ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދީ ކުރިއެރުން: ރަންނަމާރި ފަދަ ފްލޯކު ވާހަކައެއް!

މިނިސްޓަރު އިބްރާހިމް އަމީރު، މިނިސްޓަރު ފައްޔާޒު އިސްމާއިލް، ރައީސް ސާލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މާލީ ހާލަތު ގޯހެވެ. މަރުކަޒީ ބޭންކު އެމްއެމްއޭއިން 2023 ވަނަ އަހަރުގެ ބަޖެޓާއި ގުޅޭގޮތުން ޝާއިއުކުރި ރިޕޯޓުންވެސް މިކަން ސާފެވެ. އެމްއެމްއޭއިން ނުބުނި ނަމަވެސް މިކަން ސާފުވާނެ އެހެން އެތައް ގޮތްތަކެއް ފެންނަން އެބަހުއްޓެވެ.

މިހާރު ވެރިކަން ކުރަމުންދާ ފަރާތްތަކުން އެންމެ ފޮނިކޮށް ދައްކަމުންދާ ވާހަކަތަކުގެ ތެރޭގައި، ދިވެހިރާއްޖެއަކީ ކޮވިޑް19 އަށް ފަހު އެންމެ ބާރަށް އިގްތިސާދީ ގޮތުން ކުރިއަރައިގެންދާ ގައުމުކަމަށް ބުނާ ވާހަކަ ހިމެނެއެވެ. ސިފަ ކުރާ ގޮތުން، ދިވެހިރާއްޖެއަކީ އިގްތިސާދީގޮތުން އެންމެ ވަރުގަދަ ގައުމުތަކުގެ ތެރެއިން ގައުމެއްކަމަށް އަޑު އަހާ ކޮންމެ މީހަކަށްވެސް ހީވެއެވެ.

އެހެން ނަމަވެސް މިއީ ހަގީގަތެއް ކަމަށް ގަބޫލު ކުރަން ދައްޗެވެ. މިއަދު ދިވެހި ގައުމުގެ އިގްތިސާދު އޮތީ ކުރިއަރައިގެން ގޮސްފައިކަމަށް ބުނާ ވާހަކަތަކާއި ދުނިޔޭގެ މާލީ ވުޒާރާތަކުން ޝާއިއުކޮށްފައިވާ ރިޕޯޓުތަކާއި ފުށު އަރައެވެ. މިކަން ދިވެހިރާއްޖޭގެ ޓެކްސް ބޮޑު ކުރުމާއި ގުޅޭގޮތުން އައިއެމްއެފް ފަދަ މުވައްސަސާތަކުން ދީފައިވާ ލަފާތަކުން ހާމަވެއެވެ. ލަފާ ދީފައިވަނީ ކޮވިޑްގެ ކުރީގެ އިގްތިސާދީ ހާލަތަށް ރުޖޫއަވުމަށްފަހު ޓެކްސް ބޮޑު ކުރުމަށެވެ. އެހެންކަމުން އެ ބުނާ ކުރިއެރުމަކީ ކޮވިޑްގެ ހާލަތުގައި ވެއްޓުނު ވެއްޓުމުން އަރައިގަނެވިފައިވާ މިންވަރުގެ ވާހަކަކަން ސާފެވެ.

ދިވެހިރާއްޖެއަށް އިގްތިސާދީ ކުރިއެރުންތަކެއް ލިބިފައިނުވާކަމުގެ އިތުރު ހެކިތައްވެސް އެބަ ހުއްޓެވެ. ކޮންމެ މީހަކުވެސް ހަމަ ބުއްދިން ވިސްނާލުމުން މިކަންކަން ފާހަގަކުރެވޭނެއެވެ. އިގްތިސާދީ ކުރިއެރުންތަކެއް ލިބި ތަނަވަސްކަން ހާސިލުކޮށްފައިވާ ކޮންމެ މީހަކުވެސް ދިރިއުޅެމުންދާނީ މާލީ މިނިވަންކަމާއި އެކުއެވެ. މާލީ ގޮތުން ބޭނުންތަކެއް ޖެހި އެއްވެސް މީހެއްގެ ފައިބުޑަށް ވެއްޓި ދަށުވެ އުޅެންޖެހުމަކީ މި ދެންނެވި ފަދަ ތަނަވަސްކަމެއް ލިބިފައިވާނަމަ ކުރިމަތިވާނެ ހާލަތެއް ނޫނެވެ.

ހަމަ އެގޮތަށް ގައުމެއްގެ މިނިވަންކަމާއި އެ ގައުމެއްގެ މާލީ ހާލަތާއިވަނީ ގުޅި ލާމެހިފައެވެ. އެގައުމެއްގެ ތަރައްގީއަށް ކުރާ ކޮންމެ ކަމެއްވެސް ކުރާނީ އަމިއްލަ މާލިއްޔާތުގެ ބާރުގައިކަމަށްވުމުން، އެހެން އެއްވެސް ގައުމެއްގެ ބާރު އެ ގައުމެއްގެ މައްޗަށް ހިނގައި ސިޔާދަތު ގެއްލި ދިއުމުގެ ވާހަކަތައް އެގައުމުގެ ރައްޔިތުންގެ ތެރޭގައި ނުދެކެވޭނެކަން ކަށަވަރެވެ. އަދި ކުރާ ކަމެއް ކުރަން ބޭނުންވާ ބާރުމިނެއްގައި ކުރިއަށްގެންގޮސް ނިންމާލުމަކީވެސް އެ ބަޔަކުގެ އަތް މަތީގައި އޮންނާނެ ކަމެކެވެ.

އެހެން ނަމަވެސް އިގްތިސާދީ ގޮތުން ކުރިއަރައިގެންގޮސްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭކަމަށް ބުނާ ދިވެހިރާއްޖޭގައި މިވަގުތު ހިންގަމުންދާ ހުރިހާ މަޝްރޫއެއްގެ ކޮންޓްރޯލް އޮތީ އެހެން ގައުމެއްގެ އަތުގައެވެ. އެންމެ ބޮޑެތި މަޝްރޫއުތަކުން ފެށިގެން ކުދި މަޝްރޫއުތަކަށް ދާންދެން ހިންގަމުންދަނީ އެހެން ގައުމެއްގެ ފައިސާއިންނެވެ. މި ގޮތަށް ކަންކަން ކުރުމުގެ ނަތީޖާއަކީ އެ ގައުމަކުން ޝަރުތުކުރާ އުސޫލެއްގެ މަތިން އެކަން ކުރަންޖެހުމެވެ. އެހެންނަމަވެސް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެކަންކަން ނުކުރެވި މަޝްރޫޢުތަކަށް ހަރަދުވާ މިންވަރުތައް އިތުރުވުމުން ގެއްލުންތަކެއް ވެގެންދާނީވެސް ރާއްޖެއަށެވެ.

ގިނަ ދިވެހިންނަކީ ބެންކުތަކުން ލޯނު ނަގާފައިވާ މީހުންކަމަށްވުމުން، ލޯނު ފައިސާއިން ކުރަމުންދާ މަސައްކަތުގެ ސްޕީޑު ކިތަންމެ ސްލޯއަސް ލޯނު އަނބުރާ ދައްކަންޖެހޭ ދުވަސް ޖެހުމުން އެ ފައިސާ ދައްކަންޖެހޭނެކަން ސާފުވާނެއެވެ. އަދި އިގްތިސާދީ ކުރިއެރުންތަކެއް ލިބިފައިވާނަމަ މާލީ ހާލަތު ރަނގަޅުވާނެކަމާއި، ލޯނުތަކެއް ނަގަން މަޖުބޫރު ނުވާނެކަންވެސް އެންމެންވެސް ދަންނާނެއެވެ.

ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތު ރަނގަޅުކަަމަށް ބުނަމުންދާ ވާހަކަތަކުގެ ފަހަތުގައި އޮޅުވާލުންތަކެއް ވާކަމަށް ބުނެވިދާނެ އިތުރު ސަބަބުތަކެއްވެސް އެބަހުރިއެވެ. ރާއްޖޭގެ ސޮވަރެއިން ޑިވެލޮޕްމެންޓު ފަންޑުން އަގުލަބިއްޔަތު އަދަދެއްގެ ފައިސާވަނީ ގައުމަށް މަލީ މަންފާއެއް ހާސިލު ކޮށްދިނުމުގެ ނަމުގައި އިންވެސްޓުކޮށްފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ގާއިމުކުރެއްވި ސޮވަރެއިން ޑިވެލޮޕްމެންޓު ފަންޑު ނުވަތަ އެސްޑީއެފް އަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ގެއްލުވާނުލައި ގައުމު ކުރިއެރުވުމަށާއި ދަރަނިތައް ދެއްކޭނެކަން ކަށަވަރު ކުރުމަށް ގާއިމުކޮށްފައިވާ ފަންޑެކެވެ.

މި ފަންޑުގައި ހުރި ފައިސާ ކޮންމެ ތިން އަހަރަކުން އިތުރުވެގެންދާނެކަމަށް ރައީސް ޔާމީންގެ ވެރިކަމުގައި މި ފަންޑު ގާއިމު ކުރެއްވުމުގައި މަސައްކަތް ކުރެއްވި އިގްތިސާދީ ވަޒީރު، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުވަނީ ފާހަގަކުރައްވާފައެވެ. އަދި ފަންޑުގައި ފައިސާ ހިފެހެއްޓުމުގެ މުހިންމުކަން އެނާވަނީ އެތައް ފަހަރެއްގެ މަތިން ތަކުރާރުކުރައްވާފައެވެ.

އެހެން ނަމަވެސް މިހާރު ވެރިކަންކުރަމުން އަންނަ ފަރާތްތަކުންވަނީ އެމަޖެންސީ ހާލަތެއް މެދުވެރިވެއްޖެ ނަމަ ދަރަނިތައް ދެއްކުމަށް ރައްކައުކުރެވިފައިވާ މި ފައިސާތައް އިންވެސްޓުކޮށްފައެވެ. އިގްތިސާދު ރަނގަޅު ނަމަ ދިވެހިރާއްޖޭގެ ދަރަނިތައް ދެއްކުމަށް އޮތް ކަށަވަރު މަގެއް ވަގުތީ ގޮތުން ބަންދު ކުރަންވީ އެއްވެސް ސަަބަބެއް ނެތެވެ. އަދި އިގްތިސާދީ ކުރިއެރުންތަކެއް ލިބިފައިވާ ގައުމަކުން ރައްކައުކޮށް ހިފަހައްޓަންޖެހޭ ފައިސާތަކެއް އިންވެސްޓުކޮށްގެން މާލީ މަންފާއެއް ހާސިލު ކުރުމަށް އުޅެން ޖެހޭނެ ސަބަބެއްވެސް ނޯންނާނެއެވެ.

ޓީބިލުތަކާއި ބޮންޑު ދޫކުރަމުންދާ އަދަދަކީވެސް ދިވެހިރާއްޖޭގެ ހާލަތު ދައްކުވައިދޭ އެއް ކަމެވެ. މޮޅު ނަމެއް އީޖާދުކޮށްގެން ކީ ނަމަވެސް އާދައިގެ ގޮތަކަށް ބަލާ ނަމަ މިއީވެސް ދަރަންޏެވެ. މިހާރު ދިވެހިރާއްޖޭގެ ޓީބިލު އަދި ބޮންޑުތަކުގެ އަދަދުތައްވަނީ ޖުމުލަކޮށް 60 ބިލިއަންއަށްވުރެވެސް ބޮޑުވެފައެވެ. މިއީ 2023 ވަނަ އަހަރުގެ ޖުމުލަ ބަޖެޓަށްވުރެވެސް ބޮޑު އަދަދެކެވެ. ކުރިއަށް އޮތް އަހަރުގެ ބަޖެޓުގެ ބޮޑު ބައެއް ހޭދަ ކުރުމަށް ކަނޑައެޅިފައިވަނީ ދަރަނިތައް އަނބުރާ ދެއްކުމައްކަމަށްވާއިރު މި އުސޫލުގެ މަތިން ނަގަމުންދާ ދަރަނީގެ އަދަދުތަކުންވެސް ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ކުރިއަރައިގެން ނުދާކަމާއި މާލީ ހާލަތު ގޯސްވެފައިވާކަން ސާފުވެއެވެ.

މި ޖުމުލަ އަދަދަކީ މި ދައުރުގައި ނަގާފައިވާ ޓީބިލުތަކާއި ބޮންޑުގެ އަދަދު ނޫންކަން އަޅުގަނޑަށް ސާފެވެ. އެހެންނަމަވެސް ދައުލަތުގެ ވެރިއެެއްގެ މަގާމަށް އަންނަ ފަރާތެއްގެ މައްޗަށް ދައުލަތުގެ ދަރަނިތައް ބެލެހެއްޓުމަކީ އެޅިގެންދާ ޒިންމާއެކެވެ.

މަރުކަޒީ ބެންކް އެމްއެމްއޭއިން 2023ގެ ބަޖެޓާއި ގުޅޭގޮތުން ދާދި ފަހުން ނެރިފައިވާ ރިޕޯޓުން ދިވެހިރާއްޖެގެ ފިސްކަލް ހާލަތު ހުރީ އިންތިހާއަށް ހީނަރުވެފައިވާކަން ޔަގީންވެއެވެ. އެމްއެމްއޭގެ ރިޕޯޓުން ހާމެވެގެންދިޔައީ ދިވެހިރާއްޖޭގެ މާލިއްޔާތުގައި ދަރަނިތައް ދެއްކުމުގެ ބާރު ނެތްކަމެވެ.

އެ މުވައްސަސާއިން ބުނެފައިވާގޮތުން އެސްޑީއެފް އިން އިންވެސްޓުކޮށްފައިވާ ފައިސާތައް 2026 ވަނަ އަހަރުގެ ކުރިން ނުލިބިއްޖެ ހާލަތެއްގައި ދިވެހިރާއްޖޭގެ ދަރަނިތައް ދެއްކުމުގައި ބޮޑެތި ކޮންޖެހުންތަކެއް ކުރިމަތިވެގެންދާނެއެވެ. އަދި އެ ފައިސާތަކުން ކޮށްފައިވާ އިންވެސްޓުމެންޓު ފައިދާ އާއި އެކު އަނބުރާ ހޯދުމުގެ ޕްލޭނެއް ރޭވުމަށް އެމްއެމްއޭއިން ލަފާ ދިނުމާއި އެކު، އިންވެސްޓު ކުރި އިރު އަނބުރާ ހޯދާނެ ޕްލޭނެއް އެކުލަވާލާފައިނުވާކަންވެސް ހާމެވެއެވެ.

ޖީއެސްޓީ އިތުރު ކުރުމަށް ނިންމި ނިންމުމުންވެސް އިގްތިސާދީ ކުރިއެރުންތަކެއް ލިބިފައިނުވާކަން ހާމެވެގެންދެއެވެ. މިހާރު ވެރިކަން ކުރަމުންދާ ފަރާތްތަކުން ބުނަމުންދާ ގޮތުން ޓެކްސް ފައިސާގެ އަދަދުތައް އިތުރުކޮށްފައިވަނީ މުހިންމު އިންފްރާސްޓްރަކްޗާ ބިނާ ކުރުމަށާއި ދައުލަތައް ބޭނުންވާ އާމްދަނީ އިތުރު ކުރުމަށާއި ސިވިލް ސާވިސް މުވައްޒިފުންނަށް މުސާރަދިނުން ފަދަ ކަންކަން ކުރުމަށެވެ.

އެހެން ނަމަވެސް އިގްތިސާދީ ކުރިއެރުމާއި މާލީ ތަނަވަސްކަމާއި ގުޅިފައިވުމުން އެ ބުނާ ފަދަ ކުރިއެރުންތަކެއް ލިބިފައިވާ ވާހަކައާއި ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމައްޓަކައި ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާ އިތުރުކޮށްގެން އާމްދަނީ ހޯދަންޖެހުމުގެ ވާހަކައާއި ފުށޫ އަރައެވެ.

ސަރުކާރުގެ މި ފިޔަވަޅަކީ ރާއްޖޭގެ މަރުކަޒީ ބެންކުގެ ލަފާ އަދި ދުނިޔޭގެ މާލީ މުވައްސަސާގެ ލަފާތަކާއި އެއްގޮތް ވާގޮތުގެ މަތިން އެޅިފައިވާ ފިޔަވަޅަކަށް ނުވުމުންނާއި މި ފިޔަވަޅު އެޅިފައިވަނީ ދިވެހި ރައްޔިތުންގެ އިހުސާސްތަކާއި ދެކޮޅަށްކަމަށްވުމުން މާލީ ހާލަތު ގޯސްވެ މަޖުބޫރީތަކެއް ހުރިކަމަށް ބުނުމުގެ ފުރުސަތު އޮތީ ފުޅާވެފައެވެ. އަދި އެ ބުނާ އިގްތިސާދީ ކުރިއެރުމެއް ލިބިފައިނުވާކަމަށްވެސް ބުނެވިދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: