ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޒީރާ ރައީސް އަށް، ޖަޒީރާ ދިރިއުޅުމެއް ހޯދައިނުދެވުނު 4 އަހަރު!

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު.
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރެއް ވެރިކަމަށް ގެނައުމަށްޓަކައި، ނެރުއްވި ކެޑިޑޭޓު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ޕްރޮމޯޓްކުރެއްވީ ޖަޒީރާ ރައީސްގެ ގޮތުގައެވެ. ވެރިކަމަށް އައުމަށްޓަކައި ވެވަޑައިގެން ހުރިރާ ވައުދުފުޅެއްވެސް ގުޅިފައިވަނީ ޖަޒީރާވަންތަ ދިރިއުޅުމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށް ދޮގަކަށް ނުވާނެއެވެ. އެވާކަތައް އަޑުއަހާ، އިތުބާރުކުރުމަށްފަހު ސާލިހާއި ދިވެހި ރައްޔިތުން ވެރިކަން ހަވާލުކުރިތާ މިއަދަށްމިވީ 4 އަހަރުދުވަހެވެ.

ރައްޔިތުންނަށްވީ ވައުދުތަކާއި، އެއްގޮތަށް ކަންތައްތައް ބިނާކުރުމަށްޓަކައި އެ މަގުން އަމަލުކުރެއްވުމަށް އެދުވަހު ދިވެހި ރައްޔިތުންނާއި ހަމައަށް ރައީސް ސާލިހު ގެނެސްދެއްވި މެނިފެސްޓޯގައި ގިނަ ކަންތައްތައްތަކަކަށް ވައުދުވެފައިވެއެވެ. އެގޮތުން ޖަޒީރާވަންތަ ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ފައްކާވެފައިވާ ލާމަރުކަޒީ ނިޒާމެއް ގާއިމުކުރުމަށްޓަކައި ގަޑުބަޑުކޮށްފައިވާ ލާމަރުކަޒީ ގާނޫނަށް އިޞްލާޙު ގެނައުމާއި، އިޤްތިޞާދީ ޙައިސިއްޔަތު ކައުންސިލްތަކަށް ފަހިކޮށްދިނުމާއެކު، ކައުންސިލްތަކުގެ ޤާބިލްކަމާއި ޒިންމާދާރުކަން ބޮޑުކޮށްދިނުންވެސް ހިމެނެއެވެ. އަދި އެމަނިކުފާނު ވަނީ ހަމަހަމަކަމާއެކު ޚިދުމަތް ފޯރުވައިދީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ޙަރަކާތްތެރި ފުދުންތެރި ކައުންސިލްތަކެއް އުފައްދާނެކަމުގެ ވައުދުވެސް ވެވަޑައިގެންފައެވެ.

މިނިސްޓްރީތަކުން ރަށްރަށުގައި މިހާރު ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކިތަންމެ މަސައްކަތެއް ރަށު ކައުންސިލްތަކުގެ ދަށަށް ދޫކޮށްލެވި، ނޭޝަނަލް ޑިވެލޮޕްމެންޓް ޕްލޭން އަދި ސަރުކާރުން އެކުލަވާލާފައިވާ އެކްޝަން ޕްލޭންއާއި ފުށުނާރާގޮތަށް މަޝްރޫއުތައް ހިންގާ ވިލަރެސްކުރުމުގެ އިޚްތިޔާރު ކައުންސިލްތަކަށް ހޯދައިދިނުމަކީވެސް އެމަނިކުފާނުގެ 5 އަހަރުގެ ތެރޭގައި ކޮށްދެއްވާނަންކަމަށް ވައުދުވެވަޑައިގެންފައިވާ ކަންތައްތަކެވެ.

މީގެ އިތުރުން ކައުންސިލްގެ އިޙްތިޞާސްގައި ހިމެނޭ ބިމާއި، ފަޅާއި، ފަރާއި، ކަނޑާއި، ވާއެންމެހާ ވަޞީލަތްތަކުން ލިބޭ ކުލީގެ އިންސައްތައެއް އެ ކައުންސިލަކަށް ލިބޭނޭގޮތް ހަމަޖެއްސުމާއި، ފުރާފުރިހަމަވެ އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގާ ކައުންސިލްތަކަކަށް ހެދުމަށްޓަކައި ދައުލަތުގެ މާލީ ނިޒާމާ ފުށުނާރާގޮތަށް ދަރަންޏަށް ޒިންމާވުމާއި ލޯނުނެގުމުގެ ބާރު ކައުންސިލްތަކަށް ހޯދައިދިނުމާއި، އަދި ކައުސިލްތަކަށް މާލީ މިނިވަންކަން ހޯދައިދިނުންފަދަ ގިނަ ކަންތައްތަކެއް ރައްޔިތުންނާއި ހަމައަށް ގެނައުމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ.

އެމަނިކުފާނު ގަބޫލުކުރެއްވި ގޮތުގައި ރައްޔިތުންނަށް ޖަޒީރާވަންތަ ދިރިއުޅުމެއް ހޯދައިދެވޭނީ ޢާއްމު ޚިދުމަތްތަކުންނާއި، އެހެނިހެން ގޮތްގޮތުން ނެގެމުންދާ ފީތައް، މައި ސަރުކާރަށް ނުގޮސް ސީދާ ކައުންސިލްތަކަށް ނެގޭގޮތަށް ބަދަލު ގެނައިސްގެންނާއި، ކައުންސިލްތަކަށް ލިބޭ އާމްދަނީ ބޮޑުކޮށް، އެއިން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމުގެ ހުރިހާ ބާރެއް ކައުންސިލްތަކަށް ލިބިދިނުމާއި އަދި އިބަތާއި ޤަދަރު ބޮޑު ޖަޒީރާވަންތަ ކައުންސިލްތަކެއް އުފައްދައިގެންނެވެ. އަދި މި  މަގުން ކަންތައްތައް ގެންދެވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.

އެއްގަމާއި ކަނޑު ކައުންސިލްތަކަށް ކަށަވަރު ކޮށްދިނުމާާއި، ރައްޔިތުން ބާރުވެރިކުރުވުމާއި، ކައުންސިލްތަކާއި އާސާރީ ތަންތަން ބެލެހެއްޓުމާއި، ގައުމީ ތަރިކައާއި ދިވެހިބަސް ހިނާޔަތްކޮށް ބެލެހެއްޓުޟާއި އަދި ޖަޒީރާ ކްލަބް ޖަމިއްޔާ ހިންގުން ހަރުދަނާކުރުމުގެ އިތުރުން ވެށިފަހިމާލެ ހަގީގަތަށް ހެދުންވެސް މިއީ ޖަޒީރާވަންތަ ދިރިއުޅުމެއް ދިވެހިރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށްޓަކައި ވެފައިވާ ވައުދުތަކެވެ. ވެށިފަހިމާލެ ހަގީގަތަށް ހެދުމާއި، ރީތި ސާފު ރަށްތައް ކަށަވަރުކުރުމާއި، ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމާއި އަދި އެނޫންކަންތައްތަވެސް ކޮށްދިނުމަށްޓަކައިވެސް ވަނީ ވައުދުވެވަޑައިގެންފައެވެ.

ރައީސް ސާލިހުގެ މި ވައުދުތައް ފުރިހަމަ ގޮތެއްގައި ފުއްދައި، އެކަށީގެންވާ ނަތީޖާ ނެރެވިޖެއްނަމަ ދިވެހި ރައްޔިތުންގެ ދިރިއުޅުން ޖަޒީރާވަންތަ ވާނެކަން ޔަގީނެވެ. އެހެންކަމުން ފާއިތުވެމިދިޔަ 4 އަހަރުދުވަހުގެ ތެރޭގައި ރައީސް ސާލިހަށް ދިވެހި ރައްޔިތުންގެ ދިރިއުޅުން ކިހާ ޖަޒީރާވަންތަ ކުރެވިއްޖެތޯ ބަލާލުން މުހިންމެވެ.

ޑިމޮކްރަސީ ހަރުދަނާކުރުމުގެ ނަމުގައި ލޯކަލް ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ތަރައްގީގައި އަންހެނުން ބައިވެރިވުން އިތުރުކުރުމުގެ މަގްސަދުގައި، ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައިސްފައިވެއެވެ. މި ބަދަލާއިއެކު، ކައުންސިލްތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު އެތައް ގުނައަކުން އިތުރުވެގެންދިޔައެވެ. ރާއްޖޭގެ ތަރައްގީއަށްވެސް އަދި ސިޔާސީ މަސްރަހަށްވެސް އައި ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވުނު މިކަންތަކުގެ ސަބަބުން އެއް ހަމައެގައި އަދި މަގާމުގެ ގޮތުންވެސް އެއް ފެންވަރެއްގައި އަންހެނުން އަމްސީލުކުރާ މިންވަރު އިތުރުވެގެން ދިއުމުގެ ފުރުސަތު ހޯދައިދީފައިވެއެވެ.ޖެންޑަރ އީކުއަލިޓީ އެކްޝަން ޕެލޭން ގާއިމްވުމާއިއެކު، އަންހެނުން ބާރުވެރިކުރުމުގެ ގޮތުްނ ދައުލަތުގެ އެކި މުއައްސަސާތަކުން
އަންނަނީ އެކި ފެންވަރުގައި މަސައްކަތް ކުރަމުންކަމުގައިވާއިރު، އަދި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކޮށް ހޭލުން ތެރިކަން އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ އެކި ރަށްތަކުގައި ޓްރެއިނިންގތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން މި ސަރުކާރުން ވަނީ ފޯރުކޮށް ދީފައިކަމަށް ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ނޫސްވެރިންނަށް ބިރުދެއްކުމާއި ދެކޮޅަށް ވަކާލާތުކޮށް، ކުރީ ސަރުކާރުގައި ނޫސްވެރިނަށް ދީފައިވާ އަނިޔާގެ ބަދަލުހޯދައިދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރ އައްޔަނުކޮށް، އިންފޮމޭޝަން އޮފިސަރުން މެދުވެރިކޮށް ރައްޔިތުންނަށް ޖަވާބުދާތީކުރުވަނިވި ނިޒާމެއްގެ ދަށުން ދަނީ މައުލޫމާތު ފޯރުކޮށްދެމުންކަމަށައި ރައްޔިތުންގް ކަންބޮޑުވުން އޮންނަ ކަންތައްތަކުގައި، ޕެޓިޝަން ހުށައެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

މީގެ އިތުރުން ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ވެވަޑައިގެންފައިޥާ ވައުދުގެ ދަށުން މި ހަތަރު އަހަރުގެ ތެރޭގައި ބޮޑުތިލަދުންމަތި ސަރަހައްދުގެ 41 ރަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ރޫޓްތައް ގުޅާލައި، އާރުޓީއެކް ފެރީ އިފްތިތާހުކުރެވި އަދި މުޅި ރާއްޖޭގެ ހުރިހާ ރަށެއް ގުޅައިލުމަށް ބޭނުންވާ ޒަމާނީ އިތުރު 65 އުޅަނދު ބަނުމުގެ ކޮންޓްރެކްޓް ހަވާލުކުރެވި، އެ މަސައްކަތްދަނީ ކުރިއަށެވެ. ހދ، ހއ، ށ އަތޮޅުގައި ދަނީ ފެރީގެ ހިދުމަތްދެމުންނެވެ. އަދި ސަރުކާރުގެ އަމާޒަކީ ވެރިކަމުގެ 5 އަހަރުގެ ދައުރު ހަމަވުމުގެ ކުރި މުޅި ރާއްޖެއަށް ނެޓްވާކް ފުޅާކުރުމެވެ.

ކުދި އާބާދީ އަދި ކުދި ރަށްތަކަށް ގެންނަމުންދާ ތަރައްގީގެ ތެރެއިން މި 4 އަހަރުގެ ތެރޭގައި އެއްވެސް ރަށެއް ބާކީ ނުކޮށް ތަރައްގީކުރުމުގެ ސިޔާސަތުގެ ދަށުން އެންމެ ކުދި އާބާދީ ހިމެނޭ 10 ރަށާއި، އެންމެ ކުޑަ 10 ރަށުގެ ތަރައްގީއަށްވެސް ދަނީ މަސައްކަތްކުރެވެމުންނެވެ. އެގޮތުން އދ ދިއްދޫ، ބ ފެހެންދޫ، ބ ފުޅަދޫ، މ ވޭވަށް، ވ ރަކީދޫ، ވ ތިނަދޫ، ހއ މޮޅަދޫ، ހއ ތަކަންދޫ އަދި މ ރަތްމަންދޫގެ އިތުރުން ނ ފޮއްދޫގައި ދަނީ އަސާސީ ހިދުމަތްތައް ގާއުމްކުރުމުގެ މަސައްކަތްތަށްކުރަމުންނެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވީއިރު ރާއްޖޭގެ ރަށްރަށުގެ ތެރެއިން 70 އިންސައްތަ ރަށުގައި ފެނާއި ނަރުދަމާ ހިދުމަތް ގާއިމްކޮށްފައިނުވާއިރު، ފެނާއި ނަރުދަމާގ ހިދުމަތް ހުރިހާ ރަށަކަށް ކަށަވަރުކޮށްދިނުމަށްޓަކައި މި ސަރުކާރުގެ 4 އަހަރުގެ ތެރޭގައި ވަނީ  ފެނާއި ނަރުދަމާގެ ހިދުމަތް 141 ރަށެއްގައި ގާއިމްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އޭގެ ތެރެއިން މިހާރު 12 ރަށެއްގައި މި ހިދުމަތް ގާއިމްކޮށް ނިމިފައިވާއިރު، 119 ރަށެއްގައި އަމަލީ މަސައްކަތްވަނީ ފަށާފައެވެ. އިތުރު 10 ރަށެއްގައި މަސައްކަތްކުރުމަށް ވަނީ ކޮންޓްރެކްޓްކޮށްފައެވެ.

ޖަޒީރާވަންތަ ދިރިއުޅުމެއް ފިވެހި ރައްޔިތުންނަށް ކަށްވަރުކޮށްދިނުމަށްޓަކައި މިދޔަ 4 އަހަރުގެ ތެރޭގައި ހުޅުމާލެ ފޭސް 2 ގެ ތަރައްގީއަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. ސުކޫލު އިމާރާތްކުރުމާއި، މިސްކިތް ބިނާކުރުމާއި، ސިއްހީ ވަސީލަތްތައް ގާއިމްކުރުމުގެ އިތުރުން މަގުތައް ހެދުމުގެ މަޝްރުއުވެސް ހިމެނެއެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ކަންކަމަކީ ކުރުމަށް ނިންމާފައިވާ ކަންތައްތަކެވެ. ސުކޫލުތައް އަދި މިސްކިތުގެ އިތުރުން ސިއްހީ ވަސީލަތްތައް ގާއިމްކުރުންވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ޖަޒީރާ ދިރިއުޅުމެއް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށްޓަކައި ކުރެވިފައިވާ ކަންތައްތަކުގެ ތެރެއިން ރައްޔިތުން ސަރުކާރަށް ހުށައަޅަން ބޭނުންވާ ސިޓީ އާއި ޝަކުވާފަދަ ލިޔެކިޔުންތައް އިންޓަނެޓް މެދުވެރިކޮށް ހުށައެޅުމަށް ބޭނުންކުރާނެ ސަރުކާރުގެ ރަސްމީ ޑިޖިޓަލް ހިދުމަތް ގާއިމްކުރުމުގެ ގޮތުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރެވެއެވެ. ސަރުކާރުގެ 21 އިދާރާއެއްގައި މި  ސިސްޓަމް ބޭނުންކުރެއެވެ. އަދި ގިނަ ބަޔަކު މި ހިދުމަތް ބޭނުންކުރަމުން އަންނަކަން ސަރުކާރުން ފާހަގަކުރެއެވެ.

ސަރުކާރަށް ފާއިތުވެދިޔަ 4 އަހަރުގެ ތެރޭގައި ކުރެވިފައިވާ ކަންތައްތަކުގެ ގޮތުގައި މި ފާހަގަކުރެވުނީ ޖަޒީރާވަންތަ ދިރިއުޅުމަކަށް ދިވެހި ރައްޔިތުންގެ ދިރިއުޅުން ހެދުމަށް ބޭނުންވާ ބައެއްް އަސާސްތަކެވެ. އެ މަގަށް އެއްބާރުލުންދޭ ކަންތައްތަކެއް ނުވަތަ ވަސީލަތްތަކެއް ގާއިމްކުރެވިފައިވާ ވާހަކައެވެ. ވެރިކަމަށް ބާކީ 365 ދުވަހަސް އޮތްއިރު މީގެން ނަތީޖާ ނެރެވޭނެ ގޮތްތަކެއް ރޭވިފައި ހުރިކަމަކަށް ނުބެލެވެއެވެ. ދުރުން ބަލާއިރު ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ސަރުކާރުތަކުގައި ހުރީތީ، ކައިރިން ބަލައި ދެނެގަތުމުގެ ބަދަލުގައި ބޮލަށް އައި އެންމެ ރީތި ބަސް މަގަކުން ވައުދުތައް އަމުނާލީއިރު، ކުރިމަތިވެދާނެ ގޮންޖެހުންތަކަކަށް ވިސްނާފައެއް ނެތެވެ. ކައުންސިލްތަކަށް ދޭން ބުނި ބާރުތަކަށްވީ މިދެންނެވިހެންނެވެ. އަތުގައި ފިތި ބާރުވެފައިވާ ވައުދުތަކެއް ދޫކޮށްލަން ހަމަ އުނދަގޫވީއެވެ.

ރައްޔިތުން އަތުން ނަގާ ޓެކްސް އަދި އެހެން ފައިސާއިން ހަރަދުކޮށްގެން ކުރެވޭ މަސައްކަތްތަކުން، އަނބުރާ ދައުލަތަށް އާމްދަނީ ވަދެ، އޭގެން ދިވެހި ރައްޔިތުންނަށްވެސް ފައިދާކުރާނެ ކަންތައްތަކަކަށް ދިވެހި ރައްޔިތުން އުއްމީދުކުރެއެވެ. ގައުމުގެ މަސްލަހަތު ހުރި ކަންކަމުގައި ބައިކުޅަ ބައި ރައްޔިތުން އެއްކޮށްގެން، ބޯޑު ހަރަކޮށްގެން ކުރާ މަޝްވަރާއަށްވުރެ ދިވެހިން މިއަދު ބޭނުންވަނީ އެކަންކަމުގެ ހައްލެވެ. މަންޒަރު ރީތިނުވި ނަމަވެސް ހައްލު ގެނެސްދެއްވުމުން ދިވެހި ރައްޔިތުން އެކަންކަން ގަބޫލުކުރާނެއެވެ.

ދިވެހި ރައްޔިތުން މިއަދު ބޭނުންވަނީ މަރުކަޒީ އުސުކޫލު ދޫކޮށްލާ ލާމަރުކަޒީ އުސޫލަށް ބަދަލުކުރީކަމުގެ ވާހަކަތައް އެކަންޏެއްނޫނެވެ. މިއަދު ދިވެހިންނަށް މުހިންމު ވަނީ އެކަން ތަންފިޒްކުރެވޭ މިންވަރެވެ. އެކަމުން ނިކުތް ރަނގަޅު ނަތީޖާގެ ތަފާސް ހިސާބުތަކެކެވެ.

ޝަކުވާ ހުށައެޅިދާނެއެވެ. ޝަކުވާ ކުރެވިދާނެއެވެ. އަދި އެކުރާ ޝަކުވާގެ އަޑުވެސް އިވިދާނެއެވެ. ނަމަވެސް އިޖާބަ ދިނިއްޔާއެއްނޫންތޯއެވެ. ކުރީ ސަރުކާރަށް ވުރެ މޮޅު ކަންތައްތަކެއް ކުރެވުންކަމަށް ބުނާ އަޑުގެ ބަދަލުގައި، ދިވެހިން މިއަދު އަހަން ބޭނުންވަނީ ރައްޔިތުންނަށް މަންފާހުރި ގިނަ ކަންތައްތަކެއްކުރެއްވިއްޖެކަމުގެ ވާހަކައެވެ. ހަގީގަތަކީ މަސައްކަތްވެސް ކުރެވިއްޖެކަމެވެ. އެކަމަށްޓަކައި ހަރަދުތަކެއްވެސް ކުރެވިއްޖެކަމެވެ. އަދި ހަމައެއާއިއެކު ނަތީޖާއެއް ނުނިކުތް ކަމީ، ޖަޒީރާ ދިރިއުޅުމެއްގެ ވެރިކަން ނިމުމާއި ގާތްވީއިރުވެސް ހޯދައިދެވިފައިނުވާކަމީވެސް ހަގީގަތެވެ. އެހެންކަމުން އަތޮޅުތެރެއަށް ދަތުރުކުރެއްވިއެއްކަމަކު، އެއީ ޖަޒީރާ ރައީސް އަށް ވެވުނީއޭ ދެންނެވޭކަން ނެތެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: