ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އަލިފާން ރޯވީ އެ ސްކޫލްގެ ހަތަރުވަނަ ފްލޯ އަދި ފަސްވަނަ ހުރި ޕެނަލް ބޯޑުގައެވެ.
ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ މަނުން އަލިފާން ނިއްވާލާފައިވަނީ 7.19 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
ރެހެންދި ސްކޫލްގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ފުލުހުން އެކަމުގައި ހަރަކާތްތެރި ވެފައިވާއިރު އެ ހާދިސާގައި އެއްވެސް މީހަކަށް އަދި ކިޔަވާ ކުއްޖަކަށް ގެއްލުމެއް ލިބިފައިނުވާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާ އާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައިވަނީ ރެހެންދި ސްކޫލްގައި މިއަދު ހެދުނުު 6.30 ހާއިރު އަލިފާނުގެ ހާދިސާ އެއް ހިނގުމާއި ގުޅިގެން ސްކޫލްގެ 4 ވަނަ ފްލޯ އާއި 5 ވަނަ ފްލޯގައި ހުރި ކްލާސް ތަކުގައި ކަރަންޓް ނެތް ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގި ވަގުތަކީ ދަރިވަރުން ސްކޫލަށް އަންނަމުން ދިޔަ ވަގުތު ކަމުން ދަރިުވަރުންނަށް ގެއްލުމެއް ނުވާ ގޮތަށް މަތީގައި ތިބި ދަރިވަރުން ތިރިއަށް ގެނެސް ގެއަށް ފޮނުވާލެވިފައިވާ ކަމަށާއި ދަރިވަރުންގެ ރައްކާތެރިކަމަކީ މިނިސްޓްރީގެ ފަރާތުން އެންމެ އިސްކަންދޭ ކަންތައް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ކަރަންޓް ނެތް ފްލޯ ތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ސްޓެލްކޯ އާއި ގުޅިގެން ކުރަމުން ދާކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ބުނެފައެވެ،

