2023 ވަނަ އަހަރަށް ހުށައަޅާފައިވާ ތާރީހީ ބަޖެޓާއިމެދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންނާއި އިދިކޮޅު ޕީޕީއެމްއިންވެސް ވަނީ ކަންބޮޑުވުންތައް ހުރިކަމަށް ފާހަގަކުރައްވާފައެވެ. ކަންބޮޑުވުންތަކެއް ހުރުމާއި އެކު ރައީސް ނަޝީދުވަނީ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒުއަށް ސިޓީފުޅެއް ފޮނުއްވާފައެވެ.
އެމަނިކުފާނު ފޮނުއްވި ސިޓީފުޅުގައި ރައީސް ނަޝީދުވަނީ ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވާައެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދީ ހާލަތާއިމެދު ބަޖެޓު ދިރާސާ ކުރާ ކޮމިޓީއިން ބަޖެޓު ދިރާސާ ކުރުމަށްފަހު އެކުލަވާލި ރިޕޯޓުގައި ޝާއިއުކުރި ކަންކަމާއިމެދު ކަންބޮޑުވެއްލައްވާކަމުގެ އިތުރުން، ދިވެހިރާއްޖޭގެ ފިސްކަލް ހާލަތާއިމެދު ޝާއިއުކޮށްފައިވާ ކަންކަމާއި، ހިލޭ އެހީ ލިބޭނެކަމަށް ލަފާ ކުރާ އަދަދާއިމެދު ކަންބޮޑުވުންތަކެއް ހުރިކަން އަދި ދައުލަތުގެ ދަރަންޏާއި ސަޕްލިމެންޓަރީ ބަޖެޓާއިމެދުވެސް ކަންބޮޑުވުންތަކެއް ހުރިކަމަށް ރައީސް ނަޝީދުވަނީ ނާޝިޒަށް ފޮނުއްވި ސިޓީގައި ހާމަކުރައްވާފައެވެ.
ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވެގެންދާކަމުގެ ވާހަކަތަކެއް ބަޖެޓު ކޮމިޓީގެ ރިޕޯޓުގައި ޝާއިއުކޮށްފައިވާކަމަށް އަލިއަޅުއްވައި ރައީސް ނަޝީދުވަނީ ޝާއިއުކޮށްފައިވާ ބައެއް ވާހަކަތަކުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު 7.6 އިންސައްތައިން ކުރިއަރައިގެންދާނެކަމަށް ބަޖެޓު ދިރާސާ ރިޕޯޓުގައި ލަފާކޮށްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތައްވެސް އިތުރުވެގެންދާނެކަމުގެ މައްޗަށް ބިނާކޮށްކަމަށެވެ. އެހެން ނަމަވެސް މިހާރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އޮކިއުޕަންސީ ޖުމުލަގޮތެއްގައި ހުރީ 60 އިންސައްތައިގައިކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާލުވީ، ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓް ހައުސްތަކުގެ ޖުމުލަ އެނދުތައް ހުރި މިންވަރުތައް އިތުރު ކުރިނަމަވެސް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުވާނެކަމަށް ނުބެލޭނެކަމަށެވެ. އަދި އެފަދަ އިތުރުވުމެއް އަންނާނެކަމަށް ބެލެވޭ ސަބަބު ބަޖެޓު ދިރާސާ ރިޕޯޓުގައި ޝާއިއުކޮށްފައިނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ނާޝިޒުއަށް ފޮނުއްވި ސިޓީގައިވަނީ ދިވެހިރާއްޖޭގެ ފިސްކަލް ހާލަތާއިމެދުވެސް ކަންބޮޑުވުންތަކެއް ހުރިކަމަށް ހާމަކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ފިސްކަލް ހާލަތު ދެމެހެއްޓުމައްޓަކައި، 2023-2025 ވަނަ އަހަރަށް ފިސްކަލް ސްޓްރެޓެޖީއެއް ކަނޑައެޅިފައިވާކަމަށް އިޝާރާތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެ ސްޓްރެޓެޖީގައި ފިސްކަލް ހާލަތު ދެމެހެއްޓުމައްޓަކައި ވަނީ ”އެންކަރުތަކެއް“ ބަޔާންކޮށްފައިކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ފިސްކަލް ސްޓްރެޓެޖީގެ ދަށުން އަމާޒުތަކެއް ހާސިލު ކުރުމަށް އާމްދަނީއާއި ހަރަދުތަކުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާނެކަމަށެވެ. އެހެން ނަމަވެސް 2023 ވަނަ އަހަރުގެ ބަޖެޓުގައި ސްޓްރެޓަޖީގައި އެންކަރުތަކެއް ކަމަށް ބަޔާންކޮށްފައިވާ ސިޔާސަތުތައް ހިފެހެއްޓިފައިވާތަން ފެންނަން ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ ބަޖެޓާއިމެދު ކަންބޮޑުވުންތަކެއް ހުރިކަމަށް ފާހަގަކުރައްވާ ފޮނުއްވި ސިޓީގައި ރައީސް ނަޝީދުވަނީ ދިވެހިރާއްޖެއަށް ބޭރު ގައުމުތަކުންނާއި ޖަމީއްޔާތަކުން ލިބޭނެކަމަށް ލަފާކުރާ ހިލޭ އެހީއަށް އަލިއަޅުއްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، ބަޖެޓު ދިރާސާ ރިޕޯޓުގައި ހިލޭ އެހީގެ ގޮތުގައި ބަޔާންކޮށްފައިވާ އަދަދުތައް ވޭތުވެދިޔަ އަހަރުތަކުގައިވެސް ލިބިފައިނުވާކަން ދިވެހިރާއްޖޭގެ މަރުކަޒީ ބެންކް އެމްއެމްއޭއިންވެސް ފާހަގަކޮށްފައިކަމަށެވެ. އަދި ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ލިބޭނެކަމަށް ބަޔާންކޮށްފައިވާއިރު އެ އަދަދުގެ ތެރެއިން 1.5 ބިލިއަން ލިބިގެންދާނެ ގޮތުގެ ތަފްސީލެއް ބަޖެޓުގެ ތެރޭގައި ފެންނަން ނެތްކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދުވަނީ އެމަނިކުފާނު ކަންބޮޑުވެލައްވާކަން ހިއްސާކުރައްވާފައެވެ.
2023 ވަނަ އަހަރުގެ ބަޖެޓުގެ ތެރޭގައި ދިވެހިރާއްޖޭގެ ދަރަނިތައް އަދާ ކުރުމަށް ކަނޑައެޅިފައިވާ އަދަދުތަކާއިމެދު ކަންބޮޑުވުން ފާޅުކުރައްވައި ސިޓީގައި އެމަނިކުފާނު ވިދާޅުވީ، ބަޖެޓުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު ހަރަދެއް ކުރުމަށް ކަނޑައެޅިފައިވަނީ ދަރަނިތައް އަދާ ކުރުމަށްކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާއި ގުޅޭ މުޅި މަޖިލީހުގެ ކޮމިޓީ“ ރިޕޯޓުގައި ވާނީ ދޭދޭ ގައުމުތަކުން ނަގާފައިވާ ދަރަނި އަދި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ނަގާފައިވާ ދަރަނި ފިޔަވައި އިތުރު ދަރަނިތައް ރީ ސްޓްރަކްޗާ ކުރުމަށް އެމްއެމްއޭ އަދި ސަރުކާރަށް ދަންނަވާފައިކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދުވަނީ 2022 ވަނަ އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓަށްވެސް އަލިއަޅުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، 2022 ވަނަ އަހަރު މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް ސަރުކާރުންވަނީ ހަރަދުކޮށްފައިކަން ބަޖެޓު ރިޕޯޓުގެ 6.2 ނަމްބަރުން ސާފުވާކަމަށެވެ. އަދި އެއީ ދުނިޔޭގެ ތަކެތީގެ އަގުތައް ބޮޑުވުމުގެ ސަބަބުން ކޮށްފައިވާ ހަރަދުތައް އެކަނި ނޫންކަމަށްވެސް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ، ބަޖެޓުން އިތުރަށް ހަރަދުކޮށްފައިނުވާކަމަށް ފިނޭންސް އިން ބުނި ނަމަވެސް ބަޖެޓު ކޮމިޓީގެ ރިޕޯޓުގެ 22 ވަނަ ސޮފުހާގައި ހިމެނޭ ތާވަލުގެ ހިސާބުތަކުން ހަރަދުކޮށްފައިވާކަން ސާފުވާކަމަށެވެ. އެހެންކަމުން އެ ގޮތަށް ހަރަދުކޮށްފައިވާނަމަ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ހިލާފަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

