ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރަށް މިއަދު ހަތަރު އަހަރު ފުރިގެންދާއިރު ދިވެހިރާއްޖޭގެ އިގްތިސާދު ފުޅާކޮށް ދާއިރާތައް ތަރައްގީ ކުރުމަކީ ރައީސް ސާލިޙްގެ ވަޢުދެކެވެ. ހާއްސަކޮށް ދިވެހި ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހަ ކަމާއިއެކު ބާޒާރުގައި ވިއްކޭނެ ގޮތް ހަދައި ދިވެހި ދަނޑުވެރިންނަށް ވިޔަފާރި ކުރުމަށް ފަހި މާހައުލެއް ގާއިމްކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ސާލިޙް ވަނީ ދެއްވާފައެވެ.
އެގޮތުން ޒަމާނީ އެގްރިދަނޑުގައްޔާއި، ގޯތިގޯތީގައި ހެއްދޭ ދަނޑުގޮވާމުންނާއި، ހައިޑްރޯޕޯނިކްސް ސިސްޓަމްތަކުން އުފައްދާ ފެހިކާނާ މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ހަމަޖެހިފައިވާ އެގްރިބޯޓު މެދުވެރިކޮށް ފޯރުވާ، އެތަކެތި ވިއްކޭނެ ފަދަ އެގްރި ސެންޓަރު ޤާއިމްކުރުމަކީ ރައީސް ސާލިޙްގެ ވަޢުދެކެވެ.
ރައީސް ސާލިޙްގެ މެނިފެސްޓޯގައިވާ ގޮތުން ދަނޑުވެރިން ހައްދާ ތަކެތި ގިނަކޮށް، އެ ވިއްކި، އެއިން ފައިދާ ލިބޭނޭ ކަމުގެ ކަށަވަރުކަން ދިވެހި ދަނޑުވެރިޔާއަށް ލިބޭނެ ގޮތަށް ކަންކަން ބައްޓަންކުރުން. ހިމެނޭއިރު ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް ތަޢާރަފްކޮށް ކެމިކަލް ބޭނުން ކުރުން މަދުކުރެވޭނެ ދަނޑުވެރިކަމުގެ ނިޒާމަށް އަމާޒުހިފުން. ވެސް ހިމެނެއެވެ.
މީގެއިތުރުން ޒަމާނުއްސުރެ ރާއްޖޭގެ ދަނޑުވެރިކަމުގައި ނަގާކިޔާފައިވަނީ އަންހެނުން ކަމުގައިވާތީ، އެގްރިވިޔަފާރީގެ އެންމެ ބޮޑު ފައިދާ ނެގުމަށްޓަކައި ދަނޑުވެރި އަންހެނުންނަށް ޚާއްޞަ ޢިނާޔަތްތަކެއް ތައާރަފްކުރައްވާނެ ކަމަށް ރައީސް ސާލިޙް ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އުފައްދާ ތަކެތި ގެއްލިގެންނުދާ ގޮތެއްގައި އޭގެ އާމްދަނީ ދަނޑުވެރިންނަށް ފުރިހަމައަށް ލިބިދިނުމަށްޓަކައި، ރަނގަޅު އަގެއްގައި މިތަކެތި ގަންނާނެ ގައުމީ ކޯޕަރޭޝަންއެއް ޤާއިމްކުރުން.މަށް ނިންމާފައިވާއިރު ރާއްޖޭގައި ހައްދާ ތަކެތި ތާޒާކަންމަތީގައި ރާއްޖޭގެ ފިހާރަތައް، ރިސޯޓްތައް، ރެސްޓޯރަންޓްތައް އަދި މާރުކޭޓްތަކަށް ލިބިދޭނެގޮތްތައް ފަހިކޮށްދިނުމުގެ ގޮތުން އުތުރާ ދެކުނުގައި އެގްރިސެންޓަރުތައް ގާއިމްކުރެވި، ޒަމާނީ މުއާސަލާތުގެ ނިޒާމަކުން ދަނޑާއި އެގްރިސެންޓަރުތައް ގުޅައިލުން. އެއީ ރައީސް ސާލިޙް ދިވެހި ދަނޑުވެރިންނަށް ވެވަޑައިގެންނެވި ވަޢުދެކެވެ.
ރާއްޖެއަކީ ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަ ގައުމެކެވެ. މި ދާއިރާ ފުޅާ ކުރުމަކީވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދެކެވެ. އެ މަނިކުފާނުވަނީ މި ވައުދު ފުއްދުމަށްޓަކައި ސަރުކާރުގެ ކުންފުންޏެއް އެކުލަވާލާފައެވެ. އަދި ދާއިރާއަށް ބޭނުންވާ ބައެއް ތަކެތީގެ ޑިއުޓީ ކަނޑާލުމަކީވެސް ކުރެވިފައިވާ ކަމެކެވެ.
އެގްރޯނެޓު މެދުވެރިކޮށް ކޮމިއުނިޓީ ފާމިންގ މަޝްރޫއުއެއް ދާދި ފަހުން ކާށިދޫގައި އިފްތިތާހު ކުރެވިފައިވާއިރު، މި ކުންފުނި މެދުވެރިކޮށް 2023ގެ ތެރެއަށް ގިނަ ރަށެއްގައި މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ކަނޑައެޅިފައެވެ.
އެގްރޯނެޓުންވަނީ ކޮންޓްރެކްޓް ފާމިންގެ އުސޫލެއްވެސް ތައާރަފްކޮށްފައެވެ. މި އުސޫލުގެ ދަށުން މިހާރު 400 އަށްވުރެ ގިނަ ދަނޑުވެރިންނާއި އެކު އެއްބަސްވުންތައް ގާއިމު ކުރެވި މަސައްކަތްތައް ކުރެވެމުންދެއެވެ. އަދި ޒަމާނީ ވަސީލަތްތައް ތައާރަފްކޮށް އެ އުސޫލުތަކަށްވެސް ދަނޑުވެރިން އަހުލުވެރިކުރުމުގެ މަސައްކަތްތައް އެގްރޯނެޓުން ކޮށްފައިވާއިރު، ދިވެހިރާއްޖެއަށް ބޭރު ގައުމުތަކުން އިމްޕޯޓު ކުރާ ތަރުކާރީ އަދި މޭވާގެ ބާވަތްތައް ދުވަހަކުން ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.
މީގެ އިތުރުން ސަރުކާރުންވަނީ އެގްރޯނެޓު މެދުވެރިކޮށް ދަނޑުވެރިންނަށް ތަކެތި ފޯރުކޮށްދީ، އެ މަސައްކަތްތައް ފުޅާ ކުރުމަށްވެސް މަގެއް ކޮށުމުގެ މަސައްކަތް ފަށާފައެވެ. ދަނޑުވެރިކަން ކުރާ ސާމާނު އެކި ރަށްރަށަށް އުފުލުމަށް ބޯޓެއް ޑިޒައިން ކުރެވިފައިވާއިރު، އެ ބޯޓު ބަނުމާއި ހިސާބަށް ވާސިލުވުން އޮތީ ކުރިއަށް އޮތް އަހަރުގައެވެ.
ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ފެންނަން އެބަ އޮތެވެ. އެހެން ނަމަވެސް ފާހަގަކޮށްލަން ޖެހޭ އެއް ކަމަކީ، ދަނޑުވެރިކަމުގެ ދާއިރާއަކީ މިއަދާއި ޖެހެންދެން ކޮންމެ ސަރުކާރަކުންވެސް އިހުމާލުވެފައިވާ ދާއިރާއެއް ކަމެވެ. އެގޮތުން މި ސަރުކާރުންވެސް ވަނީ ކުރުން މުހިންމު އެއް ކަމެއް ނުކޮށް ދޫކޮއްލާފައެވެ. ކޮވިޑްގައި ކުރިމަތިވި ކާބޯތެކެތި ނުލިބިދާނެކަމުގެ ބިރަށްފަހުވެސް ފިލާވަޅެއް ނުލިބޭ ފަދައެވެ. ދަނޑުވެރިކަމުގެ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތްތައް އަދިވެސް ކުރެވިފައިނުވެއެވެ. އެހެންކަމުން ދާއިރާގެ ކަންކަން ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ގާނޫނީ އެއްވެސް ޒިންމާއެއް ނެތް ކަމަށް ބުނެ ޒިންމާއިން ބޯދަމައިގަތުމުގެ ފުރުސަތު އަދިވެސް އޮތީ ފަހިކޮށެވެ.

