ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިރިމީހާ ޖަމާކުރި ޑްރަގްގެ ފައިސާ: ހައިކޯޓުން އެންގީ އަނބިމީހާއަށް ކުރާ މަނީ ލޯންޑްރިން މައްސަލަ އަލުން ބަލަން!

ފިރިމީހާ ޑްރަގް ވިޔަފާރި ކޮށްގެން ހޯދި ކަމަށް ބުނާ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރި ރާމިޒާ އަލީގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ފިރިމީހާ ހޯދާފައިވާ ފައިސާ، އެކައުންޓަށް ޖަމާކުރުމުން އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެނގިހުރެ އޭގެއިން މަންފާ ހޯދިކަމަށް ބުނެ އޭނާގެ އަނބިމީހާގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިން ކުށުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަންގައިފި އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ގދ. ތިނަދޫ، ލަކީލާސްޓް ރާމިޒާ އަލީގެ މައްޗަށެވެ. އަދި މިއީ މިފަދަ ކުށެއްގައި މީހެއްގެ މައްޗަށް ދައުވާ އުފުލި ފުރަތަމަ ފަހަރެވެ. މި މައްސަލަ ފެށެނީ، ރާމިޒާގެ ފިރިމީހާ ގދ. ތިނަދޫ، ރަންގަލް ހަސަން ލޫތާއި ހިސާބުންނެވެ. މިދިޔަ އަހަރުގެ ޖެނުއަރީ 12 ގައި ލޫތު ހައްޔަރު ކުރީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތަށެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ

ލޫތުގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލީ އޭނާ އާއި ގުޅުން ހުރި ގެސްޓު ހައުސް ބަލާ ފާސްކުރިއިރު ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާތީ އެވެ. އެތަނުން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފުލުހުން ހޯދާފައި ވެއެވެ.

ތިނަދޫގައި ގުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ކުރާ ރާމިޒާ މާލެ އައީ އޭނާގެ ފިރިމީހާ ހައްޔަރު ކުރުމުންނެވެ. އަދި ފުލުހުން ރާމިޒާގެ މައްޗަށް ކުށުގެ ތުހުމަތުކޮށް ހައްޔަރު ކުރީ، ލޫތު މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ލިބުނު ފައިސާ އޭނާގެ އެކައުންޓަށް ޖަމާކުރުމުން އެ ބޭނުންކޮށްފައިވާކަމަށް ބުނެ އެވެ. ފުލުހުން ބުނީ، އެ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރީގެ ފައިސާކަން ރާމިޒާއަށް އެނގޭނެ ކަމަށެވެ. ނަމަވެސް އެކަމަށް އިންކާރުކޮށް ރާމިޒާ ބުނީ، އޭނާއަކީ ގުރުއާން ކިޔަވައިދިނުމުގެ އިތުރުން އެހެން ބައެއް ވިޔަފާރި ވެސް ކުރާ މީހެއް ކަމަށެވެ. އަދި ފިރިމީހާ ޖަމާ ކުރީ އެފަދަ ފައިސާއެއްކަން ނޭނގޭކަން ފާހަގަ ކުރި އެވެ.

ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިޔަށް ގެންދިއުމަށް ފަހު، ދައުވާ ބޭރުކޮށްލާފައި ވަނީ ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމަކަށް ގޮތެއް ނިންމަމުންނެވެ. ރާމިޒާގެ ފަރާތުން މައްސަލައިގައި ބުނެފައި ވަނީ، ދައުލަތަށް އޭނާއާއި މަސްތުވާތަކެއްޗާއި ގުޅޭ ގޮތެއް ބުނެދެވިފައި ނުވާ ކަމަށެވެ. އަދި ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި، މައްސަލައާއި އޭނާ ގުޅޭ ހިސާބެއް ވެސް ބުނެދެވިފައި ނުވާ ކަމަށެވެ.

ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގައި އެއްވެސް އަސާސެއް އަދި ބުރަދަނެއް ނެތްކަން ފާހަގަކޮށް، ރާމިޒާގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުނީ އެ ހެކިތައް ބަލައިނުގަތުމަށެވެ. ނަމަވެސް ދައުލަތުން ރައްދުގއި ބުނީ ހެކިތަކުގައި އަސާސެއް ނެތްކަމަށް ބުނަނީ ކޮން ކަންތަކެއްގެ މައްޗަށް ބިނާކޮށްކަން ރާމިޒާއަށް ބުނެ ނުދެވޭ ކަމަށެވެ. ހެކި ބަލައި ނުގަތުމަށް ރާމިޒާގެ ފަރާތުން ހުށަހެޅިއިރު އެއީ މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލަ ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެކިތަކެއްކަން ދައުލަތުން ފާހަގަކުރި އެވެ.

ދެ ފަރާތުގެ ވެސް ވާހަކައަށް ފަހު މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ނިންމެވީ މަނީ ލޯންޑްރިންގެ އަމަލެއް ކުރިކަން ސާބިތު ކުރެވޭ މިންވަރުގެ ހެކިތަކެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ. އެހެންވެ ޝަރީއަތުން ނިންމެވީ، މައުޟޫއީ ގޮތުން ދައުވާ ގެންދެވެން ނެތް ކަމަށެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ބޭރުކޮށްލީ، މިދިޔަ އޮކްޓޯބަރު މަހު އެވެ. ދަށު ކޯޓުގެ ނިންމުން، ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ މަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ކަރިމިނަލް ކޯޓުން ނިންމުމަށް ފަހު ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާއި މެދު ގޮތެއް ނިންމިއިރު ދައުވާ ބޭރުކޮށްލާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފަށް ކަމަށެވެ. ހުކުމުގައި ބުނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާއި މެދު ގޮތް ނިންމަން ޖެހޭނީ، މައްސަލަ މައުޟޫއީ ގޮތުން ބެލުމަކާއި ނުލައި ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ރާމިޒާގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާއި މެދު އަލުން ގޮތެއް ނިންމުމަށް ވެސް އަންގަވާފައި ވެއެވެ.

ރާމިޒާ އާއި އޭނާގެ ފިރިމީހާ އާއި ދަރިިފުޅުގެ އެކައުންޓްގައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހުރިއިރު، އެ ދެ މީހުން އުޅޭ ގެއިން ވެސް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ދައުލަތުން ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: