މިސަރުކާރުގެ ބަޖެޓްގައި ފައިސާ ހަރަދުކުރުމަށް ކަނޑައަޅާފައިވަނީ ޖަމްބޯ ބޭގް މޮޑެލްއަށް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު (ބޮންޑެ) ވިދާޅުވިއެވެ.
އިބްރާޙިމް ރަޝީދު ވިދާޅުވީ ބަޖެޓް ހުށައެޅުމަށް ފަހު ބަޖެޓް ބަހުސް އަށް އެތައް ގަޑިއިރެއް ހޭދަވި ކަމަށެވެ. އެއާއެކު ބަޖެޓަށް ގިނަ މެމްބަރުންގެ ހުށައެޅުންތައް ވެސް ހުރި ކަމަށް ބޮންޑެ ވިދާޅުވިއެެވެ.
ބަޖެޓް ކޮމިޓީ އިން ބަޖެޓް ދިރާސާކުރިއިރު މެމްބަރުންގެ ހުށައެޅުންތަކަށް ރިއާޔަތް ކުރުމެއްނެތި ގަޑިއިރެއްގެ ތެރޭގައި ބަޖެޓް ދިރާސާކޮށް ނިންމާލި ކަމަށް އިބްރާޙިމް ރަޝީދު ވިދާޅުވިއެވެ.
ބަޖެޓްގައި އިގްތިސާދީ ހާލަތާއި ތަސައްވުރު ހިމެނޭ ކަމަށާއި ކޮވިޑްގެ ހާލަތުން އަރައިގަނެވޭނެ ކަމަށް ބަޖެޓް ފޮތުގައިވާ ކަމަށް އިބްރާޙިމް ރަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ ފައިސާއިން ޕަބްލިކް އެކައުންޓް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުން އެއް އަހަރު ދުވަހަށް ދިންފައިސާ ތިން އަހަރުދުވަހަށް ދަންމާލުމަށްފަހު އެފައިސާ މާފުކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އެދެމުންދާ ކަމަށްވެސް އިބްރާޙިމް ރަޝީދު ވިދާޅުވިއެވެ. އެފައިސާ މާފުކޮށްނުދެވޭނެ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
އެކްސްޗޭންޖް ރޭޓަށް އިންތިހާއަށް ބަދަލު އަންނަ ކަމަށާއި ރައްޔިތުން ޑޮލަރު ގަންނަމުންދަނީ ކަޅު ބާޒާރުގައި ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
ބަޖެޓް ދިރާސާކުރިއިރު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގާއި އިންފްލޭޝަން ރޭޓް ހުރި ވަރަށް ބަލާފައިނެތް ކަމަށް އިބްރާޙިމް ރަޝީދު ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ރާއްޖެއަށް ނަފާ ލިބެނީ ފަތުރުވެރިކަމުގެ ތެރެއިން ކަމަށް ބޮންޑެ ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ގެސްޓްހައުސް ތަކާއި ރިސޯޓްތައް ހެދުމަށް ބޭނުންކުރާ މެޓީރިއަލްގެ އަގު ވަނީ ބޮޑުވެފައި ކަމަށް ބޮންޑެ ވިދާޅުވިއެވެ.
ރަޝިޔާ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ގޭސް ލިބުން ދަތިވެފައިވާ ކަން ފާހަގަކޮށް ބޮންޑެ ވިދާޅުވީ އޯޑަރު ދިނުމުންވެސް ބޭނުންވާ މެޓީރިއަލް ރާއްޖެއަށް ނާންނަ ކަމަށެވެ.
ދުނިޔޭގެ އުފެއްދުންތެރިކަން ދަށްވެފައިވާ ކަމަށް ބޮންޑެ ވިދާޅުވިއެވެ.
ބަޖެޓްގައި ލަންޕްސަމް އެމައުންޓް ހުރިކަމަށް ވިދާޅުވެ ބޮންޑެ ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކަށް ކެޕިޓަލްގެ ގޮތުގައި ދޫކުރުމަށް ލަންޕްސަމް އެމައުންޓެއް ބަޖެޓްގައި ހިމެނިފައިވާ ކަމަށެވެ. ކުންފުނިތަކުގެ ގޮތުގައި ގިނަ ކުންފުނިތައް ހިމެނިފައިވާއިރު ކުންފުނިތަކަށް ފައިސާ ދޭއިރުގައި އެއީ ކޮން ކުންފުނިތަކެއްކަން ސާފުވާންޖެހޭ ކަމަށް ބޮންޑެ ވިދާޅުވިއެވެ. އަދި އެކުންފުނިތައް އެސްއައިޕީ މޮޑެލްއަށް ބަދަލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުންފުނިތަކަށް އިންތިހާއަށް ބައިވަރު ފައިސާތަކެއް ދިނުމުން ވާނުވާ ނޭނގޭނެ ކަމަށާއި އެފައިސާ ދެނީ ކުންފުނިތަކުން އިންވެސްޓް ކުރުމަށް ކަމަށް ބަޖެޓްގައި ހިމެނިފައިވާ ކަމަށް ބޮންޑެ ވިދާޅުވިއެވެ. އަދި އެކުންފުނިތަކަކީ އެތައް ޒަމާނެއްވެފައި ހުރި ކުންފުނިތައް ކަމަށްވެސް ބޮންޑެ ވިދާޅުވިއެވެ.
މަޝްރޫއުތަކަށް އިތުރަށް ހަރަދުކޮށްފައިވޭތޯ އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި ސުވާލުކުރުމުން އިތުރަށް ހަރަދުކޮށްފައިނުވާ ކަމަށް ވިދާޅުވެފައިވާ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
”އެހެންނަމަވެސް އަޅުގަނޑުމެންނަށް އިނގޭ ހުރިހާ ރައްޔިތުންނަށް އެނގޭ އިތުރަށް ހަރަދުކޮށްފިކަން. ކުންފުނިތައް ރާއްޖޭގެ އެކި ކޮންސްޓްރަކްޝަން ކުންފުނިތައް ލައްވާ މަސައްކަތް ކޮށްފައި އުޖޫރަ ނުދީ އެބަހުރި. އެއަށް ފައިސާ ދޭން ހީލަތްތެރިކަމާއެކު މިހިރީ. މިހާރު މަސައްކަތް ކުރުވައިފި. ބަޖެޓްގައި ނުޖަހާ މަސައްކަތް ކުރުވާފަ މުޅި ރާއްޖޭގެ އިގްތިސާދު ހިމެނޭ ކުދިކުދި ކުންފުނިތައް ދަރުވާލާފަ މިހާރު މިއުޅެނީ މީގައި (އަންނަ އަހަރުގެ ބަޖެޓްގައި) ޖަހައިގެން. އެކުންުފުނިތައް ދަރަމުން ދަރަމުން ގޮސް އަދި މިފައިސާ ދިނުމަކުންވެސް ސަލާމަތެއް ނުވާނެ. އެހާވަރަށް ކުންފުނިތައް އޮތީ ދަރާފަ. ފެނަކަ ނަމުގައ ނުވަތަ އެޗްޑީސީގެ ކޮންމެވެސް ޕްރޮޖެކްޓެއްގެ ނަމުގައި ނުވަތަ އެހެންގޮސް ހިންގާފަ. ތަފާތު އެކި ފަހަރު ހިންގި މަޝްރޫއުތަކަށް ފައިސާ ނުދޭ މައްސަލައިގެ ޝަކުވާ މިތަނަށް ބިލްތައް ހިފައިގެން ކުންފުނިތަކުގެ މީހުން އުޅޭ މަގުމަތީގައި. ބޮޑެތި ބިލްތައް. އެހެންވީމަ މި ބިލްތައް ސްޓޭޓް ލެޖަރ އަށް އެންޓަރ ނުކޮށް މަކަރާއި ހީލަތް ހަދާފަ މިއޮތީ. ޖަމްބޯ ބޭގެއްގައި އެބަހުއްޓޭ އިއްޒަތްތެރި ރައީސް. ޖަމްބޯ ބޭގެއްގެ ބޭރުގައި ޖަހާފަ މިއިންނަނީ ހުރިހާ ކުންފުނިތަކަށް. ކޮންކުންފުނިތަކެއްހޭ ؟ މި އަޅުގަނޑުމެންނަށް ސާފުކޮށްދޭންޖެހޭ. މި ސާފު ނުކޮށްދެނީސް މިތަނުން ބަޖެޓް ފާސްކޮށްދީގެންވެސް ނުވާނެ. ހިތަށްއެރިވަރަކަށް ބޮޑެތި ޖަމްބޯ ބޭގުގައި މިހިރީ ބަޖެޓްގައި ފައިސާ ޖަހާފައި ޖަމްބޯ ބޭގްގައި. ދުނިޔޭގެ އެހެން ގައުމުތަކުގައި މިގޮތަށް ލަމްސަމް އެމައުންޓެއް ނުހުންނާނެ ޖަހާފަައެއް. އެއަށް ކިޔަނީ ސިސްޓެމެޓިކް އިންވެސްޓްމެންޓް ޕްލޭން. އެސްއައިޕީ މޮޑެލްއަށް ހުންނަނީ.
މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަދަނީ ޕްރޮގްރާމް ބަޖެޓެއް ކަމަށާއި އެބަޖެޓްގައި ފަސްއަހަރަށް ޕްރޮގްރާމް ކުރެވިފައިވާ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

