ލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި ދިފާއުން ހުށަހެޅި ހެކިވެރިން ދޮގު ހެކިބަސް ދިން ކަމަށް ބުނެ ދައުލަތުން ހުށަހެޅި ހެކި ޝަރީޢަތުން ބަލައިގެންފިއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި، ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތުގެ ދައުވާ ކުރެ އެވެ.
މި މުއާމަލާތް ހިންގުމުގައި ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވިކަމުގެ ތުހުމަތުތަކެއް ކުރާއިރު، ދައުލަތުން ވަނީ އެމަނިކުފާނާއި ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅާފަ އެވެ. އަދި ރައީސް ޔާމީންގެ ފަރާތުން ވެސް ދިފާއަށް ގިނަ ހެކިތައް ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ، ޔޫސުފް ނައީމާއި ހަވާލު ކުރަން ދިޔަ ޕީޕީއެމްގެ ސެނެޓު މެމްބަރު އަހުމަދު ނަރީޝާއި، އޭނާއާއި އެކު ފައިސާ ދަބަސް ގެންދިޔަ އަބްދުﷲ ނަމަކަށް ކިޔާ މީހަކާއި، އެ މުއާމަލާތް ހަމަޖެއްސި މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ހިމެނެ އެވެ. އަދި ރައީސް ޔާމީން ފޯނުން ގުޅުއްވި އިރު މުހައްމަދު އިސްމާއިލާއި އެކު އެވަގުތު ހުރިކަމަށް ބުނާ އައްޑޫ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ހިމެނެ އެވެ.
އޭގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު، އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ ހެކި ބަސް ވަނީ ނަގާފަ އެވެ.
މިއަދު އޮތް ޝަރީއަތުގެ އަޑު އެހުމުގައި ރައީސް ޔާމީން ހުށަހެޅި ހެކިވެރިން ދޮގު ހެކިބަސް ދިންކަން ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ލިޔުންތައް ބަލައިގަތުމަށް ނިންމެވިކަން އިއުލާން ކުރެއްވުމަށްފަހު ޤާޟީ ވަނީ މިލުންތައް ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅުއްވައި ދެއްވުމަށް ދައުލަތަށް ފުރުޞަތު ދެއްވާފައެވެ.
ދައުލަތުގެ ވަކީލުން ވިދާޅުވީ މިމައްސަލާގައި ދިފާއުން ހެކިހުށައެޅިއިރު، ހެކިތައް ހުށަހަޅާ ސަބަބުގައި ހުރި ކަންކަމުގެ އިތުރަށްވެސް އެސަބަބުތަކާއި ދެކޮޅަށްވެސް ހެކިލިބިފައިވާކަމަށެވެ. އެގޮތުން މިމުއާމަލާތާއި ގުޅޭ ބައެއްކަންކަން ކުރިއަށްދިޔަ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް، އީވައިސީގެ އެއްވެސް ޔައުމިއްޔާއެއްގައި ސޮއިނުކޮށް ނޯންނާނެކަމަށް ދިފާއީ ހެކިންގެ ތެރެއިން އީވައިސީގައި ހިމެނިވަޑައިގަންނަވާ ހެކިވެރިވެރިޔަކު ބުނެފައިވާތީ އެކަން ނަފީކުރުމަށް ދައުލަތުން ވަނީ އީވައިސީގެ ޔައުމިއްޔާ ހުށައަޅުއްވާފައެވެ. އަދި މިމައްސަލާގައި ދިފާއުން ހުށަހެޅި ހެއްކެއްގެ ވަޒީފާގެ ހާޒިރީ ރެކޯޑުވެސް ދައުލަތުން ވަނީ ހުށައަލުއްވާފައެވެ.
ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި އިކޮނޮމިކް އެންޑް ޔޫތް ކައުންސިލް، (އީވައިސީ) ގައި ވެސް މަސައްކަތް ކުރެއްވި ސައީދުގެ ހެކި ބަހުގައި ވިދާޅުވީ އެ ކައުންސިލްގެ ޔައުމިއްޔާތަކުގައި ބައިވެރިން ސޮއި ކުރާނެ ކަމަށެވެ. އަދި ސޮއި ނުކުރާ އެއްވެސް ޔައުމިއްޔާއެއް އޮވެގެން ނުވާނެކަމަށާއި، އެ ނޫން ހާލަތެއްގައި އެއީ ސައްހަ އެއްޗެއް ނޫންކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ. ހެކި ބަސް ނެގުމުގެ މަރުހަލާގައި ދައުލަތުން ވަނީ ތަކުރާރުކޮށް ޔައުމިއްޔާއާއި ގުޅޭގޮތުން ސުވާލުކޮށްފަ އެވެ. ޖަވާބުގައި ސައީދު ވިދާޅުވަމުން ގެންދެވީ، މިއީ ހަފްތާއަކު އެއް ދުވަހު އޮންނަ ބައްދަލުވުންތަކެއް ކަމަށެވެ. އަދި ކުރާ މަޝްވަރާއެއް އޭގެ ޖެހިގެން އަންނަ ދުވަހު ގެނައުމަކީ އަމަލު ކުރަން ޖެހޭ އުސޫލުކަން ފާހަގަ ކުރެއްވި އެވެ. އަދި އެ ދުވަހަކަށް ޔައުމިއްޔާ ނިންމާ ނުލެވުނު ނަމަ އޭގެ ޖެހިގެން އަންނަ ދުވަހު ވެސް ގެންނަކަމަށާއި މާލެއިން ބޭރުގައި ހުންނެވި ނަމަ އެނބުރި ވަޑައިގަތުމާއި އެކު ޔައުމިއްޔާގައި ސޮއި ކުރަން އަންނަ ކަމަށެވެ. އެހާ ޔަގީންކަމާއި އެކު ސޮއި ނުކުރާ ޔައުމިއްޔާއެއް ނޯންނާނެކަން ބުނަން އެނގެނީ އޭގެ ސަބަބުންކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދުގެ ހެކިބަހާއި ގުޅިގެން ދައުލަތުން ވަނީ، އީވައިސީގެ އެއްވެސް ޔައުމިއްޔާއެއްގައި ސޮއި ނުކޮށް ނޯންނާނެކަމަށް ސައީދުގެ ހެކި ބަހުގައި ވިދާޅުވެފައި ވާތީ އެކަން ނަފީ ކުރުމަށް ޔައުމިއްޔާތަކެއް ހުށަހަޅާފަ އެވެ. ނަމަވެސް މިއީ އެފަދަ ހެކިތައް ހުށަހެޅޭނެ މަރުހަލާއަކަށް ނުވާތީ ދައުލަތުން އެދުނީ އެ ލިޔުންތައް ބަލައި ނުގަތުމަށެވެ.
ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށޫން ހެކި ހުށެހެޅޭނީ ދައުވާ ހުށަހަޅާ މަރުހަލާގައިކަމަށެވެ. އަދި ދައުވާ ފޯމުގައި ދައުލަތުން ހުށަހަޅާ ހެކިތައް އޭގައި ބަޔާން ކުރަން ޖެހޭނެކަމަށް ފާހަގަ ކުރި އެވެ. އެހެންކަމުން ހެކި ހުށަހެޅުމަށް އޮތް މަރުހަލާ ނިމި، ހެއްކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާ ފެށުމުން އައު ހެކިތަކެއް ހުށަހަޅައި އެއާއި މެދު ވާހަކަ ދެއްކުމަކީ ކުރެވޭނެކަމެއް ނޫންމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ.
މިމައްސަލައިގައި މިއަދު އައު ހެކިތަކާއި ގުޅޭ ލިޔުންތައް ދައުލަތަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ދެއްވާފައެވެ. އަދި މިމައްސަލައިގެ ހެކިތަކާއި ގުޅޭގޮތުން ކުރިއަށް ގެންދިޔަ ޝަރީއަތްތައް ވަނީ ނިންމާލާފައެވެ. މިމައްސަލައި ހެއްކާއި ބެހޭ ގޮތުން ކުރިއަށް ގެންދަންޖެހޭ ބައި މިއަދު ކުރިއަށް ގެންގޮސް މައްސަލައިގެ ޚުލާސާ ބަޔާން އިއްވާނެ ދުވަހެއްވެސް ދައުލަތަށް އަދި ދައުވަ ރައްދުވާ ފަރާތަށްވެސް ކޯޓުން އަންގާފައިވާނެކަމަށް ޤާޟީ ވިދާޅުވިއެވެ.

