ވ. ހުޅިދޫ އާއި އަންބަރާގައި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އާއި ހިލާފަށް ބައެއް މަސައްކަތްތައް ކުރިޔަށް ގެންގޮސްފައިވާތީ އެކަމަށް ޖަވާބުދާރީވުމަށް އަންގާފައިވާކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
އީޕީއޭގެ ޑިރެކްޓާރ ޖެނެރަލް އިބްރާހިމް ނައީމް ސޮއި ކުރައްވައި ވ. އަތޮޅު ކައުންސިލަށް އިއްޔެ ފޮނުވި ސިޓީގައި ވަނީ މިދިޔަ މަހު އެ އޭޖެންސީ ހުޅިދޫ އަދި އަންބާރާގައި ކުރިޔަށް ގެންދިޔަ ސާވޭގައި ދެ ރަށުގައި ވެސް އެންވައިރޮމެންޓަލް އިންޕެކްސްޓް އެސެސްމަންޓާއި ހިލާފަށް މަސައްކަތް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.
ދަނޑުވެރިކަމުގެ މަސައްކަތަށް 2017 ގައި އާރަށް އިންވެސްޓްމަންޓްސްއަށް ހުޅިދޫ ދޫކޮށްފައި ވަނީ މަހު ކުލީގެ ގޮތުގައި 6،000 ރުފިޔާ ދައްކަން ޖެހޭ ގޮތަށެވެ. އެގްރިމަންޓާއި އެއްގޮތަށް ދަނޑުވެރިކަމުގެ އެއްވެސް މަސައްކަތެއް ރަށުގައި ކުރިޔަށް ނުގެންދާތީވެ، ރަށް އަނބުރާ ހޯދުމަށް އަތޮޅު ކައުންސިލުން މަސައްކަތް ފަށައި އިހުތިޖާޖުތައް ކުރިޔަށް ގެންދިޔަ އެވެ. ގަވައިދާއި ހިލާފު އިތުރު މަސައްކަތްތަކެއް ރަށުގައި ކުރިޔަށް ގެންދާތީ، އެއީ ގާނޫނީ ގޮތުން ބާތިލު އެއްބަސްވުމެއްކަމަށް ބުނެ އެގްރިމެންޓު ބާތިލުކޮށް އެ އަތޮޅު ރައްޔިތުންނާ ރަށް ހަވާލު ކުރުމަށް ގޮވާލައި މުޒާހަރާ ކުރިޔަށް ގެންދިޔައީ ހުޅިދޫގަ އެވެ. އަދި އެ އިހުތިޖާޖު ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވި އެވެ. ފަހުން ކައުންސިލާއި އާއްމު ރައްޔިތުން އިހުތިޖާޖުތައް ނިންމާލީ، ކަންބޮޑުވުންތައް ހައްލު ކުރާނެކަމުގެ ޔަގީންކަން ސަރުޚާރުން ދިނުމުންނެވެ.
ޝަކުވާ ބޮޑުވެ، އެންމެ ފަހުން އީޕީއޭގެ ޓީމެއް ގޮސް ސާވޭއެއް ތައްޔާރު ކުރި އެވެ. އެއް ކުރި މައުލޫމާތުތަކުގެ ތަފްސީލުތައް ހިއްސާކޮށް އީޕީއޭއިން ބުނީ އާއްމު އުސޫލުގެ ތެރެއިން ސާވޭއަށް ފަހު ރަށްތައް ކުށްޔަށް ނަގާފައިވާ ފަރާތްތަކަށް ޖަބާބުދާރީވުމުގެ ފުރުސަތު ދީފައިވާނެކަމަށެވެ.
ކައުންސިލާއި ސާވޭގެ ތަފްސީލު އީޕީއޭއިިން ހިއްސާކުރީ، އެކަމުގެ މައުލޫމާތު ދޭން އެދިފައިވާތީ އެވެ. ނަމަވެސް އީޕީއޭއިން ކައުންސިލާއި މުޅި ރިޕޯޓު ހިއްސާ ކުރާނީ ޖަވާބުދާރީވުމުގެ މަރުހަލާއަށް ފަހު އެވެ.
ހުޅިދޫ އާއި، އަންބާރާ ވ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކޮށް، މެމްބަރުން ބޭނުން ވަނީ އެއީ އެ ސަރަހައްދުގެ ރައްޔިތުން ޕިކްނިކު ދާ ރަށްތަކެއްގެ ގޮތުގައި ހަމަޖެއްސުމަށެވެ.
ވ އަތޮޅުގެ ގިނަ ރަށްތައް ދޫކޮށްފައި ވަނީ ފަތުރުވެރިކަމުގެ ބޭނުމަށާއި، އިގްތިސާދީ މަސައްކަތްތަކަށެވެ. އޭގެ ތެރޭގައި ހިމެނޭ ހުޅިދޫގެ އެއްބަސްވުން ބާތިލު ކުރަންޖެހޭކަމަށް އެ އަތޮޅު ކައުންސިލުން ދަނީ ގޮވާލަމުންނެވެ. ކައުންސިލުން އެދިފައި ވަނީ ހުޅިދޫ އެއްބަސްވުން ބަތިލު ކުރުމަށް ފަހު ރަށް ރައްޔިތުންނަށް ބޭނުން ކުރުމަށް ދިނުމެވެ.
އުސޫލުތަކާއި ހިލާފަށް ރަށުގައި ކުރި މަސައްކަތެއްކަމަށް ތުހުމަތު ކުރާ ކަންކަމުގެ ތެރޭގައި، އެންވައިރޮމެންޓަލް އިމްޕެކްޓް އެސަސްމަންޓާއި ހިލާފަށް ފާލަމެއް އެޅުމާއި، ގަވައިދާއި ހިލާފަށް ރުށްތަކެއް ނެގުމާއި އީއައިއޭ އާއި ހިލާފަށް ދެ ނެރު ކެނޑުން އަދި ރަށުގެ ކުޅިއަށް ވެލި އެޅުން ހިމެނެ އެވެ. މީގެއިތުރުން ހުޅިދޫ ފަރަށް ބާޖެއް އަރުވާފާކަމަށް ވެސް ދަނީ ތުހުމަތުތަކެއް ކުރެވެމުންނެވެ. އެކަމަކު ފިޝަރީޒް، އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވި ގޮތުގައި މި ޝަކުވާތައް ރަސްމީގޮތެއްގައި ލިބިފައި ނުވެ އެވެ.

