ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމީލު އެމްޑީޕީއަށް: ތިއީ ތަންދޮރު ދަންނަ ބައެއް ނޫން، އުޅެނީ ވެރިކަމާއި ހެދި!

ޔާމީންގެ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހުންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަކީ އިންސާފަށް ލޯބިކޮށް، އިސްލާހުގެ މަގަށް އެއްވެސް މިންވަރަކަށް މަސައްކަތް ކުރާ ބައެއް ނޫންކަން ޕާޓީގެ ތާރީހާއި މި ސަރުކާރުގެ ވޭތުވެ ދިޔަ ހަތަރު އަހަރުން ސާފުވާނެކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް ވެސް މަސައްކަތްތަކެއް ކުރައްވާފައިވާ ޖަމީލަކީ، މިހާރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ގާނޫނީ ވަކީލެވެ.
ސަރުކާރާއި އެކު މައްސަލަތަކެއް ޖެހުމުން، ޖުމްހޫރީ ޕާޓީ ދޫކުރައްވައި ޕީޕީއެމާއި ގުޅިވަޑައިގެން ރައީސް ސޯލިހަށް ބޮޑެތި ފާޑުކިއުން އޭނާ އަމާޒު ކުރި އެވެ. އަދި ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް އެކަށީގެންވާ މަަސައްކަތް ނުކުރާކަމަށާއި، އެމްޑީޕީއަކީ އަމިއްލަ އެދުމުން ފުރިގެންވާ ބައެއްކަމަށް ވިދާޅުވި އެވެ.

ދައުރު ނިމެން އަހަރަށްވެފައިވާއިރު، އެމްއެމްޕީއާރުސީ ހިޔަނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ވަކީލުން ވަނީ ކުރައްވާފަ އެވެ. އަދި އެމަނިކުފާނަށް 2023 ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ މަގު ހޯދަން އެމްޑީޕީން މަސައްކަތް ކުރަމުން ދާކަމަށް ވިދާޅުވި އެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ނިމި ހުލާސާ ބަޔާން އިއްވާފައިވާތީ ވަކީލުން ބޭއްވި ޕްރެސްގައި ޖަމީލު ވަނީ އެމްޑީޕީއަށް ވަރަށް ބޮޑެތި ފާޑުކިއުން އަމާޒުކޮށްފަ އެވެ. އޭނާ ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީއަކީ އެއްވެސް އުސޫލެއްގެ މައްޗަށް ހިނގާ ޕާޓީއެއް ނޫން ކަމަށެވެ. ލީޑާޝިޕްގެ ބޭފުޅުންނަށް ހީވެފައި އޮންނަ އެންމެ ބޮޑު ކުށް ހީއަކީ، މުޖްތަމައުގެ ތެރެއަށް ލޯ ހުޅުވި ތަންދޮރު ފިލާފައިވުންކަން ފާހަގަކޮށް ޖަމީލް ވިދާޅުވީ އެމްޑީޕީއަކީ ރައްޔިތުންނަށް އެންމެ ބޮޑަށް އޮޅުވާލި ޕާޓީ ކަމަށެވެ. އެގޮތުން ޖުޑިޝަރީ ދާއިރާ މިނިވަން ކުރާނެ ގޮތާއި، ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލު ކުރުމުގެ ވާހަކަތައް ދެއްކި ނަމަވެސް އެއަށް އަމަލު ކުރާނެ ގޮތެއް އެ ޕާޓީއަށް ނޭނގޭކަމަށް ޖަމީލް ވިދާޅުވި އެވެ.

ޝަރުއީ ނިޒާމު ހިނގާ ގޮތަކީ ކޮބައިކަން ރައްޔިތުންނަށް ބުނެދޭން މަސައްކަތް ކުރާއިރު، ޕާޓީގައި ދިރާސާކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަން ހިނގާ ގޮތް ބަލާ ބައެއް ނެތްކަމަށް ޖަމީލު ވިދާޅުވި އެވެ. އަދި އެމްޑީޕީގައި ގަޟާއީ ނިޒާމާއި ޖުޑީޝަރީ ހިނގާ ގޮތް ދެނެގަތުމަށް މަސައްކަތް ކުރާ ބައެއް ނެތްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. ޕާޓީގެ އަސާސީ ގަވައިދުގެ ދަށުން އެންމެ ފުރަތަމަ އިސްކަން ދެނީ އިސްލާހުގެ މަގަށް މަސައްކަތް ކުރުންކަމަށް މެމްބަރުން އަބަދުވެސް ބުނާއިރު ޖަމީލު ވަނީ އެއީ ބޮޑު އޮޅުވާލުމެއްކަމަށް ތުހުމަތު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ބަހާއި އަމަލާއި، އަދި އަސާސީ ގަވައިދުގައި ލިޔެފައިވާ އެއްޗަކާއި ދުވަހަކު ވެސް ދިމާ ނުވާ ކަމަށެވެ.

އެމްޑީޕީއަކީ އިންސާފަށް ލޯބިކޮށް، އިސްލާހުގެ މަގަށް އެއްވެސް މިންވަރަކަށް މަސައްކަތް ކުރާ ބައެއް ނޫންކަން ޕާޓީގެ ތާރީހުން ސާފުވާނެކަމަށް ޖަމީލު ވިދާޅުވި އެވެ. އެގޮތުން 2008 ގައި ރާއްޖޭގެ ވެރިކަމަށް އައުމަށް ފަހު ކަންތައް ހިނގައިދިޔަ ގޮތާއި އޭގެ ފަހުން ހަތް އަހަރު ވަން ދެން އެމްޑީޕީ ދެއްކި މަންޒަރުތަކުން ޕާޓީއަކީ ރައްޔިތުންނަށް ހެޔޮ އެދޭނެ ބައެއް ނޫންކަން ސާފުވާކަމަށް ޖަމީލު ވިދާޅުވި އެވެ. ޖަމީލު ވިދާޅުވީ 2018 ގައި ވެސް އެމްޑީޕީން ވެރިކަމަށް އައީ ރައްޔިތުންނަށް ހަމަ އެފަދަ ހުވަފެންތަކެއް ދައްކައިގެން ކަމަށެވެ. ނަމަވެސް
އަނެއްކާވެސް ގައުމު ފުނޑާލީކަމަށް ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައުމަށް ކުރާ މަސައްކަތަކީ އޭގެ ކުރިން ވެރިކަން ކުރި ބޭފުޅަކީ އެއީ ދެވަނަ ދައުރެއް ދިނުމަށް ހެޔޮ ނުވާނެ ވެރިއެއްކަމަށް ރައްޔިތުންނަށް ވިސްނައިދީ ހުތުރު ބަސްތައް ބޭނުން ކުރުމާއި ތަފާތު އެކި ނަންތައް ދީގެން ޒުވާނުން މަޅީގައި ޖެއްސުން ކަމަށެވެ. އެމްޑީޕީއާއި ހެދި ގައުމުގެ އިޖުތިމާއީ ފޭރާން އެއްކޮށް ވީދި ހަލާކުވެފައިވާކަން ފާހަގަކޮށް، ޖަމީލު ވިދާޅުވީ އެ ހުރިހާ އަމަލުތަކަށް ފަހު ދެން އައިސް ރައްޔިތުން ކައިރީ އިސްލާހުގެ މަގެއްގެ ވާހަކަ ދައްކާ ކަމަށެވެ.

”ފުނޑުފުނޑުކޮށްލާފައި އެބޭފުޅުން މި ވިދާޅުވީ ތިމަންނާމެންގެ އަތުގަ އެބަ އޮތޭ ސީކްރެޓް ރެސިޕީއެއް.. އިސްލާހުގެ ޕްރިސްކްރިޕްޝަން އޮތީ ތިމަންނާމެންގެ އަތުގައި އޭ… އެހެންވީމަ ތިމަންނަމެން އައިސް އެކަން ކޮށްދޭނަމޭ..“ ޖަމީލް

އެމްޑީޕީ ވެރިކަމަށް އައުމުގެ ކުރިން ރާއްޖޭގައި އޮންނަނީ އަމާން މުޖްތަމައުއެއް ނަމަވެސް، އޭގެ ފަހުން އެކަން ބަދަލުވާކަމަށް ޖަމީލު ވިދާޅުވި އެވެ. ޕާޓީގެ ވެރިކަމުގައި ރާއްޖޭގެ ޝަރުއީ ނިޒާމު އެއްކޮށް ހަލާކުވެ ދިއުމާއި، ގައުމުގެ މިނިވަންކަމާއި މެދު ސުވާލު އުފެދުން އަދި އިސްލާމް ދީނަށް ކުރާ ފުރައްސާރަ އިތުރުވާކަމަށް އޭނާ ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ ގައުމު ހަމަ މަގަކަށް އެޅުވުމުގައި އެމްޑީޕީގެ ތެދު ނިޔަތެއް ނެތްކަމަށާއި، އެމްޑީޕީގެ އިސް ބޭފުޅުން ބޭނުން ވަނީ ގައުމުގެ ވެރިކަމާއި ހަވާލުވުން ކަމަށެވެ.

އެމްޑީޕީއަށް ޖަމީލު ފާޑުވިދާޅުވި އިރު، ޕާޓީގެ އެތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތައް ވަނީ އުފެދިފަ އެވެ. ޕާޓީގެ އެތެރޭގައި ދެ ފެކްޝަނެއް އުފެދި އޮތީ، ސަރުކާރަށް ތާއީދު ކުރާ ފެކްޝަނަކާއި ސަރުކާރާއި ދެކޮޅު ފެކްޝަނެކެވެ. ސަރުކާރާއި ދެކޮޅުވެފައިވާ ރައީސް މުހައްމަދު ނަޝީދު ގަބޫލު ކުރައްވާ ގޮތުން އެމްޑީޕީ އުފެދުނު އަސްލު މިހާރު ވަނީ އެއްކޮށް އޮޅިފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ޖަމީލަށް ސުވާލެއް. އެމްޑީޕީ ވެރިކަމާ ހެދި އުޅުއްވާކަމަށް ބޭފުޅާ ވިދާޅުވާއިރު، ކިތަށް ފަހަރު ކޮޅު ބަދަލުކުރައްވައިފިންތޯ؟ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި މަސައްކަތްކުރައްވައި އޭރުގެ އިދިކޮޅާ ގުޅިވަޑައިގެން، ރައީސް ޔާމީންގެ ނައިބު ރައީސްކަން ކުރައްވައި އެމްޑީޕީ ފަޅި އަށް ކޮޅު ބަދަލުކުރައްވައި، އެމްޑީޕީގެ ވެރިކަމެއް ގެނައުމަށް ފަހު އަނެއްކާ ކޮޅު ބަދަލުކުރެއްވީ ކީއްވެތޯ؟ ބޭފުޅާ ވެސް ވެރިކަމާ ހެދި ނޫންތޯ ތި އުޅުއްވަނީ؟

  2. ޖަމީލު އެވިދާޅުވަނީ ހަމަ ހަޤީޤީ ވާހަކައެށް އެމްޑީޕީއައް ޢޭގެން ރެކެވޭނެއެއްވެސް ގޮތެށްނޯންނާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: