކުރާ މީހުން ވެސް މަދެއް ނޫނެވެ.

އެހެން ނަމަވެސް ހަގީގަތަކީ ވާ ލޮތްބެއް އަދި ހުރި ކުލުނެއްވެސް ހުންނަނީ އެންމެ ކަމަކަށް ކަމެވެ. ކުލުނާއި ލޯބި އަދި ޝައުގުވެރިކަމެއް ހުރި ނަމަވެސް ހުރީ ވެރިކަމުގެ ތަހުތަށެވެ. މިކަން މިއަދު ގައުމުގެ ހާލަތު ގޯސްވެގެންދާ މިންވަރުން ސާފުވެއެވެ.

އެންމެ ފުރަތަމަ އިވިގެންދިޔަ އެއްވާހަކައަކީ، ގައުމުގެ މިނިވަންކަން ނަގާލާފައިވާ ވާހަކައެވެ. ފެންނަމުންދާ މަންޒަރުތަކުން މި ހުރިހާ ކަމެއްވެސް ސިފަވަނީ ހަގީގަތެއް ފަދައިންނެވެ. ވެރިކަން ކުރާ ޕާޓީގެ ތެރޭގައި އަވައްޓެރި ގައުމެއްގެ ބާރު ނުހިނގި ނަމަވެސް ވެރިކަމުގެ ތަހުތުގެ މައްޗަށް ގައިމުވެސް ހިނގައެވެ. ހަކުރު ދެންޏާ ބޮޑު ބޭބެއަށް ވާ އުސޫލުން މިއަދު އަވައްޓެރި ގައުމެއްގެ ބޮޑު ވަޒީރަކީ މިހާރުގެ ދިވެހި ދައުލަތުގެ ބޮޑު ބޭބެގެ މަގާމު އަދާ ކުރަމުންދާ މީހާއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ގައުމުގެ މުހިންމު ނިންމުންތައް ނިމިގެންދަނީ އެނާގެ އިރުޝާދުގެ ދަށުންކަމަށް ބައެއް ފަރާތްތަކުން ސިފަކުރާއިރު، މިކަމުގެ ތެދު ހަގީގަތް އަދި ހާމަނުވެއެވެ.

އެކަން ގަބޫލު ކުރަން ބޭނުން ނޫނަސް އަމަލު ކުރައްވަމުންދާ ގޮތުން، ހަމަ އިތުރު އެއް ކަމެއްވެސް ދޭހައެއް ނުވެއެވެ. ސޮއިކޮށް ނެރުއްވި ގަރާރުން އެ ޝައްކުތައް ޔަގީންވާ ހިސާބަށް ގޮސްފައިވާރު، ކަށަވަރު ވާކަމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓު ލިބޭނެ މިންވަރު މަދުވެގެންދާނެކަން ހުދު އެމަނިކުފާނަށްވެސް ސާފުވާނެ އިރު މުޅި ރާއްޖޭގެ އަނގަ ބަންދުކޮށްލަން ގަރާރެއް ނެރޭނީ މަޖުބޫރުވުމުން ކަމެވެ.

ވެރިކަންކުރާ މައި ޕާޓީގެ ތެރޭގައި އުފެދިފައިވާ ދަރާރުތަކުންވެސް އެތައް މާނައެއް ނެގުމުގެ ފުރުސަތު އޮވެއެވެ. ވަކި ކަމެއް ސީދާ ޔަގީން ކުރަން އުނދަގޫވާ ސަބަބަކީ، ޕާޓީގެ ކޮންމެ މެމްބަރަކީވެސް މޮޅު ސިޔާސީ ކުޅުންތެރިއަކަށްވުމުންނެވެ. ޕާޓީގެ ތެރެއިން ފެނިގެންދާ ސިލްސިލާ ޑްރާމާގެ ސީޒަން ފިނާލީއަކަށްވެގެންދިޔަ ޕާޓީގެ މައި ޖަލްސާގެ ކަންކަމުންވެސް ނަގާނެ މާނައެއް ސާފެއް ނޫނެވެ. ރާއްޖެއަށް އިހުލާސްތެރިކަމާއިއެކު މަސައްކަތްކޮއްދެއްވާފައިވާކަމަށް މަޝްހޫރު، އަދި ޕާޓީ ކޮޅައް ޖަހައި މަގުބޫލު ކުރުމުގެ ސިއްރުކަމަށްވާ ރައީސް ނަޝީދަކީ ގޮތުގައި ހިފައްހަޓާ ބޭފުޅެކެވެ. އެހެން ނަމަވެސް އެމަނިކުފާނަށްވެސް ޖެހުނީ ކުލަވަރު ބަދަލުކުރަންށެވެ. މަޖުބޫރީއެއް އޮތް ފަދައެވެ. ކުޑަކަކޫ މައްޗަށް ތިރިވީއެވެ. ކާކުގެ ކަމެއް ނޭނގެއެވެ.

އެމަނިކުފާނު ބޭނުންވީ ބަރުލަމާނީ ނިޒާމެކެވެ. އޭރު އެމަނިކުފާނު ހުންނެވީ ޕާޓީ ރޫޅާލައިގެންވެސް އެކަން ކުރެއްވުމަށް ފޫގަލާލައިގެން ކަމަށްވާއިރު، އަދި އެކަން ނުވެއްޖެ ނަމަ އެންމެން ގަރަގުކޮއްލާ އަމިއްލައަށްވެސް ގަރަގުވުމަށް ތައްޔާރަށް ހުންނެވި ބޭފުޅަކު، ކުއްލިޔަކަށް އެއްގަލަކަށް އެރުމަށް މަޖުބޫރުވާންޖެހުނީ މިހާރުގެ ވެރި މަނިކުފާނު ކޮން ޖާދޫ ބަސްފުޅެއް ވިދާޅުވެގެންތޯ މިއީ އެނގުން މުހިންމު ސިއްރެކެވެ. ފެންނަ ފެންނުމަށް ރައީސް ސާލިޙްއަކީ އަލާއްދީންހެން ވެސް ހީވެއެވެ. ނޫންނަމަ އަލާދީން ގެންގުޅޭ ފަދަ ޖާދޫގެ ވޮއްގަނޑެއް ގެންގުޅުއްވަނީ ކަމަށް ވެސް ވެދާނެއެވެ. ހަމަގައިމުވެސް ރައީސް ސާލިޙްއަށް ހާއްސަ ޖާދޫގެ ވޮއްގަނޑެއް ގެންގުޅުއްވައެވެ.

ރައީސް ސާލިޙް ގެންގުޅުއްވާ އަލާދީންގެ ޖާދޫގެ ވޮއްގަނޑުގެ ބާރުގައި ޔަގީނުންވެސް އެމަނިކުފާނަށް ގައުމުގެ ބޮޑުވަޒީރުކަން ނުލިބޭ ގޮތް ހަދައިފިއެވެ. ބަރުލަމާނީވެސް ޖެހުނީ އޮތްތާ ބާއްވާށެވެ. އެމަނިކުފާނު އޭގެ ފަހުންވެސް މުޅި ސަރުކާރުގެ ހުރިހާ ކަމަކާއިމެދު ފާޑުވިދާޅުވާއިރު، ނުކިޔަނީ އެންމެ ކަމަކާއެވެ. އެއްކަލަ އަވައްޓެރި ގައުމާއި ދެކޮޅަށް ހުދު ރައީސް ނަޝީދަށްވެސް ބަހުގެ ހަމަލާއެއް އަމާޒު ކުރަން ކެރިވަޑައިނުގަންނަވާ ފަދައެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާގެ ކަންތަތައް ކަމު ނުދިޔަ ގޮތަށް މިހާރު ހިނގަމުންދާ ކަންކަން ކަމުދާނެއް އެއް ގޮތްވެސް ނޯންނާނެ ކަން ޔަގީނެވެ. އެމަނިކުފާނަކީ ހޫނު ދިވެހި ލޭ ހިނގާ މީހެކެވެ. ނެޝިނަލިސްޓެއްގެ ގޮތުގައި މީހަކު ކިޔޭ ނަމަ އެއީ އެމަނިކުފާނެއެވެ.

މި އެކަންޏެއް ނޫނެވެ. ދިވެހިރާއްޖެއަކީ އިސްލާމީ ގައުމަކަށްވެ، ސިޔާސީ ކަންކަމާއި ރައްޔިތުންގެ ނުރުހުންތައް އިތުރުވެ މާހައުލު ހަލަބޮލި ވެފައިވާއިރު، ބަޔަކު ރުއްސަންވެގެން ހިންގި ޔޯގާ ހަރަކާތުންވެސް މަޅިއެއްގައި ބެދިފައި ހުރިކަމުގެ ސިފަތައް ފެނެއެވެ. މައުލޫމާތުތަކުން ފެނިގެންދާގޮތުން، އެ ދުވަހު ހަމަނުޖެހުމެއް ހިނގާފާނެ ކަމުގެ ބިރު އޮތެވެ. އެހެން ނަމަވެސް އެކަން ކުރިއަށް ނުގެންގޮސް ނުވީފަދައެވެ.

ރަސްފަންނު ފަދަ ހުޅުވިފައިވާ ތަނެއްގައި ބާއްވަން ނުކެރުނު ޔޯގާ ހަރަކާތް ވަށާ ބޮޑު ފާރު ރާނާފައިވާ ދަނޑެއްގައިވެސް ކުރިއަށް ގެންދިޔައެވެ. ބޮޑު ހަަމަނުޖެހުމެއް ހިނގުމާއި އެކު އެކަންވެސް ވެގެންދިޔައީ މިހާރުގެ ވެރިމަނިކުފާނަށް ގެއްލުން ވޯޓު ބޮނޑިއަކަށެވެ. އެހެން ނަމަވެސް ގެއްލުނު ވޯޓު ބޮނޑީގެ ހިތާމައިގައި ރޯލާނެ ފުރުސަތުވެސް ނުލިބުނެވެ.

އެމަނިކުފާނު ދެން ކުރައްވަން ޖެހުނީ އެމަނިކުފާނު ނަމުގައި ވޯޓު އަޅާ ފުރާފައިވާ ފޮއްޓެއް އަންދާ އަޅިއަށް ހެދުމާއި އެއްފަދަ ކަމަކަށެވެ. “ލާދީނީ” ގެ ޓެގު އަމިއްލައަށް އެޅުވުމާއި އެއް ފަދަ ކަމެކެވެ. އެމަނިކުފާނަށް ޖެހުނީ ޝައިހުންތަކެއް ހައްޔަރު ކުރަންށެވެ. ފޮނުއްވީވެސް ސީދާ ސްވަޓެވެ. ބޮޑެބޭބެ ދެއްވި އަލާދީންގެ ވޮއްގަނޑު އަތުން ބީވިޔަ ނުދިނުމަށްޓަކައި އެކަން ވެސް ކުރައްވަން މަޖުބޫރުވީއެވެ.

ވިސްނަވާށެވެ. އަލާއްދީންގެ ވޮއްގަނޑުގެ ދަހިވެތިކަމުގައި ދަރިފުޅު ގޮވައިގެން ދިޔަ ހުސް އަތާ ހުރި ބަފައަކު، ސްވަޓު ފުލުހުން އައިސް ހައްޔަރު ކުރި މަންޒަރު ފެނުނު މީހުންނަށް އެކަންވީ ނުރައްކަލުގެ ރަނގަބީލަކަށެވެ. ނުބައެއް އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގައި އިތުރު ކުލަތަކެއް ޖެހުނެވެ. ފިކުރީ ހަނގުރާމައެއް ދުނިޔެ މަތީގައި އޮންނަކަން އެނގޭއިރު، މިފަހަރު ހީވެގެންދިޔައީ އެމަނިކުފާނު ހުންނެވީ ނުބައި ފިކުރެއްގެ މަތީގައި ހެންނެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު، އެހެން ފިކުރުތަކަކަށް ޖާގަ ދެއްވުމަށް މަސައްކަތް ކުރައްވާކަމުގެ ވާހަކަތައް ފެތުރިގޮސްފައިވަނިކޮށް، ރާއްޖޭގެ ތާރީހުގައި ފެންމަތިވި އެންމެ ލަދުވެތި އެއް މައްސަލައާއި އެކު، އަނެއްކާވެސް އިނގިލިތައް ދިއްކުރީ އެމަނިކުފާނަށެވެ.

ގިނަ އަދަދެއްގެ މީހުން ރެއިންބޯ ކުލަ ޖެއްސުމުގައި ޝާމިލުވިކަމުގެ މަންޒަރާއި އަޑު ފެތުރި ބޮޑު ހައިޖާނެއް ހިންގިއެވެ. ރާއްޖޭގެ ތާރީހުގައި ހިނގައިދިޔަ އެންމެ ލަދުވެތި އެއް ހާދިސާއެވެ. މިކަމުގެ ތެރޭގައި ޝާމިލުވި މީހުންނަށް އެމަނިކުފާނަށް ފިޔަވަޅުތަކެއް ނޭޅޭ ފަދައެވެ. ކުރި ހުކުމުވެސް ވެގެންދިޔައީ ޗުއްޓީއެއް ދިނުމާއި އެއްފަދަ ކަމަކަށެވެ. ހަގީގަތުގައި އެއީ ތާޖްމަހަލް ބަލާލަން ދިން ދަތުރެކެވެ.

ބޮޑުބޭބެ ދެއްވި އަލާއްދީންގެ ވޮއްގަނޑުގެ ދަހިވެތިކަމުގައި ޖެހި މަޖުބޫރު ހާލަތެއް ހުރިކަމުގެ ޝައްކުތަކެއް އުފެދިގެންދާ އެންމެ ބޮޑު އެއް ކަމަކީ، މިހާރު ދިވެހިރާއްޖޭގެ ދަރަނީގެ އަދަދުތައް ހުރި މިންވަރު މަތިވެފައިވާއިރު، އަވައްޓެރި ގައުމަކުން ލޯނުތަކެއް ނަގަންޖެހި، އެ ގައުމުގެ ކުންފުންޏަކާއި ހަވާލުކޮށްގެން، ލޯނު ފައިސާއިން ކުރެވެމުންދާ މަސައްކަތްތަކުގެ ނަތީޖާތައް ފެންނަން ހުރި މިންވަރު މަދުވި ނަމަވެސް އެކަން ކުރުމަށް އެހެން ކުންފުންޏަކާ ހަވާލު ކުރުމަށް ގަސްތެއް ކުރެވެން ނެތް ކަމަށް ފެނިގެންދާތީއެވެ.

ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ފައިސާތައް އެއްކަލަ ބުރިޖު ހެދުމަށް ހޭދަ ކުރާކަން ފިނޭންސްގެ ތަފާސް ހިސާބުން ދައްކާއިރު، ކުރިއަށްދާކަމަށް ބުނާ ބުރިޖު މަޝްރޫޢުއަށް ހޭދަ ކުރާ ވަރާ ބަލައި އެކަށީގެންވާ މިންވަރުގެ ކުރިއެރުމެއް އައިސްފައިނުވެއެވެ. ފަހަރުގައި ބޮޑެބޭބެ ދެއްވި އަލާއްދީންގެ ވޮއްގަނޑުގެ ޖާދޫ ބްރިޖަށް ނުކުރަނީ ކަމަށް ވެސް ވެދާނެއެވެ.

ލޯނު ނެގީ އަވައްޓެރި ގައުމަކުންނެވެ. އެ ލޯނު އަނބުރާ ދައްކަން ޖެހެނީ އެ ގައުމަށް ކަމަށްވާއިރު، މަސައްކަތްތައް ކުރުވައި އެ މަސައްކަތުގެ ފައިސާވެސް ދައްކަން ޖެހެނީ އެ ގައުމަށެވެ. ޗީޕް ލޭބަރ ހޯދުމުގެ އިހުތިޔާރެއްވެސް ނެތް ފަދައެވެ. އެކަން ކުރަން ހަވާލު ކުރި ކުންފުނިން ދިވެހި ފަރެއް ހަލާކުކޮށްލުމުންވެސް އެކަށީގެންވާ ވަރުގެ ފިޔަވަޅެއް އެޅުމުގެ ބާރެއްވެސް އޮތްހެން ހީނުވެއެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމާއި ހަވާލުވެފައިވާ މުވައްސަސާއިން އެ ތަން ދިރާސާކޮށް ނެރުނު ރިޕޯޓުވެސް އެ ކުންފުނިން ބަލައިނުގަނެ، ހެދީ އަމިއްލަ ދިރާސާއަކަށްވުމުން ދިވެހިރާއްޖޭގެ ކަންކަމުގައި ދިވެހި މުވައްސަސާތަކުގެ ބާރު ނެތްކަމަށް ފެނިގެންދެއެވެ.

މި ހުރިހާ ކަމެއްގެ އިތުރުން މިވަގުތުވެސް ކުރިއަށްދާ ޗާގޮސް މައްސަލައަކީވެސް މިފަދަ އަޖައިބެކެވެ. އެހެން ގައުމުތަކުންވެސް މަޝްވަރާތަކެއް ކުރިއަށް ގެންދާނެކަމަށް ބުނެފައިވާނަމަވެސް ކަނޑައެޅިގެން މޮރިޝަސްއަށް އެތަން ދިނުމަށް ދުވާ މަންޒަަރެއް ނުފެނެއެވެ.

މައްސަލަ އިތުރަށް ބަލާއިރު، ރާއްޖެ ފަދައިން މޮރިޝަސްއަށްވެސް އެންމެ ހެޔޮ އެދޭ ގައުމުގެ ގޮތުގައި އޮތީ އެއްކަލަ އަވައްޓެރި ގައުމުކަމަށްވާއިރު، ރާއްޖޭގެ މަސްކަނޑުން ބައެއް މޮރިޝަސްއަށް ލިބުމުން އެ ތަންކޮޅުގައި ދާ އަޅާ ފުންޑުފުނޑުކޮށްލުުމުގެ ބާރުވެސް ލިބެނީ އެ ގައުމަށް ކަމަށް ބުނެވިދާނެއެވެ.

ދުނިޔޭގެ އިގްތިސާދީ ހާލަތު ގޯސްވެފައިވާއިރު، ދުނިޔޭގެ އެންމެ ދިރުން ގިނަ އެއް ކަނޑުގެ ސަރަހައްދު އެ ބައެއްގެ ބާރުގެ ދަށަށް ދިއުން ކޮންމެ ބަޔަކަށްވެސް ވެގެންދާނީ އަތް ނުލާ އޮތް ތެޔޮ ވަޅެއް ލިބުން ފަދަ ކަމަކަށެވެ. ބުނެލަން އޮތީ ޖާދޫގެ ވޮއްގަނޑު ބޭނުންވިޔަސް މިއީ ފުކެއް ބޮޑުވަރެވެ.

އދއިންވެސް ވަކި ގޮތެއް ނިންމާފައިނުވާއިރު، މިހާރުއްސުރެ ދިވެހި ދައުލަތުން ޗާގޮސްއަކީ މޮރިޝަސްގެ ތަނެއް ގޮތުގައި ކިޔަމުން ދިއުމަކީ ބުއްދި ހުރި ކޮންމެ މީހަކަށްވެސް ބަލައިގަންނަން އުނދަގޫ ކަމަކަށްވާނެއެވެ. އދ އިން ނިންމައިގެން ލިބުމާއި އަމިއްލައަށް ގޮސް ދިނުމާއި މިއީ ކަނޑައެޅިގެން ތަފާތު ދެކަމެއް ކަމަށްވާއިރު، ފެނިގެންދަނީ ދިވެހި ސަރުކާރުން އެތަން މޮރިޝަސްއަށް ހިބަ ކުރުމަށް ތެޅި ފޮޅޭ މަންޒަަރެވެ. އެހެންކަމުން މި ކަން މި އުސޫލުން ދިވެހި ދައުލަތުގެ އިސްވެރިން ކުރަމުންދަނީ ކޮން ސަބަބަކާއި ގުޅިގެންތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެދުމެއް ނެތި ވެދުމެއް ނުކުރާނެކަން އެންމެންވެސް ދަންނާނެއެވެ.

އެހެންކަމުން ބުނެލަން އޮތް ވާހަކައަކީ، މި ހުރިހާ ކަމަކީ 2023ގެ ވެރިކަމަށް ކުރިމަތިލުމަށް ހިތުލައިގެން ހުރި މީހަކު ކުރަން ހެޔޮ ނުވާނެ ކަންކަން ކަމަށްވާއިރު، އަދި ކޮންމެ ކަމަކުންވެސް ގެއްލިގެންދަނީ ކުރިއަށް އޮތް އިންތިހާބުގައި ލިބިދާނެ ވޯޓުތަކަށްވުމުން އަމިއްލަ އިތުބާރު ގެއްލިދާ ފަދަ އެތައް ކަމެއް ކުރަމުންދާނީ ރަނގަޅު މަޅިއެއްގައި ބެދިފައި ހުރުމުން ކަމަށެވެ. އެ މަޅިއަކީ ބެޑުބޭ ދެއްވައިގެން ގެންގުޅުއްވާ ވަރިމަނިކުފާނުގެ އަލާދީންގެ ވޮއްގަނޑެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 21%ހައިރާންވެއްޖެ 7%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: