އިންޑިއާއިން ދީފައިވާ އެހީކަމަށް ސަރުކާރުން ބުނަމުންދާ 100 މިލިއަން ޑޮލަރުގެ ލޯނާއި ބެހޭ މައުލޫމާތުތައް ދިނުމަށް މުވައްސަސާތަކުން ދެކޮޅު ހަދައިފިއެވެ.
2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އިންޑިއާގެ ސަރުކާރާއިދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ ސަރުކާރަށް ދީފައިވާ ލޯނުގެ އެއްބަސްވުމުގެ މަޝްވަރާތައް ކުރެއްވީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެ ގައުމަށް ވޭތުވެދިޔަ އޮގަސްޓު މަހުގައި ކުރެއްވި ދަތުރުގައި ކަމަށް އެ ގައުމުންވަނީ ފާހަގަކޮއްފައެވެ.
އިންޑިއާއިން ބުނެފައިވާގޮތުން ސްޓޭޓް ބެންކް އޮފް އިންޑިއާއަށް ދިވެހި ސަރުކާރުން ޓީބިލު ވިއްކައިގެން ނަގާފައިވާ މި ލޯނަކީ އެ ގައުމުން އެއްވެސް ޝަރުތެއް ނުކޮށް ދީފައިވާ ލޯނެކެވެ. އެގޮތުން މިއީ ބަޖެޓަރީ ސަޕޯޓު ގޮތުގައި ސަރުކާރަށް ފެންނަ ގޮތަކަށް ހަރަދުތައް ކުރުމަށް ދީފައިވާ ލޯނެއްކަމަށް އިންޑިއާއިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ޓީބިލުތަކުގެ އަދަދު މިހާރުވަނީ 60 ބިލިއަނަށްވުރެ އިތުރުވެފައެވެ. އަދި މަރުކަޒީ ބެންކު އެމްއެމްއޭއިން ވެސް ފާހަގަކޮށްފައިވާގޮތުން ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރީ އެންމެ އެކަށީގެންވާ ގޮތެއްގެ މަތީއެއް ނޫނެވެ. އަދި ދަރަނީގެ އަދަދުތައްވެސް އިންތިހާއަށް މަތީގައި ހުރިކަމަށްވެސް އެމްއެމްއޭއިންވަނީ ބަޖެޓާއި ގުޅިގެން އެ މުވައްސަސާއިން ނެރުނު ލަފާ ރިޕޯޓުގައި ފާހަގަކޮށްފައެވެ.
ފިނޭންސް މިނިސްޓްރީއިން އެންމެ ފަހުން ވިއްކުމަށް އިއުލާނު ކުރި ޓީބިލުތަކުގެ އިންޓްރެސްޓު ރޭޓު ހުރީ 3.50 އަދި 4.60 ރޭޓުގައެވެ. ޓީބިލް މި ރޭޓުގައި ދޫކޮށްފައިވާނަމަ އަދި އިންޓްރެސްޓު ހިސާބު ކުރެވޭ އުސޫލެއްގެ ދަށުން 100 މިލިއަން ޑޮލަރުގެ ލޯނެއްގެ ބަދަލުގައި އިތުރަށް 3.5 ލައްކަ އަދި 4.60 ލައްކަ ޑޮލަރުވެސް އިތުރަށް ދައްކަން ޖެހިދާނެއެވެ.
100 މިލިއަން ޑޮލަރުގެ ލޯނާއި މެދު ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ”ސަންގު“ އިން ވަނީ ސަރުކާރުގެ ކަމާއިބެހޭ މުވައްސަސާތަކަށް ތަކުރާރުކޮށް ގުޅައި މެސެޖުކޮށްފައެވެ. އެގޮތުން ރައީސް އޮފީސް، ފޮރިން މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީގެ ފަރާތުން ޖަވާބެއް ހޯދުމަށް މަސައްކަތް ކުރެވިފައިވެއެވެ.
ނަގާފައިވާ ލޯނުގެ އިންޓްރެސްޓު ރޭޓު އަދި ލޯނު އަނބުރާ ދައްކަން ޖެހޭ ތާރީހާއި މި ލޯނު ފައިސާ ބޭނުންކުރެވިގެންދާނެ ގޮތާއިމެދު ރައީސް އޮފީހުގެ ތަރުޖަމާނާއި ސުވާލު ކުރުމުން އެނާ ވިދާޅުވީ، މިކަމާއިމެދު ޖަވާބެއް ހޯދުމަށް ފޮރިން މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީއަށް ގުޅުމަށް އެދޭ ކަމަށެވެ.
ރައީސް އޮފީހުގެ އިރުޝާދުތަކާއި އެއްގޮތަށް ”ސަންގު“ އިންވަނީ ފޮރިން މިނިސްޓްރީގެ ބަހެއް ހޯދުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން ލޯނުގެ އިންޓްރެސްޓު ރޭޓު، އަނބުރާ ދައްކަންޖެހޭ ތާރީހާއި ލޯނު ފައިސާގެ ބޭނުން ކުރެވިގެންދާނެ ގޮތުގެ އިތުރުން މި ފައިސާއަކީ ކޮން އަހަރެއްގެ ބަޖެޓު ސަޕޯޓަށް ދިން ލޯނެއްތޯ ސުވާލު ކުރުމުން ފޮރިން މިނިސްޓްރީއިންވަނީ ސުވާލުތަކަށް ޖަވާބު ނުދީ، ފިނޭންސް މިނިސްޓްރީ އާއި ސުވާލު ކުރުމަށް އެދިފައެވެ.
100 މިލިއަން ޑޮލަރުގެ ލޯނާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާއި ވެސް ކުރެވިގެންދިޔައީ ފޮރިން މިނިސްޓްރީ އަށްވެސް ކުރިމަތި ކުރި ސުވާލުތަކެވެ. ޖަވާބެއް ހޯދުމަށް ”ސަންގު“ އިންވަނީ މިނިސްޓަރު އިބްރާހިމް އަމީރުވެސް ހިމެނޭހެން އިސް ވެރިންނަށްވެސް ގުޅުމަށް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް މިނިސްޓަރު އަމީރު ފޯނަށާއިި މެސެޖަށްވެސް ޖަވާބެއް ނުދެއްވައެވެ.
ތަކުރާރުކޮށް ކުރި މަސައްކަތްތަކަކަށްފަހު، ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ލަމާން ވަހީދުވަނީ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. އެނާ ވިދާޅުވީ، ލޯނުދިން ފަރާތާއި އެކު ގާއިމު ކުރެވުނު އެއްބަސްވުމުގެ ސިއްރު މާއްދާތަކަށް އިހުތިރާމް ކުރުމުގެ ގޮތުން ލޯނުގެ އިންޓްރެސްޓު ރޭޓާއި އަނބުރާ ދައްކަން ޖެހޭ ތާރީހު ފަދަ މައުލޫމާތުތައް އެ މުވައްސަސާއިން ހާމަ ނުކުރާނެކަމަށެވެ.
100 މިލިއަން ޑޮލަރުގެ ލޯނަށް ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވަމުންދާއިރު، މީގެ ކުރިން ރައީސް ސާލިހުވަނީ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އިތުރު ލޯނުތަކެއް ނުނަންގަވާނެކަމަށް ވިދާޅުވެފައެވެ. އަދި ހުރި ފައިސާއަކުން ގައުމުގެ ކަންކަން ހަމަޖައްސަވައި ކުރިއަށް ގެންދަވާނެކަމަށްވެސް އެމަނިކުފާނުވަނީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.
ސަރުކާރުން ސިފަކުރާގޮތުން ދިވެހިރާއްޖޭގެ އިގްތިސާދު ވަނީ ސިންދަޕާތު ކުރެވިފައެވެ. އަދި ދިވެހިރާއްޖޭގެ މާލީ ކަންކަން ބަލަހައްޓަމުންދަނީ ދުނިޔޭގެ މާލީ މުވައްސަސާތަކުން ދެމުންދާ ލަފަޔާވެސް އެއްގޮތް ވާގޮތެއްގެ މަތިންކަމަށް އިޝާރާތްކުރެއެވެ. ނަމަވެސް ހަރަދުތައް ކުޑަ ކުރެވިފައިވާ ވާހަކަތަކާއި، އިގްތިސާދީ ކުރިއެރުންތަކެއް ލިބިފައިވާ ވާހަކަތަކާއި ހަރަދުތައް ހަމަޖެއްސުމައްޓަކައި ބޭރު ގައުމަކުން ލޯނު ނަގަންޖެހުމާއި ފުށު އަރައެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާގޮތުން، މިހާރު މި ނެގި 100 މިލިއަން ޑޮލަރުގެ ލޯނަކީ ނެތެމުންދާ ބޭރު ފައިސާގެ ރިޒާވް އަށް ލިބިގެންދިޔަ ވަގުތީ ހައްލެކެވެ. އެހެން ނަމަވެސް މިއީ މުހިންމު އެހީއެއް ކަމަށް ފާހަގަކުރައްވާ އެމަނިކުފާނުވަނީ ޗައިނާއަށް ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ.
އެމަނިކުފާނުވަނީ ޗައިނާ އަދި އިންޑިއާ އެއް ފިއްސަކުން ކުލަ ނުކުރުމަށް އިލްތިމާޒްކުރައްވާފައެވެ. އަދި އިންޑިއާއިން މަސަައްކަތްކުރަމުންދަނީ ރާއްޖެ މިނިވަން ގައުމެއްގެ ކުރިއެރުވުމަށް ކަމަށާއި ޗައިނާ އިން މަސައްކަތްކުރަނީ ލޯނުތައް މެދުވެރިކޮށް ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖައްސައި ކޮންޓްރޯލް ކުރުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

