ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިއެސްއަށް ތާއީދު ކުރާކަމަށް ބުނާ ހޫދުގެ ޝަރީއަތުގެ އަޑުއެހުންތައް ސިއްރު ކުރުމަށް ނިންމައިފި

ޓެރަރިޒަމްގެ ދައުވާތައް އުފުލާފައިވާ ހޫދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިޒަމްގެ ތުހުމަތުތައް ކުރާ ކ. މާލެ، ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މިއަދުގެ ޝަރީއަތް ފެށުމާއި އެކު ހޫދުގެ ގާނޫނީ ވަކީލު ހުށަހެޅީ މިއީ ގައުމީ ސަލާމަތަށް ނުރައްކާވާ މައްސަލައެއްކަމަށް ދައުލަތުން ބުނާއިރު އަޑުއެހުންތައް ސިއްރުން ކުރިޔަށް ގެންދިއުމަށެވެ. އަދި ހޫދު ގިނަ ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ، ބަންދުން ދޫކޮށްދިނުމަށް ހުށަހެޅި އެވެ.

ދިފާއީ ވަކީލުގެ ހުށަހެޅުންތަކަށް ދައުލަތުން ބުނީ، ޝަރީއަތްތައް ސިއްރުން ކުރިޔަށް ގެންދިއުމަށް ތާއީދު ކުރާކަމަށެވެ. ނަމަވެސް ހޫދުގެ ބަންދު މުރާޖައާކޮށް، އޭނާ ބަންދުން ދޫކޮށްލަން ޖެހޭ ހާލަތެއް ނެތްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދެ ފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރުމަށް ފަހު މައްސަލަ ބައްލަވާ ގާޒީ ނިންމެވީ، އަޑުއެހުންތައް ސިއްރުކޮށްގެން ކުރިޔަށް ގެންދިއުމަށެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ މުހައްމަދު މިސްބާހެވެ.

ހޫދު ހައްޔަރުކޮށްފައި ވަނީ ޓެރަރިސްޓު ޖަމާއަތް އައިއެސްގެ މެމްބަރަކަށް ވެ، އެ މީހުންގެ ހަރަކާތްތަކަށް ހިއްވަރު ދީ އެކަމާއި ގުޅުން ހުރި ހަރަކާތްތަކެއް ހިންގާކަމުގެ ތުހުމަތަށެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ހޫދު، ހައްޔަރު ކުރީ ވެސް އެމެރިކާގެ އެފްބީއައި އާއި ޔޫރަޕުގެ ތަހުގީގީ އިދާރާތްތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އަދި ހޫދުގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވާއިރު، މި ކުށްތައް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ 50 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އަންނާނެ އެވެ.

ދައުވާތަކަށް އިންކާރުކޮށް ހޫދު ބުނީ އޭނާއަކީ ތަފާތު އެކި މައުލޫމާތު ހޯދައި، އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަން ދެނެގަތުމަށް މަސައްކަތް ކުރާ މީހެއް ކަމަށެވެ. އެހެންކަމުން، ފޯނާއި ހާޑް ޑިސްކުތަކުގައި އެފަދަކަމެއް ދޭހަވާ ނުވަތަ ތުހުމަތުވާ އެއްޗެއް ހުރެދާނެ ކަމަށް އޭނާ ބުންޏެވެ. ތަކުރާރުކޮށް ހޫދު ބުނީ އޭނާއަކީ އެކި މައުލޫމާތުތައް އެއްކުރާ މީހެއްކަމަށާއި، ޓެރަރިޒަމްގެ ތުހުމަތެއް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ހޫދުގެ މައްޗަށް ކުރާ ތުހުމަތުތަކުގައި ދައުލަތުން ބުނީ އޭނާއަކީ 2015 އިން ފެށިގެން އައިއެސްގެ ފިކުރު ފެތުރުމުގައި ހަރަކާތްތެރިވި މީހެއް ކަމަށެވެ. އަދި އޭނާގެ މަސައްކަތްތައް ކުރިޔަށް ގެންދިޔައީ ޓެލެގްރާމާއި އެ ނޫން ވެސް އެންކްރިޕްޓުކޮށްފައިވާ މެސެޖިން ޕްލެޓްފޯމުތަކުގައިކަމަށެވެ. އެ ތުހުމަތަށް އިންކާރުކޮށް ހޫދު ބުނީ، އޭނާއަކީ އެފަދަ ގޮތަކަށް ކޮމްޕިއުޓާރ ސައިން ބޭނުންކުރަން އެނގޭ މީހެއް ނޫން ކަމަށެވެ.

ހޫދުގު މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކަކީ:

● އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ – މި ދައުވާތައް ސާބިތުވެއްޖެ ނަމަ އަންނާނީ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް

● އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއާތެއްގެ ލިޔެކިއުންތައް ފެތުރުން – މި ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ 10 އަހަރާއި 15 އަހަރާ ދެމެދުގެ ހުކުމެއް

● ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުން. – މި ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ 10 އަހަރާއި 15 އަހަރާ ދެމެދުގެ ހުކުމެއް

● ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން – މި ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ ހުކުމެއް

● ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުން. – މި ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެއް

ހޫދުގެ މައްޗަށް ކުރާ އިތުރު ބައެއް ތުހުމަތުތަކުގެ ތެރޭގައި، ބޭރުގެ އެކި ގައުމުތަކުގެ ވެރިންނާއި އާއްމުންގެ ފުރާނައަށް ނުރައްކާވާދަ ހަމަލާތައް ދޭ މަންޒަރު ފެންނަ ކޮންޓެންޓުތައް ސޯޝަލް މީޑިއާގައި ދައުރު ކުރުން ހިމެނެ އެވެ.

އައިއެސްްގެ މީޑިއާ ކެމްޕޭނުތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާކަމުގެ ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފައިވާކަން ހާމަކޮށް ފުލުހުން މީޑިއާތަކަށް އާއްމު ކުރި ބަޔާނުގައި ވަނީ މެސެޖިން އެކި ޕްލެޓްފޯމްތަކުގައި “ސްކާމިޝް” އަދި “ސްކާމިޝްކިޑް” ނަމުގައި އެކައުންޓުތައް ހަދައި ހޫދު ދިޔައީ ބޭނުން ކުރަމުން ކަމަށެވެ. އައިސްއެސް ޖަމާއަތަށް ތާއީދުކޮށް އޭނާ ދައުރު ކުރާ ފޮޓޯތަކާއި ލިޔުންތަކާއިި ވީޑިއޯތައް ހުންނަނީ އެ ގައުމުތަކަށް އަމާޒުކޮށް އެ ގައުމެއްގައި ވާހަކަ ދައްކާ އުޅޭ ބަސްބަހުންކަން ފުލުހުން ފާހަގަކުރި އެވެ. އަދި އެ މައްސަލަ ބެލިއިރު ޓެރަރިޒަމްގެ އަމަލުތައް ރާވާ ހިންގުމަށް ހޫދު ގޮވާލަމުން ދިޔަކަމަށާއި އެކަމަށް ހިތްވަރުދީ، ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެކަމުގެ ބިރުދައްކައި އިންޒާރު ދިންކަމަށް ފުލުހުން ބުންޏެވެ.

ހޫދުއަކީ ޓެރަރިޒަމްގެ ދައުވާތައް އުފުލުގެ ކުރިން، 2010 ގައި ވިލިމާލޭގައި 06 މީހުންގެ ގުރޫޕަކުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގެ ތުހުމަތުތަކެއް ކުރެވުނު މީހެކެވެ. ނަމަވެސް އެ ދައުވާލިބުނު އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވެ ސަލާމަތްވީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: