ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ ބަޔަކު މަރުވެދާނެ ފަދަ ޓެރަރިސްޓު ހަމަލާއެއް ފެއިލްކޮށް، 14 މީހަކު ހައްޔަރަށް!

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ކުރިޔަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން ދާކަމުގެ އިންޓެލިޖެންސް މައުލޫމާތުތަކެއް ލިބި، ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 14 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ކައުންޓާރ ޓެރަރިޒަމާއި، ފުލުހުން ގުޅިގެން އައްޑޫ، މާލެ އަދި ކ. ގުރައިދޫގައި އޮޕަރޭޝަނެއް ފަށާފައިވާކަން ފުލުހުން މީގެ ދެ ދުވަސް ކުރިން މީޑިއާތަކާއި ހިއްސާ ކުރި އެވެ. އޭރު އިތުބާރު ހުރި މަސްދަތުރުތަކުން މައުލޫމާތު ލިބުނު ގޮތުގައި، އެ އޮޕަރޭޝަން ފެށީ ބޮމުގެ އިންޒާރެއް ލިބުމުންނެވެ.

މައްސަލައިގައި ބަޔަކު ހައްޔަރުކޮށް، އޮޕަރޭޝަނާއި ބެހޭ މައުލޫމާތުތައް ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ހައްޔަރު ކުރި މީހުން މަސައްކަތް ކުރީ ގިނަ ބަޔަކަށް އަނިޔާވެ ގެއްލުންވާނެ ހެން ހަމަލާއެއް ދިނުމަށް ކަމަށެވެ. ނޫސްވެރިން ވަނީ، އެ މީހުންގެ ހަމަލާ ރޭވިފައި އޮތީ ކިހިނެއް ތޯ އާއި، ހަމަލާ ދޭން މަސައްކަތް ކުރީ ކޮން ސަަރަހައްދަކަށް ތޯ އަދި ވަކި ބަޔަކަށް ޓާގެޓެޑް ތޯ ސުވާލުކޮށްފަ އެވެ. ނަމަވެސް ތަހުގީގު ކުރިޔަށް ދާތީ އިތުރު ތަފްސީލެއް ހިއްސާ ކުރެވެން ނެތްކަމަށް ފުލުހުން ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޓެރަރިޒަމް އެންޑް ވަޔަލެންސް އެކްޓިމިޒަމް ޔުނިޓުގެ ހެޑް، އިންސްޕެކްޓާރ އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވީ މައްސަލައިގައި ހައްޔަރު ކުރި މީހުންނަކީ ހަރުކަށި ފިކުރަށް ތާއީދުކޮށް އެކަމާއި ގުޅުން ހުރި ޓެރަރިސްޓު ޖަމާއަތް އައިއެސްއަށް ތާއީދު ކުރާ ބައެއް ކަމަށެވެ. އަދި އެ މީހުން މަސައްކަތް ކުރީ، ރާއްޖޭގައި ނިރުބަވެރި ހަމަލާއެއް ދީ ގައުމީ ސަލާމަތަށް ނުރައްކާކުރުމަށް ކަމަށް ވިދާޅުވި އެވެ.

ފުލުހުން ބުނީ މި މަހުގެ 11 ގައި ފެށި އޮޕަރޭޝަނުގައި، އައްޑޫން 10 މީހަކު ހައްޔަރުކޮށް 11 ގެއެއް ބަލާ ފާސް ކުރިކަމަށެވެ. އަދި މާލެއިން 02 މީހަކު ހައްޔަރުކޮށް ގުޅުން ހުރި 04 ގެއެއް ބަލާ ފާސް ކުރިކަމަށެވެ. ގުރައިދޫން ވެސް މައްސަލައިގައި 02 މީހަކު ހައްޔަރު ކުރި އެވެ.

މި މީހުންނަކީ މީގެ ކުރިން ވެސް މިފަދަ ޓެރަރިޒަމްގެ އަމަލުތަކާއި ގުޅުން ހުރި ކުށްތަކުގައި ހައްޔަރު ކުރި މީހުންކަމަށް އުސްވަތު ވިދާޅުވި އެވެ. އަދި އެ މީހުންނާއި ގުޅުން ހުރި ގެތައް ބަލާ ފާސް ކުރިއިރު ފެނުނު ތަކެތީގެ ތަހުލީލު މަސައްކަތް ކުރިޔަށް ދާއިރު މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެ މީހުން މަސައްކަތް ކުރީ ގޮވާތަކެތި ބޭނުންކޮށްގެން ރާއްޖޭގައި ގިނަ ބައެއްގެ ފުރާނައަށް ގެއްލުންވާނެ ފަދަ ނިރުބަވެރި ހަމަލާއެއް ދިނުމަށްކަމުގައި އުސްވަތު ވިދާޅުވި އެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ފެށި މި އޮޕަރޭޝަނުގައި އެ ހަމަލާ ނާކާމިޔާބުކޮށްލާފައިވާކަމަށް އޭނާ ވިދާޅުވި އެވެ. ފުލުހުންނަށް އޮޕަރޭޝަން ހިންގައި، އެ މީހުންގެ ހަމަލާ ނާކާމިޔާބުކޮށް ނުލެވުނު ނަމަ ގިނަ ބައެއްގެ ފުރާނަ ގެއްލުނީސްކަމަށް އުސްވަތު ވިދާޅުވި އެވެ.

މިފަދަ މައްސަލަތަކުގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ މީހުން އައްޑޫން ހައްޔަރުކޮށްފައިވާތީ އެ މީހުން ދޫވެފައި ތިބި ސަބަބާއި މެދު ނޫސްވެރިން ސުވާލު އުފެއްދި އެވެ. ޖަވާބުގައި ހެއްކާއި ބެހޭ ގޮތުން ބައެއް ވާހަކަތައް އުސްވަތު ފާހަގަކުރައްވާފައި ވާތީ، ޓެރަރިޒަމްގެ ގާނޫނަށް ބޮޑެތި ބަދަލުތައް ގެނައުމަށް ފަހު އަދިވެސް ހަމަލާއަށް ދީފާނެކަމަށް ބެލެވޭ މީހުން ބަންދުގައި ނުބެހެއްޓެނީތޯ ސަންގުން ކުރި ސުވާލަށް އުސްވަތު ސީދާ ޖަވާބެއް ނުދެއްވަ އެވެ.

ހެކި ނެތިގެން މީހުން ދޫކުރާއިރު، ފުލުހުންނަށް ލިބިގެންވާ ބާރުގެ ދަށުން ފައިގައި ޓެގު އެޅުވައި މޮނީޓާރ ކުރެވޭނެކަން ސަންގުން ފާހަގަ ކުރުމުން އުސްވަތު ވިދާޅުވީ މިހާރު ވެސް އެގޮތަށް ބައެއް މީހުން މޮނީޓާރ ކުރަމުން ގެންދާ ކަމަށެވެ.

2019 ގައި ފުލުހުން އާއްމު ކުރި ބައެއް މައުލޫމާތުތަކުން އެނގޭ ގޮތުން މީހުން މަރަން ފަސް ނުޖެހޭނެ 1000 އަށް ވުރެ ގިނަ މީހުން ރާއްޖޭގައި އެބަތިއްބެވެ. އެ ތަފާސްހިސާބުތަކަށް ބަދަލެއް އައިތޯ މިއަދު ކުރި ސުވާލަށް، އުސްވަތު ވިދާޅުވީ ފަހުން އެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.

ވަރަށް ގަދަ
19%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 19%ބޮޑު ޖޯކެއް 12%ހައިރާންވެއްޖެ 11%ވަރަށް ދެރަ 15%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: